ލޮނު މަދުކޮށް ކިޑްނީ ސަލާމަތްކުރޭ!

ކިޑްނީ އަކީ ހަށިގަނޑުގައި ހުންނަ ކުނި އުފެއްދުންތަކާއި އަދި ވިހަ މާއްދާތައް ނައްތާލުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ. ލޮނަކީ ކާނާތަކުގައި ކެއުމަށް ބޭނުންކުރާ މުހިއްމު އެއްޗެއް ނަމަވެސް ކިޑްނީގެ މައްސަލަތައް އިތުރުވުމާ ސީދާ ގުޅުން ހުރި އެއްޗެކެވެ. ހަށިގަނޑުގައި މާގިނައިން ލޮނު ހުރުމުން ކިޑްނީގެ މަސައްކަތް ގޯސްވެ، ހަށިގަނޑުގައި މާގިނައިން ފެން ހިފެހެއްޓިދާނެ އެވެ.

ލޮނަކީ އިންސާނާގެ ހަށިގަނޑުގައި ނާރުތަކުގެ ބާރު ފޯރުކޮށްދިނުމާއި، މަސްތަކަށް ރިލެކްސް ކުރުމަށާއި، ފެނާއި މަޢުދަންތަކުގެ ބެލެންސް ބެލެހެއްޓުމަށް ބޭނުންވާ މުހިންމު މާއްދާއެކެވެ. ލޮނުގައި %40 ސޯޑިއަމް އަދި %60 ކްލޮރައިޑް ހިމެނެއެވެ. ޑޮކްޓަރުން ލަފާދެނީ އާދައިގެ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހެއްގެ ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި ދުވާލަކު 500 މިލިގްރާމް ލޮނު ކެއުމަށެވެ. މި ބަޔާންކުރި މިންވަރަށް ހަށިގަނޑަށް ލޮނު ނުދާނަމަ ލޭގެ ޕްރެޝަރު ދަށްވެ، ބޯއެނބުރުމާއި، އެންމެ ފަހުން ކޯމާއަކަށްގޮސް މަރުވުން ފަދަ ކަންކަން މެދުވެރިވެދާނެ އެވެ.

އެމެރިކާގެ އެން.އެޗް.އޭ.އެން.އީއެސްގެ ތަފާސްހިސާބު ތަކަށް ބަލާއިރު އެމެރިކާ މީހުން ދުވާލަކު 3.2 ގްރާމާއި 4.2 ގްރާމާއި ދެމެދުގެ މިންވަރަކަށް ސޯޑިއަމް ބޭނުންކުރެއެވެ.  އޭގެ %80 ލިބެނީ ޕެކޭޖްކޮށްފައިވާ ކާނާއާއި ރެސްޓޯރެންޓްތަކުންނެވެ. އަޅުގަނޑުމެން ދިވެހިންވެސް ފުދޭވަރަކަށް ސޯޑިއަމް ބޭނުންކުރަނީ ހުޅަނގުގެ މީހުން ނަކަލުކުރަން ފަށާފައިވާތީއެވެ. ސޯޑިއަމް އަކީ ލޭމައްޗަށް ދިއުން، ހާޓް އެޓޭކް، ހިތް ފެއިލްވުން، ސްޓްރޯކް، ކިޑްނީގެ ބަލި، ބަނޑުގެ ބަލިތައް އަދި އެހެނިހެން ކެންސަރުގެ ބަލިތަކާއި ނޭވާހިއްލުން، ފަދަ ގިނަ ބަލިތައް ކުރިމަތިކުރުވާ އެއްޗެކެވެ. ލޮނާއި ފެން ހަށިގަނޑުގައި ބެލެންސް ކުރާނަމަ ވަރަށް ބޮޑު މިންވަރަކަށް ސިއްޙަތު ސަލާމަތް ކުރެވިދާނެއެވެ.

ލޭގައި ހުންނަ ލޮނުގެ ސަބަބުން ހަށިގަނޑުގައި އިތުރަށް ހުންނަފެން ދަމައިގަނެ ލޭގެ ޕުރެޝަރު އިތުރުވާތީ، ބޭނުންވާ މިންވަރަށް ވުރެ ގިނައިން ލޮނު ބޭނުންކުރުމުން ދުރުހެލިވާށެވެ. ލޭގެ ޕްރެޝަރ އިތުރުވުމުން ލޭހޮޅިތަކަށް އިތުރު ބާރެއް ފޯރުކޮށްދީ ހައިޕަރޓެންޝަން އުފެދެއެވެ. އަދި ލޭހޮޅިތައް ހަނިވުމުގެ އިތުރުން ކިޑްނީއަށް ލޭ ދައުރުވުން މަދުވެ، ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް މަގުފަހިވެއެވެ. ދިގު މުއްދަތަކަށް ނުވަތަ ދާއިމީކޮށް ކުރިމަތިވާ މި ހައިޕަރޓެންޝަންގެ ސަބަބުން ހިތާއި ސިކުނޑިއާއި ކިޑްނީއާއި ލޭހޮޅިތަކާއި އަދި ބަނޑު ފަދަ މުހިންމު ގުނަވަންތަކަށް ގެއްލުން ލިބިދާނެއެވެ.

ލޮނު ނުވަތަ ސޯޑިއަމްގެ ނުރައްކާ އިތުރުވުމަށް މެދުވެރިވާ ސަބަބުތަކަކީ ކިޑްނީން ސޯޑިއަމް ބޭރުވުން އުނިވުމާއި، ކިޑްނީގެ މަސައްކަތްތައް އިތުރުވުމާއި، މަސްގަނޑުގައި ކެލްސިއަމް އިތުރުވުމާއި، ލޭގެ ޕްރެޝަރު ދަށްވުމެވެ. ދާއިމީ ގޮތެއްގައި ލޮނު ގިނައިން ބޭނުންކުރުމުގެ ސަބަބުން ކިޑްނީއަށް އަސަރުކޮށް ލޭމައްޗަށް ދެއެވެ. އަދި 15-20 އަހަރު ދުވަހުގެ މުއްދަތަށް ކިޑްނީއަށް ގެއްލުން ލިބި، ކުޑަކަމުދާތަކެތީގައި ޕްރޮޓީން އުފެދި، އަދި ކިޑްނީގެ ދިގުދެމިގެންދާ ބަލިތައް އުފެދެއެވެ. ރާއްޖޭގައި ކިޑްނީގައި ހިލަ އުފެދުންވެސް މިއީ ޢާއްމު ބައްޔެކެވެ.

ފާހަގަކޮށްލެވޭ އަނެއްކަމަކީ ލޮނުގެ %80 ހަށިގަނޑަށް ވަންނަނީ ޖަންކް ފުޑްސް، ޕްރޮސެސް ކޮށްފައިވާ ދަޅުކާނާފަދަ ތަކެތިންނެވެ. %20 ލޮނު ހަށިގަނޑުތެރެއަށް ވަންނަނީ ކާނާއަށް ލޮނު އިތުރުކުރުމުންނެވެ. މާގިނައިން ލޮނު ކެއުމަކީވެސް ނުސީދާ ގޮތެއްގައި މާބޮޑަށް ބަރުދަން އިތުރުވުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އިންސާނާގެ ޙަޔާތުގައި ލޮނު އަދާކުރާ ދައުރަކީ އިންސާނާގެ ދިރިހުރުމަށް އޮކްސިޖަން އަދާކުރާ ދައުރާ އެއްވަރުގެ ދައުރެކެވެ. ހަށިގަނޑަށް ލޮނު ފޯރުކޮށްދެނީ އެއްވެސް ބަދަލެއް ނާންނަ ގޮތަށް މީހަކު ބޭނުންކުރާ އާދައިގެ ކާނާއިންނެވެ. އެހެންކަމުން ލޮނާއި ގުޅުންހުރި ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކާތަކެއްޗަށް އިތުރަށް ލޮނު އެޅުމުން ދުރުހެލިވާން ޖެހެއެވެ.

ލޭމައްޗަށް ދިއުމަކީ ހަމައެކަނި ލޮނު ވިހަވުމުގެ ފެށުމެވެ. ލޮނަކީ ހަކުރާއެކު ސިއްހަތަށް ގެއްލުން ދިނުމުގައި އާ ވިހައެއް ކަމުން، އެންމެ މަދު މިންވަރަކަށް ލޮނާއި ހަކުރު ބޭނުން ކުރަން ޖެހެ އެވެ. އެހެންކަމުން ޑޮކްޓަރުން ލަފާދެނީ ބަލިތަކާ ދުރުހެލިވުމަށްޓަކައި އަދި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި ދުވާލަކު 2 ގްރާމަށްވުރެ މަދުން ލޮނު ކެއުމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *