ވިހަ ހަޔާތް (ފަހުބައި)

( އިއްޔެގެ ނޫހާއިގުޅޭ)

މާހިލްއަށް ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. އޭނާއަށް އެ ރިޕޯޓާއިމެދު ވިސްނެނީއެވެ. ނިޝާއަށް ޒަަހަރު ދޭނީ ކާކުބާވައެވެ؟ އޭނާގެ އެހާބޮޑު ދުޝްމަނަކީ ކާކުބާވައެވެ؟ މި ކޮޓަރިއަށް އައިސް މި ރިޕޯޓްލީ ކާކުބާވައެވެ؟ އަނެއްކާ އެއީ ލާރާބާވައެވެ؟ މިކޮޓަރިއަށް އެންމެ ފަހުން ވަނީ ލާރާއެވެ. ނޫނެކެވެ. އޭރު ލާރާ ހުރީ މިރަށުގައެވެ. އޭނާއަށް ރިޕޯޓް ލިބެންޖެހޭ ސަބަބެއް ނެތެވެ.  އަނެއްކާ ނިޝާންކަމަށް ވެދާނެބާވައެވެ؟ ކޮންމެ މީހަކު ކުރިކަމަކަށްވިޔަސް މިއީ ވަރަށް ދަށުދަރަޖައިގެ މުޑުދާރު އަމަލެކެވެ. ނިޝާއަށް އަނިޔާވެރިވީ މީހާ ކޮންމެވެސް ގޮތަކުން އޭނާ ހޯދާނެއެވެ.

މާހިލް ފުންމައިގެން ތެދުވެއްޖެއެވެ. ގަޔަށް ޓީޝާޓު ވައްޓާލާ އޭނާ ކޮޓަރިން ނިކުތެވެ. އަވަސް އަވަހަށް ސައިކަލު ސްޓާޓް ކޮށްލާ އަތިރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. ނިޝާންގެ ގެސްޓް ހައުސް ދޮރުމަތީގައި އޭނާގެ ސައިކަލު ޕާކު ކުރުމަށްފަހު އެތެރެއަށް ވަދެގެން ދިޔައެވެ. އޭރު ނިޝާން އިނީ ރައްޓެހިންނާއެކު ކޮފީއެއްގައެވެ. އޭނާގެ ތުމުގައި އިން ސިނގިރޭޓްގައި މާހިލް ހިފާ އެއްލާލިއެވެ.

"އަންހެނުން މަރުވީމާ މަށަށް ކޮންތުރާލެއް ދައްކާކަށް. ކަލެއަށް ގެންގުޅެން ނޭނގުނީމާ އޭނާ މިދުނިޔެ ދޫކުރީ." ނިޝާން ބުންޏެވެ.

"ކަލޭ އޭނާ މަރާލީ. ބޭނުންނަމަ ރީތިކޮށް ބުނިނަމައެއްނު. ކޮންމެހެން މަރާލަން ޖެހޭތަ؟" މާހިލް ހަޅޭއްލަވައިގަތެވެ.

"ތިކިޔޭ އެއްޗެއް އެނގޭތަ؟ ތުހުމަތު އެޅުވުމަކީ ކަލޭ ކުށްވެރިވާނެކަމެއް. މިތަނުން ރައްކާވޭ." ނިޝާން މާހިލްގެ ގައިގައި ހިފައިގަތެވެ. އެތަނުގައި ތިބި ނިޝާންގެ ރައްޓެހިން އެމީހުން ދުރުނުކުރިނަމަ ކޮންމެވެސް މީހަކަށް އަނިޔާއެއް ލިބުނީހެވެ.

މާހިލް ވިސްނާވިސްނާވެސް ނިޝާއަށް އެފަދަ ބޮޑު އަނިޔާއެއް ދޭނޭ މީހަކު ނޭނގުނެވެ. އޭނާ އެންމެފަހުން އެ މައްސަލަ ފުލުހުންނާވެސް ހިއްސާކުރިއެވެ. ނަމަވެސް ފުލުހުންނަކަށް އެދެވޭ ނަތީޖާއެއް ނެރެވޭތަނެއް ނުފެނުނެވެ. އޭނާ އޮފީހަށް ނުދާތާވެސް ހަފްތާއެއް ވެއްޖެއެވެ. މިކަންކަމާ ވިސްނާވިސްނާ އޭނާގެ ސިކުނޑި ހީވަނީ ގޮވާފާނެހެންނެވެ. މައިންބަފައިންގެ ނަސޭހަތާއިއެކު ހަފްތާއެއް ފަހުން ފިހާރައަށް ދިޔައެވެ. ރޫމީ ފިހާރައިގެ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމުގައި ވަރަށް ހުނަރުވެރިއެވެ.

"ކޮފީއެއް ގެނެސްދެންތަ؟" ރޫމީ ވަރަށް އޯގާވެރި ގޮތަަކަށް ބުންޏެވެ.

"ނޫން. ރޫމީ ވަރަށް ރަނގަޅަށް އަހަރެންގެ މަސައްކަތްތައް ކޮށްްދީފައި އެބަހުރި. އަހަންނަކަށް ރޫމީއަށް ޝުކުރުވެސް އަދާ ނުކުރެވޭ." މާހިލް މަޑުމަޑުން ބުންޏެވެ. އެ އަޑުގައި ވަނީ ހިތާމައިގެ އަސަރުތަކެވެ.

"އެއީ އެވަރުކަމެއް ނޫން. މިއީ އަޅުގަނޑުގެ ވަޒީފާ. މިކަން ކުރުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ކަންކަމާ މާބޮޑަށް ފިކުރު ނުކުރޭ." ރޫމީ މާހިލްއަށް ބަލަން ހުއްޓެވެ.

"ނެތްތަ ރަނގަޅު މޭވާކޮޅެއް." ލާރާ ފިހާރައަށް ވަންނަމުން ބުންޏެވެ.

"އެބަހުރި ވަރަށް ތާޒާ މޭވާ. އިއްޔެގެނައީވެސް. ކޮންއެއްޗެއް ބޭނުމީ." ރޫމީ ބުންޏެވެ.

"އާފަލުކޮޅަކާއި އޮރެންޖް ކޮޅެއް. ބޭނުން ދޮންކެޔޮވެސް. ތަންކޮޅެއް ގިނައިން އާފަލު ބޭނުން." ލާރާ ހުރީ މާހިލްއަށް ބަލަހައްޓައިގެންނެވެ. މާހިލް ލާރާއަށް ބަލާލިއެވެ.

"ޑޮކްޓަރުން ބުނެއެއްނު ދުވާލަކު އާފަލެއްކާނަމަ އެމީހުން ގާތަށް ދާކަށް ނުޖެހޭނެޔޭ." ލާރާ ހިނިތުންވެލިއެވެ. ލާރާ ބޭނުންވާ މޭވާގަނެގެން ނިކުމެގެން ހިނގަައްޖެއެވެ. އޭނާ އެ ހުރިހާ ވާހަކައެއް ދެއްކިއިރު މާހިލް އަނގައިވެސް ނުބުނެއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ފިހާރަ ބަންދުކުރާ ވަގުތު ޖެހުމުން ރޫމީ ފޮނުވާލާފައި މާހިލް މަޑުކުރިއެވެ. އޭނާ ފިހާރައިގެ ބައެއް ލިޔެކިޔުންތައް ބަލަމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ބަންދުކޮށްފައިވާ ސިޓީ އުރައެކެވެ.

އޭނާ އަވަސްއަވަހަށް އެސިޓީ އުރަ ކަނޑާލާ އެތެރެ ބަލާލިއެވެ. އޭގައި ވަނީ ފޮޓޯ ތަކެކެވެ. ޖުމްލަ ފަސްފޮޓޯ ހުރި ސިޓީ އުރައިގާ މުޅިންވެސް ފެންނަނީ އާފަލުތަކެއް ޑަސްބިނަށް އަޅާފައިވާ ތަނެވެ. އެއީ މާހިލްމެންގޭގެ ބަދިގެއެވެ. އެހާގިނަ އާފަލު ޑަސްބިނުގައި ހުރީ ކީއްވެ ހެއްޔެވެ؟ އެއްވެސް އާފަލެއްގައި އޮށެއް ނެތީ ކީއްވެ ހެއްޔެވެ؟ މިއީ ކާކުކުރި ކަމެއްބާވައެވެ؟ މި ފޮޓޯތައް މިތަނަށްލީ ކާކުބާވައެވެ؟ ފުރަތަމަ މެޑިކަލް ރިޕޯޓެވެ. ދެން ފޮޓޯތަކެކެވެ. މި ހެކިތައް އޭނާއާ ހަމައަށް ގެނެސްދެނީ ކާކުބާވައެވެ؟ އެމީހާ އޭނާގެ ކުރިމައްޗަށް އަރާ މިވާހަކަ ކިޔައިނުދެނީ ކީއްވެބާވައެވެ؟

"މިގޭގައި މިހާގިނަ އަދަދަކަށް އާފަލުކޮށާ ޑަސްބިނަށްއެޅީ ކާކު؟" މާހިލް ވާހަކަދެއްކީ މަންމަޔާއި ބައްޕައަށެވެ.

"މަންމައަކަށް ނޭނގޭ. ބަދިގޭގައި އަބަދުވެސް އުޅެނީ ނިޝާ. އެކަމަކު ތިވަރުކަމެއް ކުރާއިރު މަންމައަށް އެނގެންވާނެ ދޯ." މަންމަ ދެރަވެފައި ބުންޏެވެ.

"ނިޝާ މިކަހަލަކަމެއް ނުކުރާނެ. މަށަށް ޔަގީން." މާހިލްއަށް ނިޝާވަރަށް ރަނގަޅަށް އެނގެއެވެ. އޭނާ އަމިއްލައަކަށް ޒަހަރުބޮއިގެން މަރެއް ނުވާނެއެވެ.

އޭނާ އޮތީ ކޮޓަރީގައެވެ. އެނދުގައި އޮވެގެން މާހިލް ވިސްނަމުން ދިޔައެވެ. އޭނާ ތެދުވިއެވެ. އަނެއްކާވެސް ސިނގިރޭޓެއްނަގާ ރޯކޮށްލިއެވެ. އެގޮތަށް ފަހަރަކު ސިނގިރޭޓެއް ހުލިކުރަމުން ދިޔައިރު އޭނާގެ ސިކުނޑީގައި އެނބުރެނީ  އެންމެ ޚިޔާލެކެވެ. ނިޝާގެ ގާތިލު އަތުލައިގަންނާނެ ގޮތާއި މެދުގައެވެ. ނިޝާއަށް އެހާބޮޑު އަނިޔާއެއް ދިން އަނިޔާވެރިޔާ ހޯދޭނެ ގޮތަކާއި މެދުގައެވެ.

"އަނެއްކާ ލާރާބާ؟" އޭނާއަށް ބުނެލެވުނެވެ. ލާރާ އެރަށަށް ބަދަލުވީ ނިޝާ މަރުވިތާ ތިންދުވަސް ކުރިންނެވެ. ނިޝާ މަރުވެގެން ހަފްތާއެއްވީއިރުވެސް އޭނާ މާހިލްއާއި ބައްދަލުކުރާކަށް ނާދެއެވެ. ބައްދަލުކުރަން ގެއަށް އައިރޭ ނިޝާގެ މެޑިކަލް ރިޕޯޓް އެކޮޓަރީގައި އޮތެވެ. މިރޭ ފިހާރައަށް އައީ މޭވާ ގަންނާށެވެ. އޭނާ ބައިވަރު އާފަލު ގަނެފިއެވެ. ފިހާރައިގަައި ހުރި ފޮޓޯތައް ފެނުނީ އޭނާ ދިޔަފަހުންނެވެ. އޭނާއަކީ ކިޔަވައިގެންހުރި ހުށިޔާރު ކުއްޖެކެވެ. އެފަދަ މޮޅުކަމެއް ކުރެވޭނީ ލާރާއަށެވެ. މިރަށުގައި އެފަދަކަމެއް ކުރެވޭނެ ގާބިލު މީހަކު ނެތެވެ.

"އެކަމަކު އޭނާ އެކަން ކޮށްފައި ރިޕޯޓާއި ފޮޓޯ ލިބޭގޮތް ހަދަނީ ކީއްވެބާ؟. އަނެއްކާ މަށަށް އިންޒާރު ދެނީބާ؟ ހުރިހާއެއްޗެއް އެނގުމުން އަހަރެން މަރާލަން ވިސްނަނީބާ؟ އެކަމަކު ކީއްވެ؟" މާހިލް އިށީނެވެ. ކުއްލިއަކަށް އޭނާގެ ވަޓްސްއަޕަށް މެސެޖެއް އައެވެ. ނުދަންނަ ނަންބަރަކުން ފޮނުވި ފޮޓޯގަނޑުގައި ވަނީ އާފަލު އޮށުން ޒަހަރު ތައްޔާރުކުރާނެ ގޮތް ސާރޗް ކޮށްފައިވާ ގޫގަލް އެކައުންޓެއްގެ ސްކްރީން ޝޮޓްތަކެވެ. އެކަމަކު އޭގައި ސާޗްކުރި މީހެއް އެނގޭކަށް ނެތެވެ. އެކައުންޓްގެ ނަން ވަނީ ކުލަޖައްސާ ނޭނގޭ ގޮތަށް ހަދާފައެވެ.

މާހިލް ތެދުވެ ކޮޓަރިން ނިކުތެވެ. ދުވެފައި ކަހަލަ ގޮތަކަށް ލާރާގެ ގެއަށް ދިޔައެވެ. ދޮރުހުރީ ތަޅުނުލައެވެ. އޭނާއަށް ވަރަށް ފަސޭހައިން އެގެއަށް ވަދެވުނެވެ. މުޅިތަނަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ނިދާބޮކީގެ މަޑުއަލިކަން ފެތުރިފައިވާ ސިޓިންރޫމުގެ ތެރޭންލާފައި ލާރާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. އެ ކޮޓަރި ދޮރުހުރީ ހުޅުވާފައެވެ. ކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. މުޅިތަނުގައިވަނީ ކަނު އަނދިރިކަމެވެ. މާހިލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް އިވުނު ބާރު އަޑަކުންނެވެ. ބިންމައްޗަށް ތައްޓެއް ވެއްޓި ތަޅައިގެން ދާކަހަލަ އަޑަކުންނެވެ. އޭނާ ދުވެފައި އަޑުއައި ދިމާ ކަމަށްވާ ބަދިގެއަށް ދިޔައެވެ.

"ލާރާ. މި ދަންވަރު ކީއްކުރަނީ." މާހިލް ޝައްކުގެ ނަޒަރަކުުން ބަލަމުން ބުންޏެވެ. އޭރު ލާރާ އިނީ ބިންމަތީގައި ހުރި ފުޅިތޮށިތައް ނަގާށެވެ.

"ތި ސުވާލު މަށެއްނު ކުރަންވީ. މާހިލް މި ދަންވަރު އަހަރެންގެ ގެއަށް ތި އައީ ކީއްވެ؟" ލާރާވެސް ކުރީ ސުވާލެކެވެ.

މާހިލް މުޅިބަދިގެ ތެރެއަށް ވަށައިގެން ބަލާލިއެވެ. ކޮށާފައިހުރި އާފަލުތަކެއް މޭޒުމަތީ ހުއްޓެވެ. ކޮންމެ އާފަލަކުން އޮށް ނަގާ އޮށްތައް ވަކި ކޮށްފައި ހުއްޓެވެ. ކައިރީގައި މިކްސަރެއް ހުއްޓެވެ. އެގެއަށް އައުމުގެ ކުރީން މާހިލް ފުލުހުންނަށް ގުޅާފައިވާތީ ފުލުހުންއައިސް ވަނީ އެވަގުތެވެ.

"ލާރާތަ؟ ކީއްވެ ލާރާ އެކަންކުރީ. ލާރާއަށް ނިޝާދިނީ ކޮން އަނިޔާއެއް." މާހިލްގެ އަޑު ތުރުތުރުއަޅައެވެ. އޭނާއަށް ކޮށްފައިވާ އަސަރަކުން ވާހަކަ ދައްކަންވެސް އުނދަގޫ ވެފައިވެއެވެ.

"މާހިލް ތިހެން ހީކުރަން ހެޔޮވެސް ނުވާނެ. މާހިލްދެކެ ހަގީގީ ލޯބިވި މީހަކީ އަހަރެން." ލާރާ އެހެން ބުނިއިރު ފުލުހުން އޭނާގެ އަތުގައި ބިޑި އަޅުވައިފިއެވެ.

"މާހިލް. މާހިލްގެ ކޮޓަރީގައި މެޑިކަލް ރިޕޯޓް ބޭއްވީ އަހަރެން. ފިހާރައިގާ ފޮޓޯތައްވެސް ބެހެއްޓީ އަހަރެން. މިރޭ މާހިލް ފިހާރައިގައި އިންދާ އާފަލުގަންނަން ދިޔައީވެސް މާހިލްއަށް އެއްޗެއް ވިސްނޭތޯ. މާހިލް ހީކުރީ އަހަރެންމީ މާހިލްއަށް އަނިޔާވެރި ވާނެ މީހެއްކަމަށްތަ؟ ނިޝާ ވަޅުލާފައި މާހިލް އެ ހިސާބުން ކަންކަން ނިންމާލިޔަސް އަހަރެން މި ދިޔައީ ރަނގަޅަށް ބަލަމުން. މާހިލް ކޮންމެ ތަނެއްގައި ހުއްޓަސް އަހަރެންދިޔައީ މާހިލްއަށްޓަކައި ފާރަވެރިވަމުން. ތީ މިދުނިޔޭގައި އަހަރެންގެ ހުރި ހަމައެކަނި މީހާ." ލާރާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ.

"ތީ ލޯތްބެއް ނޫން. ތީ މޮޔަވުން. ތިކަހަލަ ލޯބި އަހަރެން ބޭނުމެއް ނޫން. ކުށެއްނެތް އަންހެނެއް މަރާލާފައި ލޯތްބޭ ބުނަންވީތަ؟ އެކުޑަކުޑަ މައުސޫމް އަންހެން ދަރިފުޅު ޔަތީމު ކޮށްފައި ލޯބި ދެވޭނެތަ؟" މާހިލް ހަޅޭއްލަވައިގަތެވެ. ފުލުހުން ލާރާ ގެންދިއުމަށްޓަކައި ގެއިން ބޭރަށް ނިކުތެވެ.

"މާހިލް. މާހިލްގެ ފޯނު ބަލާބަލަ. ވަޓްސްއަޕް ގައި އިން ފޮޓޯ ބަލާބަލަ. އާފަލުން ޒަހަރު ހަދާނެގޮތް ސާޗް ކޮށްފައިވަނީ ކާކުގެ އެކައުންޓަކުންތޯ ބަލާބަލަ. ތި ފިހާރައިން އެހާގިނަ އާފަލު ގަތީ ކާކުތޯ ބަލާބަލަ. ތިގޭ ޑަސްބިނަށް އާފަލުތައް އެޅީ ކާކުތޯ ބަލާބަލަ. ތިގޭ ބަދިގެއަށް އެހާފަސޭހައިން ވަދެވެނީ ކާކަށްތޯވެސް ބަލާބަލަ. ނިޝާއަށް ޝައްކަކާނުލާ އެއްޗެއް ބޯން ކެރޭނީ ކާކުދޭ އެއްޗެއްތޯ ބަލާބަލަ؟ އަހަރެން ބަންދުކޮށްގެން މިކަން ނުއެއް ނިމޭނެ. އަސްލު ގާތިލް އަދި ހުރީ މިނިވަންކޮށް." ލާރާ ގޮވަމުން ދިޔައެވެ.

ފުލުހުންގެ އެހީތެރިކަމާއި އެކު ލާރާ އެކިޔައިދިން ހުރިހާކަމެއް މާހިލް ތަހުގީގު ކުރިއެވެ. އެހާގިނަ އާފަލު ގަނެގެން ދިޔައީ ރޫމީ ކަމުގައި އެފިހާރައިގައި އުޅޭ ބަނގްލަދޭޝް މަސައްކަތު މީހާ ބުންޏެވެ. އޭގެ ހެއްކަކަށް ފުދެނީ ރޫމީ އެކައުންޓުން އާފަލުގަތުމަށްޓަކައި ޓްރާންސްފަރ ކުރި ފައިސާގެ ސްޓޭޓްމަންޓެވެ. ފިހާރައިން ދީފައިވާ ބިލާއި ނިޝާ މަރުވި ދުވަހުގެ ކުރީރޭގެ ތާރީޚެވެ. ގޫގަލްގައި އާފަލު އޮށުން ވިހަ ހަދާނެގޮތް ސާރޗް ކޮށްފައިވަނީ ރޫމީގެ އެކައުންޓުންނެވެ. އެ އެކައުންޓުގެ ޕާސްވޯޑް ލާރާހޯދީ ރޫމީގެ ކޮއްކޮއެއް ލައްވައެވެ. އެއީ ލާރާ މާލޭގައިވެސް ކިޔަވައިދީފައިވާ އޭނާގެ ވަރަށްގާތް ކުއްޖެކެވެ. ރޫމީގެ ކަންކަން ހުންނަގޮތް ކިޔައިދިނީ އޭނާގެ ކޮއްކޮއެވެ. ރޫމީގެ ކޮއްކޮއަށް ރޫމީގެ އާދަޔާ ޚިލާފު މިޒާޖު ފެންނާތީ ލާރާއަށް ކިޔައިދީފައި ވާތީ ލާރާ ދިޔައީ ފާރަލަމުންނެވެ.

"ކީއްވެ ރޫމީ އެކަންކުރީ." މާހިލް ސުވާލުކުރިއިރު ލާރާއާއި ފުލުހުންވެސް ތިއްބެވެ.

"އަހަރެން މާހިލަށްޓަކައި ނުކުރަނީ ކޮންކަމެއް. ފިހާރަ ބަލަހައްޓައިދިނީ އަމިއްލަ ކަމެއްގެ ގޮތުގައި. އަހަރެން އެވަރަށް ހިތްވަރު ނުކުރިނަމަ ކަލޭ ތިފެންވަރަކަށް ތަނަވަހެއް ނުވާނެ. އެކަމަކު ކަލޭގޮސް އިނީ އެ ނިޝާއާއި. އޭނާ ކަލެއަށް ކޮށްދިނީ ކޮންކަމެއް. އޭނާ ލޯބިވަނީ ނިޝާންދެކެ. އޭނާ ކަލެއާއި ކައިވެނިކުރީ މައިންބަފައިން ހިތުގައި ނުޖައްސަން. މަށަކަށްނު އެނގޭނީ އޭނާ ނިޝާނަށް ގުޅާވަރު. މަވިއްޔަ ދަނީ ކަލޭ ފޮނުވައިގެން ނިޝާއަށް ތަފާތު ކާއެއްޗިހި ހިފައިގެން. ބޭވަފާތެރިއަކަށްޓަކައި ކަލޭ އަހަރެންލައްވާ ޚިދުމަތްކުރަން މަޖުބޫރު ކުރުވީ. އަހަރެން ކަލޭދެކެ އިންތިހާއަށް ލޯބިވާއިރު ކަލޭޖެއްސީ ކަލެއަށްވެސް އަނިޔާވެރިވާ ނިޝާއަށް ޚިދުމަތްކުރަން. އޭނާއަށް ދިރިއުޅުމުގެ ހައްޤެއް ލިބިގެން ނުވޭ." ރޫމީ ކިޔަމުން ދިޔައެވެ.

"ރޫމީ ކިހިނެއް ނިޝާ މަރާލީ." ފުލުހުން އެހިއެވެ.

"އަހަރެން ދަސްކުރީ އިންޓަނެޓުން މައުލޫމާތު ހޯދައިގެން. އާފަލު އޮށުން ހަދާ ވިހައިން އިންސާނުން ސަލާމަތްވުމަކީ ނާދިރުކަމެއް. އެއީ އެކަންކުރިކަން މީހުންނަށް ނޭނގޭނެހެން ތައްޔާރު ކުރެވިދާނެ ނަތީޖާ ރަނގަޅު އެއްޗެއް. އަހަރެން އާފަލު ގެނެސް އެރޭ ހުރިހާ އޮށެއް ނެގީ. ދެން މިކުސަރުން މުގުރާފައި އިންޓަނެޓްގައި ބުނާގޮތަށް ތައްޔާރުކުރީ. މާހިލް އަހަރެން ފޮނުވީ އޭނާގެ ދަރިފުޅުގެ ބަކުން ހިފައިގެން ގޮސް ނިޝާއާ ހަވާލުކުރުމަށް. އާފަލުތައް އެގޭ ޑަސްބިނަށް އެޅީ އޭރު. އަހަރެން ނިޝާއަށް ކޮފީ ހަދައިގެން އައިއިރު އޭނާ ހުރީ ނިޝާނަށް ގުޅައިގެން. އޭނާ މާބޮޑު ކަމަކަށް ނުހަދާ އަހަރެން ދިން ކޮފީ ބުއީ." ރޫމީ ބުންޏެވެ.

"ލާރާ. އަހަރެންނަށް މާފުކުރޭ. ލާރާ އެހީނުވިނަމަ އަހަރެންނަށް މިކަންކަމެއް ނޭނގުނީސް. " މާހިލް ލާރާގެ އަތުގައި ހިފިއެވެ.

"ލޯބި ވުމަކީ ގަދަބާރުން ލޯބިވެރިޔާ ހޯދުމެއް ނޫން. ލޯތްބަކީ ލޯބިވާ މީހާ އުފަލުގައި ބަހައްޓަން އޭނާއަށް ޚިދުމަތް ކޮށްދިނުން. މެލޭޝިޔާގައި ހުރެފައިވެސް، މާލޭގައި ހުރެފައިވެސް އަދި މިރަށަށް އަހަރެން ބަދަލުވީވެސް މާހިލްއަށް ޚިދުމަތް ކުރަން." ލާރާ މަޑުމަޑުން ބުންޏެވެ. (ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *