މީހެއްގެ ގެސްޓް ހަހުސް ކުއްޔަށް ނަގައިގެން އެތަން ހިންގަން ފެށިތާ ހަމަސްވީއިރު ފާތިހުއަކީ އެވިޔަފާރީގެ ފަންސާސް އިންސައްތަ ހިއްސާދާރަކަށްވެ ރަށުގައި ފާހަގަ ކުރެވޭ މުއްސަނދި މީހެކެވެ. އޭނާގެ އަންހެނުން ނޫމާއަކީ މުރާލި ފެހުންތެރިއެކެވެ. އެދެމައިންނަށް ރަށުން މީހުންގެ އިހްތިރާމާއި ލޯބި ލިބެމުންދެއެވެ.
ނަމަވެސް ހަޔާތުގެ ދަތުރުގައި ލައްވާލި ކޮޅިގަނޑުގެ ކަޅުވިލައިގެ އަސަރު ނޫމާއަށްވެސް ފެންނަން ފަށައިފިއެވެ. ރަށުތެރޭގައިވެސް އެވާހަކަ ދެކެވެން ފަށައިފިއެވެ. ނޫމާއަށް އެ ޚަބަރުދިނީ އޭނާގާތަށް ފަހަންއަންނަ އޭނާގެ ގާތް އަވަށްޓެރިއެކެވެ.
"ކިޔަވައިދިނުުގެ އިތުރަށް އަބަދު ފެހުމުގައި އުޅެނިކޮށް ފާތިހު ގެއްލިދާނެ. އޭނާއަށް ވަގުތުދީ. ކޮންމެރެއަކު ގެސްޓްހައުސްގައި އައިޝާމެން ގޮވައިގެން އޭނާ ކޮފީ ބޯން ދޫކޮށް ނުލާ."
"އެއީ އޭނާގެ ރައްޓެހިން. ރައްޓެހިންގެ ރައްޓެހިންނަށްވެސް ފާތިހު ވަރަށް ހެޔޮވާނެ." އަބަދުވެސް ފާތިހުއަކީ ރައްޓެހިންނާއި އެކު ކޮފީ ބޯ މީހެއްކަމުން ނޫމާ މާބޮޑު ކަމަކަށް ނުހަދާ ބުންޏެވެ.
"ކޮންމެ ރެއަކު ކޮފީ ނިންމާފައި އައިޝާ ގެއަށް ލައިދެންދޭ. އެގޭގައި ފާތިހު ގިނަވަގުތު ހޭދަކުރޭ. އައިޝާގެ ހުންނަނީ ހަމައެކަނި މުސްކުޅި ބައްޕައެއް. އޭނާ ނިދީމާ ފާތިހު އެގޭގައި ބައްދަލުކުރަން ޖެހޭ މީހެއް ނުހުންނާނެ." އޭނާ ބުންޏެވެ.
"ތީ ކޮންކަހަލަ ވާހަކައެއް." ނޫމާ ބުންޏެވެ.
"މީ ރަށުއެންމެންނަށް އެނގޭ ސިއްރެއް. ނޫމާއަށް މީހުންކުރާ ގަދަރަކުން ނުބުނެ ހުއްޓަސް އަހަރެން ރަނގަޅަށް ފާރަލާ ބަލާފަ މިބުނީ." އޭނާ ޔަގީން ކަމާއެކު ބުންޏެވެ.
"ކޮންމެ ރެއަކު ދާނަމަ މިރޭވެސް ދާނެތާ." ނޫމާ ވިސްނާލާފައި ބުންޏެވެ.
ދަރިފުޅު ނިދުމުން ނޫމާ ބޭރަށް ނިކުތެވެ. އައިޝާމެންނާއިއެކު ފާތިހު ކޮފީގައި އިންތަން އޭނާ ބަލަން ހުރީ ދުރުގައެވެ. އައިޝާ ގޮވައިގެން އެގެއަށް ވަންނަންދެން ނޫމާ ފާރަލަމުން އައެވެ. ގެއަށްވަދެ ކޮޓަރިއަށް ވަންތަން ނޫމާ ދެ ލޮލުން ދެކުނެވެ. ދޮރުގައި ޓަކިޖަހާލީ ހުޅުވާނެކަމަށް އުންމީދުކޮށްގެން ނޫނެވެ. އޭރު އޭނާއަށް ކޮށްފައިވާ އަސަރުން ތުރުތުރު އަޅައެވެ.
"ނޫމާ. އަހަރެންނަށް އެނގޭ މިދުވަސް އަންނާނެކަން. މީ އައިޝާ. އަހަރެމެން މިއުޅެނީ ކައިވެނިކުރަން." ފާތިހު އައިޝާއާއި ރައްޓެހިވެގެން އުޅޭ ވާހަކަ ފާތިހުގެ ދުލުން ބުނުމުން ނޫމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެންހެންނެވެ.
"އަހަރެންވީ ގުރުބާނީގެ އަގަކީ ތީތަ؟ ފާތިހު މީހަކަށް ވެވުނީ އަހަރެން ނިދި ނަގާލައިގެން މީހަކަށް ހަދާދިނީމާ ނޫންތަ؟ ކަލޭގެ ހުރިހާ ހުވަފެނެއް ހަގީގަތަކަށް ވީއިރު އަހަރެންގެ އުންމީދު އަދިވެސް އޮތީ ހަމަ އެގޮތުގައި." ނޫމާ ރޮމުން ދިޔައެވެ.
"ކޮންމެ ފިރިހެނަކަށް ހަތަރު އަނބީން ހުއްދަ. ނޫމާއަށް އަހަރެންގެ ދޮށީއަނބީގެ ގޮތުގައި ހުރެވިދާނެ." ފާތިހުގެ ވާހަކައިގައި ވަނީ ގޮތް ދޫނުކުރުމެވެ.
"ނޫން. ފާތިހުއަށް އޮތީ އެންމެ ގޮތެއް. އެކުއްޖާ ވިއްޔާ އެކުއްޖާ. ނޫނީ އަހަރެން. އަހަރެންނަކަށް ފާތިހު އެހެން މީހެއްގެ ފިރިއެއް ގޮތުގައި ވާތަން ބަލާކަށް ކެތެއް ނުވާނެ." ނޫމާ އަދިވެސް ރޮނީއެވެ.
"އެހެންވީއިރު ތިހުރީ ވަރިކޮށްފައި." ފާތިހު އެ ގެއިން ނިކުމެގެން ދިޔައީއެވެ.
ނޫމާގެ ހިތް ހީވީ ކުދިކުދި ވީހެންނެވެ. ހަޔާތުގެ ދުވަސްތަކެއް އެމީހަކާއި އެއްކޮށް ހޭދަކޮށްފައިވާ އޭނާގެ ލޯބިވާ ފިރިމީހާ އިންނަން އުޅޭ ކުއްޖާގެ ކުރިމަތީގައި އެގޭގައި އޭނާ ވަރިކޮށްފައި ދިޔައީއެވެ. އިތުރަށް ވާހަކަ ދައްކާނެ ފުރުސަތެއްނުދީ ހިލޭ އަންހެނެއްގެ ކުރިމަތީގައި އޭނާ ނިކަމެތި ކޮށްލީއެވެ. ކުޑައިރުންފެށިގެން ދެކެމުން އައި ހުވަފެން ގުރުބާންކޮށްފައި ފިރިމީހާ މީހަކަށް ހަދައިދިނީ އޭނާގެ ކިހާބުރަ މަސައްކަތެއް ކޮށްގެންހެއްޔެވެ؟ ފާތިހުއަކީ އަމިއްލަ އެދުން ބޮޑު މީހެއްކަން އޭނާއަށް އެނގިފައިއޮތަސް އެއީ އެހާ އަމިއްލަ އެދުން ބޮޑު މީހަކަށް ވާނެކަމަކަށް އޭނާއަކަށް ދުވަހަކުވެސް ގަބޫލު ކުރެވިފައެއް ނުވެއެވެ.
"ފާތިހު ތިހެން ނުހަދާ. އަހަރެމެންގެ ލޯބިލޯބި ދަރިފުޅަށް ވާނެގޮތް ވިސްނާލާ. އަހަރެން ދާނީވެސް ކޮންތާކަށް." ނޫމާ ފާތިހުގެ ދެފައިގައި ހިފާ އާދޭސް ކުރިއެވެ. ދަރިފުޅަށްޓަކައިވެސް ދިރިއުޅެން ބޭނުން ކަމަށް ބުންޏެވެ.
"އަހަރެން އެފުރުސަތު ދިނިން. ނޫމާ އެފުރުސަތު ނަގާލީ. ރަށުގައި ހުރި މުސްކުޅި މަންމަގާތަށްދޭ. ދަރިފުޅަށް އަހަރެން ޚަރަދުކުރާނަން." ފާތިހުގެ ހިތުގައި އެއްވެސް ރަހުމެއް ނެތެވެ. ނޫމާއަށް ކުރިންވެސް އެކަން އެނގެއެވެ. ފާތިހުއަކީ މީހުންނަށް ރަހުމް ނުކުރާ އަމިއްލަ އެދުން ބޮޑު މީހެއްކަމެވެ. އެކަމަކު ފާތިހުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭން މަސައްކަތްކުރި ނޫމާއަށް އެހެން ހަދާފާނެކަމަށް ގަބޫލު ނުކުރެވުނީ އޭނާގެ މޮޔަކަމުންނެވެ.
"ކަލޭ ކުރިއަރާނެވަރަށް ތިހުރީ ކުރިއަރާފައި. ހީނުކުރާތި އަހަރެން ރޮއި އާދޭސްކުރަން ދެން އަންނާނެކަމަށް. ކަލޭގެ ތި ރަހުމެއްނެތް ހިތަށް އެއަށްވުރެ ރަހުމު ނެތް މީހަކު އައިސް ކަލޭގެ ދުވަސް ދުއްވާލާތަން އަހަރެން ދެކޭނަން. އެދުވަހުން އަހަރެން ހުންނާނަން އަތް ޖަހަން." ނޫމާ ނިކުންނަމުން ބުންޏެވެ.
ނޫމާ ދަބަހަކަށް އަންނައުނުކޮޅު އަޅައިގެން ދަރިފުޅު ގޮވައިގެން ގެއިން ނިކުތެވެ. އޭނާގެ ގާތް އަވައްޓެރިޔާގޭގައި ދެތިން ދުވަހު ހުރުމަށްފަހު މާލެ ފުރިއެވެ. ފަހައިގެން އޭނާއަށް ނުލިބިހުރި އެހެންނަމަވެސް ލިބެންޖެހޭ ފައިސާތައް ހޯދާ އެ ލިބުނު އިރު ތިންމަސް ވެއްޖެއެވެ. އެފައިސާއިން އޭނާ ލަންކާއަށް ފުރިއެވެ. މަންމައާއި ދަރިފުޅު ހަވާލު ކުރުމަށްފަހު އޭނާ އެއް އަހަރުގެ ފެޝަން ޑިޒައިން ކޯހެއް ހެދިއެވެ. ފާތިހުގެ އެންމެ ލޯލާރިއެއްވެސް އޭނާއަށާއި ދަރިއަކަށް ނުލިބެއެވެ. ކޮއްކޮއާއި މަންމަގެ އެހީތެރި ކަމާއެކު އޭނާ ކޯސް ފުރިހަމަކޮށް އޭނާގެ އުފަން ރަށަށް ބަދަލުވިއެވެ. ޓީޗަރެއްގެ ވަޒީފާ އަދާކުރަމުން އޭނާގެ ފެހުންތެރިކަން އިންތިހާއަށް ފުޅާކުރިއެވެ.
އޮންލައިންކޮށް ފުޅާކުރަމުން ދިޔަ ވިޔަފާރިން އޭނާއަށް ފިސާރި ނަފާވަމުން ދިޔައެވެ. އޭނާގެ ދަރިފުޅާއި ކޮއްކޮގެ ހިތްމަތާއި މިންނަތުން ނޫމާ ފެޝަން އެންޑް ޑިޒައިންއަކީ ރާއްޖޭގައި މަޝްހޫރު ތަނަކަށް ވިއެވެ. މުއްސަނދިންނާއި ފިލްމުކުޅޭ މީހުންގެ އޯޑަރުތަކުން އެމީހުންނަށް އޮންނަނީ އޯޑަރު ނުނެގޭ ވަރަށް މަސައްކަތް ލިބިފައެވެ.
"މި ގެންގުޅޭ ތޭރަ މީހުންނާއެކު މި މަސައްކަތެއް ނުވާނެ. ރިސޯޓްތަކުންވެސް މިހާރު ވަރަށް އޯޑަރުލިބޭ. މާލެ ބަދަލުވެފައި ރަނގަޅު ފެންވަރުގެ ފެކްޓަރީއެއް ހުޅުވަންވީ." ނޫމާގެދަރިފުޅު ބުންޏެވެ.
"މަންމަ ކުރިން ހުޅުމާލެ ފުލެޓަށް ފޯމުލީމެއްނު. ހުޅުމާލޭގެ އެ ފުލެޓް ލިބުނުކަމަށް އެޗްޑީސީއިން އެއޮތީ އަންގާފަ. ހުޅުމާލެއަށް ބަދަލުވެފައި ތިކަން ކުރެވިދާނެ." ނޫމާ ބުންޏެވެ.
އެމީހުންގެ އާއިލާ ހުޅުމާލެއަށް ބަދަލުވެ ފެކްޓްރީގެ މަސައްކަތް ނިންމީ ހީވެސް ނުކުރާހާ އަވަހަށެވެ. ނޫމާގެ ދަރިފުޅު އިންނަން އުޅޭކުއްޖާގެވެސް އެހީތެރި ކަމާއިއެކުއެވެ. ނޫމާގެ ދަރިފުޅަކީވެސް ނޫމާ ކަހަލަ މުރާލި ކުއްޖެކެވެ. އެމީހުންގެ ހަޔާތުގައި ފާތިހު ކިޔާމީހަކު އައިހެންވެސް ހީނުވެއެވެ. އޭނާގެ ވާހަކަ ގޭތެރޭގައި ނަންވެސް ނުގަނެއެވެ. ހަޔާތުގައި ނޫމާއަށް ލިބުނު ގެއްލުން އޭނާ ހަނދާނެއް ނުނެތެއެވެ. ނަމަވެސް ހިނިތުންވެލާފައި ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އޭނާ ކުރިމަތި ލީއެވެ.
ގޭ އެންމެން ކާންތިބެފައި ދެއްކީ ނޫމާގެ ދަރިފުޅުގެ ކައިވެނީގެ ވާހަކައެވެ. ކައިވެނި ކޮށްގެންވެސް ނޫމާގެ ގާތުގައި އުޅޭނެ ކަމަށާއި ދުވަހަކުވެސް ނޫމާ ނުގަބޫލުކަމެއް އޭނާ ނުކުރާނެ ވާހަކައެވެ. ކުއްލިއަކަށް ގޭގެ ދޮރުގައި މީހަކު ޓަކިޖަހާލުމުން ނޫމާ ގޮސް ދޮރު ހުޅުވާލިއެވެ. އޭނާ އަތަށް ލިބުނު ސިޓީ ކިޔާލިއެވެ. ދެން ނޫމާގެ ދަރިފުޅު އަތަށް ދިނެވެ.
"މަންމާ. ޖަވާބުވެސް ފޮނުވާނެކަމެއް ނެތް. މި ހުރިހާދުވަހު ތިޔަ ބުނާ ފާތިހު ކޮބާ؟ އޭނާ ބަލާނެ މީހެއް ނެތިއްޔާ ސަރުކާރާ ހަވާލުކުރޭ. އޭރުން ގުރައިދޫއަށް ގެންގޮސްގެން ބަލާފާނެ. އެހީވާނެ މީހުން ނެތް މީހުންތިބޭ މަރުކަޒުގައި އޭނާ މަރުވަންދެން ހުރެފާނެއެއްނު." ނޫމާގެ ދަރިފުޅު ބުންޏެވެ.
"ދަރިފުޅުގެ ހިތް ހާދަ ހަރޭ. އެއީ ދަރިފުޅުގެ ބައްޕައެއްނު. އޭނާ އެވަނީ ސްޓްރޯކެއްޖެހި ވާވެފައި. އަތުގައި ހުރިއްޔާ ހުރިފައިސާއެއް އެ އަންހެންމީހާ ވަނީ ދޮވެލާފައި." ނޫމާ ބުންޏެވެ.
"އާނ. އަހަރެންނަކީ އެ ހިތްހަރު ރަހުމުނެތް މީހާގެ ދަރި. އޭނާ އަހަރުމެންނަށް ރަހުމު ކުރިތަ؟ މަންމައަކަށް ނޭނގޭތަ؟ ރަހުމް ނުކުރާމީހަކަށް ރަހުމެއް ނެތް. މަންމައަށް އޭނާދިން އަނިޔާ މާފުކޮށްފައި ބަދަލުނުހިފައި ހުރޭ. ބަދަލުހިފުމަކީ ދިރުމެއް ވާކަމެއް. އަހަރެން ބަދަލު ހިފާނީ މިގޮތަށް. ފާތިހު މަރުވެގެން މޫނުދެކެންވެސް އަހަރެންނެއް ނުދާނަން. ފާތިހުއާއި ގުޅުންހުރި އެއްވެސް ކަމެއް އަހަރެން ނުކުރާނަން. މަންމަ ނުގަބޫލު އެއްވެސް ކަމެއް އަހަރެން ނުކުރާނަމޭ މީގެ ކުޑައިރުކޮޅެއް ކުރިން ބުނިން. އެކަމަކު ފާތިހުގެ ކޮންމެކަމެއްވެސް އެއިން އިސްތިސްނާވާނެ." ދަރިފުޅުގޮސް ނޫމާގައިގާ ބައްދާލިއެވެ. ފާތިހުއަށް ޖެހުނީ ގުރައިދޫގައި ހުންނަ ޚާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި އުމުރުގެ ބާކީދުވަސްތައް ހޭދަކުރާށެވެ. އޭނާގެ އަނބިމީހާ އޭނާއަށް ލިބުނު ހުރިހާ ފައިސާއަކާއި މުދަލެއް އޭނާ ހިތާވެގެން އުޅޭ މީހާއަށް ވަނީ ޚަރަދު ކޮށްފައެވެ. އޭނާގެ ކުރިމަތީގައި އައިޝާ އުޅުނު ވިޔާނުދާ ދިރިއުޅުމުގެ ސަބަބުން އޭނާވަނީ ވާ ބަލީގައި ނިކަމެތި ފަގީރެއްގެ ގޮތުގައި ދިރިއުޅޭށެވެ. (ނިމުނީ)
