ޒީލަން (8)

(20 އެޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ރޭގަނޑުގެ ކެއުން ތައްޔާރުކުރުމުގައި ފަހީމާއަށް ޒީލަން އެހީތެރިވެދިނެވެ. އެދެމީހުންގެ މެދުގައި އުފެދިފައިވަނީ އެއްއާއިލާއެއްގެ ބައެއްގައި ވާކަހަލަ ގާތް ގުޅުމެކެވެ.

”ޒީލަން ފަޒީނާއި މެދު ދެކެނީ ކޮންގޮތަކަށް؟ މިހެން މިބުނީ އޭނާ ޒީލަންއަށް ވަރަށް ހެޔޮވެފައި ރަނގަޅުކަމުން . އަނެއްކާ ޒީލަންދެކެ ލޯބިވަނީކީ ނޫންބާ؟” ފަހީމާ  މިސުވާލު ކުރަން ބޭނުންވެފައިވާތާ ކިތަންމެ ދުވަހެކެވެ.

”ފަހީމައްތާ! އެންމެންވެސް އެހެން އެއަހަނީ ކީއްވެ؟ އެއީވަރަށް ރަނގަޅު ބޭކަލެއް. އޭނާ އެތައް ބަޔަކަށް އެހީތެރިވެދެއްވާ. އެހެންނޫނަސް އަހަރެންމީ ފަޒީނު ލޯބިވާން ކާކު. އަހަރެންނަށްވުރެ މާރީތި މާމޮޅު މުއްސަނދި ކުދިން ފަޒީނަށް ލިބިލައްވާނެ.”

”ދަރިފުޅާ ޒީލަން. މީހުން ލޯބިވަނީކީ ތިހުރިހާކަމެއް ފުރިހަމަ ވުމުންނެއް ނޫން. އެއީ ދެމީހުންމެދުގައި އުފެދޭ ޖާދޫވީ ބާރެއް.” އޭނާ ވިސްނައިދެވޭތޯ އުޅުނެވެ.

”ދައްތާ އެކަމަކު އެއީ އަހަރެންނަށްވުރެ މާ ދޮށީމީހެއް. އޭނާ އަހަރެން ދެކެ ލޯތްބެއް ނުވާނެ.” ޒީލަންއަށް ގަބޫލެއް ނުކުރެވެއެވެ.

”ޒީލަން. ލޯތްބަކީ ވަކި އުމުރަކަށް އޮންނަ އެއްޗެއްނޫން. ދުނިޔޭގެ އެތައް ބަޔަކު އުމުރު ތަފާތު  މީހުންނާ އިނދެގެން އުޅޭ. އެމީހުންގެ ދިރިއުޅުން އެހެންމީހުންނަށްވުރެ ފުރިހަމަ އަދި އުފާވެރި. ދައްތަގެ ފިރިމީހާއަކީވެސް ދައްތައަށްވުރެ ފަނަރަ އަހަރު ދޮށި މީހެއް. އަހަރެމެން އިންތިހާ އަށް ލޯބިވީން. އޭނާ އަކީ އިންޖީނުގެއެއްގައި މަސައްކަތްކުރި މީހެއް. ހިނގިހާދިސާއެއްގައި ކަރަންޓުގައި ޖެހި މަރުވިތާ މިހާރު  ދިހައަހަރުވީ. އަދިވެސް އަހަރެން މީހަކާ ނީންނަން. އަހަރެން އޭނާ މަތިން ވަރަށް ހަނދާންވޭ. އަހަރެން މަރުވާނީވެސް އޭނާ އަށްޓަކާ. އޭނާގެ ދަރިންނަށްޓަކާ. ދިރިހުންނާނީވެސް އޭނާއަށްޓަކާ. އަދި އޭނާގެ ވަސިއްޔަތް ފުރިހަމަކުރުމަށްޓަކައި. އޭނާގެ ދަރިންނަށްޓަކައި.”

އޭނާގެ ލޯފެންކަޅިވެއްޖެއެވެ. އެ މުސްކުޅި މޫނުމަތިން ހިތާމަވެރި އަސަރު ފާޅުވިއެވެ. ދިރިއުޅުމުގައި އެތައް ތަޖުރިބާއެއް ކޮށްފައިވާ އެމުސްކުޅި އަންހެންމީހާ ހުރިހާ ކަމެއް ހުސްވެފައިވަނީ އޭނާގެ ލޯބިވާ ފިރިމީހާއަށް ލިބުނު ދަރިން ތަރުބިއްޔަތު ކުރުމުގައެވެ. އެއީ ހާދަ ހިތްވަރު ގަދަ އަންހެނެކެވެ.

”އޯދައްތާ. މިރޭ މާގިނަވާހަކަދެއްކިއްޖެ. އަދި ދައްތައަށް ވަރަށް ފުން އަސަރު ތަކެއްކޮށްފި. ކޮންމެވެސް އެހެން ވާހަކައެއް ދައްކަމާހިނގާ.” މައުޟޫޢު ބަދަލުކޮށްލެވޭތޯ ޒީލަން އުޅުނެވެ.

”ޒީލަން ފަޒީނުދެކެ ލޯބިވޭދޯ.” އޭނާ އެހެންވާހަކައެއް ދައްކާކަށް ބޭނުމެއް ނުވިއެވެ. ފަޒީނަށް ލިބޭނެ އެންމެ ރަނގަޅު އަންހެންކުއްޖާއަކީ ޒީލަންކަން އޭނާއަށް ވިސްނެއެވެ. އެއީ  އޭނާވެސް ނުހަނު ބޭނުން ކަމެކެވެ.

”ނޭނގެ. އަހަރެން އޭނާއަށް ނުހަނު އިހުތިރާމާއި ގަދަރު ކުރަން. އޭނާ ފެނުމުން ބުނަންނޭނގޭ ކަހަލަ އުފަލެއް ލިބޭ. އެކީގައި އުޅެވޭ ވަގުތު ވަރަށް ހިތްހަމަޖެހޭ. އަބަދު ފެނޭތޯ ބެލޭ. އެއީ ވަރަށް ހިތްގައިމު ބޭކަލެއް.” ޒީލަން ލަދުވެތިކަމާއެކު ބުނެލިއެވެ.

”ޒީލަން ކަލެއަށްތިވަނީ އޭނާދެކެ ލޯބިވެވިފައި.”

”ނޫން ދައްތާ. ތިކަހަލަވާހަކަނުދައްކާ. އަދި މިވާހަކަތައް އެއްވެސް މީހެއްގާތު ނުދައްކާތި. މިއީ ސިއްރެއްކަމަށްބަލާ އިނގޭ.” އޭނާ އެވާހަކަ އެއްވެސް މީހަކަށް އެނގޭކަށް ބޭނުމެއް ނޫނެވެ.

އެރޭ ފަޒީނު ގެއަށް ދުރުވީ ވަރަށް ލަހުންނެވެ. ޒީލަން ފަޒީނާއި ކޮންމެވެސް ގޮތަކުން ބައްދަލު ކުރާހިތްވިނަމަވެސް އެހާ ދަންވަންދެން ސިޓިންރޫމުގައި އިންނާކަށް ނުކެރުނެވެ. ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ބޭރަށް ނިކުތެވެ. ކެއުންތައްޔާރު ކުރާ ކޮޓަރިއަށްގޮސް ސިއްރުން ބަލާލިއެވެ. ތައްޔާރު ކުރި އެއްޗިހި ހުރިގޮތަށް ހުއްޓެވެ. އެއްވެސް އެއްޗެއް ފަޒީނު ކެއިންބައްލަވާފައެއް ނުވެއެވެ. ފަހީމާއްތަ އުޅޭތޯ ބެލިއިރު އޭނާ ވަނީ ގެއަށް ގޮސްފައެވެ. އޭނާ ލައިބްރަރީއާއި ދިމާއަށް ދިޔައެވެ. އެތަންވެސް ވަނީ ނިއްވާފައެވެ. ފަޒީނުގެ ކޮޓަރި ފެންނަ ހިސާބަށް އޭނާ ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ނިދާންލާ ކުރުތާއެއް ވައްތަރުގެ އެއްޗެއް ލައްވައިގެން ބެލްކަންޏާ ދިމާގައި ފަޒީނު ހުންނެވި ތަނެވެ. ފަޒީނަށް ފެނުމުގެ ކުރިން އޭނާ ނިކުންނަން އުޅުނެވެ. މިވަގުތު އޭނާ މި ތަނުން ފެނިއްޖެނަމަ ފަޒީނު ހީކުރައްވާނެ އެއްޗެއްވެސް ނޭނގޭތީއެވެ. އޭނާ އެނބުރިގަތް ވަގުތު ދޮރުގައި އަތްޖެހުނު އަޑަށް ފަޒީނު ބައްލަވާލެއްވިއެވެ. އޭނާއަށް ޒީލަން ފެނިލެއްވުމުން ގޮވާލެއްވިއެވެ.

”ޒީލަން.” ދުވަހަކުވެސް ޒީލަން އެހިސާބުން ފެނިފައިނުވާތީ އޭނާ ހައިރާންވިއެވެ.

ޒީލަން ވަރަށް ސިއްރުން ފަޒީނަށް ބަލާލިއެވެ. އޭނާގެ މޫނުންފެންނަނީ ވަރުބަލިކަމެވެ. އެރީތި ދެލޮލުގައިވަނީ އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. ޒީލަންއަށް ހުރިހާވަގުތަކުވެސް އެހީތެރިވެދެއްވި އޭނާގެ ސާހިބާ ފެނުމުން ދެރަވިއެވެ. އޭނާއަށްޓަކައި ހަމްދަރުދީ ވެވުނެވެ.

         

”މިރޭ ކޭން ނުބައްލަވާތީ ބަލާލަން އައީ.” ވަރަށް މަޑުމަޑުން ވާހަކަދެއްކިއެވެ.

”ފަޒީން ބަލީތޯ؟” ފަޒީން އެއްވެސް އެއްޗެއް ނުބުނުއްވުމުން ޒީލަން ކަންބޮޑުވިއެވެ.

”މިރޭ ކުޑަކޮށް ރޯގާ ގޮތްވެލާފައި ބޮލުގައި ރިއްސާތީ މިއުޅެނީ. އަރާމު ކޮށްލަނިކޮށް ރަނގަޅުވެދާނެ. ޒީލަން ނިދަންދޭ. އަހަރެންވެސް މިދަނީ ނިދަން.”

”އަޅުގަނޑު ބޭސް ގެނެސްދެންތޯ.”

”ނޫން. ނިދާލަނިކޮށް މިކަން ރަނގަޅުވެދާނެ.” 

އޭނާ ކޮޓަރިއަށް ދުރުވިއެވެ. އަދި ދިރިއުޅުމާމެދު ވިސްނަވާލެއްވިއެވެ. އޭނާގެ އުމުރުން މިއަހަރު ތިރީސް ފަހެއް ވާނެއެވެ. ދިރިއުޅުމުގެ މިހާތަނަށް އައިއިރު ކާމިޔާބު ވިޔަފާރިވެރި އަކަށް ވެލެއްވިއެވެ. މީހުން އިހުތިރާމުކުރާ ގަދަރުވެރިއަކަށް ވިއެވެ. މުޖުތަމައުގެ މަސައްކަތްތަކާ ދެއްވާ އެހީތަކުން މީހުންގެ ތާއީދުލިބޭ މަގާމަކަށް ވާސިލުވިއެވެ. ނަމަވެސް ހަޔާތުގެ ބައިވެރިއެއްނެތެވެ. ބަލިވެއްޖެނަމަ ހޭހަންކޮށްދޭނެ އޯގާވެރި  އަނތްބެއް ބޭނުންވެއެވެ. ގާތުގައި ކުޅެލާ މަޖާކޮށްލާނެ ދަރިން ބޭނުންވެލައްވައެވެ. ހަޔާތުގައިވެސް ލޯބިވެލެއްވީ ހަމައެކަނި ޒީލަންދެކެއެވެ.

