(8 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަޒީނު ގެއަށް ބަދަލުކުރުމުގެ ހުރިހާކަމެއް ހަމަޖެހި ގެއަށް ބަދަލުކުރެވިއްޖެއެވެ. އަލްހެނާ އަބަދުވެސް އޭނާއަށްެ އެހީތެރި ވެދިނުމުގައި އުޅެއެވެ. ފަހީމާއަށްވެސް ފަޒީނު ބަލިވުމުން ވަރަށް އަސަރު ކުރިއެވެ. އެހެންކަމުން އަލްހެނާއި ދެމީހުންކުރެ އެކަކު އަބަދުވެސް އޭނާއަށް އެހީތެރިވުމުގައި އުޅެއެވެ. ފަޒީނުގެ ކަކުލަށާއި ބޮލަށް ލިބިފައިވާ ގެއްލުން މުޅިން ރަނގަޅު ނުވާތީ އަރާމުކުރަން ޑޮކްޓަރު އަންގަވާފައިވެއެވެ.
އަބަދުވެސް މަސައްކަތުގައި އަވަދިނެތި އުޅުއްވާފަޒީނު ގޭގައި އޮންނަވަން ޖެހިލެއްވުމުން މުޅިދުވަސްވެސް ހީވަނީ ވަރަށް ދިގުހެންނެވެ. އޭނާވަނީ ދުނިޔެމަތިންވެސް ފޫހިވެފައެވެ. މިއެކްސިޑެންޓުގައި މަރުނުވީ ކީއްވެބާއޭ ބައެއްފަހަރު ހިތަށް އަރައެވެ. އޭނާގެ ދިރިއުޅުމުގެ މާބޮޑު އުންމީދުތަކެއް ނުވެއެވެ. މިފަދަ ހާލުގައި ވަނިކޮށް އެންމެ އެހީތެރިކަން ބޭނުންވާ ޒީލަންއެއް އޭނާގެ ގާތަކު ނެތެވެ. ޒީލަންއެއް ދެނެއް އަވަހަކަށް މާލެވެސް ނާންނާނެއެވެ. އޭނާ އަންނައިރު އަންނާނީ އެހެން މީހަކާއި ކައިވެނިކޮށްގެންކަން ނޭނގެއެވެ. މިއީ އޭނާގެ އަމިއްލަ މޮޔަކަންކަން އޭނާ ދެކެލެއްވިއެވެ. ޒީލަން ގެއިން ނެރުއްވީ އޭނާއެވެ. އެރޭ އެނިކަމެތި ކުއްޖާއަށް ކުރިއަސަރު އޭނާއަށްވެސް އިހުސާސް ކުރެއްވުނެވެ. މިހުރިހާ ކަމަކަށް ވިސްނުމުގެ ސަބަބުން ހަށިގަނޑުގައި އަޅާވޭނަށްވުރެ ހިތުގައި އަޅާވޭން މާ ގަދައެވެ. ދިރިއުޅުމުގައި މާބޮޑު ފަރުވާލެއް ނެތޭވެސް އޭނާއަށް ހީވާކަހަލައެވެ.
”ފަހީމައްތަ ދިޔައީ ކޮންއިރަކުތޯ؟” އަލްހެނާ އެކޮޓަރިއަށް ވަންނަމުން އެހިއެވެ.
”ހަވީރު. އަހަރެން އެކަނި އޮވެލުމަށް ބޭނުންވާތީ ފޮނުވާލީ.” ފަޒީނު ޖަވާބު ދެއްވީ މަޑުމަޑުންނެވެ.
”އަޅުގަނޑުމިއައީ ދައްތަގެއަށް ގޮސްލާފައި. ދައްތަ ނިޔާވިފަހުން ކޮއްކޮމެންގެކަންތައް ބަލަން ކޮންމެ ދުވަހަކުވެސް ދާންޖެހޭނެ ނޫންތޯ؟ މިހާރު ކިހިނެއްތޯ؟” އަލްހެނާއަށް ފަޒީނު އެހާލުގައި އޮންނެވުމުން ދެރަވެއެވެ. ފަޒީނު އެއްވެސް އެއްޗެއް ނުބުނުއްވާ އޮންނެވިއެވެ. އެރީތި މޫނުގައިވަނީ ފޫހިކަމެވެ.
”ޒީލަން ފުރުމުގެ ކުރިން ބައްދަލު ކުރެވުނުނަމަ.” ވަރަށް ގިނައިރުވީފަހުން ފަޒީނު ވާހަކަ ދެއްކެވިއެވެ.
”ފަޒީން. ޒީލަންއެއްނުދޭ. ފަޒީނުގެ އެކްސިޑެންޓްގެ ޚަބަރު އޭނާއަށް ދެވުނީ އޭނާ އެއާޕޯޓަށް ދަނިކޮށް.”
”އޭނާ ނުފުރާތަ؟ އެއީކީއްވެ؟”
”އޭނާ ފުރަންނުގޮސް އައީ ފަޒީން ގާތަށް ހޮސްޕިޓަލަށް.”
”އަހަރެން އެކްސިޑެންޓްވިއަކަސް އޭނާ ކޯހަށް ނުގޮހެއް ނުވާނެނު.”
”އޭނާ އުޅުނު ފްލެޓްވެސް ދޫކޮށްލާފައި ދިޔައީމަ އަޅުގަނޑުވަރަށް އާދޭސް ކުރިން މިގޭގަ ހުރުމަށް. ނަމަވެސް އޭނާ މިގެއަށް އަންނާކަށް އެއްބަހެއްނުވި. އެކަމަކު އޭނާގެ ސާމާނު އަދިވެސް ހުރީމިގޭގައި. ޒީލަންވީހިސާބެއްވެސް ނޭނގޭ. އަދި މިއަދު މިގެއަކަށްނާދޭ.” އޭނާ އޮޅުންފިލުވައިދިނެވެ.
”ހީވަނީ އަހަރެން އޭނާ މިގެއިން ފޮނުވާލީމާ ދެން އަންނަން ބޭނުންނުވަނީހެން. ދެންފުރަނީ ކޮންއިރަކުން.”
”ނޭނގެ. އަޅުަގަނޑަށް ހީވަނީ ފަޒީނު ރަނގަޅުނުވަނީސް ނުދާނެހެން. ހޮސްޕިޓަލަށްގޮސް ފަޒީނު ފެނުމުން ބޭރަށްނިކުމެ ރޯންހުރީ.”
”ކީއްވެ ރުއީ.”
“އަޅުގަނޑު އެހިން ކީއްވެތޯރޮނީ. އޭނާ ބުނީ ފަޒީނު އޭނާއަށް ވަރަށް ގިނަގޮތްގޮތުން އެހީތެރިވިޔޯ. އެހެންވެ ފަޒީނު އެގޮތަށް އޮންނަވަނިކޮށް ފެނުނީމާ ދެރަވިއްޔޯ. އަދި އޭނާއަށް ފަޒީނަކަށް އެއްވެސް ކަމެއް ނުކޮށްދެވޭތީ ވަރަށްދެރަވާވާހަކަބުނި. އަޅުގަނޑަށްހީވަނީ ޒީލަން ފަޒީނުދެކެ ލޯބިވާހެން.”
”އަލްހެނާ މިގަޑީގައި ބޭރަށް ގޮސްދިނިއްޔާ ވަރަށްރަނގަޅު. އަހަރެން ނިދާލަން ބޭނުން.”
ހަގީގަތުގައި އޭނާގެ ނިދިވަނީ މާދުރުގައެވެ. ޒީލަން ނުދާކަން އެނގިލެއްވުމުންވާންވީ ދެރަކަމެއް ނުވަތަ އުފާކަމެއް ނޭނގުނެވެ. ޒީލަން އޭނާއަށްޓަކައި ރޯންވީ ކީއްވެހެއްޔެވެ؟ ޒީލަން އޭނާދެކެ ލޯތްބެއް ނުވެއެވެ. ލޯބިނުވާމީހަކަށްޓަކައި އެއްވެސް މީހަކު ކަރުނަ އަޅާހެއްޔެވެ؟ އެލޯބި އަންހެންކުއްޖާ އޭނާދެކެ ލޯބިވެއެވެ. ނޫނެކެވެ. އޭނާ ލޯބިވާނަމަ ރޭވީއިރުވެސް އަހަރެންނާ ބައްދަލު ނުކުރީ ކީއްވެހެއްޔެވެ؟ އަހަރެންގެ ހާލު ނުބެލީ ކީއްވެހެއްޔެވެ؟ އޭނާއަހަރެން އޯގާތެރިވީތީ އިހުސާންތެރިވަނީއެވެ. ކިޔަވައިދިނީތީ އޭގެ ބަދަލުގައި އެހީތެރިވަނީއެވެ. އޭނާ އަހަރެންދެކެ ލޯބިވާނީ ކިހިނެއް ހެއްޔެވެ؟ އަހަރެންލޯބި ހުށައެޅުމުން އޭނާވަނީ އިންކާރު ކޮށްފައެވެ. މިފަދަ ދެކޮޅުނުޖެހޭ އެތައް ޚިޔާލުތަކެއްގެ ސަބަބުން އޭނާވަނީ ގޮތްހުސްވެފައެވެ.
ޒީލަން މުޅި ދުވަސް ވޭތުކުރީ އޭނާގެ އޮފީހުގައެވެ. މިއަދަކީ ހުކުރުދުވަސް ކަމުން އެއްވެސް މީހަކު އޮފީހަށް ާނާންނާނެތީއެވެ. އޭނާ އޮފީހުގައި އިނދެގެން ހުންނާނެ ހޮޓަލެއްލިބޭތޯ ތަންތަނާ ގުޅިއެވެ. ނަމަވެސް ތަނެއް ލިބޭގޮތެއް ނުވިއެވެ. އޭނާ ވަރަށް މަސައްކަތް ކުރުމުން ދެދުވަހަށް ހުރެލެވޭ ކޮޓަރިއެއް ލިބުނެވެ. ދެންހުރިހާ ވަގުތެއް އޮފީހުގައި އޭނާ ހޭދަކުރީ އެކަންޏެވެ. ޒެނިތު ގައިހުރި އޭނާގެ އެއްޗިހިބަލާ ދިއުމަށްޓަކައި ދިހަގަޑިބައިވީތަނާ އޭނާ ދިޔައެވެ.
”އަލް އަހަރެންގެ އެއްޗިހި.” މަޑުމަޑުން އެތެރެއަށް ވަދެގެން އައި ޒީލަން އަލްހެނާ ފެނުމުން ބުންޏެވެ.
”ޒީލަން އެއްޗިހީގެ ވާހަކަދައްކާނީ ފަހުން. ކޮންތާކު މިހުރިހާވަގުތެއް ހޭދަކުރީ.”
”އޮފީހުގައި.”
”މިއަދު މީހުކުރުދުވަސް. އޮފީހުގައި ކީއްކުރާނީ. އަނެއްކާ ޒީލަންގެ ހުރިހާމަސައްކަތެއް ވާނީ އެހެން މީހުންނާ ހަވާލުކޮށްފައި.”
”އަހަރެން ހުންނާނެ ތަނެއް ހަމަޖެއްސީ.”
”މިހުރިހާވަގުތު. މިހާރު އެއްޗެއްކައިފިންތަ؟”
”ނޫން.”
”ހިނގާ ކާން.”
”ނޫން. އަހަރެންނަށް މިހާރުވެސް މާލަސްވެއްޖެ. އަވަހަށް އަހަރެންގެ އެތިކޮޅުދީ!”
”ނޫން ޒީލަން. އެހެންތާކަށް ނުދެވޭނެ. ޒީލަން ހުންނަންޖެހޭނީ މިގޭގައި.” އަލްހެނާ ޒީލަންގެ އަތުގައިހިފާ ޒީލަން ކުރިންހުރި ކޮޓަރިއަށް ގެންދިޔައެވެ. އަދިފަހީމާލައްވާ ކާއެއްޗިހި ފޮނުވިއެވެ.
”ފަހީމާ ކާއެއްޗިހި ހިފައިގެންވަންއިރު ޒީލަން އެނދުގައި އިށީނދެލައިގެން އިނެވެ. އޭނާގެ ދެއަތް މޫނުގައި އަޅާފައި އިސްޖަހާލައިގެން އިންތަން ފެނުމުން ފަހީމާއަކަށް ނުހުރެވުނެވެ.
”އެކޮއި ޒީލަން. ތިހުރީ ކޮންހާލެއްޖެހިފައި.” އޭނާ ޒީލަންގެ މޫނުން އަތްނެގިއެވެ.
“ފަހީމާއްތާ.” ޒީލަން ފަހީމާގައިގާ އޮޅުލައިގަތެވެ. ފަހީމާއަކީ މިހާރު ހަމައެކަނި އޭނާގެ ވާހަކަ އަޑުއަހާނެ ފަރާތެވެ. އެންމެކުރިންވެސް ދެމީހުންގެ މެދުގައިވަނީ މައިވަންތަ ކުލުނު ޖެހިފައެވެ.
”އަހަރެން މުޅީން އެކަނިވެއްޖެ. ފަޒީނު އަލްހެނާއާއި ކައިވެނި ކުރެއްވި ނަމަވެސް އަހަރެންނަކަށް އޭނާގެ ހަނދާން ނައްތާއެއްނުލެވުނު. ފަޒީނުވަނީ ވަރަށް ބޮޑަށް ބަލިވެފައި. އެކަމަކު އަހަރެން އޭނާގެ ހާލު ބަލާލަންވެސް ދާކަށް ނުކެރޭ. އޭނާއަހަރެންނަށް އެހާރަނގަޅުވީނަމަވެސް އަހަރެންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު. އަހަރެންމީ ކިހާވިޔާނުދާމީހެއް.”
”ޒީލަން ދެންނުރޮއި. ޒީލަންއަށް އޭނާއާއި ވާހަކަ ދެއްކިދާނެ. އަދި ގޮވާލަންވެސް ދެވިދާނެ.”
”ނޫން ފަހީމައްތާ. އޭނާވަނީ އަޅުގަނޑުދެކެ ވަރަށް ފޫހިވެފައި. އަޅުގަނޑު މިގޭން ދިޔައީވެސް ފަޒީނު އެންގެވުމުން.”
”ޒީލަން މިގޭން ފޮނުވާލުމުގައި ވަރަށް ގިނަ ކަންތައްތަކެއްވާހެން ހީވަނީ. އެއީ އެހާ ހިތްހަރު އިންސާނެއްނޫން.” ފަހީމާ ބޭނުންވީ ޒީލަން ހިތްހަމަ ޖައްސާށެވެ. އެކަމަކު ޒީލަންއަށް ޒީލަން އެގޭންދާން ޖެހުނީ ކީއްވެގެންކަން އެނގެއެވެ. ފަޒީނުގެ ލޯތްބަށް ފުރަގަސް ދެވުނީމައެވެ. ފަޒީން އަލްހެނާއާ ކައިވެނި ކުރުމަށްޓަކައެވެ.
“ޒީލަން ދެންއެއްޗެއްކާލާ.” އޭނާ ވަރަށްވަރުން ޒީލަން ހަމައަކަށް އެޅުވިއެވެ. ޒީލަން ކުޑައެތިކޮޅެއް ކާލައިގެން ފެންވަރާލިއެވެ. އޭނާވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެހެންކަމުން ވަރަށްފަސޭހައިން ނިދިއްޖެއެވެ. ދެން އޭނާއަށް ހޭލެވުނީ ވަރަށްލަސްވީ ފަހުންނެވެ. ހޭލެވުމާއިއެކު އޭނާދިޔައީ ނިޝާއާއި ބައްދަލުކުރާށެވެ.
”ޒީލަން އަހަރެން މިހުރީ ވަރަށްއުފަލުން. ޒީލަން އަހަރެންނަށް އެހީނުވިނަމަ އަހަރެންނަށް ޖެހޭނީ ކޮންހާލެއްކަމެއްވެސް ނޭނގެ.”
”ކިހިނެއް މައްސަލަ ނިމުނީ.” އޭނާ މާލޭގައި އުޅުނު ނަމަވެސް މައްސަލަ ހަވާލުވެފައި އޮތީ އަޒުރާއާއެވެ. އެހެން ކަމުން އޭނާ އޮޅުންފިލުވިއެވެ.
”އޭނާގެ ކޮންޕިއުޓަރުގައިހުރި ހުރިހާ އެއްޗެއް ޕޮލިހުންގޮސް ޗެކުކުރީ. އެހެންވެ އަހަރެންގެ ފޮޓޯތައްލިބުނީ. އެހެންބައެއްގެ އެއްޗިހިވެސް ހުރި އޭގައި. އެހެންވެ އޭނާ ދެއަހަރަށް ޖަލަށް ހުކުމްކުރީ.”
”ނިޝާ ދެން ކިހިނެއްހަދަން ގަސްދު ކުރަނީ.”
”އަހަރެން ވަރަށްއަވަހަށް ފުރާނަން ފިރިމީހާގާތަށް. ކޮންމެހާލެއްގައިވިއަސް އޭނާ މާރަނގަޅުކަންނޭނގެ. ޒީލަން ފުރާވާހަކަބުނީމެއްނު.”
”އާން ދެންމިހާރު ތަންކޮޅެއް ފަސްކޮށްލީ.”
”ޒީލަންމީހަކާ ނީންނަންތަ.” އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ނިޝާ އެކުރާ ސުވާލު ކުރިއެވެ.
”އަހަރެން މީހަކާ ނީންނާނަމޭ ބުނީމެއްނު.”
”އެކަމަކު ޒީލަން އަދިވެސް ތިގޮތެއް ބަދަލެއްނުވޭތަ.”
”ނޫން އަހަރެން ދެންމިހާރު ގަސްދު ކުރަނީ ކިޔަވަން. ފަހަރެއްގައި ކޯސްނިންމާލާފައި އެއްގޮތަކަށް ރާއްޖެ ނާދެވިވެސް ހިނގައިދާނެ.”
”ހާދަ ވަރަކަށް ސީރިއަސް ތިވީ. އެއީ އަހަރެން އަބަދުވެސް ކުރާ ސުވާލެއްނު.”
”އެހެންވެގެންނެއްނު ނިޝާއަށް ތިހެން އުޅެން ޖެހުނީ. އަހަރެން އަބަދުވެސް ބުނަމެއްނު ފިރިހެނުން ރަނގަޅެއް ނުވާނޭ.” ޒީލަން މިފަހަރު އެހެން ބުނީ ހިތާ ދެކޮޅަށެވެ.
”ދެންމާލަސްވެއްޖޭ. އަހަރެން ދާންއެބަޖެހޭ.”
ޒީލަން ގެއަށްގޮސް ފަހީމައްތަ ގާތުން ފަޒީންގެ ހާލު އޮޅުންފިލުވިއެވެ. ފަޒީން ރަނގަޅުވަމުން އަންނާތީ އޭނާ ވަރަށް އުފާވިއެވެ. މިއަދު އަދި އެންމެ އުފަލެއް ލިބުނީ ޝައީމަށް ހައްގު އަދަބު ދެވުމުންނެވެ. އޭނާ ވަރަށް ހަމަޖެހިލައިގެން އޭނާގެ ދަތުރުގެ ސާމާނުތައް ތަރުތީބު ކުރަންއުޅުނެވެ. ދެންފުރޭނެ ދުވަހެއް އަދި ޔަގީންނުވާތީއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ނިޝާ އެދުވަހުދިން ފޮޓޯތަކެވެ. އޭނާ ވަރަށް ބުރަކޮށް އުޅުމުގެ ސަބަބުން އެފޮޓޯތައް މަތިންހަނދާން ނެތުނީއެވެ. އޭނާ ދެލޯދިޔައީ ބޮޑުވެގެންނެވެ. އެއީ ޒީލަންއާއި ފަޒީނު ވަރަށް ގައިގޯޅިކޮށްވަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. ރިސޯޓުގައި ހިނގިހާދިޘާ ފޮޓޯތަކެއްގެ ސިފައިގާ މިވަނީ އޭނާގެ އަތުގެތެރޭގައެވެ. އެހާދިޘާ ނުހަނު ރަނގަޅަށް ހަނދާންވެއްޖެއެވެ. އެހެންވީއިރު އެތާ ޝައީމު ހުރީއެވެ. މިހާރު އޭނާއަށް އެއީ އޭނާއަށް ހީވިހީވުމެއް ނޫންކަން ޔަގީންވެއްޖެއެވެ. އެރުއްކައިރީ ޝައީމު ހުރެގެން ފޮޓޯނެގީއެވެ. އޭނާ އެދިމާއަށް ދުއްވައިގަތުމުން ފިލީއެވެ. ޒީލަންއާ ފަޒީނާދެމެދުގައި ހިނގި ކަންތައް ހަމަރަނގަޅަށްވެސް ޝައީމު ފޮޓޯނެގީއެވެ. އެހުރިހާކަމެއް އޭނާއަށް ސާފުވީއެވެ. މިއޮއް ހުރިހާދުވަހު އޭނާ ހީކުރީ އެތާ ޝައީމު ފެނުމުން އެއީ އޭނާއަށް ހީވިގޮތްކަމަށެވެ. އެހެންކަމުން މިކަމާބެހޭ މައުލޫމާތު ފަޒީނަށް ވާނީ އެނގިފައެވެ. ޝައީމަކީ މަޑުން ހުންނާނެ މީހެއްނޫނެވެ. ޒީލަން އަވަސްއަވަހަށް ފަޒީނާއި ބައްދަލުކުރަން ބޭނުންވިއެވެ.
ޒީލަން ޓަކިޖަހާލިއެވެ. ނަމަވެސް ކޮޓަރިން އެއްވެސް ހިލަމެއް ނުވެގެން އޭނާ އެތެރެއަށްވަނެވެ.
”ޒީލަން.” ފަޒީނު ހައިރާންކަމާއެކު ބުނެލެވުނެވެ. ޒީލަންއަކީ މިއޮއްހުރިހާ ދުވަސްވީއިރުވެސް އޭނާގެ ކޮޓަރިއަށް އައިސްވަން ކުއްޖެއްނޫނެވެ.
ޒީލަން އެއްވެސް އެއްޗެކޭ ނުބުނެ ފޮޓޯތައް ފަޒީނަށް ދިއްކޮށްލިއެވެ. އޭނާ ފަޒީނުގެ މޫނަށް ބަލަން ލަދުގަނެއެވެ. ފަޒީނުދެކެ ބިރުގަންނަގޮތް ވެއެވެ. އަނެއްކާ ފަޒީނު ބުނުއްވާނޭ އެއްޗެއް ނޭނގޭތީއެވެ.
ފަޒީނު ފޮޓޯތަކުގައި ހިފިއެވެ. ފުރަތަމަ ފޮޓޯ ފެނިލެއްވުމާއެކު އެއީ ކޮންއެއްޗެއްކަން އެނގިލެއްވިއެވެ. އިތުރަށް ބައްލަވާވެސް ނުލައްވާ ޒީލަންއަށް ދެއްވިއެވެ.
”ތި ޒީލަން އަތުގައި ބަހައްޓާ.”
”ފަޒީނަށް މިއީ ކޮންއެއްޗެއްކަން އެނގިލައްވާތޯ.”
”ތިއީ މިހާރު މާކުރީގެ ކަމެއް.” ޒީލަންއާދިމާއަށް ބައްލަވާވެސް ނުލައްވާ ބުނުއްވިއެވެ.
” ނަމަވެސް އަޅުގަނޑަށް މިފެނުނީ ދެންމެ.”
”ތިއީ އަހަރެންނަށް މާކުރިން ފެނިފައިވާއެއްޗެއް.”
”އަޅުގަނޑުގާތު ނުބުނުވީ ކީއްވެތޯ؟”
”ޒީލަން އޮޅުންފިލުވަން ބޭނުންވާނެހެން ހީނުވާތީ. ޒީލަންއަކީ އަހަރެންނާ އެއްވެސް ގުޅުމެއްއޮތް މީހެއް ކަމަށް ނުވާތީ.”
”ފަޒީނަށް މިފޮޓޯތައް ލިބިލެއްވީ ކޮންއިރަކު ކިހިނެއްތޯ؟”
ފަޒީނު އިތުރު އެއްޗެކޭ ނުބުނުއްވައެވެ. އޭނާގެ ބޮލުގައި ރިއްސާތީއާއި ވަރުދެރަވުމުގެ ސަބަބުން އެނދުގައި އޮށޯންނެވިއެވެ.
”ﷲއަށްޓަކާ ވިދާޅުވެބައްލަވާ. މިފޮޓޯތައް ދިނީ ކާކުތޯ؟” ޒީލަން އެނދާ ކައިރިވެލިއެވެ.
ދެންވެސް ފަޒީނު އެއްޗެކޭ ނުބުނުއްވައެވެ. ޒީލަންއާއި ކިތަންމެ ވާހަކަދައްކަން ބޭނުންނަމަވެސް އެމައުޟޫއަށް ވާހަކަދައްކާނީ ކިހިނެއްހެއްޔެވެ؟ މިވަގުތު އެވާހަކަ ދެއްކެވުމަށްވުރެ އޭނާގެ ހާލު ގޯހެވެ.
(ނުނިމޭ)
