ދަރިންނާ ބެހޭގޮތުން މާތް ﷲ އަހުރެމެންނަށް ކުރައްވާފައިވާ ވަޞިއްޔަތަށް ރައްކައުތެރިވުމަށް ހަނދާންކޮށްދެމެވެ. ހަމަކަށަވަރުން ދަރީންނަކީ، ބޮޑުވެގެންވާ އަމާނަތެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ ﴾ މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި،ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ. މާތްﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވެފައިވެއެވެ. "ތިޔަބައިމީހުންގެ ނަފްސުތަކަށާއި ދަރީންނަށް އުގަންނައިދޭށެވެ! އަދި އެކުދިން އަދަބުވެރިކުރުވާށެވެ!"
ދަރިންނަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެއީ އެކުދިންގެ ސަބަބުން ލޮލަށް ފިނިކަން ލިބޭތީއެވެ. ކުރިމަގު އުޖާލާވާތީއެވެ. ޙަޔާތް ބާއްޖަވެރިވާތީއެވެ. އެހެންކަމުން އަހަރެމެންގެ ދުޢާއަކަށް ވާންޖެހޭނީ: ﴿ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ މިއެވެ. މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބީންގެ ކިބައިންނާއި، އަޅަމެންގެ ދަރީންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ."
މައިންބަފައިން އެމީހުންގެ ދަރީން ތަފާތު ބަލިތަކުން ޙިމާޔަތްކުރުމަށާއި، ހަށިގަނޑުގެ ދިފާޢީ ބާރު ވަރުގަދަކުރުމަށް، ވެކްސިން ޖަހައި، އޭގެ ޑޯޒުތައް ފުރިހަމަ ކުރެއެވެ. ވާބައްޔާއި، އިދިފުށަށް ދަމާ ބައްޔާއި، ހޯއްގޮވާ ކެއްސުމާއި، ހިމަބިއްސާއި، ޑިފްތީރިޔާ އާއި، ކެއްސުންބަލި ފަދަ ބަލިތަކުން ރައްކާތެރިކަން ހޯދައިދިނުމަށްޓަކައެވެ.
މުސްލިމް އަޚުންނޭވެ! އަޅުގަނޑުމެންގެ ދަރީން، ދުންޔަވީ ބަލިތަކާއި އާރާތްތަކުން ރައްކައުތެރިކުރަން މަސައްކަތްކުރާ ފަދައިން، އައްތަޙްރީމު ސޫރަތުގެ ހަ ވަނަ އާޔަތުގައި، މާތް ﷲ އަންގަވާފައިވާ ގޮތަށް، އެދަރީން ނަރަކައިން ސަލާމަތްކުރުމަށް، އެކަށީގެންވާ މަސައްކަތެއް ކުރެވޭބާވައެވެ! އެކުދީން އިލްޙާދާއި، ލާދީނިއްޔަތުން ސަލާމަތް ކުރުމަށް، ރަނގަޅު ދީނީ ތަޢުލީމެއް ދެވޭބާވައެވެ؟ މާތް ﷲ ، އެއާޔަތުގައި، އަޅުގަނޑުމެންނަށް އަމުރު ކުރައްވަނީ، އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި، އަހަރެމެންގެ އަނބިދަރީން ނަރަކައިން ސަލާމަތްކުރުމަށެވެ!
ބައެއް މައިންބަފައިން މިއަދު ދައްކާ ވާހަކައަކީ، އެމީހުންގެ ދަރީން ކުއްލިއަކަށް ނަމާދާ ދުރުހެލިވާ ވާހަކައެވެ. ފޯނާއި ކޮމްޕިޔުޓަރުފަދަ ޒަމާނީ ވަސީލަތްތަކުގެ ތެރެއަށް ގެނބި، މާތް ﷲ ޙަރާމްކުރެއްވި ކަންތައްތަކަށް އަރައިގަންނަމުންދާ ވާހަކައެވެ. ކުއްލިއަކަށް މާބޮޑަށް މިނިވަންވެ، މައިންބަފައިންނަށް ނުވެސް އެނގި، ޙަޔާތުގެ ބައިވެރިޔަކު ހޯދުމުގެ މަސައްކަތްފަށާ ވާހަކައެވެ. މިފަދަ ބަލިތަކާއި، ރޯގާތައް އެކުދީންނަށް މިޖެހެނީ، އެފަދަ ކަންކަމުން އެކުދީން ޙިމާޔަތްކުރުމަށް އަޅަން ޖެހޭ ހަރުދަނާ ފިޔަވަޅުތައް ނާޅާތީއެވެ.
މިކަމަށް އަޅަންޖެހޭ ފުރަތަމަ ފިޔަވަޅަކީ، އީމާންކަމުގެ ތަރުބިޔަތު ދިނުމުގެ ފިޔަވަޅެވެ. މިތަރުބިޔަތު ދޭންވާނީ އޯގާވެރިކަމާއި ލޯތްބާ އެކުގައެވެ. ޅަދަރިން ލައްވާ ގަދަކަމުން ނަމާދުކުރުވައި، ރޯދަހިއްޕަވާ ނަމަ އެކުދިން އެކަންކަން ކުރާނީ ކުރާ ހިތަކުންނޫނެވެ. އޭރުން އެކުދީން ބޮޑުވަމުން އެއަންނަނީ، ބިރުވެރި މާޙައުލެއްގައެވެ. ނަތީޖާއަކަށްވާނީ، ދީނަށް ނަފްރަތުކުރުމެވެ. އިސްލާމްދީން އަޅުގަނޑުމެންނަށް ގޮވައިލަނީ، އޯގާވެރިކަމާއި، ލޯތްބާއި، ކުލުނާއެކު، ދަރީންނަށް ދީނީ ތަރުބިޔަތު ދިނުމަށެވެ. ކީރިތި ރަސޫލާ އަންގަވާފައިވަނީ، ހަތް އަހަރުގައި، އެ ކުދީންނަށް ނަމާދު ކުރުމަށް އަމުރުކުރުމަށެވެ. ރިވެތި ނަމޫނާ ދައްކައިގެން އެކުދިން ތަރުބިޔަތުކުރުމަށެވެ. ބައްޕައަށް އިޙްތިރާމުކުރުމަށް ބުނާ ބައްޕަ، މަންމައާ ޒުވާބު ކުރާތަން ފެންނަނަމަ ދަރިންނަށް އިޙްތިރާމުގެ ފިލާވަޅެއް ނުލިބޭނެއެވެ.
މަންމަ ދެކެ ލޯބިވުމަށް ބައްޕަ ބުނާއިރު، މަންމަގެ މައްޗަށް ބައްޕަ އަނިޔާވެރިވާ މަންޒަރު ފެންނަނަމަ، ކުއްޖާގެ ނަފްސުގައި ބިންވަޅު ނެގެމުންދާނީ ނޭދެވޭ އަސަރުތަކެކެވެ.
ބައެއް ފަހަރަށް ދަރީންގެ އަތަށް ލަގަން ދޫކޮށްލާ މައިންބަފައިން ވެސް ފެނެއެވެ. އެމީހުން ދަރީންނަށް ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދެއެވެ. އެމީހުން އެކުދީންގެ ގާތުގައި ބުނާނީ، ދަރިފުޅު ރަނގަޅަށް ކިޔަވަންޏާ މައްސަލައެއްނެތެވެ. އެފަދަ މައިންބަފައިން، ދަރީންނަށް ތިލަފަތްހަމަ ތަރުބިޔަތެއް ދިނުމަށް ފަރުވާލެއް ނުބަހައްޓައެވެ. އީމާންކަމާއި، އަޚްލާޤީ ތަރުބިޔަތަކަށް، އެއްވެސް ސަމާލުކަމެއްނުދެއެވެ. ﷲގެ ނިޢުމަތްތަކަށް ޝުކުރު އަދާކުރުމަށްޓަކައި، ޢަމަލީ އެއްވެސް ތަރުބިޔަތެއްނުދެއެވެ. ކީރިތި ރަސޫލާ ވެސް ދަސްކޮށްދެއްވާފައިވާ، ތަރްބަވީ ފިލާވަޅުތަކުގެ މަތިން ހަނދާނެއްނެތެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "ތިބާ ވީ ކޮންމެ ތަނެއްގައި، ތިބާﷲ އަށް ތަޤްވާވެރިވާށެވެ!" އެފަދަ ދެވަނަ ފިލާވަޅަކީ، އެކަލޭގެފާނު އިބްނު ޢައްބާސްގެފާނަށް ދަސްކޮށްދެއްވި ފިލާވަޅެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. "އޭ ކޮއިފުޅާއެވެ! ތިބާ ﷲގެ ޙައްޤުތަކަށް ރައްކާތެރިވާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކާތެރިކުރައްވާނެތެވެ."
އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައިދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ޤަޟާޤަދަރަށް އީމާންވުން ހިމެނެއެވެ. މީގެ އިތުރަށް މައިންބަފައިން ދަރީންނަށް ދަސްކޮށްދޭންޖެހޭ އަޚްލާޤީ ފިލާވަޅުތަކުގެ ތެރޭގައި، އެކުދީން ތެދުބަސް ބުނުމަށް އާދަކުރުވައި އެކަމަށް ތަމްރީނު ދިނުން ހިމެނެއެވެ. ތެދުބަސް ބުނަން އާދަވާ ދަރިން ދަސްވެނިވާނީ ޞިއްދީޤުންގެ މަތިވެރި ސަނަދު ލިބިގެންނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ ﴾ މާނައީ:"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ."
މަޢުލޫމާތު: ހުކުރު ޚުޠުބާ