ކުޑައިރުއްސުރެންވެސް ކިޔެވުމުގައި މަޝްޣޫލުވެ އުޅުއްވުމާއި އެއަށްފަހު ކުރިހޯއްދެވުމާއި ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ބުރަކޮށް މަސައްކަތް ކުރެއްވީ ލޯތްބާއި އަންހެނުންނާއި އުފަލަށް ވިސްނެވުމެއް ނެތިއެވެ. ނަމަވެސް މިއަދު އޭނާވަނީ އެއަންހެން ކުއްޖާގެ ސަބަބުން ދިރިއުޅުން ވޭނަކަށް ވެފައެވެ. ކޮންމެ ހިނދުކޮޅެއްވެސް އޭނާ އާއި ނުލާ އުޅުއްވުން ދަތިވެފައެވެ. ނަމަވެސް އެއަންހެންކުއްޖާ އޭނާދެކެ ލޯތްބެއް ނުވެއެވެ. އޭނާ ލޯބިވާ އެކަކުވެސް ނެތެވެ.

”ނޫން އޭނާ އަހަރެން ދެކެ ލޯތްބެއް ނުވާނެ. އެއީ އަހަރެންނަށް ވުރެ މާޅަކުއްޖެއް. އެފަދަ ގޮތަކަށް އަހަރެން އުންމީދު ކުރާކަށްވެސް ނުވާނެ.” އޭނާ ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އޭނާ ވަނީ ގޮތް ހުސްވެފައި ކަހަލައެވެ.

މިއަންނަ ހުކުރު ދުވަހަކީ އޭނާގެ ކުންފުންޏަށް އަށާރަ އަހަރު ފުރޭ ދުވަހެވެ. ބާއްވަން ގަސްތުކުރާ ޕާޓީއަކީ  ގިނައަދަދެއްގެ މުއައްޒަފުންނާއި ރާއްޖޭގެ ބައެއް އިއްޒަތްތެރިންނާއި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނޭ ޕާޓީއެކެވެ. ކޮންމެ ބޭފުޅެއްވެސް ވަޑައގަންނަވާނީ އެބޭފުޅުންގެ އަނބިކަނބަލުންނާއެކުގައެވެ. ނަމަވެސް އަހަރެންގެ އެއްވެސް މީހެއްނެތެވެ. އެޕާޓީއަށް ޒީލަން ދާން އެއްބަސްވާނެ ބާވައެވެ. އަހަރެން އޭނާ ގެންދަން ބޭނުމެވެ.

މިފަދަ އެތައް ޚިޔާލުތަކެއްގެ ސަބަބުން  ނިދިކުރެއްވުނީ ވަރަށް ދަންވީފަހުންނެވެ. ކޮންމެ ކަމެއްވެސް ވަގުތުންވަގުތަށް ކުރައްވަން އާދަކުރައްވާފައިވާ  ފަޒީނަށް ހުރިހާކަމެއްވެސް ކުރައްވަން ވަނީ ދަތިވެފައެވެ. އެހެންކަމުން ހޭލެއްވުނީވެސް ވަރަށް ލަސްވީފަހުންނެވެ. އޭނާ އަވަހަށް ތައްޔާރުވެލެއްވުމަށްފަހު ދުރުވީ އޮފީހަށް އަވަހަށް ފޯރާތޯއެވެ. އަހަރީ ދުވަހުގެ ރަސްމިއްޔާތަށް ވަރަށްގިނަ ކަންތަކާ މަޝްވަރާ ކުރަން ޖެހިފައިވާތީއެވެ.

”ފަޒީން މިހާރު ރަނގަޅުތޯ؟” ދޮރުކައިރީގައި ހުރި ޒީލަން ސުވާލު ކުރިއެވެ.

ޒީލަންގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިލެއްވުމުން ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހި ލެއްވިއެވެ. ޒީލަން އޭނާއާމެދު ކޮންމެވެސް ވަރަކަށް ވިސްނާކަން އިހުސާސް ކުރެއްވުމުންނެވެ.

”މިހާރު ހިސާބަކަށް ރަނގަޅު.” އޭނާ ބުނުއްވިއެވެ.

”ހުކުރުދުވަހުން އަހަރެމެންގެ އޮފީހުގެ އަހަރީ ދުވަސް ރިސޯޓުގައި ފާހަގަކުރަން. ޒީލަން ދާންބޭނުންނަމަ އަހަރެން ދައުވަތުދެން. އަދި ޒީލަން އެދޭނަމަ ރައްޓެއްސެއްވެސް ގެންދެވިދާނެ.” އޭނާ ވަގުތުގެ ބޭނުން ހިފިއެވެ.

”އަޅުގަނޑުގެ ރައްޓެހި ކުއްޖަކަށް މިދުވަސްކޮޅު މާލޭގައި އުޅެނީ އަލްހެނާ. އޭނާއަށް ގުޅާލާފައި އެނގޭނީ.”  

ޒީލަން ދުވަހަކުވެސް ރިސޯޓަކަށް ނުދެއެވެ. އެހެންކަމުން އޭނާ ވަރަށް ދާހިތްވެއެވެ. އަދި ފަޒީނުވެސް މިދަތުރުގައި ފެނުމާއި ޚުދު ފަޒީނު ދައުވަތު ދެއްވުމުން އޭނާ ވަރަށް އުފާވިއެވެ.

ޒީލަން އަލްހެނާއަށް ގުޅިއިރު އޭނާގެ ދައްތަ އުޅެނީ ބަލިވެއެވެ.  ބަންދެއްގައި ހުރި އެއަންހެންމީހާ ބަލިވެ އުޅޭތީ ވަނީ އާއިލާއާއި ހަވާލުކޮށްފައެވެ. އެހެންކަމުން އެފަދަ ދަނޑިވަޅެއްގައި ދައްތަ ދޫކޮށްފައިދާން ބުނުމަކީ ރަނގަޅު ގޮތަކަށް ނުވާނެތީ އޭނާ އެކަނި ނަމަވެސް މިފަހަރުދާން ނިންމިއެވެ. ރިސޯޓަށް ދިއުމާއި ހުރުމުގެ ހުރިހާ ކަމެއް ރިސޯޓުން ހަމަޖައްސައިދޭތީ އޭނާގެ އެއްވެސް ހާސްކަމެއް ނެތެވެ. އަނެއްކާ ފަޒީނުވެސް ރިސޯޓުގައި އުޅުއްވުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.

ރިސޯޓުގެ މުޅި އަތިރިމަތިވަނީ އެކިކަހަލަ ކުލަބޮކިތަކުން ޒީނަތްތެރި ކޮށްފައެވެ. ސާފު ހިމުން ދޮންވެލިގަނޑުގައި ހުރި މޭޒުތަކާއި ގޮނޑިތައްވަނީ ރަސްމިއްޔާތާއި ނުހަނު ގުޅޭގޮތަށް ރީތިކޮށް އަތުރާފައެވެ. ކޮންމެ މޭޒެއްކައިރީ ހަތަރު ގޮނޑި ޖަހާފައި ވާއިރު މޭޒުމަތިވަނީ ގުދުރަތީ މަލުންނާއި ޒަމާނީ ތަށިތަކުން ފުރިފައެވެ. މުޅިތަނަށް ވެރިވެފައިވަނީ ތަންކޮޅެއް ދުރުން ކުޅެމުންދާ ވަގުތުން ކުޅޭ މަޑުމަޑު މިއުޒިކެއްގެ އަޑެވެ.   

ޒީލަންއަށް ރިސޯޓަށް އާދެވުނީ އިރުއޮއްސެން އުޅެނިކޮންނެވެ. އޭނާއަށް ޚާއްޞަ ކުރެވިފައިވާ ކޮޓަރިއަށް ދެވުމާއެކު އެފުރިހަމަ ކޮޓަރީގައި ނިދާލީއެވެ. ދަތުރު އެހާ ދިގުނުވިނަމަވެސް އޭނާ ބޯއަނބުރާގޮތް ވެފައި ހުރުމުންނެވެ. އޭނާއަށް ހޭލެވުނުއިރު ހުރީ އަށެއް ޖަހާފައެވެ. އަވަސް އަވަހަށް ފެންވަރައިގެން ތައްޔާރުވެލިއެވެ. އޭނާ ލީ ކަޅުކުލައިގެ ކަކުލާހަމައަށް އަންނަވަރުގެ ކަޅުކުލައިގެ ހެދުމެކެވެ. އެއްވެސް މޭކަޕެއްނުކުރާ ޒީލަން މިރޭ ކުޑަކޮށް މާކަޕް ކޮށްލާ ތުންފަތުގައި ވަރަށް މަޑުމަޑު ފިޔާތޮށި ކުލައެއް ޖެއްސިއެވެ. އެހެންކަމުން އޭނާގެ ރީތިކަން އެތައް ގުނައަކަށް ފާޅުވެއެވެ. އެދިގު ބުޅި އިސްތަށިގަނޑު ރޫޅާލާފައިވާތީ އޭނާ ވަކިން ފުރިހަމައެވެ.

މިހާ ފުރިހަމަ ޕާޓީއެއް އޭނާގެ ހަޔާތުގައިވެސް ނުދެކެއެވެ. އެކި އުމުރުފުރައިގެ މީހުންނެވެ. އުފާވެރިކަމާއި ހިތްހަމަޖެހުން ފިޔަވައި އެހެންކަމެއް މީހުންގެ މޫނުމަތިންނެއް ނުފެނެއެވެ. އޭނާއަށް ދެވުނުއިރު އޭނާގެ އޮފީހުގައި އުޅޭ ނައުޝީނާއި ފާތުން ތިއްބެވެ. އަވަހަށް އެމީހުންގާތު އިށީނެވެ. ޒީލަންއަކީ އެމީހުންގެ ވެރިޔާ ކަމަށްވިޔަސް އެމީހުންގެ އޮންނަނީ ނުހަނު ގާތްކަމެކެވެ. އެކުގައި ސަމާސާކުރުމާއި ދިމާކުރުންވެސް ކޮންމެވެސް ވަރަކަށް އޮވެއެވެ.

”ފާތުންގެ ރައްޓެހި ކުއްޖާ ގޮވައިގެންނޭ އަސްލު އަންނަންވީ. މިކަހަލަ ފުރުސަތުތަކަކީ ވަރަށް ނުލިބޭނެ ފުރުސަތުތަކެއް.” ނައުޝީނު ދިމާކޮށްލިއެވެ.

”ކަލެއާއި ޒީލަން ތިހުންނަނީއެއްނު ކުއްޖެއްވެސް ހޯދަން ނުކެރިގެން.” ފާތުންވެސް ދޫދޭކަށް ބޭނުމެއް ނޫނެވެ.

