ޒީލަން (12)

(18 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒީލަންއަށް ފަޒީންއާއި ބައްދަލު ނުވެވުމުން ވަރަށް ދެރަވެއްޖެއެވެ. އޭނާ ފަޒީންގެ ކިބައިން މާފަށް އެދެންބޭނުމެވެ. ޒީލަންއަށް ހީކުރެވެންފެށީ ޒީލަން އެގޮތަށް އަމަލު ކުރެވުމުން ފަޒީން ހުންނަވާނީ އޭނާ ދެކެ ވަރަށް ފޫހިވެފައި ކަމަށެވެ. އެގޮތަށް އަމަލު ކުރެވުމުން ޚުދު އޭނާވެސް އޭނާދެކެ ނަފުރަތު ކުރެވުނެވެ. އެފަދަ އުފާވެރި ވަގުތުކޮޅެއް މިހާތަނަށް އޭނާއަށް ލިބިފައެއް ނުވެއެވެ. އަނެއްކާ ޒީލަންއަށް އިގިރޭސި ވިލާތުން ވައިލެންސް އެގެއިންސްޓް ވުމަންއާއި ބެހޭ ދާއިރާއިން އެންމެ މައްޗަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުންވަނީ ދެއްވާފައެވެ. އެތައް ކުދިންނެއްގެ ތެރެއިން އެތައް ގޮތަކަށް ބެއްލެވުމަށްފަހު ޒީލަންއަށް މިކޯސް ލިބުނީތީ އޭނާ ވަރަށް އުފާކުރިއެވެ. އޭނާ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ހިތުގައި ސިއްރުކޮށްގެން އުންމީދު ކޮށްގެން ހުރި ފުރުސަތު ކާމިޔާބުވީމައެވެ. ނަމަވެސް މީގެ އަސްލު ގުޅިފައިވަނީ ފަޒީނަށެވެ. ފަޒީނު އޭނާއަށް އޯގާތެރި ވެނުލެއްވިނަމަ މިއަދު އޭނާ ވީހީ  ކޮންހާލެއްގައި ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާ ހިތުގެ އެންމެ ފުންމިނުން ފަޒީނަށް ޝުކުރުވެރިވިއެވެ. ނަމަވެސް ވަރަށް އަވަހަށްވެސް ފުރަންޖެހިދާނެކަން އަންގާފައި އޮތުމުން އޭނާ ނުތަނަވަސް ވާގޮތްވިއެވެ. ފަޒީނާއިމެދު އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ފަޒީނު ނުފެންނަތާ ހުރުމަށް ކެތްކުރެވޭ ވަރަށްވުރެ ހަރުދަނާ ލޯތްބެކެވެ. ފަޒީނުގެ ކުރި މައްޗަށް ޒީލަން އަރައިފިނަމަ ލަދުން ވިރޭކަހަލަ އިހުސާސްތަކެއް ކުރެވެއެވެ. މީހާ ފިނިވާގޮތްވެއެވެ. އަބަދުވެސް ފަޒީނާއި ވާހަކަދައްކާލާ ޚިޔާލުބަދަލު ކޮށްލާހިތްވެއެވެ. ނަމަވެސް  ރިސޯޓުގެ ހާދިސާއިން އޭނާއަށް ޢަމަލު ކުރެވުނު ގޮތުން ފަޒީނު ހުންނަވާނީ ޒީލަންދެކެ ފޫހިވެލައްވާފައިކަމުން އެނިކަމެތި ހިތަށް ވަރަށް އާދަޔާ ޚިލާފު އުނދަގޫތަކެއް އިހުސާސް ކުރެވުނެވެ. ބޭއިޚުތިޔާރުގައި އެރީތިލޮލުން ކަރުނަ ފާޅުވިއެވެ. އެހިނދު އޭނާގެ ހިތުގެ ގޮވުން ފަޒީނުގެ ކުރިމައްޗަށް ހުށަހެޅުމަށް ހިތް ރޮއިގަތެވެ. އޭނާގެ ލޮބުވެތި ޝުއޫރު ތައް ހާމަކޮށްދީ އޭނާގެ ކުށަށް މާފުކޮށްދެއްވާތޯ ގޭގެ ހުރިހާތަނެއް ބެލިއެވެ. އަބަދަށްޓަކައި ޒީލަންގެ މިލްކަކަށް ފަޒީނު ހެދުމަށް އެއްވެސް އިއުތިޒާރެއް ނެތްކަން އަންގައިދިނުމަށްޓަކައެވެ. ނަމަވެސް އެއްވެސް ތަނަކުން ފަޒީނު ނުފެނުމީ އޭނާއަށް ލިބުނު ވަރަށް ބޮޑު ވޭނަކަށްވިއެވެ. އޭނާ މާޔޫސްވެގެން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ނަމަވެސް ބަދިގެ ދިއްލާފައިވުމުން އެދިމާއަށް ދިޔައެވެ.

އަމިއްލަ އަށް ކޮފީތައްޓެއް ހެއްދެވުމަށްޓަކައި އުޅުއްވި ފަޒީނު ފެނުމުން ޒީލަން އަށް ހައިރާކަން ލިބުނެވެ. މީގެ އެތައްދުވަހެއް ކުރިން އަމިއްލައަށް ކޮފީހެއްދެވުން ހުއްޓަވާލައްވާފައިވާ ފަޒީނު އެކަމުގައި އުޅުއްވުމުންނެވެ. ޒީލަން އެގޭގެ ކަންތަކާއި ހަވާލުވީފަހުން ފަޒީނުގެ އާދަވެފައިވާ ކޮފީހެއްދެވުން ހުއްޓަވާލެއްވީ ޒީލަން އެކަމަށް މާޚާއްޞަ ކަމެއްދީ ބަރާބަރަށް އެކަންތައް ކޮށް ދިނުމުންނެވެ.

”އަޅުގަނޑު ގާތު ނުބުނުއްވީ ކިއްވެތޯ؟”

”މިއީ އަހަރެން ކުރިންވެސް ކުރަމުން އައި ކަމެއް. އެހެންނޫނަސް މިހާރުދެން ރަނގަޅުވާނީ އެކަނިކުރިއްޔާ. މާދަންވެސް ވާނެގޮތެއް އެނގެނީ ކާކަށް.” ހަގީގަތުގައިވެސް ފަޒީން ޒީލަންއާއި ދުރުވުމަށް މަސައްކަތް ކުރެއެވެ.

”އަޅުގަނޑުއަތަށް ދެއްވާ.” މޭޒުމަތީގައިހުރި ޖޯޑުނަގާ ޒީލަން ފެންއަޅަންފެށިއެވެ.

ޒީލަން ކޮފީހަދަންފެށުމުން ފަޒީނު ސިޓިންރޫމަށް ދުރުވިއެވެ. ސޯފާގައި އިސްޖައްސަވާ ލައްވައިގެން އިންނެވީ ޝައީމުގެ އެމުޑުދާރު ޢަމަލުން ހިތްނުތަނަވަސް ވެލައްވައިގެންނެވެ.  ޒީލަން ކޮފީތަށި ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ.

ފަޒީނުއަށް ޒީލަން އައިކަމެއް އެނގިނުލެއްވީކަމަށް ހީކޮށް ޒީލަން ގޮވާލިއެވެ.

” ކޮފީ”

ފަޒީނު ދެންވެސް އަޅާނުލެއްވުމުން އިށީންނަންވެސް ނުކެރިފައި އޭނާއަށް ހުރެވުނީއެވެ. ނަމަވެސް ކޯސް ލިބުނު ވާހަކަ ކޮންމެހެންވެސް ފަޒީނަށް އަންގަން ޖެހޭނެއެވެ. އަދި އޭނާ ފަޒީނުގެ ގާތުން މާފަށް އެދެން މިވަގުތު ކޮންމެހެންވެސް ބޭނުމެވެ. އޭނާ މާލެ އައިފަހުން މިފަދަ ފުރުސަތެއް ހޯދާތާ ތިންދުވަސް ވެއްޖެއެވެ.

”އަޅު.. އަޅު.. އަޅުގަނޑަށް  ޔޫކޭއިން ކޯސް ލިބިއްޖެ.” އޭނާ ދެއަތް ދެއަތަށް ކުޅެލަ ކުޅެލާ ހުއްޓެމުން ބުނެވުނެވެ.

މިފަހަރުވެސް ފަޒީނުއަޅައެއް ނުލެއްވިއެވެ. އެހެންކަމުން ޒީލަން ވަރަށް ލަދުގަނެ ހާސްވެއްޖެއެވެ. މިވާހަކަ ދެއްކުނީތީވެސް ކަންބޮޑުވެއްޖެއެވެ.

”ވަރަށް އަވަހަށް ފުރަން ޖެހިދާނެ.” ޒީލަންގެ އަޑު ނިކުތީ ކިރިޔާއެވެ.

ފަޒީނު އެއްވެސް އެއްޗެއް ނުބުނުއްވުމުން ޒީލަންއަށް އިތުރަށް އެންމެ ސިކުންތެއްވެސް އެތާކު ހުންނާކަށް ނުކެރުނެވެ. އޭނާ މަޑުމަޑުން ފަހަތަށް ފިޔަވަޅު އަޅާ އެތަނުން ދިއުމަށް ހިނގައިގަތެވެ.

”ކޮންގުރޭޖުލޭޝަން. ޒީލަންތީ ވަރަށް ނަސީބު ގަދަކުއްޖެއް.” ފަޒީނު އެކަމާ ވަރަށް އުފާކުރެއްވިއެވެ. ނަމަވެސް އެކަންތައް ސިއްރު ކުރައްވަން މަޖުބޫރު ވިއެވެ. ޒީލަންއަށް ކޯސް ލިބުނުކަން ޝައީމުއަށް އެގިއްޖެނަމަ އެފޮޓޯތައް މީޑިއާއާ ހަވާލު ކުރުމަކީ ވަރަށް ބޭނުންވާނެ ކަމެކެވެ. އޭރުން އެތައްބައެއްގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ކޯސް ކާމިޔާބުކުރި ޒީލަން އަތުން ކޯސް ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެތައްބަޔަކު އޭނާއާއި ބެހޭގޮތުން ތަފާތު ވާހަކަތައް ފަތުރާނެއެވެ. ޝައީމު ބޭނުން ވާގޮތަށް ޒީލަން ބޭޒާރު ކޮށްލާ ކޯސްވެސް ކެންސަލު ކޮށްލުމަކީ ވަރަށް ފަސޭހަ ކަމަކަށް ވާނެއެވެ. އޭގެކުރިން ޝައީމުއަށް ކޮންމެވެސް ގޮތެއް ހަދައިގެންނަމަވެސް އެފޮޓޯތައް ލިބޭތޯ ބަލަން ޖެހޭނެއެވެ. ޒީލަންގެ އަބުރާއި އިއްޒަތް ރައްކާތެރި ކުރުން އޮތީ އޭނާގެ އަތްމަތީގައެވެ. ކުޑަދުވަހުން ފަށައިގެންވެސް އެފަދަފުރުސަތަކަށް އުންމީދުކުރާ ޒީލަންއަށް އެފުރުސަތު ގެއްލިއްޖެނަމަ ހިތާމައިން ހަލާކުވެދާނެއެވެ.

”ޒީލަންއަށް މިހާރު ކޯސްވެސް ލިބުނީ.  ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަމިއްލައަށް އުޅެވޭވަރުގެ ގާބިލް ހަރުދަނާ އަންހެނަކަށް ވެއްޖެ. މިހާރު ޒީލަންއަށް އަމިއްލަފައިމައްޗަށް ތެދުވެ އެކަނި އުޅެވޭވަރުވާނެ. އަހަރެން މިއަދު ޒީލަންގެ ބަދަލުގައި ޒީލަންގެ ވަޒީފާއަށް އެހެންމީހަކު ގެނެސްފިން. އަހަރެން އެދެނީ ޒީލަން އެންމެ ލަސްވެގެން މާދަމާ މިގެއިން ދިއުން.” ފަޒީނުގެ ވާހަކަދެއްކެވުމުގައިވަނީ ހަރުކަށިކަމެވެ. ނަމަވެސް ހިތްވަނީ ކުދިކުދި ވެފައެވެ. އޭނާ ޒީލަންދެކެވީ ހަގީގީ ތެދުވެރި ލޯތްބެވެ. އިންތިހާއަށް ޒީލަން ބޭނުމެވެ. ނަމަވެސް އެދެމީހުންގެ ލޯތްބާއި ނަފުސަކީ މީހުންގެތެރޭގައި ހަޖޫޖަހަން ފުރުޞަތު ދޭނޭ ކަމެއް ނޫނެވެ. އަދި ޒީލަންގެ ކުރިމަގަށް އެއްވެސް ބަނަކަމުގެ ހިޔަންޏެއްވެސް އެޅުމަކީ އޭނާއަށް ރުހެވޭނޭ ކަމެއް ނޫނެވެ.

ފަޒީނުގެ މިއާދަޔާ ޚިލާފު ބަދަލާއި ވާހަކަދެއްކުމުގެ ހަރުކަށި ކަމަކީ ޒީލަންއަށް ފުންއަސަރުތަކެއް ކުރުވި ކަމެކެވެ. ފަޒީނަށް މިއައި ބަދަލަކީ ޚުދު ޒީލަންގެ ކުށުން އައި ބަދަލެއްކަން އޭނާ ގަބޫލު ކުރެއެވެ. ފަޒީނު އެހާ އޯގާތެރިކަމާއެކު އޭނާއަށް ލޯބި ހުށައެޅުމުން އޭނާ ދެކޮޅު ހެދީއެވެ. އެފޮނި މަދު ސިކުންތުކޮޅު އޭނާއަށް ދޫކޮށްލެވުނީއެވެ. އޭނާ ނުހަނު ހިތާމަޔާއެކު މާފަށް އެދެން މަސައްކަތްކުރިއެވެ.

”އަޅުގަނޑު …   އަޅުގަނޑު ފަޒީނު އާއި ބައްދަލުވޭތޯ ވަރަށް މަސައްކަތް ކުރިން. އެރޭގެ ހާދިޘާއިން އަޅުގަނޑު މިހުރީވަރަށް ދެރަވެ މާފަށް އެދެން ބޭނުންވެފައި. އަޅުގަނޑަށް މާފުކުރައްވާނަންތޯ.” ޒީލަން އިސްދަށަށް ޖަހާފައިވީނަމަވެސް އޭނާ ލަދުންނާއި ހިތާމައިން ވާހަކަދެއްކެނީ ކިރިޔާއެވެ.

”އެރޭގެ ހާދިޘާ މިހާރު ރަނގަޅުވާނީ ހަނދާންނައްތާލިއްޔާ. އަހަރެން މިހާރު އެކަމާބެހޭގޮތަކުން ނުވިސްނަން.” ހަގީގަތުގައި އެ ހާދިޘާ ފަޒީނަށް ހަނދާންނައްތައެއް ނުލެއްވުނެވެ. ނަމަވެސް ޒީލަން އެކަމަށް މާފަށް އެދެން ބޭނުންވަނީ އޭނާގެ ހިތްހަމަ ޖައްސާށެވެ. އޭނާއަށްވީ އެހީތެރިކަމުގެ އަގު އަދާކުރުމުގެ ގޮތުންނެވެ.

”އެއީ އަޅުގަނޑު ގަސްދުގައި ކުރިކަމެއްނޫން. އަޅުގަނޑަށް  އަޅުގަނޑަށް.” ޒީލަންއަކަށް ދެންބުނާކަށް ނުކެރުނެވެ. އެއީ އޭނާއަށް ޝައީމު ފެނުނުހެން ހީވެގެންނޭ ބުނެފިނަމަ ފަޒީނު ހީ ކުރައްވާނެ އެއްޗެއް ނޭނގޭތީއެވެ. އޭނާއަށް ޝައީމު ފެނުނު ވާހަކަ ބުނެފިނަމަ ޒީލަން ޝައީމުގެ މަތިން އަދިވެސް ވިސްނަނީ ކަމުގައި ފަޒީނު ހީކުރައްވަފާނެތީއެވެ.

”ނޫން ޒީލަން ދެންއެވާހަކަ ނުދައްކާ. އަހަރެން އެދެނީ ވީހާވެސް އަވަހަކަށް ޒީލަން މިގެއިން ދިޔުން. ޒީލަން ބޭނުންނަމަ ގެސްޓް ހައުސެއްގައި ހުރުމުގެ ކަންތައް އަހަރެން ހަމަޖައްސައިދީފާނަން.”

”ފަޒީނު މިހާރު އަޅުގަނޑަށް ވަރަށް އެހީތެރި ވެދެއްވައިފީމު. އަޅުގަނޑު ނިކަމެތި ހާލުގައިވިދުވަހު އޯގާވެރިވެ މީހަކަށް ހައްދަވައި ދެއްވައިފީމު.  އެކަންކަމަށް ޝުކުރު އަދާކުރާނީ ކިހިނެއްކަމެއް އަޅުގަޑަކަށް ނޭނގޭ.” ޒީލަން އަށް ރޮވެންފެށިއެވެ. ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭއިޚްތިޔާރުގައި ބޭރުކޮށްލެވުނީއެވެ. އެނިކަމެތި ހިތްވަނީ ހިތާމައިން ފުރިފައެވެ. ފަޒީނު އެހާ ހަރުކަށިކަމާއެކު ޒީލަންއަށް ވާހަކަދެއްކެވި ފުރަތަމަފަހަރު ކަމަށްވުމުން ޒީލަންއަށް ބަޔާން ނުކުރެވޭފަދަ ވޭނެއް އުފުލަން ޖެހުނެވެ.

”އަޅުގަނޑު ދިއުމުގެ ކުރިން އަޅުގަނޑަށް މާފުކުރައްވައިފިނަމަ ޙަޔާތުގެ ބާކީ ދުވަސްތައް ހިމޭންކަމާއެކީ ދިއުމަށް އެއްވެސް ދަތިކަމެއްނޯންނާނެ. އެއްފަހަރު ނަމަވެސް އަޅުގަނޑަށް މާފުކުރައްވާ.” ޒީލަން އާދޭސް ކުރަނީއެވެ.

އަހަރެންގެ ގާތުން މާފަށް އެދެންޖެހޭވަރުގެ ކަމެއް ޒީލަންއެއް ނުކުރޭ. ޒީލަން އެފަދަ ގޮތަކަށް ޖަވާބު ދިނުމުން އަހަރެން ހައިރާންވާކަށް ނުޖެހޭ. އަހަރެންނަކީ ޒީލަންއަށްވުރެ ދުވަސްވީ މީހެއް. އެފަދަގޮތަކަށް ޢަމަލުކުރެވުނީ އެއީ އަހަރެންގެ މޮޔަކަން.” އަހަރެންޒީލަންއާމެދު އެގޮތަށް އުއްމީދު ކުރާކަށް ނުވާނެ.” ފަޒީނުގެ ހަރުކަށިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އަދި ކޮފީތަށި ވެސް ނުބައްލަވާ އެތެރެއަށް ދުރުވިއެވެ.

ފަޒީނުގެ ނުގަބޫލުގައި އެންމެ ހިނދުކޮޅަކުވެސް އޭނާ މިގޭގައި ހުންނާކަށް ބޭނުމެއްނޫނެވެ. އޭނާ މަދުހެދުންކޮޅެއް ފޮށްޓަށް އެޅުމަށްފަހު އެގެއިން ނިކުތެވެ. މިދަންވަރު އޭނާ އެންމެ ފަހު ފަހަރަށް އެގެއަށް ބަލާލިއެވެ. އެރީތިގެއަކީ އޭނާ ނުހަނު ނިކަމެތި ހާލުގައިވަނިކޮށް އޭނާ އާރާސްތު ކޮށްދިން ގެއެވެ. ޔަތީމު ހާލުގައި ވަނިކޮށް މީހަކަށް ހަދައިދިން ގެއެވެ. ފަގީރު ހާލުގައިވަނިކޮށް ހަރުދަނާ ދިރިއުޅުމެއް ހޯދައިދިން ގެއެވެ. ލޯތްބާއި ގުޅުމަކީ ކޮންއެއްޗެއްކަން އަންގައިދިން ގެއެވެ. ލޯތްބާއި ޖަޒުބާތަކީ ކިހާފޮނިކަމެއްކަން އަންގައިދިން ތަންވެސް މެއެވެ.

ޒީލަން އެހެން އަންހެނުން ނަށް ދިމާވާ ހިތާމަތަކުން މިންޖުވުމަށް މަސައްކަތް ކުރެއެވެ. ކައުންސެލިންދީ އުންމީދުގެއްލިފައިވާ އަންހެނުންނަށް އަލުން ދިރިއުޅުމުގެ ހިތްވަރު ނެރެދެއެވެ. އެމީހުންނަށް ވިސްނައި ދެއެވެ. އެމީހުންގެ މައްސަލަތައް ހައްލުކޮށްދެއެވެ. ނަމަވެސް މިއަދު އޭނާއަށްވަނީ އޮޅިފައެވެ. އޭނާގެ މައްސަލަ ހައްލުކުރަން އޭނާއަށްވަނީ އޮޅިފައެވެ. އޭނާ އެރޭ ހުރީ ގެސްޓް ހައުސެއްގައެވެ.

އޮފީހަށް ދިޔައިރުވެސް ރޭގައި މާގިނައިން ރުއިމުގެ ސަބަބުން ދުޅަވެފައިވާ ލޯ ރަނގަޅެއްނުވެއެވެ. ރަނގަޅަށް ނުނިދުމުގެ ސަބަބުން ލޯވަނީ ރަތްވެފައެވެ. އޭނާގެ ކޮޓަރީގައި ހިމޭންވަގުތުކޮޅެއްގެ ބޭނުމުގައި އެއްވެސް މީހަކާއި ބައްދަލުނުކޮށް އެކަނިމާއެކަނި އިނެވެ.

”އައްސަލާމް ޢަލައިކުމް. މިއަދު ހާދަ މޮޅިވެފައި އިންނަ ދުވަހެކޭ.” އަލް ދިމާކޮށްލެވޭތޯބެލިއެވެ

”ލޮލަށްތިހުރީ ކިހިނެއްވެފައި.”

”ކަމެއްނުވޭ. ރޭގައި ނުނިދޭތީ.”

”ކީއްވެ ނުނިދެންވީ. އަނެއްކާ ލޯބީގެ ޖާދޫގައި ޖެހުނީތަ.”

”ތިއެއްނޫނޭ އަހަރެންނަށް ކޯސް ލިބިއްޖެ. ހަފްތާއެއްގެ ތެރޭގައި ފުރޭވަރުވާނެ.” އޭނާ މައުޟޫޢު ބަދަލުކޮށްލެވޭތޯ އުޅުނެވެ.

” އެހެންތަ. އެހެންވެދޯ. ރޭގައި ނުނިދުނީ. ލޯބިވެރިޔާ ދޫކޮށްފައި ދާންޖެހޭތީދޯ.”

”އަހަރެންގެ އެއްވެސް ލޯބިވެރިއެއް ނެތްކަން އަލްއަށް އެގެއެއްނު.”

”ޒީލަން ފަޒީނު ދެކެ ލޯތްބެއްނުވޭތަ؟”

”ތީކޮންވާހަކައެއް؟ އަހަރެން ކުރިންވެސް ބުނަމެއްނު. އޭނާއާއިބެހޭގޮތުން އެގޮތަށް ވާހަކަ ނުދައްކާށޭ. އެއީ ވަރަށް ރަގަޅު މާތްމީހެއް.”

“ޒީލަން އޭނާދެކެ ލޯތްބެއް ނުވަމުތަ؟” އަނެއްކާވެސް އަލް އެހިއެވެ.

”އަލް ކީއްވެތަ ތިހެންތިއަހަނީ؟”

”އޭނާދެކެ ޒީލަން ލޯތްބެއް ނުވޭތަ؟” އަލްހެނާ ފުރިހަމަ ޖަވާބު ބޭނުންވާތީ ސުވާލު ތަކުރާރު ކޮށްލިއެވެ.

” އާން އަހަރެން ލޯތްބެއްނުވޭ.” ޒީލަން ލޯބިވިނަމަވެސް ފަޒީނު ލިބޭކަށް ނެތެވެ. ފަޒީނުވަނީ އޭނާދެކެ ފޫހިވެފައެވެ. ދެންއިތުރު މީހެއްގާތު އެވާހަކަ ދެއްކުމުގެ ބޭނުމެއް އޮތްކަމަކަށް އޭނާ ނުބަލައެވެ.

” އަހަރެން އެގެއިންވެސް ނިކުމެއްޖައިން. އަދި ނޫހުގައި އެޕާޓްމަންޓެއްވެސް ހޯދަންޖަހައިފިން. ފުރަން ވަންދެން އެތާ އުޅޭނީ.”

”ޒީލަން ކިހިނެއްވެގެން ތިއުޅެނީ. ވީގޮތެއްކިޔާދީބަލަ.”

”އަހަރެންމިވަގުތު މިއުޅެނީ ފުރަންވާއިރަށް އޮފީހުގައި ހަމަޖައްސަންޖެހޭ ކަންތައް ނިންމާލެވޭތޯ. މާދަން އަހަރެން އެވާހަކަ ކިޔާދޭނަން އޯކޭތަ.”

އަލްހެނާ ބޭރަށް ދިއުމުން އެޕާޓުމަންޓުގެ ކަންތައް ހަމަޖެއްސިއެވެ. އޮފީސް ނިންމާލުމަށްފަހު ގެސްޓުހައުސްގައިހުރި އެއްޗެހިތައް އޭނާގެ އެޕާޓުމަންޓަށް ގެންދިޔައެވެ. ލިބިފައިވާ ވަރުބަލިކަމާއި ހިތާމައިން އޭނާ ވަނީ ވަރަށްބޮޑަށް ނިދަން ބޭނުންވެފައެވެ. ފެންވަރާލައިގެން އޮށޯވެލިތަނާ މީހަކު ރަނގަބީލް ޖަހާލިއެވެ. ޒީލަންއަށް ރަނގަޅަށް ދޮރުނުހުޅެވެނީސް ޝައީމު އެތެރެއަށް ވަނެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *