ކަރަންފޫތެލަކީ އިރުދެކުނު އޭޝިއާއަށް ނިސްބަތްވާ ގަހަކުން އުފައްދާ އެއްޗެކެވެ. ނަމަވެސް މިއަދު ދުނިޔޭގެ އެހެން ތަންތަނުގައި ވެސް ކަރަންފޫ ގަސް ހައްދައެވެ. މި ތެލަކީ ކަރަންފުލުގެ ގަހުގެ ހިކި މާ ތަކުން އުފައްދާއެއްޗެއް ނަމަވެސް ގަހުގެ ފަތްފަތް ފަދަ އެހެން ބައިތައް ވެސް ތެޔޮ ހެދުމުގައި ބޭނުން ކުރެވިދާނެއެވެ. މިއީ ގަރުނުތަކެއް ވަންދެން ބޭނުން ކުރަމުން އަންނަ ފައިދާ ހުރި ތެލެކެވެ.
މި ލިޔުމުގައި މި ތެލުން ލިބިދާނެ ފައިދާތަކާއި ގޭގައި ބޭނުން ކުރެވޭނެ ގޮތްތަކަށް އަލިއަޅުވާލާނަމެވެ.
މޫނުގައި ޖަހާ ބިހި ފަސޭހަކޮށްދޭ:
ކަރަންފޫ ތެލަކީ މޫނުގައި ޖަހާ ބިހި ފަސޭހަ ކުރަން ދެވިދާނެ ވަރަށް ރަނގަޅު ފަރުވާއެކެވެ. މޫނުގައި ބިހިޖެހުމަކީ ފުރާވަރުގެ ކުދިންނަށް އާންމުކޮށް ދިމާވާ މައްސަލައެއް ނަމަވެސް ކޮންމެ އުމުރެއްގައި ވެސް ކޮންމެ މީހަކަށް ވެސް މި އުނދަގޫ ތަހައްމަލްކުރަން ޖެހިދާނެއެވެ. ކަރަންފޫތެޔޮ މޫނުގެ ހަންގަނޑަށް ފަރުވާ ދިނުމުގެ ގޮތުން މޫނުގައި އުނގުޅުމުން މޫނުގެ ހަންގަނޑު އޮމާންވެ ބިހިޖެހުމުން ދުރުކޮށްދޭނެއެވެ.
ކަރަންފޫތެލުގައި ހިމެނޭ މާއްދާތަކުގެ ސަބަބުން މޫނު ޒުވާންކޮށް ބެހެއްޓުމަށާއި، ހަންގަނޑަށް ލޭ ދައުރުވުން އިތުރުކޮށްދިނުމާއި އަދި ހަންގަނޑަށް ވިދުން އަންނަ ގޮތް ހެދިދާނެ އެވެ.
ތަފާތު ޖަރާސީމުތަކުން ދުރުކޮށްދޭ
ކަރަންފޫ ތެލުގައި ހިމެނޭ ކާވަކްރޮލް އަދި ޔޫޖެނޯލް އިން އެންޓިކެންޑިޑަލް އަދި އެންޓިފަންގަލްގެ މައްސަލަތަކަށް ފަރުވާދެއެވެ. އޯރަލް މައިކްރޯބަޔޮލޮޖީ އެންޑް އިމިއުނޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކެންޑިޑާ އެލްބިކަންސް ކިޔާ ފަންގަހެއްގެ ސަބަބުން އުފެދޭ ކެންޑިޑިއޭސިސް ރަނގަޅު ކުރުމަށް ކަރަންފޫ ތެޔޮ ބޭނުން ކުރެވިދާނެ އެވެ. މިއީ ޔީސްޓް އިންފެކްޝަންތަކަށްވެސް ފަރުވާއެކެވެ. މި ޖަރާސީމު އާންމުކޮށް ޖެހެނީ އަނގައާއި ކަންފަތާއި ނޭފަތާއި އިނގިލީގެ ނިޔަފަތިތަކާއި އަދި ޖިންސީ ގުނަވަނުންނެވެ. މި ތެލުން ގޮހޮރު ސާފުކުރުމަށްޓަކައި، ކުޑަ މިންވަރަކަށް ބޭނުންކުރެވިދާނެއެވެ.
ދަތުގެ ބަލިތަކަށް ފަރުވާއެއް
މި ތެލުގެ އެންމެ މަގުބޫލު ފަރުވާއަކީ ދަތުގައި ރިއްސުން ފަސޭހަ ކުރުމެވެ. ތުއްތު ކުދިންނަށް ދަތް އުނގުޅުމުގެ އުނދަގުލާ ބެހޭ ގޮތުން ބްރިޓިޝް ޑެންޓަލް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ލަފާދެނީ ކަރަންފޫތެޔޮ ބޭނުންކުރުމަށެވެ. ތުއްތު ކުދިން ދަތުގައި ރިއްސުން ލުއިކޮށްދޭ ބާމެއް ތައްޔާރުކުރުމަށް ކަރަންފޫ ތެޔޮ ބޭނުން ކުރާށެވެ.
ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭ
ކަރަންފޫއާއި އޭގެ ތެލަކީ ވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ބޭނުންތެރި އެއްޗެކެވެ. ކަރަންފުލުގައި ހުންނަ ޖަރާސީމު މަރަން އެހީވާ މާއްދާގެ ސަބަބުންގިނަ ބަލިތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.
ކެންސަރުން ރައްކާތެރިކޮށްދޭ
ދިރާސާއަކުން ދައްކާ ގޮތުގައި ކަރަންފުލަކީ ހަޖަމުކުރާ ނިޒާމު ރައްކާތެރިކޮށްދީ، ކެންސަރާއި އަދި ވައިގެ އުނދަގުލުން ރައްކާތެރި ކޮށްދޭ އެއްޗެކެވެ. އަދި އެއީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދީ މޭނުބައިކުރުން ކުޑަކުރުމަށް އެހީތެރިވެދޭނެ އެއްޗެކެެވެ.
