ހިކުމަތް- ފަހުބަސް އިއްވަވަނީ މާތްރަސްކަލާނގެއެވެ.

އިންސާނާ ކުރަނީ ތަދުބީރެވެ. ފަހުބަސް އިއްވަވާނީ މާތްރަސްކަލާނގެއެވެ.
ލޯމައްޗަށް ތިމާގެ ނަފްސު ތާހިރު ކަމަށް ފެނިދާނެއެވެ. ނިޔަތަށް ބައްލަވައި އިންސާފު ކުރައްވާނީ މާތްރަސްކަލާނގެއެވެ.
މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތަށް އެދޭށެވެ. އޭރުން ތިމާ ކުރަން ބޭނުންވާ ކަންތައް ހާސިލުވާނެއެވެ.
މާތްރަސްކަލާނގެ ހުރިހާ އެއްޗެއް ހެއްދެވީ ވަކި މަގުސަދަކަށެވެ. ނުބައިމީހުން ވަނީ އަދަބު ދެވޭ ދުވަހަށްޓަކައެވެ.
ކިބުރުވެރިޔާދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. އޭނާއަށް ޔަގީނުން ވެސް އަދަބު ދެވޭނެއެވެ.
ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.

މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.
ތެދުވެރިކަމާއެކު މަދު އެތިކޮޅެއް ލިބުން ދޮގުވެރި ގޮތުގައި މުއްސަނދި ވުމަށް ވުރެން މަންފާ ބޮޑެވެ.
ކަންތައް ރާވަނީ އިންސާނާއެވެ. ކަންތައް ކުރެވޭނެ ގޮތް މެދުވެރި ކުރައްވަނީ މާތްރަސްކަލާނގެއެވެ.
ރަސްގެފާނުގެ ބަހަކީ އިލާހީ ބަސްފުޅެކެވެ. އޭނާގެ ދުލުން އިންސާފަށް ހުތުރު އަރުވައިގެން ނުވާނެއެވެ.
މިނެކިރާ ތަކެތީގެ ވަޒަން ހަމަ ކުރައްވަނީ މާތްރަސްކަލާނގެއެވެ. އަދުލުވެރިކަމާއެކު އަހަރެމެން މުޢާމަލާތް ކުރުމަށް އަންގަވަނީ އެކަލާނގެއެވެ.
ރަސްގެފާނަކަށް ބޭއިންސާފަކަށް ކެތެއް ނުކުރެވޭނެވެ. އެހެނީ ވެރިކަމުގެ ބާރު ދެމި އޮންނަނީ އަދުލުވެރިކަން އޮތީމައެވެ.
ތެދުވެރި ދުލަކާ މެދު ރަސްގެފާނު ރުހި ވަޑައިގަންނަވައެވެ. އެހެނީ ތެދުވެރިކަންދެކެ ރަސްގެފާނު ލޯބިވެ ވަޑައިގަންނަވައެވެ.
ރަސްގެފާނުގެ ކޯފާ އަކީ މަރުގެ އިންޒާރެކެވެ. އެހެނަސް ބުއްދިވެރިޔާ ރަސްގެފާނުގެ ކޯފާ މަޑުކުރުވައެވެ.
ރަސްގެފާނުގެ ހިނިތުން ވުމަކީ އާ ދިރުމެކެވެ. ރަބީޢު މޫސުމުގެ ވާރޭ ފަދައެވެ.

ޙިކުމަތްތެރިކަން ރަނަށް ވުރެން މޮޅެވެ. ބުއްދިވެރި ނިންމުން ރިއްސަށް ވުރެން މޮޅެވެ.
ތެދުމަގުން ހިނގާމީހާ ވިޔާ ނުދާ ކަންތަކުން ދުރުކުރާނެއެވެ. އެ މަގުންދާ މީހާއަކަށް ނުރައްކަލެއް ކުރިމައްޗެއް ނުވާނެއެވެ.
ބޮޑާކަން ހަލާކުގެ ތެރެއަށް މީހާ ގެންދެއެވެ. ވެއްޓުމުގެ ކުރީން މީހާ ކިބުރުވެރިވެއެވެ.
ހިތްތިރިކަމާއި ފަޤީރު ކަމުގައި ދިރިއުޅުން ބޮޑާކަމާއި އެކު ފޭރިގަންނަ މުދާ ލިބިގަތުމަށް ވުރެން މާހެވެވެ.
އިރުޝާދުތަކަށް ބޯލަނބައިގެން ކަންތައް ކުރާ މީހާއަށް ކާމިޔާބުވެއެވެ. މާތްރަސްކަލާނގެއަށް ވަކީލު ކުރާ މީހާއަށް ފާގަތިކަން ލިބެއެވެ.

ޙިކުމަތްތެރިން އެނގޭނީ އެމީހުން ތަންދޮރު ދަންނަ މިންވަރަކުންނެވެ. ހިތްހެޔޮކަމާއެކު ބުނާ ބަސްތަކުން މީހުން އޭނާގެ މައްޗަށް ލެނބެއެވެ.
ހެޔޮބުއްދިއަކީ ދިރުންދޭ ފައްވާރާއެކެވެ. އެކަމަކު މޮޔައިން ތަރުބިއްޔަތުކުރަން އުޅުމަކީ ބޭކާރު ކަމެކެވެ.
ޙިކުމަތްތެރި ހިތަކުން ބުނާނީ ބުއްދިވެރި ބަސްތަކެވެ. ވިސްނުންތެރި ބަސްތަކުން މީހުން ލަންބާލައެވެ.
ހެޔޮ ބަސްތަކަކީ މާމުއިފަދަ އެއްޗެކެވެ. އެއިން ނަފްސަށް ފޮނިކަން ގެނެސް ދެއެވެ. އަދި ފުރާނައަށް ދުޅަހެޔޮކަން ގެނެސްދެއެވެ.
ކުރިމަތީގައި އޮންނަނީ ތެދުމަގެއް ކަމުގައި މީހުންނަށް ހީކުރެވެއެވެ. އެކަމަކު އެމަގުން މަރާ ދިމާއަށް ވެސް ދެވިދާނެއެވެ.

ހައިވެފައި ހުންނަ މީހާ ބުރަ މަސައްކަތް ކުރެއެވެ. އެއީ އޭނާގެ ހައިކަން ފިލުވުމަށެވެ.
މައްސަލަ އުފައްދަނީ ވިޔާނުދާ މީހުންނެވެ. އެމީހުންގެ ބަސްތަކަކީ ފަނާ ކުރާ އަލިފާން މަޅިއެކެވެ.
ފާސިދު މީހާ ފިތުނަ އުފައްދައެވެ. ދެބައޮޑުވުމުން ގާތް ރަޙުމަތްތެރިން ހަތުރުންނަށް ވެއެވެ.
އަނިޔާވެރިން އެމީހުންގެ އެކުވެރިންނަށް މަގު އޮޅުވާލައެވެ. އެމީހުންލައްވާ ގޯސް ހައްދުވައެވެ.
ނުރަ ޖެހުމަކީ ފަޚުރުވެރި ތާޖެކެވެ. އެއީ ހެޔޮމީހުންނަށް ލިބޭ އިނާމެކެވެ.
ބާރުގަދަވުމަށް ވުރެން ކެތްތެރިވުން ރަނގަޅެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުން ސަހަރެއް ފަތަޙަ ކުރުމަށް ވުރެން މޮޅެވެ.
ގުރުއަތުލުމަށް ހިލަކޮޅު ވައްޓަނީ އަހަރެމެންނެވެ. އެކަމަކު އެއެތިކޮޅު ފުރޮޅޭނެ ގޮތެއް ނިންމަވަނީ މާތްރަސްކަލާނގެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *