ކުޅިވަރު އެކުވެނީގެ ހުރިހާ ދަނޑުތަކެއް ގައިވެސް އެކި އުމުރުފުރައިގެ ދެ ޖިންސުގެ ކުދިން ކުޅެނީއެވެ. ގަދަ އަލިތަކުން މުޅި ދަނޑުތައް ދިއްލާލާފައި ވާއިރު މާލޭގެ މި ހަލަބޮލި ދަނޑުގައި ސްކޫލު ކުދިންވެސް އެކިއެކި މުބާރާތް ތަކަށް ފަރިތަ ކުރުމަށް ކުޅެމުން ދެއެވެ. ބާރު ދުވެލީގައި ދުއްވަމުން ދިޔަ ނޫމާ އިރުއިރުކޮޅާ އަތުގައި އޮތް ގަޑިއަށް ބަލާލައެވެ.
"މިހާރުވެސް މާލަސް ވެއްޖެ" ނޫމާއަށް ބުނެލެވުނެވެ.
އަވަސް އަވަހަށް ސައިކަލު ޕާކުކޮށްފައި ސައިކަލުގައި އަޅުވާފައި އޮތް ދަބަސް ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ނޫމާއަށް ދަނޑަށް ވަދެވުނުއިރު ހުރިހާ ޓީޗަރުންނާއި ކުދިން ތިބީ ހޭންޑްބޯލް ކުޅެން ނުފެށިފައެވެ. ނޫމާއަކީ ބިޒްނަސް އެންޑް އެކައުންޓިންއިން ޑިގްރީ ހަދާފައިވާ ކަލާފާނު ސްކޫލުގެ ޓީޗަރެއްގެ އިތުރުން ހޭންޑްބޯލް ކޯޗިން ހަދާފައިވާ ކުޅުންތެރިއެއްވެސް މެއެވެ. މުދައްރިސްކަމުގެ ދާއިރާއިން މަތީ ތަޢުލީމްހާސިލް ކުރިކަމުގައި ވީނަމަވެސް އޭނާ ކުރިއަށް ދާން ބޭނުންވީ ރޮނގަކީ ފެހުމާއި ޑިޒައިން ކުރުމުގެ ދާއިރާއިންނެވެ. ނަމަވެސް ބައްޕަ ނިޔާވުމާއި ގުޅިގެން އަމިއްލައަށް ކިޔެވުމުގެ ޒިންމާ ހަވާލުވާން ޖެހުމުން ޚަރަދުކުޑަ އަދި ފަސޭހަ ގޮތަކީ ގައުމީ ޔުނިވަރސިޓީއިން މުދައްރިސް ކަމުގެ ކޯސް ފުރިހަމަ ކުރުން ކަމުގައިވާތީ ހިތުގައި ކަނޑައެޅި ހުވަފެން ފަހަށް މަޑު ޖައްސާލީއެވެ. އޭނާއަކީ ފެހުމާއި ޑިޒައިން ކުރުމަށް ވަރަށް ފަރިތަ އެކަމުން އިތުރު އާމްދަނީ ހޯދާ ހުނަރުވެރި ޒުވާނެކެވެ.
މެޗުގެ ދެވަނަހާފުގައި އޭނާއަށް ފާހަގަ ވަމުން ދިޔައީ ޖެހިގެން ހުރި ދަނޑުގައި ފުޓުބޯޅަ ކުޅެން ހުރި ޒުވާނަކު އާދަޔާ ޚިލާފަށް އޭނާއަށް ބަލާކަމެވެ. އެއީ އިސްކޮޅުން ދިގު ރީތި ފިރިހެނެކެވެ. ޕްރެކްޓިސް ނިންމާފައި ގެއަށް ދިޔަ މަގުމަތީގައިވެސް އެ ޒުވާނާ އޭނާގެ ފަހަތުން އަންނަކަން ފާހަގަ ވިއެވެ.
"ނަންބަރު ދީފާނަންތަ." ގެއަށް ވަންނަނިކޮށް އެޒުވާނާ އެހިއެވެ. ނޫމާ އެއްޗެއް ނުބުނެ ގެއަށް ވަނެވެ.
ނޫމާ އުޅެމުން ދަނީ ގެއަކަށް ތިންހާސް ރުފިޔާ ދައްކައިގެންނެވެ. އޭނާއާއިއެކު އެކޮޓަރީގައި އިތުރު ދެކުދިން ހަމަ އެގޮތަށް ކުއްޔަށް ދިރިއުޅެމުން ދެއެވެ. އޭނާއަށް ލިބޭ މުސާރައިން ރަށުގައި ހުރި ކޮއްކޮއާއި އަދި މަންމައަށް ޚަރަދު ކުރެއެވެ. ނޫމާ ދަބަހާއިއެކު އަޅާފައިވާ ބުރުގާވެސް ނަގާ އެނދުމައްޗަށް އެއްލާލާލިއެވެ. ފެންވަރުމަށްފަހު އެނދުގައި އޮށޯވެލާ ފޯނު ބަލާލިއެވެ.
"އަހުމަދު ފާތިހު. މީ ދަނޑުން އަހަރެންނަށް ފާރަަލަމުން މިގެއާއި ހިސާބަށްވެސް އައި ކުއްޖާ." އޭނާގެ ފޭސްބުކަށް އައިސްފައިވާ ރިކުއެސްޓްގެ ވާހަކަ ކޮޓަރީގައި ތިބި ކުދިންގާތު ބުންޏެވެ.
"ދައްކަބަލަ. ތީ އަހަރެން ރަށު ކުއްޖެއް." ކޮޓަރީގައި އުޅޭ އެހެން ކުއްޖަކު ނޫމާގެ ފޯނު ބަލާލާފައި ބުންޏެވެ.
"އެހެންދޯ. ހުތުރެއް ނޫން. ވަރަށް ސަޅިހަމަ."
"އާނ. ވިލާ ކޮލެޖްގައި ކިޔަވައިދޭން އުޅެނީ. ވަރަށް މޮޅުވާނެ ފުޓުބޯޅަ ކުޅެން. ރަށުގެ ގިނަކުދިންހެން އޭނާއަށް ކެޓިފަ ހުންނާނީ." އޭނާ ބުންޏެވެ. އެކުދިން އެކުވެރިކަމުން ހީވާނީ އާއިލާގެ ބައެއް ހެންނެވެ.
ނޫމާ ލޯގަނޑު ކުރިމައްޗަށް އެރިއެވެ. އޭނާގެ ބުޅި ދިގު އިސްތަށިގަނޑުގައި ފުނާއަޅާ ބޯ އޮމާން ކޮށްލިއެވެ. އޭނާ އަކީ އިސްކޮޅުން ދިގު އާދައިގެ ދިވެހި ކުދިން ފަދައިން އޮޅަލި ކުލައެއް ލިބިފައިވާ ރީތި ކުއްޖެކެވެ. ހަރުދަނާ ދިރިއުޅުމަކަށްޓަކައި ފޮނި އުންމީދުކުރާ މުރާލި ކުއްޖެކެވެ. ކޮންމެވެސް ދުވަހަކުން ފެހުމާއި ޑިޒައިން ކުރާނެ އަމިއްލަ ވިޔަފާރިއެއް ކުރުމުގެ ހުވަފެންތައް ދެކޭ ޒުވާނެކެވެ.
ކުޅިވަރު އެކުވެނިން ދިމާވި ނޫމާއާއި ފާތިހުގެ ގުޅުން ފޭސްބުކް މެދުވެރިވެ އެގުޅުން ގާތް ރަހްމަތްތެރިކަމަށް ބަދަލުވިއެވެ. ދެމީހުންނަކީވެސް ޓީޗަރުން ކަމަށްވާތީއާއި ކުޅިވަރުގައި ހަރަކާތްތެރިވާ ބަޔަކަށްވާތީ ދެމީހުންެގެ ޚިޔާލު ގިނަ ކަންތައްތަކުގައި ނުހަނު އެއްގޮތެވެ.
"އަހަރެން ބޭނުން ކޮންމެވެސް ދުވަހަކުން ޕާޓީ ހެދުން ޑިޒައިންކުރާ ކޯހެއް ހަދަން." އެއްދުވަހަކު ހެނދުނުގެ ސައިބޯން ރެސްޓޯރެންޓެއްގައި ތިބެފައި ނޫމާ ބުންޏެވެ. ކިޔަވައި ދިނުމުގެ ގަޑިތައް ހުންނަ ގޮތުން ހަފްތާގެ ދެދުވަސް އެމީހުން ސައިބޮނީ އެކުގައެވެ.
"ތީ ވަރަށް ސަޅި ވިސްނުމެއް. ލަންކާގައި ވަރަށް އަގުހެޔޮކޮށް އެކަހަލަ ކޯސްތައް ހުރޭ." ފާތިހު ބުންޏެވެ.
"އަހަރެން ބޭނުން ނޫމާއާއި ކައިވެނި ކުރަން. ދެމީހުންނަށް ލިބޭ މުސާރައިން އެޕާޓްމަންޓެއް ކުއްޔަށް ނަގާ ރަނގަޅު ދިރިއުޅުމެއް އުޅެވިދާނެ." ފާތިހު ވަރަށް ގިނަދުވަހު ހިތުގައި އަޅައިގެން އުޅުނު ވާހަކަ ބުންޏެވެ. މިކަމާ ނޫމާ ލޮލުން ބޮލުން ރުހި ގަބޫލުވިއެވެ. ފާތިހުގެ ފުރަތަމަ ފެނިލުމުންވެސް އޭނާގެ ހިތް ފާތިހުއަށް ވަގުފު ކުރިއެވެ. ލޯބީގައި އިސްނަގަންވާނީ ފިރިހެން ކުއްޖާކަމަށް ނޫމާ ގަބޫލު ކުރާތީ އޭނާ މިދުވަސް އަންނަންދެން ކެތްތެރިވީއެވެ.
އެމީހުންގެ ދެ އަހަރުވީ ރަހްމަތްތެރިކަން ކައިވެނީގެ ގޮށަކުން ގުޅާލެވި ދެމީހުންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އެކުގައި ބުރަ މަސައްކަތް ކުރަމުން ދިޔައެވެ. ވަޒީފާއިން ލިބޭ ފައިސާގެ އިތުރުން ފަހައިގެން މާގިނަ ފައިސާ ނޫމާ ހޯދައެވެ. ކައިވެންޏަށް އެއް އަހަރު ވީއިރު އެމީހުންނަށް ލޯބި ލޯބި އަންހެން ކުއްޖެއް ލިބިއްޖެއެވެ. ކުއްޖާ ބަލަން ދުވަސްކޮޅަކަށް މަންމަ ގެނައި ކަމުގައި ވިޔަސް އޭނާއަކަށް ފަހާކަށް ވަގުތެއް ނުލިބެއެވެ. ދިރިއުޅުމަށް ކުރާ ޚަރަދު އިތުވެ ފަހައިގެން ލިބެމުން ދިޔަ ފައިސާ ނުލިބޭން ފެށުމުން އޭނާއަށް ދަތިވާން ފެށިއެވެ.
"ދީބަލަ ދެހާސް ރުފިޔާ. ސައިކަލުގެ އަހަރީ ފީ ދައްކަން ޖެހޭ." ފާތިހު ކުޅެން ދާންއުޅެނިކޮށް ނޫމާ ބުންޏެވެ.
"މުސާރަ އެއްކޮށްހެން ހުސްވެއްޖެ. ނޫމާ އަލުން ފަހަން ފަށަންވީނު." އަސަރެއްނެތް ގޮތަކަށް ފާތިހު ބުންޏެވެ.
"ނުފަހާތާ ދުވަސްގަނޑެއް ދިޔައީމަ ފަހާފޮށި ހުރީ ހަލާކުވެފައި." ނޫމާ ވަރަށް ދެރަވެފައި ބުންޏެވެ.
"މަންމަ ގަނެދީފާނަން ފަހާ ތަންތާ މިގެންގުޅޭ ކަހަލަ ފަހާފޮށްޓަކައި ގޮތް ހަދާ ފޮށްޓެއް. ބޮޑުބޭބެ ލަންކާއިން އަންނައިރު އެ ގެނެވޭނެ ގޮތެއް ދަރިފުޅުމެން ހޯދާ. ރަށުގައި އުޅުނުއިރު މަދުފަޅައި ވިއްކައިގެންނާއި ފަންގި ވިދެގެން މަންމަ ހޯދި ފައިސާކޮޅެއް ހުންނާނެ." މަންމައަށް ނޫމާ އުޅޭ ހާލު ފެނުމުން ވަރަށް އަސަރު ކުރެއެވެ.
"އެކަމަކު މަންމަ އެހާވަރުން ކުރި މަސައްކަތުގައި އަހަރެން ޖެހޭ ހިތެއްނުވޭ. މިއުޅެނީ މަންމަމެންނަށް އަހަރެމެން ފަރާތުން ކަމެއް ކޮށްނުދެވިގެން." ނޫމާ ވަރަށް ދެރަވިއެވެ.
"ދެން މަންމަ ހެޔޮހިތުން ދޭން ހުރިއްޔާ ކޮބައިތަ މައްސަލައަކީ" ފާތިހު ބުންޏެވެ.
ނޫމާ ފަހަން ބޭނުންވާ ސާމާނު ހޯދިއެވެ. ގޭގެ ސިޓިންރޫމު ހީވަނީ ކުޑަވަރެއްގެ ފަހާތަނެއް ހެންނެވެ. އޭނާގެ ފެހުންތައް ރީތިވެފައި ފުރިހަމައެވެ. ސްކޫލުތަކުންނާއި އޮފީސްތަކުން އޭނާއަށް ޔުނީފޯމާއި ކޮންސެޓް ހެދުންތައް ފަހަން ލިބެއެވެ. އޭނާއަށް އަތްގާތް ކޮށްދޭން މީހަކު ހުރިނަމަ ހެޔޮވަރުގެ ފައިދާއެއް ލިބޭނެކަމަށް މަންމަ އަބަދުވެސް ބުނެއެވެ. ނަމަވެސް އިތުރު މީހަކު ހޯދުމާއި އޭނާ ބެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުމަކީ އިތުރު ޚަރަދުތައް ހިނގާނެ ކަމަށްވާތީ ފާތިހު އަބަދުވެސް އެކަމާއި ދެކޮޅު ހަދައެވެ. ނޫމާ ނުނިދާ ހުރެ އޭނާ ނަގާ އޯޑަރުތައް ނިންމާ ކަސްޓަމަރުންގެ އިތުބާރު ހޯދައެވެ.
"ދަރިފުޅާ. ގޭތެރޭގެ ގިނަ ޚަރަދުތައް ތިކުރަނީ ދަރިފުޅު. ފާތިހުއަށް ލިބޭ މުސާރައަށް ހަދަނީ ކިހިނެއް؟" އެއްދުވަހަކު މަންމަ އެހިއެވެ.
"އޭނާވެސް ޚަރަދުކުރޭ. ކުލިދައްކަންވެސް އެހީވޭނު." ނޫމާ މަންމަ ކުރިމަތީގައި ފިރިމީހާ އަގު ހިފަހައްޓަން ބޭނުންވިއެވެ.
"މަންމާ. މާލޭގައި ދިރިއުޅުމަކީ ވަރަށް އުނދަގޫ ކަމެއް. މަންމަމެންނަކަށް މިކަމެއް ނޭނގޭނެ. ކުޑަމީހާއަށް މިހާރު އެހުރީ އެއް އަހަރުވެފައި. ދެން ނޫމާއަށް އެ މަންޖެ ބެލޭނެ. އަހަރެންވެސް ވަގުތު ހުސްކުރާނަން. މަންމަ ދެން ރަށަށް ދާންވީނު." އެތެރެއަށް ވަދެގެން އައި ފާތިހުއަށް އެ ދެމައިންގެ ވާހަކަ އަޑުއިވުމުން ނުރުހުންވިއެވެ.
ފާތިހު ނޫމާއާއި އިނދެގެން އުޅެނީ ލޯބިން ނޫންކަމާއި ދިރިއުޅެލަން ފަސޭހައަށްކަން މަންމައަށް އިހުސާސްވެއެވެ. ނޫމާއަށްޓަކައި ފާތިހު ކުރާކަމެއް ނެތެވެ. ދަރިފުޅު ލިބުމުން ހުރިހާ ގުރުބާނެއްވީ ނޫމާއެވެ. ކިޔަވައިދީފައި މެންދުރުފަހު ނިދާފައި ރޭގަނޑު ކުޅެފައި ރަހުމަތްތެރިންނާއިއެކު ކޮފީއެއް ބޯލުމުން ފާތިހުގެ ހުރިހާ ކަމެއް ނިމުނީއެވެ. ނޫމާއަށް ހަދިޔާއެއް ދިނުމާއި އެއްޗެއް ކާންދޭން ބޭރަށް ގެންދިއުމާއި ބުރެއްޖަހާލަން ދާތަނެއްވެސް މަންމައެއް ނުދެކެއެވެ. އެހެނެކޭ ކިޔާފައި ނޫމާ އެ ކުރާ މަސައްކަތުގައި އެހީތެރިކަމެއްވެސް ދޭތަނެއްވެސް ނުފެނެއެވެ. މިހުރިހާ ކަމެއް ފެންނާތީ ނޫމާގެ މަންމަ ވަރަށް ދެރަވެއެވެ. އެންމެފަހުން ހިތާދެކޮޅަށް މަންމަ ރަށަށް ދިޔައެވެ.
"ނޫމާ. އަހަރެން މިއުޅެނީ މާސްޓާސް ހަދަން. އޭރުން މުސާރައިގެ ކުރިއެރުން ލިބޭނެ. ދެ އަހަރުން މާސްޓާސް ނިމޭނެ. އޭގެ ފަހުގައި ނޫމާ ފެޝަން ޑިޒައިން ހަދަން ލަންކާއަށް ފޮނުވަދޭނަން. އޭރުން ހުންނާނީ ބޭބީވެސް ބޮޑުވެފައި." އެއްރޭ ނިދަން އޮވެފައި ފާތިހު ބުންޏެވެ.
"ކޮންތާކުން މާސްޓާސް ހަދަނީ. އެކަމަށް ވަރަށް ފައިސާ ބޭނުންވާނެއެއްނު." ނޫމާ ބުންޏެވެ.
"ކެތްކޮށްލަން ޖެހޭނީ އެންމެ ދެ އަހަރު. އަހަރެންނަށް އެހީވެދީ." ފާތިހު ބުންޏެވެ.
ނޫމާގެ މަސައްކަތް އިތުރުކުރިއެވެ. ކުޑަ ދަރިފުޅު ބަލަމުން ފެހުމުގެ މަސައްކަތުގައި އޭނާ އެތަށް ވަގުތެއް ހޭދަކުރެއެވެ. ވަޒީފާއަށް ދަމުން ގޭތެރޭގެ ހުރިހާ ކަމެއްގައި އޭނާ އުޅެން ޖެހިފައިވުމުން އޭނާގެ ހަށިގަނޑަކަށް އަޅާލާނެ ވަގުތެއް ނުލިބެއެވެ. ނިދި މަދުވުމުގެ ސަބަބުން ބައެއްފަހަރު ކުލާހުގައި ނިދޭ ފަހަރުވެސް އާދެއެވެ. ނަމަވެސް އޭނާ ހިތްވަރު ކުރަން އޮތީ ދެން އެންމެ އަހަރެކެވެ. ލިބޭ ހުރިހާ ފައިސާ އަތުން ޚަރަދު ވެގެން ދާއިރު އޭނާއަށް ލިބޭ ވަކި މޮޅު އެއްޗެއްވެސް ނެތެވެ. ފާތިހުގެ ނަސީބު ރަނގަޅު ވާހަކައާއި ނޫމާ ކަހަލަ އަނތްބެއް ފާތިހުއަށް ނުލިބޭނެ ކަމަށް އޭނާގާތު ފާތިހުގެ ރަހުމަތްތެރިން ބުނެލާ ބަސްބަހުން އޭނާ ހިތްހަމަ ޖައްސާލައިގެން ހުންނަނީއެވެ.
"ކުލާހުން އެންމެ ރަނގަޅަށް ފާސްވީ އަހަރެން. ޝުކުރިއްޔާ ނޫމާ." ފާތިހު މާސްޓަސް ނިންމި ދުވަހު ބުންޏެވެ.
"ރަނގަޅުތާ. ދެން އޮތީ އަހަރެން ޑިޒައިން ކުރާ ކޯހެއްގައި ބައިވެރިވުންތާ ދޯ." ނޫމާ ފާތިހުއަށް އޭނާ ވެފައިވާ ވައުދު ހަނދާން ކޮށްދިނެވެ.
"އާން. ހަނދާން އެބަހުރި. އަހަންނަށް ފެންނަނީ މާލެ ކައިރި ރަށަކަށް ބަދަލުވާން. އޭރުން ކުލި ދައްކަން ނުޖެހި ދެމީހުންނަށް ސްކޫލުން ވަޒީފާ ލިބުމުން ބޮޑު އެއްޗެއް ރައްކާ ކުރެވޭނެ." ފާތިހު ޚިޔާލެއް ހުށަހެޅިއެވެ.
"ތީ ރަނގަޅު ޚިޔާލެއް." ނޫމާއަށް އެއްބަސް ވެވުނެވެ.
ޖެހިގެން އައި އަހަރު ދެމީހުން މާލެ އަތޮޅު ހުރަޔަށް ބަދަލުވިއެވެ. ދެމީހުންނަކީވެސް އެރަށު ސްކޫލު ޓީޗަރުންނެވެ. އެމީހުން ތިބޭ ގެޔަށް ދައްކަން ޖެހެނީ އެންމެ ތިންހާސް ރުފިޔާއެވެ. އެހެންކަމުން ނޫމާ ފަހައިގެން ލިބޭ ފައިސާއާއިއެކު ބޮޑު އެއްޗެއް ރައްކާކުރެވުނެވެ.
"ނޫމާ. އަހަރެން މިއުޅެނީ މިހާރު ޕާރޓް ޓައިމްކޮށް މަސައްކަތްކުރާ ގެސްޓް ހައުސްގެ ހިއްސާދާރަކަށްވާން. ކޮވިޑްގެ ސަބަބުން އެމީހުންވަނީ ވަރަށްބޮޑަށް ވިޔަފާރި ދަށްވެފައި. ދެމީހުންއަތުގައިވެސް ކޮންމެވެސް ވަރަކަށް ފައިސާ އެބަހުރި. ހިނގާ އިންވެސްޓް ކުރަމާ. ވެރިމީހާބުނީ ފަންސާސް އިންސައްތަ ހިއްސާ ދޭނަމޭ." ކާން އިދެފައި ފާތިހު ބުންޏެވެ.
"ދެން އަހަރެންގެ ކިޔެވުމޯ." އެއް އަހަރުތެރޭ އިންވެސްޓްމަންޓް ކަވަރ ކުރެވޭނެ. ދެން އޮތީ ފައިދާ. އޭރުން މަށަށްވެސް ތި ދެމައިންނާއެކު ލަންކާގައި ހުއްޓަސް ފައިސާ ލިބޭނެ. ނޫމާމެން ލަންކާއަށް އެކަނި ފޮނުވަން އަހަރެން ބޭނުމެއްނޫން." ފާތިހު ވިސްނައިދިނެވެ. (ނުނިމޭ)
