މާހިލްއަކީ މެލޭޝިޔާގައި ޝަރީޢާއިން ލޯ ކިޔަވައިގެން ރަށަށް އައިސް ހުރި ޒުވާނެކެވެ. އޭނާގެ މައިންބަފައިންނަކީ ތަނަވަސް ބައެއްކަމުން މާހިލްއަށް ދަތިވާ އެއްވެސް ކަމެއް ނެތެވެ. އޭނާއަކީ ރަސްމީ ވަޒީފާ ކަމުގައިވާ ރަށުގެ ކޯޓުގައި މަސައްކަތްކުރާ މީހުންނާ ގުޅޭ ހެޔޮލަފާ މީހެކެވެ. މައިންބަފައިން އެދުމުގެ މަތީން އޭނާ ރަށަށް ބަދަލުވީ ބައްޕަގެ ވިޔަފާރީގައި އަމަލީ ގޮތުން ބައިވެރި ވުމަށެވެ. އެ ވިޔަފާރީގެ އެކިއެކި ކަންކަމުގައި ދިހަ މުވައްޒަފުން ގެންގުޅެއެވެ.
ރަށުގައި ހޭދަކުރި ދެއަހަރު އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ ވިޔަފާރި އިތުރަށް ތަރައްގީ ކުރުމަށެވެ. ރަށުގެ ގިނަ އަންހެންކުދިން އޭނާއާއި ކައިވެނި ކުރަން ބޭނުންވިޔަސް އެކަމަށް އިޖާބައެއް ނުދެއެވެ. ތަނަވަސްމީހެއް ކަމުގައިވިޔަސް އެއްވެސް ބޮޑާ ކިބުރުވެރި ސިފައެއް އޭނާގެ ނުހުރެއެވެ. ރަށުއެންމެންވެސް ގަބޫލުކުރާގޮތުގައި އޭނާއަކީ ރަށުގެ މީހުން ބުނާ ކުދިކުދި ކަންތައްތައް ކޮށްލައިދީ އާއިލީ ވިޔަފާރިން ނަފާ ހޯދަމުން ދިޔަ ވަރަށް ބުރަކޮށް މަސައްކަތް ކުރާމީހެކެވެ.
ކައިވެންޏަށް ރަށުންލިބޭ ހުށަހެޅުންތަކަށް އޭނާ ބީރު ކަންފަތެއް ދިނީ އޭނާގެ ހިތުގައި ރަސްކަން ކުރަމުންދާ ރަށުގެ އެންމެ ރީތި އަންހެން ކުއްޖާއަށް ހިތް ދެވިފައިވާތީއެވެ. ނިޝާ ކަމުދާ ވާހަކަ އޭނާ އެއްވެސް މީހެއްގާތު ނުބުނެ ހުރީ ނިޝާގެ ކިޔެވުން ނުނިމޭތީއެވެ. އަދި އޭނާއަކީ މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށްވާތީ ނިޝާ އޭނާއަށް ނުގެއްލޭނެ ކަމުގެ ޔަގީންކަން އޮންނާތީއެވެ. ނިޝާގެ ވަރަށް ރީތި ފޮޓޯގަނޑެއް ފިހާރަ ވަތްގަނޑުގައި އަބަދުވެސް އޮވެއެވެ. އޭނާ ދޭތެރެ ދޭތެރެއިން އެ ފޮޓޯގަނޑަށް ބަލާލައެވެ.
"ކޮބާ؟ ރަށަށް ދިޔަފަހުން ޚަބަރެއްވެސް ނުވޭ." މާހިލް ފޯނަށް ލާރާ ގުޅާ ޝަކުވާ ކުރިއެވެ. ލާރާއަކީ މާހިލްއާއިއެކު މެލޭޝިޔާގައި ކިޔަވަންހުރި ކުއްޖެކެވެ. ތައުލީމީ ދާއިރާއިން މާސްޓަރސް ނިމި މާލެ އަންނަން ވީއިރުވެސް އޭނާ މެލޭޝިޔާގައި ހުރީއެވެ. މެލޭޝިޔާގެ ޔުނިވަރސިޓީއެއްގައި އޭނާ ދެ އަހަރު ކިޔަވައިދޭން މަޑުކުރިއެވެ. އޭރުވެސް މާހިލް ލާރާގާތު ބުނަމުން ދިޔައީ ކިޔަވައި ނިންމައިގެން ޤައުމަށް ޚިދުމަތް ކުރަން ދިއުމަށެވެ. އެފަދަ ކޮންމެ ދަނޑިވަޅެއްގައި މާހިލްމެން ދޫކޮށްލާފައި މާލެ ދިއުމުން ލިބެނީ ކޮން މޮޅެއްހޭ އޭނާ ބުނެއެވެ. އެމީހުން ސަކަރާތްޖަހާ އެކުގައި މަޖާކޮށް ކިތަންމެ ވަގުތެއް ހޭދަކުރިއެވެ.
"އާނ. ލާރާއަށްވެސް އެނގެއެއްނު. އަހަރެންނަކީ އަބަދުވެސް މަސައްކަތުގައި އުޅޭމީހެއް. އެހެންނޫނަސް ރަށަށް އާދެވުމުން އޮންނަނީ އަބަދުވެސް ކޮންމެވެސް ކަމެއްގައި ތާށިވެފައި." މާހިލް ބުންޏެވެ.
"އަދިވެސް ތިހުރީ ހުސްކޮށްތަ؟ ލާރާ އެހިއެވެ.
"މިއުޅެނީ ކައިވެނި ކުރަން. މިއަންނަ މަހު ހަތާވީހުގައި ކައިވެނީގެ ވަލީމާ އޮންނާނެ. ދަޢުވަތު ދޭނަން." މާހިލް އެވާހަކަ ބުނިއިރު އޭނާގެ އަޑުގައި ހުރި އުފާވެރިކަން ލާރާއަށްވެސް އެނގުނެވެ. ފޯނު ބާއްވާފައި އޭނާ ފިހާރަ ވަތްގަނޑު ހުޅުވާލިއެވެ. ނިޝާގެ ފޮޓޯގަނޑު ފެނޭތޯ ބަލާލިއެވެ.
"މި އޮތީ." ނިޝާގެ ފޮޓޯގަނޑު ދިއްކޮށްލަމުން ރޫމީ ބުންޏެވެ. ރޫމީއަކީ އެ ފިހާރައިގައި ވަޒީފާ އަދާކުރާ ކުއްޖެކެވެ.
"ކީއްވެ ރޫމީ އަތުގައި ތިއޮތީ." މާހިލް ހުރީ ހިތްހަމަ ނުޖެހިފައެވެ.
"ބިންމައްޗަށް ވެއްޓިފަ އޮތީ." ރޫމީ އަޅައިގަންނަ ގޮތަކަށް ބުންޏެވެ.
މާހިލް އިންތިޒާރު ކުރަމުންދިޔަ ކައިވެނީގެ ފޮނި އުންމީދު ހާސިލްވީތީ އޭނާ ހުރީ ވަރަށް އުފަލުންނެވެ. ކައިވެނީގެ އެކިއެކި މުނާސަބަތުތައް ފާހަގަ ކުރަމުން ދިޔައީ ރަށުގައި އެހެން މީހަކު ފާހަގަ ނުކުރާ މިންވަރަށެވެ. މިހުރިހާ ކަމެއް އިންތިޒާމްކޮށް ރާވާ ހަދަނީ ދެފަރާތުގެ އާއިލާއިންނެވެ. ކައިވެނީގެ ހަފްލާއަށް މާހިލްގެ ވަރަށްގިނަ ރައްޓެހިން އައެވެ.
"ތި މާހިލްއާއިއެކު އުފަލުގައި އުޅެވޭނެ ކަމަށް ހީކުރުމަކީ ނިޝާއަށް ކުރެވުނު ވަރަށްބޮޑު ކުށްހީއެއް." ކައިވެނީގެ ޕާޓީގައި ނިޝާން ބުންޏެވެ. ނިޝާންއަކީވެސް ރަށުގައި މަޝްހޫރު ވިޔަފާރިވެރިއެކެވެ. އޭނާގެ ދެ ގެސްޓް ހައުސް ރަށުގައި ހުރެއެވެ. ނިޝާއާއި ނިޝާމް ކުރިން ވަނީ ރައްޓެހިވެފައެވެ. ނަމަވެސް އޭނާ ނުކިޔަވާ ހުންނާތީއާއި ސިނގިރޭޓްފަދަ ދެވިހިފާ ތަކެތި ބޯތީ ނިޝާގެ މައިންބަފައިން އެކަމާ ނުގަބޫލު ވީއެވެ.
"ހަމަގައިމުވެސް ކަލޭއަށް ނުދެވޭނެ ކިތަންމެ އުފަލެއް އަހަރެން ނިޝާއަށް ދޭނަން. ރޭގަނޑު ހަތަރުދަމު މަސްތުގެ ދުނިޔޭގައި އަހަންނެއް ނިޝާ ގޮވައިގެން ނުހުންނާނަން." މާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ.
މާހިލްގެ ކައިވެނީގެ ހުރިހާކަމެއް ލާރާ ދިޔައީ އޮޅުން ފިލުވަމުންނެވެ. އޭނާއަށް ނޭނގޭ އެއްވެސްކަމެއް މާލޭގައި ހުއްޓެއްކަމަކު ނުހިނގައެވެ. މާހިލްއަކީ އޭނާގެ އެންމެ ފުރަތަމަ ލޯތްބެވެ. އަދި އަބަދުގެވެސް ލޯތްބެވެ. މާހިލް އޭނާއަށް ނުލިބުމަކީ އޭނާ ވަރަށް ދެރަވެ ހިތުގައި ޖެހުނު ކަމެކެވެ.
"މާހިލް އަހަރެންނާއި ކައިވެނި ނުކުރީ އެރަށު ކުއްޖަކަށް ނުވާތީ. އެމީހުންގެ މައިންބަފައިންގެ ރުހުން ނުލިބިދާނެތީ." ލާރާ ވާހަކަދެއްކީ އޭނާގެ މަންމައާއެވެ. ލާރާއަކީ އެކަނިވެރި މައެއްގެ ހުރި އެންމެ ދަރިއެކެވެ. އޭނާގެ މަންމަގެ ބުރަ މަސައްކަތުން އޭނާ ވަރަށްމޮޅަށް ކިޔެވިއެވެ.
"ވާން ނެތްކަމެއްގައި ހިތްހަލާކު ނުކުރޭ ދަރިފުޅާ. މާހިލަށްވެސް އެނގޭނެ ދަރިފުޅު އޭނާދެކެ އިންތިހާއަށް ލޯބިވާކަން." ލާރާގެ މަންމަ އޭނާގެ ހިތްހަލާކުވެފައިވާ ދަރިފުޅަށް ހިތްވަރު ދެމުން ބުންޏެވެ. އޭރުވެސް ލާރާގެ މަންމަ އޮތީ ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައެވެ. ކެންސަރުގެ އެންމެ ފަހުގެ ދުވަސްތައް ގުނަމުންދަނީއެވެ. މިފަދަ ދަނޑިވަޅެއްގައި މަންމަ ގާތު މިވާހަކަތައް ކިޔައިދެވުމުން އޭނާ ދެރަވެސް ވިއެވެ.
މާހިލްއާއި ނިޝާގެ ކައިވެނިވީ އެދެމީހުންނަށްވެސް ލިބުނު ވަރަށްބޮޑު އުފަލަކަށެވެ. ލޯބިލޯބި އަންހެން ކުއްޖެއް ލިބުމަކީ އޭނާގެ އަބަދުގެވެސް ދުޢާއެވެ. ނިޝާއަކީ އޭނާގެ މައިންބަފައިންގެ ލަފާއާއި ފުރިހަމަ އެހީ ލިބިގެން ކައިވެނިކުރި ދީންވެރި އަޚުލާގު ރަނގަޅު ކުއްޖެކެވެ. ކިޔަވައިގެން ހުރި މުރާލި އަންހެނެކެވެ.
"ލާރާގެ ޚަބަރެއްވެސް ނުވާތީ ހިތަށްއެރީ ގުޅާލާނަމޭ." ވަރަށް ދުވަސްކޮށްފައި މާހިލް ލާރާއަށް ގުޅާލިއެވެ.
"އާނ. ދިރިއުޅުމެއް ފެށުނީމަ މާހިލްވެސް ބިޒީވާނެތީ އަޅާނުލީ." ލާރާ ބުންޏެވެ.
"ލާރާ އަދިވެސް ކައިވެންޏެއް ނުކުރަންތަ؟ ކިހިނެއްތަ ދިރިއުޅުމުގެ ކަންކަން." މާހިލް ފުރަތަމަ ފަހަރަށް ލާރާގެ ދިރިއުޅުމުގެ ސުވާލެއް ކުރިއެވެ.
"އެންމެންނަކީ މާހިލްހާ ނަސީބު ގަދަ ބައެއްނޫން. މީގެ ދުވަސްކޮޅެއް ކުރީން މަންމަ ނިޔާވެއްޖެ. މީހަކާ އިންނަން ބޭނުން ނުވަނީ މަންމައަށް ކަންކަން ދިމާވި ގޮތުން. އެހެންނޫނަސް ލޯބިނުވާ މީހަކާ އިނުމެއްވެސް ނެތްތާ." ލާރާ މަޑުމަޑުން ބުނެލިއެވެ.
"ތިބުނާ ލޯބިވާ މީހަކީ ކާކުބާ؟ ލާރާ ލޯބިވާ މީހަކު ހުންނަކަމެއް އެނގިފައެއް ނެތް. ތީ އަބަދުވެސް މަސައްކަތް ދެކެ ލޯބިވާ މީހެއް." މާހިލް ބުންޏެވެ.
"މިއުޅެނީ ރާއްޖޭގެ ރަށެއްގެ ޕުރިންސިޕަލަކަށް ދާން ފޯމް ހުށަހަޅައިގެން. މާލޭގައި މިހާރު މަސައްކަތް ކުރާހިތެއް ނުވޭ." ވާހަކަ ދައްކަމުން ދިޔަ މައުލޫޢު ބަދަލުކޮށްލިއެވެ.
މާހިލްގެ ދިރިއުޅުމުގައި އެންމެ ކަމެއްފިޔަވާ ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއްނެތެވެ. ކައިވެންޏަށް އަހަރެއް ވީއިރުވެސް ދަރިއަކު ލިބިފައިނުވާތީ އާއިލާގެ މީހުންގެ ޝަކުވާތައް އަޑުއަހަން ޖެހިފައިވުމާއި ލޯބިލޯބި ކުއްޖެއް ލިބުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެކެވެ. ނިޝާވެސް އެކަމާއި ވިސްނާ ފިކުރުކުރާކަން އޭނާއަށް އެނގެއެވެ.
"މާހިލް. އަހަރެންގެ ހުރި މައްސަލައަކުން މާހިލްގެ ދިރިއުޅުމަކީ ފަޅު އެއްޗެއް ކަމުގައި ވެގެން ނުވާނެ. މާހިލް ބޭނުންނަމަ އިތުރު މީހަކާ ކައިވެނިވެސް ކުރެވިދާނެ." މާހިލް ދެރަވެފައި އިންތަން ފެނުމުން ލާރާ ބުންޏެވެ.
"ތިދައްކަނީ ކޮން ބޭކާރު ވާހަކައެއް." މާހިލް ރުޅިއައިސްގެން މޭޒުމަތީ ޖެހިއެވެ. އަދި ކާއެއްޗިހި އަޅާފައިވާ ތަށި ހޫރާލިއެވެ. އޭގައިހުރި ކާއެއްޗިހި މުޅިތަަނަށް ބުރައިގެން ދިޔައެވެ. އަބަދުވެސް ކިޔަމަންތެރި އަދި މަޑުމައިތިރި ނިޝާ ބިރުގަތެވެ. މާހިލް މިހާ ރުޅިއައިސްފައިވާ ތަނެއް ނިޝާއަށް ފެނިފައެއް ނުވެއެވެ. އޭނާއަށް ފާޑެއްގެ ގޮތެއްވެ ބިންމައްޗަށް ވެއްޓިއްޖެއެވެ.
"ކިހިނެއްވީ. ކީއްވެ އަހަރެން ހޮސްޕިޓަލްގައި މިއޮތީ." ނިޝާ މަޑުމަޑުން ބުންޏެވެ.
"މަރުހަބާ ނިޝާ. ނިޝާ އަނބުރައިގަތީ. ޑޮކްޓަރ ބުނީ ނިޝާ މަންމައަކަށް ވަނީކަމަށް." ގާތުގައި އިން މާހިލް ބުންޏެވެ.
އެ ދެމަފިރިންނަށް ލިބުނު މިއުފަލުގައި ދެފަރާތު އާއިލާމީހުންވެސް ވަރަށް އުފާ ކުރިއެވެ. އެމީހުންނަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ހެންނެވެ. ނިޝާއަށް ލޯބިލޯބި އަންހެން ކުއްޖެއް ލިބި މުޅިގެއަށް އުފާވެރިކަން ވެރިވެފައި ވެއެވެ. ނިޝާގެ ހުރިހާ ކަމެއް ކުރަމުންދިޔައިރު އާއިލާ ބެލެހެއްޓުމުގެ ޒިންމާއަކީ އޭނާގެ އުފާ ކަމުގައި ދެކެމުން ދިޔައެވެ. ތުއްތުތުއްތު ޖިޔާން ލިބުމުން އޭނާގެ ހުރިހާ ކަމެއް ޖިޔާންގެ ކަންކަން ބެލެހެއްޓުމުގައި ހޭދަކުރިއެވެ. އެމީހުންގެ ދިރިއުޅުމުގައި ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތެވެ.
"ނިޝާ ފޯނު ނުނަގައިގެން މާހިލް އެބަހުރި ހިތްހަމަ ނުޖެހިފައި. މިހުރީ ޖިޔާންގެ ބަކުން ހަދާ ސާމާނު." ޖިޔާން ފެންވަރުވައިގެން ރީތިކުރަންހުރި ނިޝާއާއި ދިމާއަށް ރޫމީ ބުންޏެވެ. ރޫމީއަކީ މާހިލްގެ ފިހާރައިގެ ކަންތައް ބަލަހައްޓަމުން އަދި ނިޝާއަށްވެސް ބޭނުންވާ ބައެއްކަންކަން ކުރުމަށް އެގެއަށް އަންނަ މުރާލި މުވައްޒަފެކެވެ. އޭނާ ކޮންމެ ކަމެއްވެސް ކުރަނީ ކުރާހިތުންނެވެ.
އާދައިގެ މަތީން މާހިލް އޮފީސް ނިންމާފައި ގެޔަށް އައެވެ. އެހެންޏާ އަބަދުވެސް އޭނާ އަންނާނެ އިރަކަށް އިންތިޒާރު ކުރަމުން ދާ ނިޝާ މިއަދު އޮތީ އޮށޯވެއެވެ.
"މިއުޅެނީ ފާޑެއްގެ އުނދަގުލެއް ވާތީ. ހަމަ ވަރުބަލި ކުރަނީ." ނިޝާ ބުންޏެވެ.
"ނިދި ހަމަނުވަނީ ކަންނޭނގެ. އަރާމު ކޮށްލާ." މާހިލް ބުންޏެވެ.
ނިޝާ ބަލިވީ ކުއްލިއަކަށެވެ. އާދައިގެ މަތީން ހެނދުނު ހޭލައިގެން ފާހާނާއަށް ދިޔަމީހާ ބިންމައްޗަށް ވެއްޓުނީއެވެ. އަނގައިން ބައިވަރު ލޭއައިސް މުޅިމީހާ ތުރުތުރު އަޅަނީއެވެ. ފާޑެއްގެ އަޑަކުން އޭނާ މާހިލަށް ގޮވާލިއެވެ. ދެން ބުނި އެއްޗެއް ނޭނގުނެވެ. ނިޝާ މާލެ ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. ޑޮކްޓަރުން ފާހަގަ ކުރައްވާ ގޮތުގައި ނިޝާގެ އެތެރެހަށީގެ ގުނަވަންތައް ފެއިލްވީއެވެ. ނިޝާ ނެތްކަމުގެ ހިތާމައިގައި މާހިލްގެ ކެއިންބުއިމާއި މަސައްކަތްކުރުމާއި ބޭރަށް ނިކުމެ އުޅުން އެއްކޮށްހެން ހުއްޓުނެވެ. ދެފަރާތުގެ އާއިލާމީހުން އޭނާއަށް ނަސޭހަތްތެރި ވަމުންދާތީ ކޮންމެވެސް ވަރަކަށް އޭނާގެ ކަރުތެރެއިިން އެއްޗެއް ދިރޭވަރުވެއެވެ.
"ބުނަންތަ ވާހަކައެއް މާހިލް. ތީ އަހަރެންދުށް ފިނޑި މާހިލެއް ނޫން." ލާރާ ދޮރުގައި ޓަކިޖަހާލަމުން ބުންޏެވެ.
"ލާރާ ކޮންއިރަކު އައީ." މާހިލް ތެދުވަމުން ބުންޏެވެ. އޭނާ ހުރީ ހައިރާން ވެފައެވެ.
"ހަފްތާއެއްވަނީ. މާހިލް މާލެ ދިޔަދުވަހުގެ ދެ ދުވަސްކުރިން އަހަރެން ހުންނާނީ މިރަށުގައި. ހުރިހާކަމެއްވެސް އެނގޭ. ނަމަވެސް މާހިލްއަށް މާބޮޑަށް އުނދަގޫވެދާނެތީ ނައިސް މަޑުކޮށްލީ." ލާރާ ބުންޏެވެ. އެދެމީހުން އެކުގައި ވަރަށް ގިނައިރު ތިއްބެވެ. މާހިލް ތެދުވެގެން ދިޔައީ ރޫމީ ގުޅާވަރުންނެވެ. ފިހާރައިގައި ކޮންމެހެންވެސް ނިންމަންޖެހޭ އޯޑަރުތަކެއް ހުރުމުންނެވެ.
"މާދަމާ އޯޑަރ ނުދީފިނަމަ ވަރަށްގިނަ އެއްޗިހި ފިހާރައިން ހުސްވާނެ. ރަށުގެ ހުރިހާ ގެސްޓްހައުސްއެއް ވަނީ ފުލްވެފައި. އެއްޗިހި ނުލިބޭ ކަމުގައިވާނަމަ އަބަދުއަންނަމީހުން އެހެން ފިހާރަކަށް މިސްރާބު ބަދަލުކޮށްލަފާނެ." ރޫމީ މަޑުމަޑުން ބުންޏެވެ.
"އާނ. އަހަރެން ނަޔަސް ރޫމީއަށް މިކަން ވާނެއެއްނު." މާހިލް ބުންޏެވެ.
"ދިރިއުޅުން މަތިން އެހާއަވަހަށް ފޫހިވާއެއްޗެއް ނޫން. ރަށުން ކުދިން ހުސްވީކީވެސް ނޫން. ކޮންމެ މީހެއްގެ ހަޔާތްވެސް މަރުވަންދެން ކުރިއަށް ދާނެ. މިހާބޮޑު އޯޑަރެއް އެކަނިދޭން ޖެހިލުންވީ." ރޫމީ ދެއްކީ މާނަފުން ވާހަކަތަކެކެވެ.
"ކީއްވެ އާފަލު އެހާ އަވަހަށް ހުސްވީ. ދިހަ ކޭސް އާފަލު މިވަނީ ހަފްތާއެއްތެރޭ ހުސްވެފައި. އެހެންޏާ ދެހަފްތާވެސް ގިނަވެފަ އޮންނާނީ." މާހިލް ބުންޏެވެ.
"ހީވަނީ އަތޮޅުތެރޭން މީހުން މާގިނައިން ގަތީހެން." ރޫމީ ބުންޏެވެ.
ފިހާރައިގެ މަސައްކަތްތައް ނިންމާލުމަށްފަހު މާހިލް ގެއަށްގޮސް ފެންވަރާލިއެވެ. އޭނާގެ މަންމައާއި ބައްޕަ އޭނާ ނައިސްގެން ނުކައި ހުއްޓެވެ. ކާހިތް ނުވި ކަމުގައިވިޔަސް އޭނާގެ މަންމަމެންގެ އާދޭހުން ކޮންމެވެސް ވަރަކަށް ކެއެވެ. ޖިޔާންގެ ކޮޓަރިއަށްވަދެ ނިދިފައި އޮތް ޖިޔާންގެ ނިތްކުރީގައި ވަސްގަތެވެ. ނިޝާގެ ހަނދާންތަކުން އެވަގުތު އޭނާއަށް ވަރަށް އަސަރުކުރިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. ލޯމަރާލުމަށްފަހު އެނދުގެ އަނެއްފަރާތަށް ފުރޮޅިލީވަގުތު އޭނާގެ އަތުގައި ކަރުދާސް ގަނޑެއް ޖެހުނެވެ. ހޮޅިބުރި ދިއްލާލާ އޭނާ އެކަރުދާސްގަނޑު ކިޔާލިއެވެ.
އެއީ ނިޝާގެ ރިޕޯޓެކެވެ. ނިޝާގެ މެޑިކަލް ރިޕޯޓެކެވެ. އޭގައި ބުނާގޮތުން ނިޝާގެ ހަށިގަނޑަށް ވިހައިގެ އަސަރުކޮށްފައިވަނީ ވަރަށް ބޮޑަށެވެ. އޭގެ ސަބަބުން އޭނާގެ އެތެރެހަށީގެ ބައެއް ގުނަވަންތައް ހަލާކުވެ އަނެއްބައި ގުނަވަންތަކުގެ މަސައްކަތް ހުއްޓުނީއެވެ. އެ ވިހައެއް އައިސްފައިވަނީ އާފަލު އޮށުން ތައްޔާރު ކޮށްފައިވާ ބުއިމަކުންނެވެ. މާހިލް ރިޕޯޓް ހިފައިގެން ބައްޕަ ގާތަށް ދިޔައެވެ. އަދި ރިޕޯޓްގެ ހުރިހާއެއްޗެއް ބައްޕައަށް ކިޔައި ދީފިއެވެ.
"ތިކޮޓަރިއަށް މީހަކު ވަންކަމެއް ނޭނގޭ. ދަރިފުޅު މީހަކު ވެއްދިންތަ؟" ބައްޕަ އެހިއެވެ.
"އިރާކޮޅު ލާރާއައި. އެކަމަކު އޭނާ އެފަދަ ލިއުމެއް ގެނައި ތަނެއް ނުދެކެން. ހީވަނީ މި ރިޕޯޓަކީ ތެދު އެއްޗެއްހެން. އަހަރެން ކަންބޮޑުވެފައި ހުރިވަރުން ނިޝާ އަވަހަށް ވަޅުލާފައި ރަށަށް އައީ. ރިޕޯޓް ނަގަން ހަނދާނެއްވެސް ނެތް. ކޮންމެވެސް އެނގޭ މީހަކު މި ރިޕޯޓް މިއޮތީ ގެނެސްދީފައި. އެކަމަކު ކާކުބާ؟" މާހިިލް ބޮލުގައި ދެއަތުން ހިފެހެއްޓިއެވެ. ދެން ކުއްލިއަކަށް ފޯނު ނެގިއެވެ.
"ރޫމީ. ފިހާރައިން އެހާ އަވަހަށް އާފަލުތައް ހުސްވީ ކާކު ގަނެގެން." މާހިލް ހުރީ ހާސްވެފައެވެ.
"ނޭނގެ. މި ހަަފްތާ ރަށަށް ވަރަށްގިނަ ބީރައްޓެހިން އަރާ. އެހެންވީމާ އެހެން ބުނާކަށް ނޭނގެ." ރޫމީ ބުންޏެވެ.
"ދަރިފުޅާ. ތިވާހަކަ އެއްވެސް މީހެއްގާތު ނުބުނާތި. އަހަރެމެން މަޑުމަޑުން ފާރަލާ ބަލާނީ." ބައްޕަ ވިސްނުންތެރި ކަމާއިއެކު ބުންޏެވެ. (ނުނިމޭ)