”އަހަރެން މިހުންނަނީ މިރިސޯޓުގެ ވެރިމީހާއާއި އިންނަން. އެނގޭތަ އެއީ ވަރަށް ސްމާޓް ސަޅި މީހެއް.” ނައުޝީނު ބުނެލިއެވެ. ނަމަވެސް ޒީލަން އެމީހުންގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނާގެ ލޯ ކެތްތެރިކަމެއްނެތި  އެދެނީ ފަޒީނު ދުށުމަށެވެ. އޭނާ އެރަށަށް އައި މައިގަނޑު ސަބަބަކީވެސް އެއީއެވެ.

”ނައުޝީން އެހެރީ މިރަށުގެ ވެރިމީހާ .” ފާތުން ދައްކާލިއެވެ.

”އަހަރެން ކުރިންވެސް އޭނާ ދެކެމޭ. އަހަންނަށް އޭނާ ވަރަށްސަޅި. އަޅެ ލިބޭނެނަމަދޯ.” އޭނާ ވާހަކަދެއްކިއެވެ.

ޒީލަން  އެދިމާއަށް ބަލާލިއެވެ. އޭނާ ގާތުގައި ތިބި ދެތިންމީހަކާއި ވާހަކަދައްކަވަނީއެވެ. ކަޅުކުލައިގެ ކޯޓު ލައްވާފައިވާއިރު ފަޒީނުގެ ރީތިކަމާއި ސްމާޓްކަން ވަރަށް ރީތިކޮށް ހާމަވެއެވެ. އޭނާ ފެންނަނީ އުމުރަށްވުރެ އެތައް އަހަރެއް ހަގުކޮންނެވެ. އެހިނިތުންވެފައިވާ މޫނުން  ޒުވާން ކަމުގެ އަސަރުތައް ފެނެއެވެ. ޒީލަންއަށް ބަޔާންކުރަން ނޭނގޭކަހަލަ އަސަރުތަކެއް ކުރިއެވެ. ނަމަވެސް އެވަގުތު އަންހެންކުއްޖަކާ ދިމާއަށް ދުރުވެ ވާހަކަދައްކަވަން ހުންނެވިތަން ޒީލަންއަށް ފެނުމުން ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ލިބިއްޖެއެވެ.

”ސާބަސް ނައުއަށް. އެމީހުން ތިޔަކަހަލަ އަންހެންކުދިންނަށްވުރެ މާރީތި މޮޅު ކުދިން ހޯދާނީ. ތިކަހަލަ ކަންތަކާ ޚިޔާލު ކުރަންވެސް ނުވާނެ.” ފާތުން ނައުޝީނު ދެރަކޮށްލިއެވެ.

ފާތުން މިބުނިއެއްޗަކުން ހަގީގަތުގައިވެސް އެންމެ ދެރަވީ ޒީލަންއެވެ. އޭނާ އުންމީދުކުރީ ފަޒީނަށް އޭނާ ފެނިލެއްވުމުން އޭނާގާތަށް ދުރުވާނޭ ކަމަށެވެ. ދެތިންފަހަރަކު މިހާރު ފަޒީނަށް ޒީލަން ފެނިލައްވައިފިކަން ޒީލަންއަށް އެނގެއެވެ. ނަމަވެސް ފެންނަކަމަށް ނުހައްދަވާ މީހުންނާ ވާހަކަ ދެއްކެވުމުގައި އުޅުއްވަނީއެވެ. ޒީލަންއަށްވެސް ފަޒީން ފަދަ ބޭކަލެއްދެކެ ލޯބިވެވިގެން ނުވާނެކަން ވިސްނަންޖެހެއެވެ. އެކަހަލަ އުއްމީދެއްވެސް ކުރާކަށް ނުވާނެއެވެ. ފަޒީނު ޒީލަންއަށް އޯގާވެރިވުން ފިޔަވައި އެހެންކަމެއްނެތް ކަމުގައި ޒީލަންއަށް ވިސްނުނެވެ. އަދި އެކަމާ ނުހަނު މޮޅިވެއްޖެއެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *