ދިރާސީ އަހަރުގެ ކިޔެވުން ނިމި އަހަރީ ޗުއްޓީއާއި ނުވަތަ ބޮޑު ޗުއްޓީއާއި ކުރިމަތިލުމަށް މިއޮތީ ދާދި މަދު ދުވަސްކޮޅަކަށް ވެފައެވެ. ވިއްސަކަށް ދުވަހަށް ވެފައެވެ. މީގެ ކުރިން ބޮޑު ޗުއްޓީގެ ގޮތުގައި ހަމަޖެހިފައި އޮންނަނީ އަހަރުގެ ފަހުކޮޅެވެ. ނޮވެމްބަރ މަހުގެ ބަޔަކާއި ޑިސެމްބަރ މަހެވެ. ނަމަވެސް މިދިޔަ އަހަރުންފެށިގެން ބޮޑު ޗުއްޓީގެ ދުވަސްވަރު މިއޮތީ އަހަރުގެ މެދުތެރެއަށް ވަދެފައެވެ. ޖުލައި މަހާއި އޮގަސްޓްމަހުން ބައެކެވެ. ޗުއްޓީ ހެޔޮގޮތުގައި ހޭދަ ކުރުމަށް ވާންޖެހޭ ތައްޔާރީތައް ގިނަބަޔަކު މިވަނީ ފަށާފައެވެ. އެއްބަޔަކު ފުރައިގެން ތަންތަނަށް ދިޔުމަށްޓަކައި ޓިކެޓްތައް ނަގަމުންދާއިރު އަނެއްބަޔަކު އާއިލާ އާއި އެކުގައި މަޖާކުރުމަށް ރާވަމުން ދެއެވެ.
ބޮޑު ޗުއްޓީއަކީ ދަރިވަރުންނަށް އަހަރުތެރޭގައި ލިބޭ އެންމެ އުފާވެރި ދުވަސްވަރޭ ބުނެލުމުން ގޯހަކަށް ނުވާނެއެވެ. ކިޔެވުމާއި ކުޑަކޮށް ދުރުވެލިނަމަވެސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެންދާ ދުވަސްވަރެކެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމަށް ވެސް ލިބޭ ރަނުގެ ފުރުސަތެކެވެ. އެއްބަޔަކު ޗުއްޓީގެ ބޭނުން ރަނގަޅުގޮތުގައި ހޭދަކުރާއިރު ފަރުވާކުޑަކަމާއި އެކުވެސް މަދުބަޔަކަށް ޗުއްޓީއާއި ކުރިމަތިލެވެއެވެ.
ބޮޑު ޗުއްޓީއަކީ ވެސް ބޭނުން ހިފޭ ފަދަ ޗުއްޓީއަކަށް ހެދުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. އެގޮތުން ޗުއްޓީގައި ކިޔެވުމާއި ކުޑަކޮށް އެކަހެރިވެ ތަޖުރިބާ ހޯދުމަށް ވަޒީފާއަކަށް ނުވަތަ ކުރު ކޯހެއް ހަދާލުން ބުއްދިވެރިވާނެއެވެ. އޭގެ ސަބަބުން އިތުރު ހުނަރެއް ދަސްވެގެން ދާނެއެވެ. އަދި ކިޔެވުން ނިމިގެން ދާއިރު ވަޒީފާއެއްގެ ތަޖުރިބާވެސް ލިބިފައިވާނެއެވެ. މީގެ އިތުރުން ކޮންމެވެސްވަރެއްގެ އާމްދަނީއެއް ވެސް ލިބުމަކީ އެކަށީގެންވާ ކަމެކެވެ.
ޗުއްޓީއެއް ލިބުމުން ގިނަ ބަޔަކަށް އެންމެ ބޮޑަށް ފަރުވާކުޑަ ކޮށްލެވެނީ އަމިއްލަ ސިއްޙަތާއި މެދުގައެވެ. އެގޮތުން ޗުއްޓީ ނިންމާފައި އަންނައިރު ވަރަށް ގިނަ ބަޔެއްގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސްފައިވާތަން ފެނެއެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލެއްގެ ސަބަބުން މިކަން މިގޮތަށް ވެދާނެއެވެ. އެހެންނަމަވެސް ވިސްނާލަންޖެހޭ ކަމަކީ ރަނގަޅު ސިއްހަތެއްގައި ހުރެގެން ނޫނީ ރަނގަޅަށް ކިޔަވަން ފަސޭހަ ނުވާނެކަމެވެ. އެހެންކަމުން މިލިބޭ ޗުއްޓީއަކީވެސް ހަށިގަނޑަށް ފައިދާ ހުރި ޗުއްޓީއަކަށް ހެދުމަށްޓަކައި ކަސްރަތުގެ އާދަ އަށަގެނުވުން ވަރަށް މުހިއްމެވެ. އަދި އަލަށް ކަސްރަތުކުރަން ފަށާބަޔަކަށްވެސް މިއީ ރަނުގެ ފުރުސަތެކެވެ.

ކިޔެވުމަކީ ވަރަށް ބުރަ އަދި އެހާމެ ބޮޑަށް ސިކުނޑިއަށް ބުރަ އިޙްސާސް ކުރުވާކަމެކެވެ. އެހެންކަމުން ކިޔެވުމުގެ ދުވަސްތަކަށްފަހު ލިބޭ ޗުއްޓީގައި ހަށިގަނޑާއި، ސިކުނޑިއަށް އަރާމް ހޯދައި ދިނުމަކީ ކިޔަވާ ކުދިންގެ މަސްއޫލިއްޔަތެކެވެ. މިގޮތަށް ލިބޭ ޗުއްޓީތަކުގައި ހަށިގަނޑަށް ލިބިފައި ހުންނަ ބުރަ ފިލުވާލުމަށް ޗުއްޓީގެ ތާވަލް ރާވާލެވިދާނެއެވެ.
ދީރާސީ އަހަރު ނިމުމާއި ކައިރިކޮށް ލިބޭ އަހަރީ ޗުއްޓީއަކީ ބޭކާރު ޗުއްޓީއަކަށް ހެދުމުގެ ބަދަލުގައި ދުރާލާ ތައްޔާރުވެ ރަނގަޅު ތާވަލެއްގެ ދަށުން ރާވާލުން ވަރަށް މުހިއްމެވެ. ޗުއްޓިއަކީ ބޭކާރު ޚަރަދުކުރުމުގެ ބަދަލުގައި ބިނާކުރެނިވި ދުވަސްތަކަކަށް ހެދުމަށްޓަކައި ކޮންމެ މީހަކުވެސް މަސައްކަތް ކުރަން ޖެހެއެވެ. ރާވާލެވިގެން ކުރިމަތިލާ ޗުއްޓީއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ވެސް ހިތްހަމަޖެހުން ގެނުވައިދޭނެއެވެ.
