ޒީލަން (9)

(27 އެޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޕާޓީގެ ކެއުމުގެ ރަސްމިއްޔާތު ނިމި ޑާންސް ކުރުމުގެ ވަގުތު ޖެހުމުން ހަމައެކަނި ސްޓޭޖް ފިޔަވައި ހުރިހާ ލައިޓްތަކެއް ނިއްވާލިއެވެ. މުޅިމާހައުލުގައި ހަނދުވަރުގެ އަލި ރަސްކަން ކުރަމުންދާއިރު މިއުޒިކުގެ އަޑާއި ފޯރިދިނުމުގެ އަޑުވަނީ ގުގުމާލާފައެވެ. ޒީލަންގެ ވިސްނުން މުޅިންހުރީ ފަޒީނާއި މެދުއެވެ. ފަޒީނު އޭނާއާއި ދޭތެރޭ އެގޮތަކަށް ނުވިސްނާނެކަމާއި ޒީލަންވެސް އެހެން ވިސްނައިގެން ނުވާނެކަން އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދޭ ކަހަލައެވެ.

ކުއްލިއަކަށް އޭނާ ސިއްސައިގެންދިޔައީ އެއަޑެއް އޭނާ އަށް ދުވަހަކުވެސް ނޯޅޭނެ އޭނާ އެންމެ ނަފުރަތު ކުރާ ޝައީމުގެ އަޑަށެވެ.

”ވަރަށް އުފަލުންދޯ ތިހުރީ. އަހަރެންނަށް ބޭނުންގޮތަކަށް ހަދާލެވުނީމަ.” އޭނާ ހުރީ ރުޅިއައިސްފައެވެ.

”ބޭނުންގޮތެއް އަހަންނަށް ހެދީ ޝައީމުއެއްނު.” ޒީލަން ވެސް ހުރީ ރައްދު ދޭގޮތަށެވެ.

މިހާރު ހާދަ ހިތްވަރެއް އެބަހުއްޓޭދޯ ފަޒީނުއާއި އެކު އާދެވުނީމަ.”

”އަހަރެން އައީ ފަޒީނުއާއެކުއެއްނޫން. އެހެންނޫނަސް ކަލޭ އޭނާއާއި ބެހޭކަށް ނުޖެހޭނެ.”

”އޯ އާން އެއީ ޒީލަންގެ ސާހިބުމީހާ . ޒީލަންއަށް ހަމައެކަނި ހެޔޮއެދޭ މީހާ. އަހަރެން އޭނާ ދުލެއް ނުކުރާނަން. އޭނާވަނީ އަހަރެން ވަޒީފާއިން ވަކިކޮށްފައި. އަދި އަހަރެންގެ ލޯބިވެރިޔާ ޖަހައިގެންފާ.” އޭނާ ހުރީ ރުޅިއައިސްފައެވެ.

”ޝައީމުގެ ތިބެނީ ހުސް ލޯބިވެރިންނެއްނު.” އޭނާ މާލާމަތްކޮށްލިއެވެ.

އަހަރެން ކިތަންމެ ކުއްޖަކާ ރައްޓެހިވި ނަމަވެސް ތިހާ ލޯތްބެއްނުވޭ އެހެންކުއްޖެއްދެކެއެއް. އޭނާ ޒީލަންގެ އަތުގައިހިފަންއުޅުނެވެ. އެވަގުތު ކޮންމެވެސް އަންހެން ކުއްޖެއް ޝައީމުއަށް ގޮވަމުން އާދެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ދިޔައެވެ. އަދި ބައްދަލުކުރާނަމޭ ބުނެފައެވެ.

ޒީލަންގެ ހާސްކަން އިތުރުވެއްޖެއެވެ. ރިސޯޓުގެ މާހައުލަކީ އޭނާއަށް ފަރިތަ މާހައުލެއްނޫނެވެ. ނޭނގިހުއްޓާ ކޮންމެފަދަ ހާދިސާއެއްވެސް  ހިނގާފާނެއެވެ. މިރޭ އެދިމާވީ އޭނާ އެންމެ  ބިރުގަންނަ ނުބައި އިންސާނާއާއެވެ. އެއީ އޭނާއަށް ވަރަށް ނުރައްކާތެރިމީހެކެވެ. އަނެއްކާ މުޅިޕާޓީ ނިމުނުއިރުވެސް ފަޒީނަކާއި ބައްދަލެއް ނުވެއެވެ. އޭނާ ރިސޯޓަށް އައީ ހަމައެކަނި ފަޒީނަށް ޓަކައެވެ. ނަމަވެސް މުޅިރޭ ހޭދަވެގެން ދިޔައީ އޭނާއަށް މަރުހަބާ ކިޔަންވެސް ދިމާނުވެއެވެ. ފަޒީނުގެ ރައްޓެހިން ގިނަކަމުން ޒީލަންއަކީ ފެންނަ އަދި ދަންނަ މީހެއްކަމުގައި ނުހެއްދެވުމުން އޭނާ ވަރަށް ހިތުގައި ޖެހުނެވެ. ހިތުގައި އުފެދިފައިވާ ލޯތްބަށް މަލާމާތް ކުރެވުނެވެ. ތިމާގެ ނިކަމެތިކަމާއި އެކަނިވެރި ކަމުގެ މަތިންހަންދާންވެ ހިތާމަ ކުރެވުނެވެ. މުޅިރޭ އޭނާ އޮތީ ވިސްނާ ހިތާމަ ކުރުމުގައެވެ. އޭނާގެ މޮޔަކަމާމެދު މަލާމާތް ކުރިއެވެ. އޭނާ ފަޒީނުގެ ފަރާތުން އެގޮތަށް އުންމީދު ކުރަންވީ ކީއްވެހެއްޔެވެ؟ ރޭވެސް އެތައް އަންހެންކުދިންނެއް ފަޒީނަށް ތަޢުރީފުކުރިއެވެ. އޭނާއަށް މާރަނގަޅު އަންހެން ކުދިން ލިބޭނެއެވެ. އޭނާއަށް ނިދުނުއިރު ވަރަށް ދަންވެސް ވެއްޖެއެވެ.

ޕާޓީގައި ކިތަންމެ ހަމަޖެހިގެން ހުންނެވި ނަމަވެސް ފަޒީނުގެ ވިސްނުން ޒީލަންއަށްވުރެ ދެރައެއް ނޫނެވެ. ޒީލަން ޕާޓީން ފެނިލެއްވިއިރު އޭނާގެ ރީތިކަން ފަޒީނަށް ބަޔާންނުކުރެވޭ އަސަރުތަކެއް ކުރުވިއެވެ. ހަމަ އެވަގުތު ޒީލަންއާއި ބައްދަލު ކޮށްލެއްވުމަށްޓަކައި އެހަރުދަނާ ހިތް ތެޅި ފޮޅެނީއެވެ. ޒީލަންގެ ރީތިކަމަށް ތައުރީފު ކޮށްލައްވަން ބޭނުންވިއެވެ.  ލޯބިން ސަމާސާކޮށްލާ  ވާހަކަދައްކާލަން ބޭނުންވިއެވެ. ނަމަވެސް އެފަދަ ރަސްމިއްޔާތެއްގައި އޭނާ ގާތަށް ދުރުވެ ދައްކަވަންވީ ކޮންވާހަކައެއްބާއެވެ. ބުނަންވީ ކޮންކަމެއް ކޮށްދޭށޭ ހެއްޔެވެ؟ އޭރުން މީހުން ހީކުރާނީ ކީކޭބާވައެވެ. އަނެއްކާ ޒީލަން ވިސްނާނީ ކޮންގޮތަކަށް ބާވައެވެ ނަމަވެސް އެފަދަ މާހައުލެއްގައި ޒީލަންގާތަށް ދުރުވިނަމަ ޒީލަން އެހެންމާނައެއް ނަގާފަނެތީ ދުރަށް ޖެހިލެއްވީއެވެ. އޭނާ ޒީލަންދެކެ މިވީ ސާފުލޯބި މިއޮއް ހުރިހާ ދުވަހު ސިއްރު ކޮށްފައިވާއިރު އެފަދަ ގޮތަކަށް ޒީލަން ވިސްނައި އޭނާ ގެ ހިތުގައިވާ ލޯތްބަށް މާޔޫސްކަން ދެއްވަން ބޭނުމެއް ނުވެއެވެ. އޭނާ ޒީލަންގެ އުފަލަށްޓަކައި ކޮންމެފަދަ ގުރުބާނީ އެއްވެސް ވެލައްވާނެއެވެ. އޭނާ ދެކެލައްވާ ގޮތުގައި ޒީލަން ލޯބީގެ ނަޒަރަކުން ނުދެކޭނެއެވެ. ޒީލަން އޭނާއަށް އިހުތިރާމު ކުރަނީއެވެ. ޒީލަންއަށް އިހުސާން ތެރިވެދިނީތީ އޭގެ ބަދަލު ދެއްކޭތޯ މަސައްކަތް ކުރަނީއެވެ. ފަޒީނު ހިތްހަމަ ޖައްސައި ދިނުމަށްޓަކައި ޕާޓީއަށްވެސް އައީއެވެ. ހުރިހާ ގޮތަކުންވެސް އެހީތެރިވަނީ އޭނާގެ ސާހިބަށް ވީތީއެވެ. އޭނާ އަހަރެންދެކެ ލޯބިވާނީ ކިހިނެއްހެއްޔެވެ؟ އެއީ ފިރިހެނުންނަށް ނަފުރަތުން ހިތް ކިލަނބުވެފައިވާ ކުއްޖެކެވެ. އުމުރުން އެތައް ގުނައެއް ހަގު އަންހެންކުއްޖެއް އަހަރެންދެކެ ލޯބިވާނީ ކިހިނެއްހެއްޔެވެ؟

ޕާޓީ ނިންމެވުމަށްފަހު މީހުން މަދުވެލުމުން ޒީލަންއާއި ބައްދަލުވޭތޯ ވަރަށް މަސައްކަތް ކުރެއްވިއެވެ. އެންމެ ފަހުން ޒީލަން ކޮޓަރީގެ ރޫމްބޯއީގެ ގާތުން ޚަބަރު އޮޅުން ފިލުއްވިއެވެ.

”ސަރ އޭނާ ދޮރުހުޅުވީ ވަރަށް ލަސްވީފަހުން. އޭނާ ނިދަނީހެން ހީވަނީ. ޕާޓީން ވަރަށް އަވަހަށް އައި. އޭރުވެސް ހުރީ ވަރަށް ދެރަވެފައި. އޭނާ އަށް ވަރަށް ހިތާމަ ވެރި ކަމެއް ދިމާވީހެން ހީވަނީ.” އޭނާ ތެދުވެރިކަމާއެކު ނަންގަތެވެ.

ޒީލަން ދެރަވާންވީ ކޮންކަމަކާ ބާވައެވެ. މީހަކު އެއްޗެއް ބުނީބާވައެވެ. އެނިކަމެތި އަންހެންކުއްޖާ އުފާވެފައި ހުންނަނީ ވަރަށް މަދުފަހަރަކުއެވެ. އަނެއްކާ އެ އެކަނިވެރި އަންހެންކުއްޖާއަށް އަހަރެންގެ ސަބަބުން އުނދަގޫވަނީ ކަންނޭނގެއެވެ. އެއީ މިފަދަ ތަންތަނަށް އަންނަހިތްވާ ކުއްޖެއް ނޫނެވެ. އަހަރެންގެ އެދުމުގެ މަތީން ފުރަގަސް ދޭން ނުކެރުނީ ކަންނޭނގެއެވެ. އަނެއްކާ އެއްވެސް ރައްޓެއްސަކުވެސް އޭނާއާއެކު ނާދެވުމުން ފޫހިވެސް ވާނެއެވެ. މިފަދަ އެތައް ޚިޔާލު ތަކަކަކުން ސިނކުޑިވަނީ ހާސްވެފައެވެ. ދުވާލުގެ މަސައްކަތާއި  ޕާޓީގައި ގިނަވަގުތު ހޭދަވުމުގެ ސަބަބުން ހަށިގަނޑު ވަނީ ވަރުބަލިވެފައެވެ. ނަމަވެސް ނިދިވަނީ އެތައް މޭލެއްގެ ދުރުގައެވެ. ޕާޓީގައި ކިތަންމެ އުފާވެރި ހަރުދަނާ ޝަހުޞިއްޔަތެއް ފެނުނުނަމަވެސް ފަޒީނުވަނީ ދެރަވެލައްވާފައެވެ. އާވާރާއެއްފަދައިން ކޮޓަރީގައި ހިންގަވާލަ ހިންގަވާލާ ހުންނެވިއެވެ.

ޒީލަން ހޭލިފަހުން ކޮޓަރިއަކުން ނުނިކުމެއެވެ. އޭނާ ނިކުންނަން ބޭނުންނުވަނީއެވެ. ބޭރަށް ނިކުމެ ކުރާނީ ކޮންކަމެއްހެއްޔެވެ؟ ވާހަކަދައްކާލާނެ ރައްޓެއްސަކުވެސް ނެތެވެ. ފާތުންމެން މިއަދު މާލެ ދާނެއެވެ. ނަމަވެސް އޭނާއަށް ދެވޭނީ މާދަމާގެ ލޯންޗުންނެވެ. އޭނާ މިހާރުބޭނުންވަނީ އަވަހަށް މާލެ ދާށެވެ. ފަޒީނު މިތަނުގައި އުޅުއްވިނަމަވެސް އޭނާއަކާ އަޅައެއް ނުލައްވައެވެ. މިކަމުން އޭނާއަށް ޔަގީންވީ ފަޒީން އޭނާދެކެ ލޯބި ނުވާނޭކަމެވެ. އެފަދަ ނިކަމެތި ކުއްޖަކަށް އެހާ މަތިވެރި އުންމީދެއް ކުރުމުގެ ހައްގެއްވެސް ނޯންނާނޭކަމެވެ. އެންމެފަހުން މެންދުރުފަހު ފިނިވާން ފެށުމުން ބޭރަށް ނިކުމެލިއެވެ. ކޮޓަރިން ނިކުމެ މާދުރަށް ނުދެވެނީސް އަތިރިމަތީ ހުރި ބޮޑުގަހަކު އެލުވާލާފައި ހުރި އުނދޯޔެއްގައި ފަޒީނު އިންނެވިއެވެ. އޭނާގެ ހިތް އުފަލުން ނަށައިގަތެވެ. ފަޒީނުއާއި ކޮންމެވެސް އެއްޗެކޭ ކިޔައިގެން ވާހަކަދައްކަން ފުރުސަތެއް އޭނާ ބޭނުމެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުންދިޔަ ޒީލަންއަށް ހުއްޓެވުނީ ކުރު ސޯޓަކާއި ޓީޝާޓެއް ލައިގެން ހުރި އަންހެން ކުއްޖެއް އޭނާ ގެ ގާތުގައި އިށީނުމުންނެވެ. ޒީލަންއަށް ހީވީ ތޫނުއެއްޗިހިތަކެއް ހިތަށް ހެރުނުހެންނެވެ. އޭނާ އެދިމާއަށް ނުބަލަން ހުއްޓާ ކޮންމެވެސް މީހަކު ފަހަތުން ގޮވާލިއެވެ.

”ޒީލަން ވަރަށް ދެރަވޭ ދޯ! ފަޒީނު ކަލެއާއި ހެދި ނޫޅޭތީ.” ޝައީމު މަލާމާތް ކޮށްލިއެވެ.

އޭނާ ހާސްވިއެވެ. އޭނާ ފަޒީނުދެކެ ލޯބިވާވާހަކަ އެއްވެސް މީހަކު ގާތަކު ނުބުނެއެވެ. އޭނާ ވަނީ އޭނާއަށްވެސް އެކަން ސިއްރު ކުރަން ބޭނުންވެފައެވެ. ވީއިރު ޝައީމުއަށް އެނގުނީތީ ހައިރާންވިއެވެ.

”ޝައީމުއަށް އަދިވެސް އަންހެންކުދިންގެ ފަރާތުން ބޭނުންވާ ކަންތައް ނުފުދިގެންތަ ތިއުޅެނީ؟ މިހާރުވެސް ރޭގައި ގެންގުޅުން ކުއްޖާ ހޯދާނެ ކަންނޭނގެ. މިތަނުން ދާންއުޅޭ. އަހަރެން ތިމޫނު ދެކޭކަށްވެސް ނޭދެން.” އޭނާ ފޫހިކަމާއި އެކު ބުނެލިއެވެ.

”ޒީލަން ލޯބިވާ މީހާ އެއިނީ  އެހެން އަންހެންކުއްޖަކާއި އެކު އުނދޯލީގައެއްނު. އެކަހަލަ މުއްސަދިން އުޅޭނީ އެހެން. އަންހެންކުދިންނަކީ އެމީހުންގެ ކުރިމަތީގައި ޓިޝޫ ޕޭޕަރެއްފަދަބައެއް. ބޭނުންނިމުނީމާ އެއްލާލާނެ. ޒީލަންއަށްވެސް ވާނީ އެހެން.” އޭނާ ހޭންފެށިއެވެ.

”ކަލޭ މުއްސަނދި ނޫނަކަސް އުޅެނީ އެއަށްވުރެ ހުތުރުކޮށް. ނަސީބެއްނު ލަނޑެއް ނުލިބެނީސް ތިމަކަރުވެރިކަމުން ސަލާމަތްވެވުނުކަން. އެއް އަންހެނަކު ނުގެންގުޅެވުނުތާ އެއްވަޒީފާއަކު ހަރެއްވެސް ނުލި. ނޭނގެ މިހާރު ކޮންތާކު އުޅޭތީކަމެއް މިތަނަން އަންނަން ފުރުސަތު ލިބުނީ. ފަޒީނަށް ކަލޭ އުޅޭކަން އެނގިލައްވައިފިނަމަ މިހާރުވެސް ފޮނުވާލާނެ.”

”އާނ ފަޒީނުދޯ! އަހަރެން އޭނާގެ ވަޒީފާއިން ވަކިކުރިފަހުން މިއުޅެނީ ނޫހެއްގެ މަސައްކަތުގައި. އޭނާގެ ފަތިފުށް ޖަހާލާނެ ފުރުސަތެއް ހޯދުމަށްޓަކައި ނޫހަށް ލިބުނު ދައުވަތުގެ ބޭނުން އަހަރެން ހިފައިގެން މިތަނަށް މިއައީ. އޭނާއަށް އަހަރެން އުޅޭކަން އެނގިގެން ފޮނުވާލައިފިނަމަ ދައުވަތު ކާޑާއެކު ކަލެއާއި އޭނައާއި އޮންނަގުޅުން އަހަރެން ބޭނުންގޮތަކަށް އިބާރާތްކޮށްލައިގެން ނޫހުގައި ޖަހާލާނަން. ކިޔާ މީހުންނަކަށް ހަގީގަތެއް ނޭނގޭނެ. އޭރުން ހުރިހާ ބަދުނާމެއް ވާނީ ތިދެމީހުން. އަހަރެން އެފަދަ ފުރުސަތަކަށް ފެންބޮވައިގެންފައިވާތާ ކިތަންމެ ދުވަހެއް.”

”ޝައީމު ހަމަމިހާރު މިތަނުންދޭ. ކަލެއާހެދި މިހާރުވެސް އެތައް ހިތާމައަކާއި އުނދަގޫތަކެއް ކުރިމަތިވެއްޖެ. ކަލޭ މިރަށަށް އަންނަކަން އެނގޭނަމަ އަހަރެން މިPާޓީއަކަށްވެސް ނައީމުސް. އޭނާ ހަގީގަތުގައިވެސް ޝައީމުއަށް ނަފުރަތު ކުރެއެވެ. އެމޫނު ދެކޭކަށްވެސް ބޭނުމެއް ނޫނެވެ.

”އޯޒީލަން. ދޫނިއަހަންނަށް ފިލައިގެން އުޅޭނީ ކިހިނެއް؟ އަހަރެން ބޭޒާރު ކުރިފަހުން މިހުންނަނީ ތިދެމީހުންގެ ހަރަކާތްތަކަށް ބަލަން. އަހަރެންނަށް އެހެން ހެދުމަށްފަހު ތިދެމީހުންނަށް އުފަލުގައި އުޅުމަކީ ކުށްހީއެއް. ރޫމް ނަންބަރު ސަތޭކަ ފަހެއްގައެއްނުދޯ އުޅެނީ. އަހަރެން މިރޭ ދާނަން އިނގޭ. އިންތިޒާރު ކުރައްޗޭ. އަހަރެން އަދިވެސް ވަރަށް ލޯބިވޭ.” އޭނާ ޒީލަންގެ ކަނދުރާއާއި ދިމާއަށް މޫނު ގެނައެވެ. އޭނާ ހީވަނީ މޮޔައެއްހެންނެވެ. އޭނާގެ ވިސްނުމުގައި އިތުރު އެހެން ކަމެއް ނެތްކަހަލައެވެ.

ޒީލަން އޭނާ މޫނުގައި އަތްއަޅާއި ކޮށްޕާލިއެވެ. އަދި ހުރިބާރެއްލާފައި ދުއްވައިގަތެވެ. އޭނާއަށްވަނީ ތަފާތު އަސަރުތަކެއް ކުރުވާފައެވެ. މިރަށަށް އައިފަހުން ޝައީމުގެ އުނދަގޫތައް ކުރިމަތިވަނީއެވެ. އެއީ ނުބައި އިންސާނެކެވެ. އޭނާގެ އަމިއްލަ އެދުމަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެއެވެ. އޭނާ ވަނީ ނުހަނު ބިރުވެސް ގަންފައެވެ. އަނެއްކާ ފަޒީނު ލޯބިނުވާކަން އިހުސާސް ކުރެވުމާއެކު އޭނާ ވަރަށް ހިތްދަތިވެއްޖެއެވެ. ކޮޓަރި ތަޅުލުމާއެކު އޮށޯވެ ރޯންފެށިއެވެ. ހިތްފުރެންދެން ރުޔެވެ. ހިތުގައި އުފެދިފައިވާ ޝަކުވާތަކާއި ވޭނާއި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލިއެވެ. ގޮތްހުސްވެފައިވާ ޒީލަންއަށް އެކަމުން ހިތްހަމަ ޖެހުން ލިބޭނެތީއެވެ.

އިރު އޮއްސެން ގާތްެވެފައިވަނިކޮށް ކަޅު ބޯވިލާތަކުން އޮރެންޖުކުލައިގެ އިރުފޮރުވާލިއެވެ. ހަތަރު އުދަރެސް ބަނަވެފައި އޮތީ  ބޯ ވިއްސާރަ ވިލާ ތަކުންނެވެ. މުޅިދުނިޔެ އަނދިރި ކޮށްލުމަށް ފަހު ވެހެންފެށި ވާރޭ ވަރަށް ގިނަ އިރުވަންދެން ވެހުނެވެ. ގަދައަށް ވިދުމާއި ބާރުގުގުރިއާއި ބޯވިއްސާރައިގެ ސަބަބުން އެންމެންވެސް ތިބީ އެމީހެއްގެ ކޮޓަރީގައެވެ. ބާރު ވައިންނާއި ގިނައިރު ވެހުނު ވާރެއިން މުޅިރަށަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ފިނި ކަމެކެވެ.

ނަމަވެސް މިފިނިކަމަކުން ފަޒީނުގެ ހިތަކަށް އަސަރެއް ނުކުރެއެވެ. އޭނާ ވަނީ ވޭތުވެދިޔަ ދެދުވަހުގެ ތެރޭގައި ޒީލަން އާއި ބައްދަލު ނުވެވުމުގެ ސަބަބުން މާޔޫސް ވެފައެވެ. އޭނާ ޒީލަން ގާތަށް ދުރުވެއްޖެނަމަ ރިސޯޓުގެ ބައެއްމީހުން ކިޔާފާނެ އެއްޗަކަށް ފަސްޖެހެއެވެ. ޕާޓީއަށް އައި ބައެއް މެހެމާނުންވެސް އަދި މާލެ ނުދެއެވެ. އެއިން މީހަކަށް އޭނާ ޒީލަންއާއި ދެމީހުން އެކުގައިވާތަން ފެނިއްޖެނަމަ ފާޑުފާޑުގެ ވާހަކަތައް ހަދާނެއެވެ ބައެއް ނޫސްވެރިންވެސް އެބައުޅެއެވެ. މިދުވަސްވަރަކީ މުޖުތަމައުގެ ގިނަބަޔަކު އިހުތިރާމުކުރާ ފަޒީނުފަދަ ވިޔަފާރިވެރި ބޭކަލުންނަށް ޚާއްޞަކޮށް ނޫސްވެރިން ބަލަމުންދާ ދުވަސް ކޮޅެކެވެ. އެމީހުންގެ ޒާތްޒާތުގެ ވާހަކަތަކުން އޭނާގެ ޢިއްޒަތަށް ހުތުރު ނަމެއް އަރުވާކަށް ބޭނުމެއް ނޫނެވެ. އަނެއްކާ މިއީ ރޭގަނޑެވެ. މިފަދަ ވަގުތެއްގައި  ޒީލަންގެ ގާތަށް ހިނގައްޖެނަމަ ޒީލަން ވިސްނާނެ ގޮތެއްވެސް ނޭނގެއެވެ.

އެތައް ގޮތަކަށް ވިސްނެވުމަށްފަހުވެސް އެއްވެސް ހަމަޖެހުމެއް އޭނާގެ ޒަމީރަކަށް ލިބިިއެއް ނުލެއްވިއެވެ. އެންމެފަހުން ވަރަށް ބޮޑަށް ވާރޭ ތުނިކޮށްލިވަގުތު އޭނާ ބޭރަށް ނިކުންނެވިއެވެ. ދާނެ މިސްރާބެއް އަދި މަންޒިލެއް ނެތްނަމަވެސް މަޑުމަޑުން ކުރިއަށް ދުރުވިއެވެ. އޭނާގެ ހިތް އެދިގޮވަނީ ޒީލަންގެ ހާލު ބަލާލުމަށެވެ. ޒީލަން އާއި ވާހަކަ ދައްކާލުމަށެވެ. އެންމެ ފަހުން ދެކޮޅު ބަލާލުމަށް ފަހު މީހަކު ފެންނަން ނެތުމުން ޒީލަންގެ ކޮޓަރީގައި ޓަކިޖަހާލިއެވެ.

ޒީލަން ވަރަށް ބިރުގެންޖެއެވެ. މި ވިއްސާރަ ރޭ އޭނާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާނީ ކާކުބާވައެވެ. އަނެއްކާ ރޭގަނޑު އަންނާނީ ކޮންބޭނުމަކު ހެއްޔެވެ؟ އެއީ ޝައީމުއަށްވެސް ވެދާނެއެވެ. އޭނާއަށް ވެއްޖެނަމަ ނުރައްކާ ވާނެއެވެ. ނޫނެކެވެ. ފަހަރުގައި ރޫމް ބޯއީއަކަށްވެސް ވެދާނެއެވެ. އޭނާ ގެ ޚިޔާލުތައް އެކިފަހަރު އެކިދިމާއަށް ދަތުރު ކުރިއެވެ. އޭނާވަނީ ވަރަށް ބަނޑުހައިވެސް ވެފައެވެ. އޭނާގާތު ބުނެގެން ކެއުންވެސް ކޮޓަރިއަށް ގެނެވިދާނެއެވެ. އެތައް ޚިޔާލެއްގައި ހުރެގެން ދޮރުހުޅުވާލިއެވެ. އޭނާއަށްފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ     މަޑުފެހިކުލައިގެ ގަމީހަކާއި ކަޅު ޖީންސްފަޓުލޫނެއް ލައްވައިގެން އެހުންނެވީ އޭނާ އެންމެ ދެކެން ބޭނުންވާ އިންސާނާއެވެ. އޭނާ އުފަލުން ފޮޅުނުކަހަލައެވެ.

”ފަޒީން ތޯ.” އޭނާއަށް ބުނާނެއެއްޗެއް އޮޅުނެވެ.

”ކައިފިންތަ؟” ފަޒީނަށްވެސް ވަނީ ވާހަކަދައްކަންވީ ކޮން ޢިބާރާތަކުންކަމެއް ނޭނގިފައެވެ. ފުރަތަމަ ދައްކަންވީ ކޮންވާހަކައެއް ކަމެއް އަހަންވީ ކޮންވާހަކައެއް ކަމެއް އޮޅިލައްވާފައެވެ.

”ނޫން.” އޭނާ އިސްޖަހާލިއެވެ.

”ހިނގާކާންދަމާ. ދާނަންތަ؟” ރިސޯޓުގެ ވީއައިޕީ ލޮޖުގެ ރެސްޓޯރަންޓަށް ހިނގައްޖެނަމަ އޭނާ ޒީލަންއަށް މީހުންގެ ލޯތަކުން ސަލާމަތްވާނެއެވެ. އަނެއްކާ ވާރޭވެހޭތީ މީހުންވަރަށް މަދުވާނެއެވެ. އެރެސްޓޯރެންޓްގެ ބޮޑުބައިވަނީ ހާމައަށް ކަމަށްވާތީ މިފަދަ ވާރޭ ވެހޭރެއަކު އެތަނަށް މީހުން ދާނީ ވަރަށް މަދުންނެވެ.

”ޒީލަން ދާނަންތަ؟” ޒީލަން ޖަވާބެއް ނުދިނުމުން އަނެއްކާވެސް އޭނާ އެއްސެވިއެވެ

ޒީލަންވަރަށް ދާހިތްވެއެވެ. އުޒުރުވެރިވާން ބޭނުންވެއެވެ. އެކަމަކު ފަޒީން އޭނާ ގެންދަވަން ބޭނުންވެލައްވަނީ ކިހާމިންވަރަކަށްތޯ ބަލާހިތްވެއެވެ. ފަޒީނުގެ އެދިލެއްވުމަކީ އޭނާއަށް ހިތްހަމަ ޖެހުން ގެނެސްދޭ ކަމެކެވެ.

”ވަރަށް މޫސުންގޯހެއްނު. ފަޒީނަށް އުދަގުލެއް ނުވާނެތޯ.” އޭނާ ޅަވެލިއެވެ.

”ނޫން ޒީލަން އަހަރެންވެސް އަދި ނުކަން. ޒީލަން ހިނގައްޖެނަމަ އުފާވެރި ވަގުތުކޮޅަކަށް އެވަގުތުކޮޅު ވާނެ. ނަމަވެސް ޒީލަން ދާން ބޭނުންނޫންނަމަ އަހަރެން ދަނީ.”

”ނޫން މަޑުކޮށްލައްވާ! އަޅުގަނޑު އެބައަންނަން.” އޭނާ ފަޒީނު ފޮނުވާލާކަށް ބޭނުމެއް ނޫނެވެ. މިފަދަ ވަގުތުކޮޅެއް އޭނާ ބޭނުންވެފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އޭނާ އަވަހަށް އެތެރެއަށް ވަނެވެ. މޫނުދޮވެލުމަށްފަހު އަވަސް އަވަހަށް ކުޑަކޮށް ތާޒާވެލިއެވެ. އޭނާ ލީ މަޑު ރަތްކުލައިގެ ޓޮޕަކާއި ކަޅުކުލައިގެ ޖީންސެކެވެ. އެންމެ މީރުވަސް ދުވާ ސެންޓުފުޅިން ސެންޓް ޖަހާލިއެވެ. އަދި އަވަސް އަވަހަށް ނިކުތެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *