ހުށިޔާރު ކުދިން ތަރުބިއްޔަތު ކުރާށެވެ.

ކުދިންގެ ޖަޒުބާތުތަކާއި ކުދިންގެ ބުއްދި ތަރައްޤީކުރުމަކީ ކޮންމެ މައެއް އަދި ބައްޕައެއްވެސް ބޭނުންވާނެ ކަމެކެވެ. އެހެންކަމުން އަންނަން އޮތް ޖީލުގެ ލީޑަރުންނާއި ކާމިޔާބު ދަރިންތަކެއް އުފެއްދުމަކީ ކުޑައިރު ކުދިންނަށް ދެވޭ ތަރުބިއްޔަތަކުން ވާކަމެއްކަމަށް މައިންބަފައިން ގަބޫލު ކުރާނެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކުއްޖާއަށް އޭނާގެ ޖަޒުބާތުތައް ފާހަގަ ކުރަން އެނގުމާއި، ކުއްޖާގެ އިހުސާސްތައް ބޭރުކުރާނެގޮތް ދަސްވެފައި ވުމަކީ ދިރިއުޅުމުގައި އެކުއްޖާއަށް ދިމާވާ މައްސަލަތަކަށް ފަސޭހައިން ހައްލު ހޯދަން ދަސްވާކަމެކެވެ. އެފަދަ ކުދިން ދިރިއުޅުމުގައި ކާމިޔާބު ވެގެންދާ ކަމަށް ނަފްސާނީ ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެކުދިން ގްރެޖުއޭޓް ވުމާއި، ރަނގަޅު ވަޒީފާއެއް ހޯދުމާއި، އުފާވެރި ދިރިއުޅުމަކަށްވެސް ފުރުޞަތު ބޮޑު ކަމަށް ފާހަގަ ކުރެއެވެ.

އެހެންކަމުން މައިންބަފައިން ވިސްނަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ ކުދިންނަށް ސަމާލުކަން ދިނުމެވެ. ކުއްޖާގެ މިޒާޖު ދަސްކުރުމެވެ. އަބަދުވެސް ކުދިންގެ އުޅުމާއި ކުދިންގެ މިޒާޖަށް އަންނަ ބަދަލުތަކަށް މައިންބަފައިން ސަމާލުކަން ދޭށެވެ. ކުރުކޮށް ބުނާނަމަ، ކުދިންގެ ޖަޒުބާތުތަކާއި، ފިކުރުތަކާއި، ޢަޤީދާތަކާއި، ނިޔަތާއި، އެދުންތަކާ ބެހޭގޮތުން ކުދިންގެ ވިސްނުން ވަގުތު ފާއިތުވަމުންދާ ވަރަކަށް ތަރައްޤީވެގެންދެއެވެ.

ނަމަވެސް މިކަންކަން ބޮޑަށް ބިނާވެގެން ދަނީ ކުއްޖާގެ ސިކުނޑީގެ ދުޅަހެޔޮ ކަމުގެ މައްޗަށެވެ. ބެލެނިވެރިން ކުއްޖާގެ މިފަދަ ބަދަލުތައް ދެނެގަނެ އެކުދިންނަށް ދޭންޖެހޭ އެހީތެރިކަން ދޭށެވެ. އޭގެ ސަބަބުން ކުއްޖާގެ ކަންކަމުގައި އޭނާ ގޮތްނިންމާނެ ގޮތް ދަސްވުމަށް ފުރުސަތު ދެވެއެވެ. ގިނަފަހަރަށް ކުދިން ބޭނުންވާނީ އޭނާގެ ޚިޔާލަށް ކަންކަން ނިންމުމަށެވެ. އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް އެކަމުން ކުރާނެ ފައިދާއާއި ލިބޭނެ ގެއްލުން ކުދިންނަށް ވިސްނައިދިނުމަކީ އެކުދިން ގޮތް ނިންމުމުގައި ދެވޭނެ ރަނގަޅު ފަރުވާއެކެވެ. ރަނގަޅު ހާލަތުގައި އަދި ރަނގަޅު ވަގުތުގައި ގޮތްނިންމަން ދަސްވުމަކީ ދިރިއުޅުން ކާމިޔާބު ވާނެކަމެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *