(17 މެއި 2022 ނޫހާއިގުޅޭ)
25. ކޮންމެ ދުވަހެއް ވެސް އައު ފެށުމަކުން ފަށާށެވެ.
ﷲއާއި ދުރުހެލިވުމުންނާއި އެކަލާނގެ އެންގެވި ގޮތްތަކާއި ދުރުހެލިވުމުން ލިބެނީ ވަރަށް ހިތި މޭވާއެކެވެ. އެއީ އެކަލާނގެ ދެއްވި ބުއްދީގެ ނިޢުމަތަށް އުނިކަން އައުމާއި ގައިގެ ބާރު ދޫވުމާއި ލިބިފައިވާ ރީތި ސޫރަ ހުތުރުވުމާއި ލިބިފައިވާ ޢިލްމުން ފައިދާއެއްނުކުރެވި ފާފައަށް އަރައިގަތުމަށް މަގުފަހިވެގެން ދިއުމާއި ހުރިހައި ގޮތަކުންވެސް ދެރަގޮތް ދިމާވުމެވެ. އެކަލާނގެ އެންގެވިގޮތާ ދުރުހެލިވާ މީހުންނަށް ވާނެ ގޮތްތައް އެކަލާނގެ ވަނީ އަންގަވައި ދެއްވާފައެވެ.
ތިބާ މަގުމަތީގައި ހިނގާފައި ދަނިކޮށް ވަރަށްބާރު ދުވެއްޔެއްގައި ކާރެއް ތިބާއާ ދިމާއަށް އައިސް، ތިބާ ގައިގައިޖެހި މަރުވެދާނެހެން ހީވާންފެށީމާ އެއިން ސަލާމަތްވާން މަސައްކަތްކުރުން ފިޔަވައި އިތުރު އެއްވެސް ގޮތެއް ނޯންނާނެއެވެ. ﷲ އެކަލާނގެ އަޅުންނަށް އިންޒާރު ދެއްވަނީ އެކަހަލަ ހަލާކުކުރެއްވުންތަކުންނެވެ. އެއީ އެމީހަކު އެކަލާނގެއާއި ދުރުހެލިވާން ފެށުމުންނެވެ. އެހެންކަމުން އެކަލާނގެ ޙަޟްރަތުން ރައްކައުތެރިކަމަށް އެދޭށެވެ.
فَفِرُّوا إِلَى اللَّهِ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥٠﴾ وَلَا تَجْعَلُوا مَعَ اللَّهِ إِلَٰهًا آخَرَ ۖ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ ﴿٥١﴾ ( އައްޒާރިޔާ ސޫރަތުގެ 51 ، 50 ވަނަ އާޔަތް ) " ފަހެ ތިޔަބައިމީހުން ﷲއަށް ކިޔަމަންވުމަށް އަވަސް ވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގާތަށް ފޮނުއްވި ބަޔާންވެގެންހުރި އިންޒާރު ކުރައްވާ ބޭކަލަކީމެވެ. އަދި ތިޔަބައިމީހުން ﷲއާއެކު އެހެން އިލާހަކު ނުލާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގާތަށް ފޮނުއްވި ބަޔާންވެގެންހުރި އިންޒާރު ކުރައްވާ ބޭކަލަކީމެވެ. "
ތިބާގެ ޢަމަލަކާމެދު ނާކާމިޔާބުވެއްޖެނަމަ ދެރަނުވާށެވެ. އޭގެ ޙައްލު ވެއެވެ.
26. އަންހެނުންނަކީ އުޑުގައިވާ ތަރިތަކުން ތަރިއެއްފަދަ ކަނބަލެކެވެ.
ހެޔޮލަފާ މުސްލިމު އަންހެނުންނަކީ ފިރިމީހާއަށް އޯގާވެރި ﷲ އަށް ކިޔަމަންވާ އަދި އެކަލާނގެއަށްފަހު ފިރިމީހާއަށް އެންމެ އިސްކަންދޭ މީހެކެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސަލައްމަ ސިފަކުރައްވާފައިވާ މިސާލެއްފަދަ އަންހެނެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލައްމަ ހަދީޘް ކުރެއްވިއެވެ. އެންމެ ރަނގަޅު އަންހެނަކީ ފިރިމީހާ އަނބިމީހާއަށް ބަލައިލުމުން ފިރިމީހާއަށް އުފާވެރިކަން ލިއްބައިދޭ އަންހެނާއެވެ. އޭނާ ފިރިމީހާއަށް އަމުރުކުރާ ކޮންމެކަމަކަށް ކިޔަމަންވެއެވެ. ފިރިމީހާ ހިތްހަމަ ނުޖެހޭ ކަންކަމަށް ދެކޮޅެއް ނަހަދައެވެ. ފިރިމީހާގެ މުދަލަށް ރައްކާތެރިވެއެވެ.
އަދިވެސް ރަސޫލާ ހަދީޘް ކުރެއްވިއެވެ. ފިރިމީހާ ރުހިގެންވާހާލުގައި ދުނިޔެ ދޫކޮށްފި އަންހެނާ ދާހުށީ ސުވަރުގެއަށެވެ. އުއްމުސަލަމާ ރިވާކުރެއްވިއެވެ. ރަސޫލާ ހަދީޘްކުރައްވަނިކޮށް އެއްސެވީމެވެ. ފިރިމީހާ ރުހިގެންވާ ހާލު ދުނިޔެ ދޫކޮށްފިނަމަ އެ އަންހެންމީހާ ދާހުށީ ސުވަރުގެއަށެވެ. (ނުނިމޭ)
