އަބަދުވެސް އަޅުކަމުގައި ހުރެވޭނެ ގޮތެއް

ބައެއްމީހުންނަށް ހީވެފައި އޮންނަނީ އަޅުވެރިއަކަށް ވެވޭނީ ހަމައެކަނި ނަމާދު ރޯދާ ޒަކާތް ޙައްޖު، ޤުރްއާން ކިޔެވުމުންނެވެ. އެމީހުން އެމީހުންގެ ބެލުމުގެ ޒިންމާގައި ތިބޭމީހުންނަށް ހަރުކަށިކަން ދައްކައެވެ. އެމީހުންގެ ހުރި ކަންބޮޑުވުންތައް ގޭގައިތިބޭ އަނބިންނަށާއި ދަރިންނަށް ބާލަނީ ބާރަށް އެއްޗިހި ކިޔައިގެންނެވެ. އެމީހުންގެ ލޯތްބާއި އޯގާތެރިކަމަށް އިންތިހާއަށް ބޭނުންވެފައިވާ މައުސޫމު އަނބިންނާއި ދަރިންނަށް ކުރާ އަސަރަކަށް ވިސްނާލުމެއް ނެތިއެވެ.

ހަނދާނުގައި ބަހައްޓަންވީ ކަމަކީ މީސްތަކުންނާ ހެޔޮގޮތުގައި މުޢާމަލާތު ކުރުމަކީ ވެސް އަޅުކަމެކެވެ. ޚާއްސަކޮށް އޭނާގެ ބެލުމުގެ ޒިންމާގެ ތެރޭގައިވާ މީހުންނަށެވެ. އޯގާތެރިކަން، މަޑުމައިތިރިކަން، ޙިލްމުވެރިކަން، ކެތްތެރިކަން މީސްތަކުންނާ ހެޔޮގޮތުގައި މުޢާމަލާތު ކުރުން، ކުޑަކުދިންނާއި މެދު އޯގާތެރިކޮށް ކަންކުރުން، ހިނިތުންވުން، ހެޔޮބަހެއް ބުނުމަކީ ވެސް އަޅުކަމުގެ ތެރެއިން ހިމެނިގެންވާ ޘަވާބާއި ދަރުމަ ލިބޭ ކަންކަމެވެ. ވީމާ ތިބާ އާދަތައް އަޅުކަމަށް ހަދާށެވެ. މުޅި ދިރިއުޅުމަކީ ވެސް އަޅުކަމެވެ.

ކޮންމެ ދުވަހަކީވެސް ތިމާގެ ޢަމަލުތަކުން ލިޔެވި އަދި އެއަށް މިންކުރެވި ހެޔޮ ޖަޒާއާއި ނުބައި ޖަޒާ ދެއްވާނޭ ކަންކަން ފޮތެއްގައި ލިޔެވެމުން ދާދުވަހެކެވެ. ތިމާއަށް މަތިކުރެވިފައިވާ ޙައްޤުތަކާއި ވާޖިބުތަކުގައި އިސްލާމްދީނަކީ ތިލަފަތް ހަމަ ދީނެކެވެ. ތިބާގެ ނަމާދަކީ އަޅުކަމެކެވެ. މަސައްކަތަކީ އަޅުކަމެކެވެ. ތިމާގެ އަހުލުވެރިންނާއި ހީސަމާސާ ކުރުމަކީ އަޅުކަމެކެވެ. ތިމާގެ ދަރިންނާއެކު ކުޅެ ހެދުމަކީ އަޅުކަމެކެވެ. މީސްތަކުންގެ މޫނުމަތީގައި ހިނިތުން ވެލުމަކީ އަޅުކަމެކެވެ.

ތިމާގެ ވެރި ރަސްކަލާނގެއަށްވާ ޙައްޤުތަކެއް ވެއެވެ. އަމިއްލަ ނަފުސަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ވެއެވެ. ތިމާގެ ލޮލަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ވެއެވެ. ތިމާގެ އަހުލުވެރިންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ވެއެވެ. ތިމާގެ މެހެމާނުންނަށް އަދާކޮށްދޭން ޖެހޭ ޙައްޤުތަކެއް ވެއެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް އަދާކޮށްދޭން ޖެހޭ ޙައްޤުތައް ބަރާބަރަށް ފުރިހަމައަށް އަދާކޮށްދޭށެވެ."

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *