ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިޔަކު އިޚްތިޔާރު ކުރަން ޖެހޭ.

އިންސާނީ މުޖްތަމައެއް އުފެދެނީ، ކުދިކުދި އާއިލާތަކަކުންނެވެ. އެހެންކަމުން، މި ކުދިކުދި އާއިލާތައް ހަރުދަނާ ކުރެވިގެން މެނުވީ ދީނާ މުޖްތަމައެއް ބިނާ ނުކުރެވޭނޭކަން އަހަރެމެން ދަންނަން ޖެހެއެވެ.
އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖްތަމަޢުގެ އަޚްލާޤީފެންވަރު، ދުވަހުންދުވަހަށް ދަށްވަމުންދާ ވާހަކައެވެ. އާއިލާގެ ތެރޭގައި އޮންނަންވާބަދަހި ގުޅުންތައް، ދޯހަޅިވަމުންދާ ވާހަކައެވެ. އާއިލާތައް ރޫޅި ވިއްސިވިހާލިވަމުންދާ ވާހަކައެވެ. މިކަންކަން އިސްލާޙް ކުރަން މަސައްކަތް ކުރަން ވެއްޖެ ވާހަކައެވެ.
މުޖުތަމަޢުގެ އަޚްލާގީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު، އެއްސަބަބަކީ ބޮޑެތިވަމުން އަންނަ އަހަރެމެންގެ ދަރިންނަށް ރަނގަޅު، ހަރުދަނާ ތަރުބިޔަތެއް ނުދެވުމެވެ.
ކޮންމެ ކުއްޖަކު ވެސް އުފަންވަނީ، ފިތުރަތުގެ ސާފުކަންމަތީގައިކަން ކަށަވަރެވެ. އޭގެ ފަހުގައި، އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވެގެންދަނީ، އެކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިއްޔަތެއްގެ ސަބަބުންނެވެ. ލޮބުވެތި  ނަބިއްޔާﷺ ޙަދީޘް ކުރައްވައިފައި ވެއެވެ. " ކޮންމެ ކުއްޖަކު ވެސް އުފަންވަނީ، ފިތުރަތުގެ ސާފުކަންމަތީގައެވެ. ފަހެ، އެކުއްޖާ ޔަހޫދީއަކަށް، ނުވަތަ ނަސާރާއަކަށް، ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖާގެ މައިންބަފައިންނެވެ."
މުޖުތަމަޢު ބިނާވަނީ، ކުދިކުދި އާއިލާތަކަކުން ކަމުގައި ވީހިނދު، ޢާއިލާއެއްގެ ބިންގާ އެޅުމުގެ ކުރިން ވިސްނަން މުހިއްމު ކަންތައްތަކެއް ވެއެވެ. އެންމެ ފުރަތަމަ ކަމަކީ، ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް ދީންވެރި، ޚުލްޤުހެޔޮ މީހަކު އިޚްތިޔާރު ކުރުމެވެ. މިކަމަށް ލޮބުވެތި ރަސޫލާ ވަނީ، އިރުޝާދު ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ. "އަންހެނުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ، ތިބާ އޭނާއަށް ބަލައިލާ ހިނދު، ތިބާއަށް އުފާވެރިކަން ގެނުވާ، އަދި ތިބާ އޭނާއަށް އަމުރެއްކޮށްފި ނަމަ ތިބާއަށް ކިޔަމަންވާ، އަދި ތިބާ ނެތް ތަނުގައި ތިބާއަށްޓަކައި އިއްފަތްތެރިވެ، ތިބާގެ މުދަލަށް ރައްކާތެރިވާ އަންހެނާއެވެ." އަދިވެސް ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. "ދުނިޔެއަކީ މުދާވެރި ކަމެކެވެ. ދުނިޔޭގައިވާ އެންމެ އަގުހުރި މުދަލަކީ ޞާލިހު އަންހެނާއެވެ."
ރަނގަޅު އާއިލާއެއް ބިނާކުރަން އެދޭނަމަ ކައިވެނި ކުރުމަށް ރަނގަޅު ބައިވެރިޔަކު އިޚްތިޔާރު ކުރަން ޖެހެއެވެ. އިޚްތިޔާރު ކުރެވޭ އަންހެންމީހާގެ ކިބާގައި، ރަނގަޅު ސިފަތަކެއް ހުންނަން ޖެހޭ ފަދައިން، ފިރިހެންމީހާގެ ކިބާގައި ވެސް ރަނގަޅު ސިފަތަކެއް ހުންނަން ޖެހެއެވެ. މިގޮތުން ދީންވެރި، އޯގާތެރި، ޚުލްޤު ހެޔޮ މީހަކު، ޙަޔާތުގެ ބައިވެރިއަކަށް ޚިޔާރުކޮށްފިނަމަ، އެ މީހަކަށް ހިތްހަމަ  ޖެހުމާއި، ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެއެވެ. ކީރިތި ރަސޫލާﷺ ޙަދީޘް  ކުރައްވާފައި ވެއެވެ. "ކައިވެނި ކުރާއިރު އަންހެނާގެ ކިބައިގައިވާ ހަތަރު ކަމަކަށް ބަލައި އުޅެއެވެ. އެއީ، އޭނާގެ ފައިސާވެރިކަމަށާއި، ޙަސަބާއި ނަސަބަށާއި، ރީތިކަމަށާއި، ދީންވެރިކަމަށެވެ. މީގެ ތެރެއިން ތިބާ ދީންވެރި ކަމުގެ ސިފައަށް އިސްކަން ދޭށެވެ! އޭރުން ހުރިހާ ކާމިޔާބީއެއް ޙާޞިލުވިއެވެ."
ތިބާގެ ދަރިޔަކާ ކާވެނި ކުރުމަށް ދިންވެރި އަޚްލާޤު ރަނގަޅު މީހަކު އެދިއްޖެނަމަ، އެކަން ކޮށްދިނުމަށް އިސްލާމް ދީން ވަރަށް ބޮޑަށްބާރު އަޅައެވެ.  ރަސޫލާ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. " އެމީހެއްގެ ދީންވެރިކަމާއި، އަޚްލާޤާ މެދު ތިޔަބައިމީހުން ރުހޭ މީހަކު ތިޔަބައިމީހުންގެ ބެލުމުގެދަށުގައިވާ އަންހެނަކާ ކާވެނިކުރަން އެދިއްޖެނަމަ، އެކައިވެނި ކޮށްދޭށެވެ. އެހެން ނަހަދައިފިނަމަ، ބިމުގައި ބޮޑުވެގެންވާ ފަސާދައެއް ފެތުރިދާނެއެވެ."
ދީންވެރި، ހެޔޮ މީހަކު ދެނެގަތުމަށްޓަކައި އެމީހެއްގެ އާއިލާގެ މީހުންގެ އުޅުމަށް ބަލައިފިނަމަ، އެކަން ގިނަފަހަރަށް އެނގޭނެއެވެ. ނަމަވެސް ތިމާ ނުދަންނަ އަދި އެ މީހެއްގެ މައިންބަފައިންނާއި އާއިލާ ވެސް ނުދަންނަ މީހަކު ޙަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރު ކޮށްފިނަމަ ހިތި ތަޖުރިބާތަކާ ކުރިމަތިލާން ޖެހިފައި ވަނީ މަދު ފަހަރަކު ނޫނެވެ.

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *