ބުއްދިއާއި ތަންދޮރުދަތުން ލިބިގަންނަ މީހުންނަށް މާތްކަލާނގެ ބަރަކާތް ލައްވައެވެ. ބުއްދިވެރިކަމަކީ ރިއްސަށް ވުރެ ބޭނުން ބޮޑު އެއްޗެކެވެ. އެއީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެކެވެ. ވިސްނުންތެރިކަމަކީ ޖަވާހިރަށް ވުރެ ވެސް އަގުހުރި އެއްޗެކެވެ. އެއާ އަޅައި ކިޔާލެވޭނެ އެކައްޗެއް ވެސް ނުވެއެވެ. ވިސްނުންތެރި ކަމުގެ ކަނާތުގައި ވަނީ ދިގު އުމުރެކެވެ. ވާތުގައި ވަނީ މުދަލާއި ތަނަވަސްކަމާއި ޝަރަފެވެ. ވިސްނުންތެރިކަމަކީ ދިރިއުޅުން އުފާވެރި ކޮށްދީ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސްދޭ އެއްޗެކެވެ. ޙިކުމަތަކީ ދިރުންދޭ ގަހެވެ. އެގަހުގައި ހިފަހައްޓާ ބަޔަކަށް އުފާވެރިކަން ލިއްބައިދޭ ވަސީލަތެވެ.
މާތްރަސްކަލާނގެ އުޑާއި ބިން އުފެއްދެވީ އެކަލާނގެ ދެނެވޮޑިގަތުމާއި ޙިކުމަތްފުޅުންނެވެ. ކަނޑުތައް ފަތުރުއްވައި ވިލާތައް އުދުއްސަވައި ފެން ވެއްސަވަނީ އެމަތިވެރި އިލްމުފުޅުންނެވެ.
ދަރިފުޅާއެވެ! ވިސްނުންތެރިކަމާއެކު ކަންތައް ކުރާށެވެ. ތިމާގެ ބުއްދިފަސް ވިޔަނުދީ އުޅެވޭތޯ ބަލާށެވެ. އެގޮތުން ދަރިފުޅަށް ހިތްގައިމު ދިގު އުމުރެއް ލިބިގެންދާނެއެވެ. އޭރުން ދަރިފުޅުގެ ފައިތިލަ ކައްސާ ނުލާ އޮމާންކަމާއެކު ކުރިއަށް ދާ މަގުގައި ދެވޭނެއެވެ. އޭރުން ހިތްދަތިކަމެއް ނެތި ދަރިފުޅަށް އަރާމު ކުރެވޭނެއެވެ. އަދި ބިރެއްނެތި ނިދާލެވޭނެއެވެ. ނުބައި މީހުންނާ ކުރިމަތިވާ ކުއްލި ކާރިސާތަކާ މެދު ކަންބޮޑު ނުވާށެވެ. އެހެނީ މާތްރަސްކަލާނގެ ދަރިފުޅަށް ރައްކާތެރިކަން ދެއްވާނެކަން ހަނދާން ކުރާށެވެ.
ދަރިފުޅަށް ވީވަރަކުން އެންމެންނަށް އެހީތެރިވެވޭތޯ ބަލާށެވެ. މިއަދު ކޮށްދެވެން އޮތްކަމެއްގައި އަވަށްޓެރިޔާ ގާތު މާދަމާ އަންނާށޭ ނުބުނާށެވެ.
އިތުބާރު ކުރާ އަވަށްޓެރިޔާއާ މެދު ހީލަތްތެރި ރޭވުންތައް ނުރާވާށެވެ. ދަރިފުޅަށް ގެއްލުމެއް ނުވާހާ ހިނދަކު ޒުވާބެއް ކޮށްލުމުގެ ބޭނުމުގައި މީހަކާ ޒުވާބެއް ނުކުރާށެވެ.
އަނިޔާވެރިންގެ ގޮތްތަކަށް ހިތް ލަންބައި އެމީހުންގެ މިސާލުގައި ނުހިފާށެވެ. އެހެނީ ދޮގުވެރިން ދެކެ މާތްރަސްކަލާނގެ ކޯފާވެ ވޮޑިގަންނަވައެވެ. އެކަލާނގެ ގާތްކަން ބާއްވަނީ ތެދުވެރިންނާއެވެ.
ނުބައިމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ލަޢުނަތް ލައްވައެވެ. އެކަމަކު ހެޔޮމީހުންގެ ގެދޮރަށް މާތްރަސްކަލާނގެ ބަރަކާތް ލައްވައެވެ.
މާތްކަލާނގެއަށް މަލާމާތް ކުރާ މީހުންނަށް އެކަލާނގެ ވެސް މަލާމާތް ކުރައްވައެވެ. އެކަމަކު ހިތްތިރި މީހުންނަށް ހެޔޮގޮތް މިންވަރު ކުރައްވައެވެ.
ދަރިފުޅަކީ ބުއްދިވެރި ގޮތުގައި އުޅޭ މީހެއްނަމަ މީހުން ދަރިފުޅަށް ތާރީފު ކުރާނެއެވެ. އެކަމަކު ގޮތްދޫނުކުރާ މޮޔައެއްހެން އުޅޭ މީހެއް ނަމަ، މީހުންގެ މަލާމާތް ލިބޭނެއެވެ.
