(25 މެއި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
”އޯ ޒީލަން އަހަރެން އެތެރެއަށް ވެއްދީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.”
”ކަލެއަށް މިގެއަށް އަންނަން އެނގުނީ ކިހިނެއް؟”
”ތީ އެއްވެސް ކަމެއް ނޫނެއްނު. އަހަރެން ޒީލަންދެކެ ނުލާހިކު ލޯބިވޭ. އަބަދުވެސް ލޯބި އުޅޭ ތަންބަލަން. ޒީލަން އުޅޭގޮތް ބެލުމަކީ އަދި އުޅޭތަން ހޯދުމަކީ އަހަންނަށް ވަރަށް އާދައިގެ ކަމެއް. ޒީލަން މިހާރު މާރީތި.” އޭނާ ޒީލަން އާއި ދިމާއަށް އައެވެ.
”މިތަނުން ދާންއުޅޭ. އަހަރެން އެކަނި އުޅެން ދޫކޮށްފައި ދާންނުކެރިގެން ތިއުޅެނީ ކީއްވެ؟”
”ބުނެފީމެއްނު ލޯބިވާތީއްޔޭ.” ހަގީގަތުގައި އޭނާ އެއްވެސް އަންހެން ކުއްޖެއްދެކެ ލޯތްބެއްނުވެއެވެ. އަދި ޒީލަންދެކެ އޭނާ ނަފުރަތު ކުރެއެވެ. ޒީލަންއާއި ރަށްޓެހިވުމުގެ ސަބަބުން އޭނާއަށް ތަފާތު ގެއްލުން ކުރިމަތި ވިއެވެ. އެންމެން ކުރިމަތީ އޮފީހުގައި އޭނާ ބޭޒާރުވިއެވެ. އޮފީހުން ކަނޑާލިއެވެ. އެކަމުގެ ބަދަލު އޭނާ ކޮންމެވެސް ގޮތަކުން ހިފާނެއެވެ. ޒީލަން ހާލުގައި އުޅޭތަން ފެނުމުން އޭނާ ހިތްހަމަޖެހެއެވެ. އޭނާއަށް އުނދަގޫ ކުރެވުމުން އުފާވެއެވެ. އޭނާ ޒީލަންއާއި ކައިރިވެލާ ނޯއްދަމާލިއެވެ.
”އޫން ޒީލަން ގައިން ހާދަ މީރުވަސް ދުވައޭ.”
”ތިޔަފަދަ ގޮތެއްނެތްމީހަކާއި އަހަރެން ލޯބިވާނީ ކިހިނެއް. ކަލޭއާއި ކުރިން އެކަހަލަ ގުޅުމެއް ބޭއްވުނީތީ މިހާރު ފޫހިވޭ.” ޒީލަން ދުރަށްޖެހިލިއެވެ.
”ކަލޭތީ އަހަރެމެން ނިކަމެތި އަންހެންކުދިންގެ އިއްޒަތާއި ނަފުސަށް އެއްވެސް ރަހުމަތެއްނެތް މީހެއް. އެމީހުންގެ އުފާތައް ފޭރޭމީހެއް. އަހަރެން ކަލޭގެ ނަންއިވުމުން ރުޅިއާދޭ. ތިމޫނު ދެކޭކަށްވެސް އަހަރެން ބޭނުމެއްނޫން.”
”އާން އަހަރެންނަށް އެނގޭ ކަލޭ ލޯބިވަނީ ފަޒީނު ދެކެކަން. އެކަމަކު އޭނާ ކަލޭދެކެ ލޯތްބެއްނުވޭ. އެކަހަލަ މީހުން އުޅޭނީ ބައިވަރު އަންހެން ކުދިން ގޮވައިގެން. އެމީހުންނަށްޓަކައި އެތައް އަންހެން ކުދިންނެއް މިހާރުވެސް ފިދާވާން އެބަތިބި.”
”އާނ އަހަރެން ފަޒީނުދެކެ ލޯބިވޭ. އެއީ ލޯބިވާން ދެނެލައްވާ އޯގާތެރި ބޭކަލެއް. ނަމަވެސް ކަލޭދެކެ އެއްވެސް އަންހެނެއް ލޯތްބެއްނުވާނެ. ކަލެއަކީ ފޭރޭ އަނިޔާވެރިއެއް”.
”އާނ އަހަރެން އަދި ހަނދާންނެތުނީ. އަހަރެން މިއައީވެސް މިއުފާވެރި ޚަބަރުދޭން. ފަޒީނު އުޅެނީ އަލްހެނާއާއި ކައިވެނިކުރަން. އެއީ ކަލޭގެ ބެސްޓުފުރެންޑް. އެންމެ ގާތްކޮށް އުޅުނު ހެޔޮއެދޭ އެކުވެރިޔާ. އޭނާ މިހާރު ފަޒީނު އޮފީހުގެ ވެރިޔެއް ގޮތުގައި ހަމަޖައްސައިފި. އެއްކަމެއްވެސް ނޭނގޭދޯ. އަލްހެނާ އެއްވެސް ނުބުނޭދޯ.”
ޒީލަން އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ހިތަށް ޝޮކެއް ލިބުނު ކަހަލައެވެ. ކުއްލިއަކަށް މިފަދަ ޚަބަރެއް ލިބުމުން ގަބޫލު ކުރަން ދަތިވިއެވެ.
”ހަމަމިހާރު މިތަނުންދޭ. އެހެންނޫނީ އަހަރެން ހަޅޭއްލަވާ ހިސާބުގަނޑު މީހުން އެއްކޮށްފާނަން.”އޭނާ ޝައީމުއާއި ދިމާއަށް ބާރަށް ހަޅޭއްލަވައިގަތެވެ.
”އޯކޭ މިވަގުތު އަހަރެން މިދަނީ. އެކަމަކު އަދި ފަހުން ޒީލަންގެ ހިތާމާގައި ބައިވެރި ވުމަށް އަންނާނަން.”
ޒީލަން އަވަސް އަވަހަށް ޒެނިތުއަށް ފޯނު ކުރިއެވެ.
”ފަހީމައްތަ.”
”ޒީލަން ނުވެސް ބުނެ ކުއްލިއަކަށް ކޮންތާކަށް ދިޔައީ. އަހަރެން ޒީލަންއާ ގުޅޭތޯ ވަރަށް މަސައްކަތް ކޮށްފިން.” ޒީލަން ދިއުމުން އެންމެ ކަންބޮޑުވާ މީހަކީ ފަހީމާއެވެ.
”ފަޒީނު ރަނގަޅުތޯ.” ފަހީމާގެ ވާހަކައަށް އޭނާއަށް ސަމާލެއް ނުވެވުނެވެ.
”ފަޒީނު އުޅުއްވަނީ ޒީލަންގެ ބަދަލުގައި މިގެޔަށްއައި ކުއްޖަކާ ކައިވަނި ކުރައްވަން. އެއީ ޒީލަންގެ ރަށްޓެހި ކުއްޖެއްކަންނޭނގެ. އަލްހެނާ ކިޔަނީ. އެކަމަކު ފަޒީނު ހުންނަވަނީ ވަރަށް ފިކުރުބޮޑުވެފައި. ގެއިން ކެއިންނުބައްލަވާ އެއްގޮތަކަށްވެސް. ވަރަށް ބޮޑަށް ކަމެއް ގޯސްވީހެން ހީވަނީ.”
”އެމީހުން ކައިވެނި ކުރަނީ ކޮންދުވަހަކުން.” ޒީލަން އަށް އެއީ ކޮންމެހެން ވެސް އެނގެންޖެހޭ ކަމެކެވެ.
”ދެތިންދުވަހުގެ ތެރޭގައި ކުރާނެ.”
”އިހަށް ބާއްވަނީ އިނގޭ. އަހަރެން ފަހުން ގުޅާނަން. ފަހީމާ މަޑުކުރާށޭ ބުނެ ބުނެ ހުއްޓާ ފޯނު ބޭއްވިއެވެ.
ޒީލަން ވަރަށް ބޮޑަށް ހާސްވެއްޖެއެވެ. އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ އޭނާގެ ލޯބިވެރިޔާއާއި ކައިވެނި ކުރަނީއެވެ. އެއްވެސް މީހަކު ބުނެވެސް ނުލައެވެ. ކުއްލިއަކަށް އޭނާ އެހާ ދުރުކޮށްލީ ކީއްވެގެން ކަން އޭނާއަށްވެސް ގަބޫލެއް ނުކުރެވުނެވެ. އަލްހެނާ އެފަދަކަމެއް އޭނާގާތު ނުބުނެ ކޮށްފާނެ ކަމަކަށް އޭނާއަށް ގަބޫލު ނުކުރެވެނީއެވެ. އޭނާ އޮފީހަށްދިއައިރު އަލްހެނާއެއް ނޫޅެއެވެ.
”އާޒިމާ! މިއަދު އަލްހެނާއެއް ނާދޭތަ؟”
”އާދެ! އޭނާ ކޮންމެވެސް މުހިންމު ކަމެއް އޮވެގެން މިއަދު ނާދެވޭނެ ވާހަކަ ބުނުއްވި.”
”އެހެންތަ؟” އޭނާ ފޯނުނަގާ އަލްހެނާއަށް ގުޅާލިއެވެ.
”ފޯނެއްވެސް ނުނަގާ.”
”ފަހަރެއްގައި މާބުރަވަގުތަކީ ކަމަށްވެސް ވެދާނެ.”
ފުރުމުގެ ކުރިން ނިންމަންޖެހޭ މަސައްކަތްތަކާއި މީހުންނަށް އޮފީހުގެ ކަންތައް ބަލަހައްޓާނެގޮތް ހަމަޖައްސަން ޖެހޭތީ އޭނާ ކޮންމެހެންވެސް އެމަސައްކަތް ކުރަންޖެހެއެވެ. އެހެންނޫންނަމަ އޭނާ މިއަދު އޮފީހަކަށްވެސް ނައިހެވެ. ވަރަށް ފޫހިގޮތަކަށް އޮފީސް ނިންމާލުމަށްފަހު ގެއަށްގޮސް ތާޒާވެލިއެވެ. އަދި ކައިވެނި ކުރުމުގެ ކުރިން ފަޒީނާއި އޭނާ ބައްދަލުކުރަން ބޭނުމެވެ. އޭނާ ލޯބިވާވާހަކަ ބުނަން ބޭނުމެވެ. އަބަދަށްޓަކައި އޭނާގެ މިލްކަކަށް ފަޒީނު ލިބިގަތުމަށްޓަކައެވެ. އޭނާ އަށެއްޖަހަން އުޅެނިކޮށް އެގޭ ގޯތިތެރެއަށްވަނެވެ. ގޭތެރެ އަލިގަދަވެފައި މީހުން ތަންކޮޅެއް ގިނައެވެ. ގެއަށް ވަންނަން އުޅުނު ޒީލަންއަށް ހުއްޓެވުނީ ގޭތެރެއިން ނިކުމެގެން އަންނަ އިމްރާން އަލީ ފެނުމުންނެވެ. އެއީ ރާއްޖޭގެ އެންމެންދަންނަ މަޝްހޫރު ގާޒީއެކެވެ. އޭނާއާއިއެކު ފަޒީންއާއި އަލްހެނާވެސް ނިކުތެވެ. އަލްހެނާ ލައިގެންހުރީ ރީތި ހަވީރީ ހެދުމެކެވެ. ޒީލަންއަށް އެމީހުން ކައިވެނި ކުރިކަމުގެ އިހުސާސެއް ކުރެވުނެވެ. ވީގޮތެއް އޮޅުންފިލުވުމަށްޓަކައި ބަދިގެއާއި ވީ ދިމާއިން ގޭތެރެއަށްވަނެވެ. މީހުން މަދުވީ ވަގުތުކޮޅަށްވުމާއި ވަލުދޮރާށިން ޒީލަން މީހަކަށް ނުފެނި ވަންނާކަށް ދަތި ކަމަކަށް ނުވިއެވެ.
ބަދިގެ ތެރެއިން ފަހީމާ ފެނުމުން އޭނާގާތަށް ދިއައެވެ.
”ފަހީމާއްތާ. އެގާޒީ އެއައީ ކީއްކުރަން.”
”ޒީލަން އެމީހުން ކައިވެނި ކުރީ ދެންމެ. ކޮންތާކު ތިއުޅެނީ.” ފަހީމާ ހުރީ ވަރަށް ދެރަވެފައެވެ.
އޭނާއަކަށް ވީގޮތެއް ނޭނގުނެވެ. ކުއްލިއަކަށް ފަހީމާ ގައިގާ އޮޅުލައި ގަނެވިއްޖެއެވެ.
”ފަހީމައްތާ. އަހަރެންނަށް މުޅިންވެސް މިހެންދިމާވަނީ ކީއްވެ؟ އަހަރެން ފަޒީނު ދެކެ ވަރަށް ލޯބިވޭ. ފަޒީނުވެސް އަހަރެންދެކެ ލޯބިވާކަމަށް ބުނުއްވި. މިއީ ހަމަ އަހަރެންގެ ސަބަބުން ވާގޮތް. އަހަރެންނަށް އެހެން ނުހެދުނުނަމަ.” އޭނާ ގިސްލެވެންދެން ރުއެވެ.
”ޒީލަން ދެންނުރޮއި. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ. އެއްވެސް ކަމެއް އަހަރެންނަށް އަންގާ ނުލީތީ ދެރައީ.”
މީހަކު އަންނަހެން ހީވާތީ ޒީލަން އެގެއިން ނިކުމެ ދުއްވައިގަތެވެ. އޭނާ ރޮމުން ބާރަށް ދުވެފައި ކަހަލަ ގޮތަކަށް އޭނާ ހުންނަ އެޕާޓުމަންޓަށް ދިޔައެވެ.
އޭނާ ނުވިސްނަން އުޅުނުނަމަވެސް ވިސްނެނީއެވެ. ނިދިވަނީ އެތައް މޭލެއްގެ ދުރުގައެވެ. އެންމެފަހުން އޭނާ ނިދާބޭސް ގުޅައެއް ކައިގެން ނިދިއެވެ. ހޭލެވުނީ އެގާރަ ޖަހަންވެސް އުޅެނިކޮންނެވެ. އަވަހަށް ތައްޔާރު ވަލައިގެން އޭނާ އޮފީހަށް ދިޔައެވެ. އޭނާ ފުރަން ހަމަޖެހިފައިވާ ދުވަސްކަމުން އެންމެ ފަހުގެ ތައްޔާރީތައް ހަމަޖެއްސުމަށެވެ.
”އަލް އުފާވެރި ކައިވެންޏަކަށް އެދެން. މަރުހަބާ! އަންގާވެސް ނުލާ ތިހާ ބޮޑުކަމެއްތިކުރީ ކީއްވެ؟”
”ކަމޯން ޒީލަން. އެއީ އެހާ ބޮޑުކަމެއްތަ؟ އަސްލު ބުރަކަމުން އަންގާ ނުލެވުނީ. ސޮރީ އިނގޭ. ކޮންއިރަކުން ފުރަނީ.”
”މާދަމާ ނޫން އަނެއްދުވަހު. އަލް އޮފީސް ކަންތައް ބަލަހައްޓާދޭތި. އެހެންކަންތައް ކުރަންވީގޮތް އެންމެންނަށް އަންގާނަން.”
”ކޮންދުވަހަކުން އަންނާނީ.”
” މިއީ ފަސްއަހަރުގެ ކޯހެއް. ހީވާގޮތުން އެކޮޅުގައި މަސައްކަތް ކުރަންވެސް ޖެހިދާނެ. އެހެންނޫނަސް މިހާރު އަހަރެން ރާއްޖޭގައި އުޅޭހިތެއްނެތް. އަހަރެންގެ އެއްވެސް މީހެއް މިތާކު ނެތް. އެކޮޅުގައި އަމިއްލައަށް އުޅެންޖެހުނަސް އަހަރެން ހަނދާންވާ މީހެއް ނުހުންނާނެ.”
އޭނާ ސަމާސާގޮތަކަށް ބުންޏަސް އެއީ އޭނާގެ ހިތުގެ އެންމެ އަޑިން ބުނާއެއްޗެއްކަން އަލްހެނާއަށްވެސް އެނގުނެވެ.
އޭނާއަށް ކައުންސެލިން ދޭ ކޮޓަރިއަށް ރަނގަޅަށް ނުވަދެވިގެން އުޅެނިކޮށް އަންހެނަކު ރޯއަޑު އިވުނެވެ. އެއީ އޭނާ ދަންނަ އަޑެކެވެ. ކާކުބާވައެވެ. އޭނާ އެތެރެއަށްވަދެ ބަލާލީއިރު އެއީ ނިޝާއެވެ. އެންމެފުރަތަމަ ދުވަހު މާލެއައިސް އޭނާ ހުރިގޭގައި އުޅުނު އޭނާގެ އެކުވެރި ނިޝާއެވެ.
” އާޒިމާ އިހަށް ގޮސްބަލަ އަހަރެން މީނަ ކަންތައް ބަލާނަން.”
”ނިޝާ ކޮންހާލެއްޖެހިފާ.”
”ޒީލަން. އަހަރެން މިވަނީ ވަރަށް ބޮޑު މުސީބާތެއްގައި. އަމިއްލައަށް މަރުވުމަކީ ކުފުރުގެ ކަމަކަށްނުވާނަމަ އަހަރެން ދަންޖެހިގެން މަރުވެއްޖައީމުސް.”
”ނިޝާ ތިހެންނުބުނޭ. އަހަރެންމިހުރީއެއްނު. ދެންހުރިހާކަމެއްވެސް ރަނގަޅުވެދާނެ. މިއޮއްހުރިހާދުވަހު އަހަރެންނަށް އަންގާނުލީ ކީއްވެ.”
”ކައިވެނީގެ ފަހުން ފިރިމީހާއާއެކު އަހަރެން ޖަޕާނަށް ދިޔައީ. އަދި އައިފަހުންވާނީ ދެހަފުތާ.”
”ފިރިމީހާ ކޮބާ؟”
”ޖަޕާނުގައި.”
”ނިޝާ އެކަނި މާލެ ތިޔައީ ކީއްވެ.”
”ޒީލަން. އެއީ ވަރަށް ރުޅިގަދަ އެކަމަކު ރަނގަޅު މީހެއް. އޭނާ އަހަންނަށް ވަރަށް ހެޔޮ. އެކަމަކު އަހަރެން ގާތަށް އަންނާކަށް އޭނާއަކަށް ވަގުތެއް ނުލިބޭ. އަބަދުވެސް އުޅެނީ މަސައްކަތުގައި. އެއީ ވަރަށް މިނިވަން ޚިޔާލު ހުންނަމީހެއް ރޭގަނޑުވުމުން ގެއަށް އާދެވޭއިރު ހުންނަނީ މެންދަންވެފައި. އޭނާ އަހަރެންނަށް ކިތަންމެ ރަގަޅަސް އެހެން އަންހެންކުދިން ފަރާތުން އުފާހޯދާފައި ގެއަށް އާދެވޭއިރު އަހަރެންނަށް އޮންނަނީ ނިދިފައި. މުދަލާ ފައިސާއާއި އަރާމު އަދި ކޮންމެކަމަކަށް ނޯކަރުން ލާފައި ތިއްބަސް ކައިވެނީގެ ރޫހާނީ އުފަލެއް އިހުސާސެއް ނުކުރެވޭ. އޭނާ އަށް ކުދިންނެއް ނުލިބޭ. އަހަރެންނާއެކު ވަގުތެއް ހޭދައެއް ނުކުރެވޭ. އެކަމަކު އަހަރެންގެ އާއިލާއަށް ވަރަށްހެޔޮ.”
”ދެން ނިޝާ މާލެ އައީ ކީއްވެ؟”
”އަހަރެން މާލެ އަންނަހިތުން އުޅޭތީ އޭނާ ފޮނުވީ. ނަމަވެސް މާލެ އައުމުން މިދިމާވީ މާހިތްދަތި ކަމަކާ.”
”ކިޔައިދީބަލަ އަހަރެން ނިޝާއަށް އެހީވާނަން.”
”އަހަރެންނަށް ޕާޓީއަކުން ދިމާވި ވަރަށްރީތި ފިރިހެންކުއްޖެއް. އަހަރެންނަށްވަރަށް އަލާލާ ވަރަށް އެހީތެރިވެދިން. ފިރިމީހާގެ ފަރާތުންވެސް ނުލިބޭ ފޮނިކަމެއް އޭނާ އަހަރެންނަށް ހޯދައިދިން. އެކަމަކު އޭނާއަށް އަހަރެންނަށް ލާރިލިބޭކަން އެނގޭތީ އޭގެ ފައިދާނެގީ. ރިސޯޓަކަށްދިޔަރޭ އޭނާހުރީ އަހަރެން ފޮޓޯނަގާފައި. އޭނާއާއެކު އަހަރެން އުޅުނު ހުރިހާގޮތެއް ހުރި. އޭނާގެ މޫނު ނާރާގޮތަށް ނަގާފައި ވިޔަސް އަހަރެން ވަރަށް ރަނގަޅަށް އެނގޭ. މިހާރު އެތައް ފައިސާއެއް އަހަރެން އަތުން އޭނާއަށް ހިނގައްޖެ. އެކަމަކު އަދިވެސް އޭގެ ކޮޕީތައް އޭނާ އަތުގައި އެބަހުރި. އަހަރެންގެ ފިރިމީހާއަށް ފެނިއްޖެނަމަ އަހަރެން މަރާވެސް ލައިފާނެ. އަދި އެހާ ގިނަ އަދަދަކަށް ފައިސާ ނަގަންޏާ ޝައްކުވެސް ވާނެއެއްނު. އަހަރެންނަށް ހަދާނެ ގޮތެއް މިހާރަކު ނޭނގޭ.” ނިޝާ ރޯންފެށިއެވެ.
”ނުރޮއި ނިޝާ. އަހަރެމެން ދެމީހުން ތިކަމާ އުޅެނީ. ކޮންނަމެއް އޭނައަށް ކިޔަނީ.”
”ޝައީމު. ހ. ނޫމީގެ ކުއްޖެއް. ކޮންމެވެސް ނޫހެއްގައި މަސައްކަތް ކުރަނީ. އޭނާ ވަނީ ކޮންމެވެސް އެހެން ބަޔަކަށްވެސް އެހެން ހަދާފައި ކަމަށް ތަންކޮޅެއް ކުރިން ބުނި. އެކަމަކު އަހަރެން ހުންނާނީ އެފޮޓޯތައް އޭނާގެ ކޮމްޕިއުޓަރުން ފޮހެލާފާ. މިއީ އޭނާ އަތުން އަތުލާފައިވާ ސިޓީ އުރައެއް. މިއީވެސް ފޮޓޯތަކެއްހެން ހީވަނީ. ބަލާވެސްނުލާ އަވަސްއަވަހަށް ހިފައިގެންމިއައީ.” އޭނާ ޒީލަންއަށް އެސިޓީއުރަ ދިނެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ޒީލަން" ވާހަކައަކީ 2008 ވަނަ އަހަރުގެ ގައުމީ މުބާރާތުން ދެވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
