ޔޫރޮޕާ ކޮންފަރެންސް ލީގު: ކޮންފަރެންސް ލީގުގެ އެންމެ ފުރަތަމަ މުބާރާތް ކާމިޔާބު ކޮށް ރޯމާ އަށް ޔުރަޕުގެ މުބާރާތެއް ފުރަތަމަ ފަހަރަށް ކާމިޔާބު ކޮށްދީ މޮރީނިއޯ އަކީ ރޯމާގެ އެންމެ ކާމިޔާބު ކޯޗަކަށް ވެއްޖެއެވެ. މީގެ އިތުރުން މި މޮޅާއި އެކު މޮރީނިއޯ އަކީ ޗެމްޕިއަންސް ލީގު، ޔޫރޮޕާ ލީގު އަދި ކޮންފަރެންސް ލީގު ހޯދައި ޔޫރަޕްގެ ކްލަބް ފުޓުބޯޅައިގެ 3 މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ކޯޗަށް ވީއެވެ.
ފައިނަލް މެޗުގައި ރޯމާ އާއި ފައިނޫޑު ބައްދަލު ކުރިމެޗު ރޯމާއިން ކާމިޔާބު ކުރީ އެކެއް-ސުމެއްގެ ނަތީޖާ އިންނެވެ. މެޗުގެ ހަމަ އެކަނި ގޯލު 32 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޒަނިއޯލޯ އެވެ. މިއީ މަންޗިނީ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރިގޯލެކެވެ. ފަހު ހާފުގައި އެއްވެސް ޓީމަކަށް އިތުރު ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަންނަ ސީޒަންގައި ރޯމާ އަށް ވަނީ ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި ކުޅުމަށް ފުރުސަތު ލިބިފައެވެ.
