ވާހަކަ: ޔުކްތާ 11 ވަނަބައި

( 8 މެއި ގެ ނޫހާއި ގުޅޭ)

ފެންވަރައިގެން ހެދުން ބަދަލު ކޮށްލުމަށްފަހު ރީތި ވެލައިގެން ޔުކްތާ އޮށޯވެލީ އިސްތަށިގަނޑުން ފެންހިކުމުން ފުނާ އެޅުމަށެވެ. އޭރުވެސް އޭނާގެ ވިސްނުން އާރިޒާއި ވަތްކެއް ނުވެއެވެ. އާރިޒުގެ އޯގާތެރިކަން އޭނާއަށް ބަދަލުތަކެއް ގެނުވާކަމުގެ އިހުސާސް ކުރެވެއެވެ. ނުލަފާ ކުދިބައެއްގެ ގާތުން ސަލާމަތް ކުރިވަގުތަކީ މީހެއްގެ އެހީތެރިކަމަށް އޭނާ ނިހާޔަތަށް ބޭނުންވެފައިވާ ވަގުތު ކޮޅެކެވެ. މިއަދު ފަޔަށް ލިބުނު ތަދުގެ ސަބަބުން އާރިޒުގެ އެހީތެރިކަން ލިބުނު ވަގުތު އޭނާއަށް ރައްކާތެރިކަމާއި ހިމާޔަތް އިހުސާސް ކުރެވެއެވެ. އާރިޒު ފެނުމުން އޭނާވެސް ހިތްހަމަޖެހެއެވެ. އޭނާއަށް ނިދުނީ ފުރަތަމަ ފަހަރަށް އާރިޒުގެ ކިބައިން އުންމީދު ތަކެއް ކުރެވުމުންނެވެ. ކުރީގައި ދިރިއުޅުމުގައި އެއްވެސް މަގުސަދެއްނެތް ނަމަވެސް މިހާރު އުންމީދެއްގެ ދިރުން ލިބިގެންނެވެ.

ކުއްލިއަކަށް އޭނާއަށް ހޭލެވުނީ މީހަކު އޭނާގެ ފައިގައި އަތްލާތީއެވެ.  މިއީ އެންމެ ކުޑައިރުން ފަށައިގެންވެސް އޭނާ ބިރުގަންނަ ކަމެކެވެ. ދުވަހަކުވެސް އެހެން މީހަކު އޭނާގެ ގައިގައި އަތްލިޔަކަ ނުދޭނެއެވެ. އޭނާ ވަނީ މީހުން އޭނާގެ ގައިގާ ފިރުމާ އޭނާގެ ޅަދުވަސް ފޭރިގެންފައެވެ. ރޮއެރޮއެ އޮއްވާ އޭނާގެ ދިރިއުޅުން ޖަހައިގެންފައެވެ. ދެން އޭނާ ދުވަހަކުވެސް މީހަކު އެކަހަލަ ކަމެއް ކުރިޔަކަ ނުދޭނެއެވެ.

"ކާކު؟ ހަމަމިހާރު ނިކުމޭ." އޭނާ ބާލީސް އެއްލަމުން ހަޅޭއްލަވައިގަތެވެ.

"މީ.. މީ.. ބޭސް." ދުވަހަކުވެސް ޔުކްތާ މިހާ ރުޅިއައިސްފައި ވަނިކޮށް އާރިޒު ނުދެކޭތީ އޭނާ ކަންބޮޑުވިއެވެ.

"އަޅުގަނޑު ހީކުރީ…." ޔުކްތާ އަކަށް ނުބުނެވުނެވެ.

"އަހަރެންމީ ތި ހީކުރާކަހަލަ މީހެއް ނޫން. މަންމަ ބުނެގެން ބޭސް ހިފައިގެން މިއައީ. ނިދިފައި އޮތީމާ ދާން އުޅެނިކޮށް ފައި ދުޅަވެފައި އޮތީމާ ހިތަށްއެރީ މި ބޭސްކޮޅު އުގުޅާލާފައި ބެންޑޭޖް ކޮށްލާފައޭ ދާނީ." އާރިޒު ބޭސްތައް ބަހައްޓާފައި ދާން ހިނގައިގަތެވެ.

"އަޅުގަނޑަށް މާފު ކުރައްވާ. އަޅުގަނޑު ހީކުރީ އެމީހާ ކަމަށް…" އޭރު ޔުކްތާއަށް ރޮވެނީއެވެ.

"ކާކުކަމަށް؟" ޔުކްތާގެ އަމަލުތައް ހުންނަ ގޮތުން ޔުކްތާއަށް ކޮންމެވެސް ކަހަލަ ކަމެއް ދިމާވެފައިވާކަން އޭނާއަށް މިހާރު ގަބޫލު ކުރެވިއްޖެއެވެ. އަނޫއާއެކު ބަދިގެ ތެރޭގައިވަނިކޮށް ފިހިގަނޑު ނެގި ހަނދާން އޭނާވިއެވެ. އަނޫއާއި ދެމީހުން ކުޑަކުދިންނަށް ގޯނާކުރާ ވާހަކަ ދެއްކި ދުވަހު ޔުކްތާއަށް އައިބަދަލާއި މަންމަ އެދުވަހު ދެއްކި ވާހަކައިން އޭނާއަށް އެއްޗެހިތަކެއް ދޭހަވިއެވެ.

"ޔުކްތާ ހީކުރީ ކާކުކަމަށް؟" އިސްޖަހާލައިގެން ހުރި ޔުކްތާ އެއްޗެއް ނުބުނުމުން އޭނާ ތަކުރާރު ކުރިއެވެ.

"އެއީ…." ޔުކްތާގެ ލޮލަށް ޖަމާ ވަމުންދިޔަ ކަރުނަތައް ހިފެހެއްޓުމެއް ނެތި ކޯތާފަތް މައްޗަށް އެޅެމުންދެއެވެ. އާރިޒުގެ ފިރިހެންވަންތަކަން އެލޯބި ކުއްޖާގެ ރޯތަން ދެކެން ކެތް ކުރެވެނީ ކިރިޔާއެވެ. ދެއަތުން އޭނާގެ އަތުތެރެއަށްގެނެސް ހިތްވަރުދޭން ބޭނުންވެއެވެ. އެރީތި ލޮލުން ފައިބާ ކަރުނަތައް އޭނާގެ އަތުން ފޮހެލަދީ ހުއްޓުވަންވެސް ބޭނުންވެއެވެ. ނަމަވެސް އޭނާއަށް އެހެން ހަދާކަށް ނުކެރެއެވެ.

"ދެން އެންމެ ރަނގަޅު… ޔުކްތާ އެވާހަކަ ބުނަން ބޭނުން ނޫންނަމަ އަޅާނުލާ."

"އަޅުގަނޑު އެވާހަކަ ފަހުން ކިޔައިދޭނަން." އާރިޒު އޭނާއާއި ދުރުވާކަށް ބޭނުމެއް ނުވެއެވެ.

އާރިޒު ޔުކްތާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަދި މަޑުމަޑުން އެނދުގައި ބޭންދިއެވެ.

"ޔުކްތާ. އަހަރުމެންނަކީ އެންމެ ކުޑައިރުއްސުރެ ރަހުމަތްތެރިން. ދުވަސްކޮޅަކު އަހަރެމެންގެ މެދަށް  ދުރުކަމެއް އައި ނަމަވެސް މިހާރު އަހަރެމެންނަކީ ރައްޓެހިންނެއް ނޫންތަ؟ މީގެ ދުވަސްކޮޅެއް ކުރިން  ޔުކްތާގެ އެއްވެސް ކަމެއްނެތި ދުރުވެވުނީތީ އަހަރެން ވަރަށް ދެރަވަން. ކުޑައިރުގެ ރަހްމަތްތެރިކަން އަހަރެން ބޭނުން." އާރިޒު ކޮންމެގޮތަކުން ނަމަވެސް ޔުކްތާއާއި ގާތްކަން ބާއްވަން ބޭނުންވެއެވެ.

"އޭގެފަހުން އަޅުގަޑުގެ އެއްވެސް ރައްޓެއްސެއް ނުހުރޭ." ޔުކްތާ ދެއަތް ދެއަތާ ކުޅެލަ ކުޅެލާ ހުއްޓެވެ.

"ޔުކްތާއަށް ބޮޑު ބަދަލެއް ގެނުވީ ކޮންމެވެސް ކަމެއް ވެގެންކަން މަންމަގެ ވާހަކަ ތަކުންވެސް އެނގޭ. އެއީ ކޮންކަމެއްކަން ކިޔައިދީބަލަ." އޭނާ އޮޅުންފިލުވަން ބޭނުންވިއެވެ.

"އަޅުގަނޑު…. އެއީ…. މިހާރަކު އަޅުގަނޑަކަށް ކިޔައެއްނުދެވޭނެ." އޭނާ އެވާހަކަ ފަށަން އުޅުނަސް މެއަށް އުނދަގޫވެއެވެ. ނޭވާލާން ދަތިވެއެވެ. އާރިޒަށް މިކަން އިހުސާސް ކުރެވުނެވެ. އެހެންކަމުން އޭނާ ނިކުމެގެން ދިޔައީ ޔުކްތާ އިތުރަށް ހާސް ނުކުރުވަން ވެގެންނެވެ.

*****

ފަތިސްވުމުން ނަމާދު ކޮށްލައިގެން އާދައިގެ މަތީން ޔުކްތާ ދިޔައީ އަޒީޒާގެ ކަންތައްތައް ކޮށްލުމަށެވެ.

"ދައްތަ މިހާރު މާގިނައިން ނިދަނީދޯ. އެތެރެއަށް ވަދެގެން އަންނައިރަށް އެންމެ ފުރަތަމަވެސް ވާހަކަ ދައްކާ އަޒީޒާ، މިފަހަރު ވާހަކަ ނުދެއްކުމުން ޔުކްތާ ސަމާސާ ކޮށްލިއެވެ. ނަމަވެސް އަޒީޒާގެ ޚަބަރެއް ނުވުމުން އޭނާ ގާތްވެލިއެވެ. އަޒީޒާގެ އަތުގައި އެއްވެސް ބާރެއްނެތެވެ. ލޯވަނީ ހުޅުވިފައެވެ. އޭނާގެ މުޅިހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. ޔުކްތާ ކުއްލިއަކަށް ހަނދާންވީ އޭނާގެ ބައްޕަ މަތިންނެވެ. އެރޭ އޭނާގެ ބައްޕަވެސް އޮތީ މިކަހަލަ ގޮތަކަށެވެ. އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ މީހެއްގެ އެހީތެރި ކަމަށެވެ. ފަޔަށް ބާރުލާފައި އޭނާ ދުއްވައިގަތީ މަތީ ބުރިއަށެވެ. އޭނާ އާރިޒުގެ ކޮޓަރީގައި ބާރަށް ތަޅައިގަތެވެ. ލޯ އުނގުޅަމުން ނިކުތް އާރިޒަށް ޔުކްތާގެ ހާލު ފެނުމުން ކަމެއް ގޯސްވީކަން އެނގުނެވެ. ޔުކްތާ ބާރަށް އާރިޒުގެ އަތުގައި ހިފާ މަންމަގެ ކޮޓަރިއާއި ދިމާއަށް ދަމުން އަނެއް އަތް ދިއްކޮށްގެން ހުރެ ބުނެވޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ އަޑުވަނީ ބެދިފައެވެ. އާރިޒަށް ޔުކްތާގެ ހާސްކަން އާދަޔާ ޚިލާފު ބިރުވެރިކަމެއް ގެނުވިއެވެ. އޭނާ ޔުކްތާގެ ކޮނޑުގައި ހިފާ ބާރަށް ތަޅުވައިގަތެވެ.

"އަޒީއްތަ…. އެއީ އެރޭ އަޅުގަނޑުގެ ބައްޕަ ވެސް އޮތްގޮތް." މަޑުމަޑުން އަޑުނިކުތް ޔުކްތާއަށް ހަމައެކަނި ބުނެވުނީ އެވަރަށެވެ. އާރިޒު ކޮޓަރިއަށްވަދެ ޓީޝާޓު ލަމުން ދުވެފައި ދިޔައެވެ.

މަންމަގެ ފުރާނަނެތް މަސްގަނޑު ފެނުމުން އޭނާއަށް ނުހަނު އަސަރުކުރިއެވެ. ނަމަވެސް މަންމަގެ ހިނެވުމުގެ ހުރިހާ މަސައްކަތެއް ކުރަންދެން އޭނާ ނުހަނު ހިތްވަރު ކުރިއެވެ. އޭނާއަށް ގެއަށް އާދެވުނީ މެންދުރު ފަހުންނެވެ. އޭރު ގޮތް ހުސްވެފައި ހުރި ޔުކްތާ ޝިޔާ ނިންދެވޭތޯ މަސައްކަތް ކުރަމުންދެއެވެ.

އިރުކޮޅެއްވީއިރު އަނޫވެސް ގެއަށް އަތުވެއްޖެއެވެ. ޔުކްތާއާއި އާރިޒުގެ ކައިވެނީގެ ޚަބަރު ލިބުމުން ނައިސް ހުރެ  މިފަދަ ބޮޑުކަމެއް ދިމާވުމުން އެގެއަށް އައީއެވެ. އޭނާ ނުހަނު އަންނަން ބޭނުންވެއެވެ. އަދި ރަހްމަތްތެރިކަމުގެ ގުޅުމުގެ ނަމުގައިވެސް އޭނާ އާރިޒާ ވަކިވާކަށް ބޭނުމެއް ނޫނެވެ. ކުރިން އިންތިޒާރު ކުރިފަދައިންނެވެ. އާރިޒު ހުރީ މާބޮޑަށް ދެރަވެފައި ކަމުން އޭނާ އަނޫއަކާ އަޅައެއް ނުލިއެވެ. އެހެންކަމުން އަނޫއަށްވެސް އެކަން އިހުސާސް ކުރެވިގެން ދިޔައީއެވެ.

*****

އާރިޒު މަންމަގެ ކޮޓަރިއަށް ވަދެބަލާލިއެވެ. މަންމަގެ އަލަމާރި ހުރީ ކޮންމެވެސް ވަރަކަށް ހުޅުވިފައެވެ. އޭނާ އަލަމާރީގައި އޮތް ފައިލު ބަލާލުމުގެ ޝައުގުވެރިކަން އުފެދުނީ ތަރުތީބު ގެއްލި ބައެއްގަނޑު ބޭރަށް ނިކުމެފައިވާތީއެވެ. އެތެރެ ހުޅުވާލާ ބަލާލީ މަންމަ ރޭގައި ގެންގުޅުނު އެއްޗެއްކަމަށް ޝައްކުވާތީއެވެ.

އޭނާއަށް ފެނުނީ ޔުކްތާއަށް އެންމެ ތޭރަ އަހަރުގައި ލިބުނު ކުއްޖަކަށް އެއްބަސްވެފައިވާ ލިޔުމެވެ. ކުއްޖާގެ ބައްޕަ އޮޅުން ނުފިލާކަމަށް ރަށުކޯޓުން ދީފައިވާ ބަޔާނެވެ. ދެއަހަރު ވަންދެން ގޭބަންދަށް ހުކުން ތަންފީޒުކުރިކަމުގެ ހުކުމެވެ.

އާރިޒުގެ ހިތަށް ތަފާތު އެއްޗިހި އަރާ ފައިބަމުންދެއެވެ. އޭނާ ޔުކްތާދެކެ ފޫހިވާކަން އިހުސާސް ކުރެވުނެވެ. އޭނާއަށް ޔުކްތާދެކެ ރުޅިއާދެވުނެވެ. ހިތުހުރިވަރަށް އެއްޗިހިގޮވާލަން ހިތަށް އެރިއެވެ. މިހުރިހާ ދުވަހަކު އެކަން މަންމަވެސް އަދި ޔުކްތާވެސް ނޭންގީތީއެވެ. ޔުކްތާއަކީ އޭނާ ހީކުރި ކަހަލަ އަބުރުވެރިއަކަށް ނުވާތީއެވެ. ކިތަންމެ ރީތިނަމަވެސް އެހެންމީހަކަށް ކުއްޖަކު ލިބިފައިވާތީއެވެ. އަދި އެއީވެސް އެންމެ ހުތުރު ގޮތަށެވެ. އެހާ ޅައުމުރެއްގައި ކައިވެންޏަކާ ނުލައެވެ. އޭނާ ނިކުމެގެން ދިޔައީ ޔުކްތާއަށް ހަޅޭއްލެވުމަށެވެ. ހިތުގައި ހުރި އުދާސްތައް ބޭރުކޮށްލުމަށެވެ.

ނަމަވެސް އޭނާއަށް ހުއްޓެވުނީ ޔުކްތާގެ ގިސްލުމުގެ އަޑަށެވެ. އެއީ ހިތްދަތިކަމުގެވެސް އެންމެ ފުން މިންވަރަށް ލެވެމުންދާ ވޭނުގެ އަޑެކެވެ.  ކިތަންމެ ހިތްހަރު މީހަކުވެސް މަޑުވެދާފަދަ ރިހުމެއްގެ އަޑެކެވެ. ޔުކްތާއަށް ބަލާލެވުނީ އިޚުތިޔާރަކާނުލައެވެ. އޭރު އޭނާގެ ރަތްވެފައިވާ ދެލޮލުން އަޒީޒާ ވަކިވެދިޔުމުގެ ހިތާމަ ނުހަނު ބޮޑަށް ކޮށްފައިވެއެވެ. ޔުކްތާގެ މި ނިކަމެތި ހާލު އާރިޒުގެ ހިތުގައި ބިންވަޅު ނެގިފައިވާ ލޯބި އަނެއްކާވެސް އުފަންވިއެވެ. ނަފުރަތުން ކަޅިވެފައިވާ ހިތް ހަމްދަރުދީން ބަންޑުންވެއްޖެއެވެ. ނަމަވެސް ހިތަށްވުރެ ސިކުނޑީގެ ގޮވާލުމަށް އިޖާބަ ދިނެވެ. އެއްޗެހި ކިޔުމުގެ ބަދަލުގައި އެހަޑި މުޑުދާރު ކުއްޖާގެ ކުރިމަތީން އޭނާ ދުރަށް ދިޔައެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަޒީޒާ މަރުވެގެން ދެ ދުވަސް ވީއިރުވެސް އާރިޒު ގެއަކުން ނުކައެވެ. ޔުކްތާއަކާ ވާހަކައެއް ނުދައްކައެވެ. ގިނަ ރޭރޭ އަންނަނީވެސް ދަންވާފަހުންނެވެ.

އެއްވެސް ވަގުތަކު އާރިޒު ގެއިންނުކާތީ އާއި އާރިޒަށް އަންނަ ބަދަލުތަކުން ޔުކްތާއަށް ތަފާތު އަސަރުތައް ކުރުވައެވެ. އާރިޒު އޭނާއާއި ވާހަކަ ދެއްކުމުގައި ތަފާތު ގޮތެއް ގެންގުޅޭހެން ހީވާން ފަށައިފިއެވެ. ބައެއްފަހަރު ބުނެލާ ބަހަކުން ސީދާ އާރިޒަށް އޭނާގެ ސަބަބުން އުނދަގޫތަކެއް ވާހެން ހީވާން ފަށައިފިއެވެ. އަދި އޭނާގެ ސަބަބުން އާރިޒަށް އުނދަގޫވާކަން އޭނާއަށް ގަބޫލު ކުރެވެން ފަށައިފިއެވެ.

އާރިޒު ގެއަށް އައީ ދަންވީފަހުންނެވެ. ގިނައިރުތަކެއް ވާންދެން އޭނާ ފޯނުން ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން އަނޫ އެގެއަށް އައިސްވަނެވެ. އެދެމީހުން ގިނައިރުތަކެއްވާންދެން ވާހަކަދައްކަން ތިއްބެވެ. އަނޫއަށް ޔުކްތާ ފެންނާތީ އޭނާގެ ދެއްކުން ތެރިކަން ބޮޑެވެ. އާރިޒާ އެންމެ ގާތްމީހަކީ އަނޫ އޭ ހީވާ ކަހަލަ ގޮތްގޮތަށެވެ. އާރިޒަކީ އޭނާގެ މީހެކޭ ބުނާކަހަލަ ގާތްގޯޅި ވުމަކުންނެވެ. މިކަމާ ޔުކްތާ ދެރަވެއެވެ. އޭނާ އަށް ދެން އެގޭގައި ނޫޅެވޭނެކަން ހީވާން ފެށިއެވެ.

ނަމަވެސް އޭނާ ދާނެ ތަނެއްނެތެވެ. އެނބުރި ރަށަށް ހިނގައްޖެނަމަ ކުރީގެ ހާދިޘާ ތަކުރާރު ވެދާނެތީ ބިރުގަނެއެވެ. އަޒީޒާ ނެތުމުން މިދުނިޔޭގައި ހުރި އޭނާގެ ހަމައެކަނި މީހާ ގެއްލުނީއެވެ. އޭނާ އާރިޒަށް ކުރި އިތުބާރު ގެއްލި މާޔޫސްވާން ފަށައިފިއެވެ. އަޒީޒާ ނެތުމުން އޭނާ ބާކީވީއެވެ. އާރިޒަށް އޭނާ އުޅޭތީ އުނދަގޫވަނީއެވެ. އޭނާދެކެ ލޯބިވާ އެކަކަކުވެސް މިދުނިޔެއަކު ނެތެވެ. އޭނާގެ ސަބަބުން އެންމެންނަށްވެސް އުނދަގޫވާހެން ހީވަނީއެވެ.

ކުރިން ދިމާވެފައިވާ ބަލި އޭނާއަށް ތަކުރާރުވާން ފަށައިފިއެވެ. އަޒީޒާގެ އެހީއިން ޝިފާލިބި ގިނަދުވަސް ތަކެއް ވާންދެން ރަނގަޅުވެފައިހުރި ނަފުސާނީ ބަލީގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އޭނާއަށް ނޭވާލާން ދަތިވަނީއެވެ. އޭނާގެ ބޮލުން ހީވަނީ އާވި އަރާހެންނެވެ. މުޅިހަށިގަނޑަށް ހޫނު އަރާ ހެންވެސް ހީވެއެވެ. ފެން އިސްކުރު ދޫކޮށްލުމަށްފަހު ހަށިގަނޑަށް ފިނިވޭތޯ ފެންވަރަން ފެށިއެވެ. ނަމަވެސް އޭނާއަކަށް ފިންޏެއް ނުވެއެވެ. ކުރިމަތީ ހުރި ލޯގަނޑުން އޭނާގެ ހަށިގަނޑު ފެންނާތީ އުނދަގޫވިއެވެ. އޭނާ އަމިއްލަ ނަފުސުދެކެވެސް މިހާރު ރުޅިއާދެވެއެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ. ދެއަތް މުއްކެވި ކެތްކުރަން ދަތި ހިތް ދަތިކަމެއް އޭނާއަށް ކޮށްފިއެވެ. އޭނާ ކުއްލިއަކަށް ގެނައި ހަރަކާތަކާއިއެކު ފާޚާނާގައި ހުރި ބިއްލޫރި ފުޅިއެއް  ނަގާ  ލޯގަނޑާދިމާއަށް އެއްލިއެވެ. އޭނާހުރީ ލޯގަނޑާ ކައިރީގައި ކަމުން ނައްޓައިގެން އައި ބިއްލޫރިގަނޑެއް އޭނާގެ ކޮޑުގައިޖެހި ލޭއަންނަން ފެށިއެވެ. އިސާހިތަކު ފައިބަމުންދާ ފެންތަކުގެ ތެރެއަށް އޭނާ ވެއްޓިއްޖެއެވެ. އޮހެމުންދާ ފެންތަކުގެ ތެރޭގައި އޭނާ ޚަބަރު ހުސްވެފައި އޮތެވެ. (ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޔުކްތާ" ވާހަކައަކީ 2009 ވަނަ އަހަރުގެ ގައުމީ މުބާރާތުން ހޮވި އެންމެ މޮޅު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *