އަހަރެން ކުލާހުގައި އުޅޭ ނާއިލްއަކީ އަބަދުވެސް ރިފާއަށް މަރުދަންޖެހޭ ކުއްޖެއްކަން ރިފާގެ ފަރާތުން އަހަރެންނަށް އެނގެމުންދެއެވެ. ނަމަވެސް މައްސަލައެއް ޖެހިދާނެތީއާއި ރިފާ އެދޭވަރުން ނާއިލްއާއި ދިމާއަށް އަހަރެން އެއްޗެކޭ ނުބުނަމެވެ. ތަކުރާރުކޮށް ނާއިލް ރިފާގެ ކަންކަމުގައި އެހީތެރިވެ ހަދަމުންދާއިރުވެސް އަހަރެން މާބޮޑަކަށް އަޅައެއް ނުލަމެވެ. ދުވަހުގެ ހުރިހާ ވަގުތެއް ނާހިލް ރިފާގާތުގައި އުޅުނެވެ. ކޮންމެވެސް ސަބަބެއް ހޯދައިގެން ރިފާއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. އެމީހުން އެކުގައި ހީނ ސަކަރާތް ޖަހާވެސް ހެދިއެވެ. ކުއްލިއަކަށް ރިފާ ހަޅޭއްލަވައިގެން އަޑަށް އަހަރެން ދުވެފައި އެމީހުން ގާތަށް ދިޔައީމެވެ.
"ޝާމު ބަލާބަލަ. މި ނާހިލް ހީވަނީ މޮޔަވެގެން އުޅޭހެން. އަހަރެންގެ ޕާހަށް މިހުރީ ހުވަނިތަކެއް އަޅާފައި." ރިފާ ރޮމުން ދިޔައެވެ. އޭރު އޭނާގެ ދެއަތާއި މޫނާއި ކަރުދޮށުގައި ފިތްގަނޑު ނަގާފައި ހުއްޓެވެ. އަތް ހުއްޓާނުލާ އެތަންތަން ކަހަމުން ދާތީ އެ ދޮން މޫނާ ކަނދުރާ ވަނީ ރަތްވެފައެވެ.
"ނާހިލް. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަން ވާނެ. ސަކަރާތްވެސް ޖަހަންވާނީ އެއިން ގެއްލުމެއް ނުވާގޮތަށް." އަހަރެން ނާހިލް އާއި ދިމާއަށް ވަރަށް ބާރަށް ބުނީމެވެ.
"ޝާމް ކަލޭ ރިފާއާއި ރައްޓެހިވެގެން އުޅޭކަން މަށަށް އެނގޭ. ކަލޭ ހީނުކުރާތި ތިކަން މާގިނަ ދުވަހަކު ދެމި އޮންނާނެޔޭ. އެކަހަލަ ކިތަންމެ ރިފާއެއް އަހަރެމެން ކުރިމަތީ އުޅެފައި ހިނގައްޖެ." ނާހިލް ދިނީ އިންޒާރެއްކަމެއް ނުވަތަ ނޫންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން އަވަސްވީ ރިފާ ސިއްހީ މަރުކަޒަށް ގެންދެވޭތޯއެވެ.
ސްކޫލްގެއަހަރީ ދުވަހުގެ ހަރަކާތްތައް ވަރަށް ފުރިހަމައަށް ނިމިގެން ދިޔައެވެ. ޓީޗަރުންނާއި ބެލެނިވެރިންގެ ތަރުހީބާއި ލޯބި އަހަންނަށް އޮހެމުން ދިޔައެވެ. އަހަރީ ދުވަހު އިޢުލާން ކުރެވުނު ކޮންސެޓްގެ ވަރަށްގިނަ ޒިންމާ އަހަރެންނާއި ހަވާލުކުރެވުނެވެ. މިއިން ކޮންމެފަހަރަކު ނާއިލްގެ ނުރުހުމުގެ ބެލުންތަކުން ނާއިލްގެ ނަފުރަތު އަހަންނަށް އޮންނަކަން އިހުސާސްވަމުންދިޔައެވެ.
ކޮންސެޓް ބާއްވާތީ އަހަރެން އުޅުނީ އެކަމުގައި ދަރިވަރުންނަށް އެހީތެރިވުމުގައެވެ. އެދުވަހު ސްކޫލް ހޯލުގެ ފާރު ޒީނަތްތެރި ކުރުމަށްޓަކައި އަހަރެން ގޮޑިއަކަށް އަރައިގެން އުޅެނިކޮށް މަޑުމަޑުން އަހަރެންގެ ބޮލަށް އެނބުރުން އަރަމުން ދާކަން ފާހަގަ ކުރެވުނެވެ. ދުވަހެއް ދުވަހަކަށް ބޮލުގައި ރިއްސާރިއްސުން ރަނގަޅު ނުވެ އެރިއްސުން އިތުރުވަމުން ދާތީ އަހަރެން ކަންބޮޑުވިއެވެ. ކުއްލިއަކަށް ވަރަށްބޮޑަށް އަހަރެންގެ ބޮލަށް އެނބުރުން އަރާ ކެތްކުރަން ދަތިވާވަރަށް ތަދުވާން ފެށިއެވެ. ދެން ވީގޮތެއް އަހަރެންނަކަށް ނޭނގުނެވެ.
އަހަންނަށް ލޯހުޅުވާލެވުނުއިރު އޮތީ ރަށުގެ ސިއްހީ މަރުކަޒުގައެވެ. މަންމަމެން ބުނާގޮތުން ވިއްޔާ އަހަރެން އަނބުރައިގަތީއެވެ. ރަށުގެ ސިއްހީ މަރުކަޒަކަށް އަހަރެންގެ ބަލީގެ އަސްލެއް ނޭނގުނެވެ. ވީހާވެސް އަވަހަކަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. ސްކޫލް ކުދިންނާއި މުދައްރިސުން އަހަރެންނަށް ޒިޔާރަތްކޮށް ހިތްވަރު ކުރުމަށް އެދެމުން ދިޔައެވެ. ރިފާ އިރުކޮޅަކަށްވެސް އަހަރެން ގާތުން ދުރަކަށް ނުދެއެވެ. ދެފަރާތު އާއިލާއަށް އަހަރެމެންގެ ގުޅުން އެދުވަހު އެނގުނެވެ. ރިފާގެ ލޮލުން އަންނަމުންދިޔަ ކަރުނައަކީ އަހަރެންގެ ލޯތްބަށްޓަކައި އަންނަމުން ދިޔަ ކަރުނަކަން އެމީހުންނަށް އެނގުނެވެ. އެމީހުން ވަރަށް އުފަލުން އަހަރެމެންގެ ގުޅުމަށް މަރުހަބާ ކިއެވެ. މީ މިރަށުގައި އުފެދުނު އެންމެ ގުޅޭ ޖޯޑުކަމުގައި ބުނަމުން ދިޔައެވެ. އަހަރެން މާލެ ދާންޖެހޭތީ ރިފާ ވަރަށް ރުޔެވެ. އަހަރެން އޭނާއަށް ވަރަށް ހިތްވަރުދީ ނުރޯށޭ ބުނެ އެތައް ނަސޭހަތެއް ދިނީމެވެ.
އާއިލާމީހުންގެ މަސައްކަތުން ދެ ދުވަސްތެރޭ އަހަރެން މާލެ ގެންދިޔައެވެ. ވަރަށް ގިނަ ޓެސްޓްތައް ހެދުމަށްފަހު ޑޮކްޓަރުން ބުނުއްވީ އަހަރެންގެ ސިކުނޑީގެ މައްސަލައެއް ހުންނަކަމަށެވެ. ވަރަށް އަވަހަށް ރާއްޖޭން ބޭރަށް ދާންޖެހޭކަމަށާއި ފަރުވާ އަވަސްކުރުމަށް ނަސޭހަތްތެރިވިއެވެ. ރިފާއަށް އެކަން އެނގުމުން އޭނާ އަހަރެންނާއި ގުޅައިގެން ވަރަށް ގިނައިރު ފޯނުން ވާހަކަ ދެއްކިއެވެ. އޭނާ ހުރީ ވަރަށް ދެރަވެފައެވެ.
މާލޭގައި ހުރި ދުވަސްތައް އަހަންނަށްވީ ވަރަށް ހިތާމަވެރި ދުވަސްތަކަކަށެވެ. ރިފާގެ އޯގާވެރިކަމާއި ގާތްކަން ކިހާ ހިތްހަމަޖެހޭ ހެއްޔެވެ؟ ރަށުގެ ރަހުމަތްތެރިންނާއި އަވައްޓެރިންގެ ލޯބި ލިބިގެން އަހަރެމެން ރަށުގައި އުޅެނީ ކިހާ އެކުވެރި ދިރިއުޅުމެއް ހެއްޔެވެ؟ އިރުއަރާ ވަގުތު އެލިބޭ އުފަލާއި އިރު އޮއްސޭއިރު އެ ފެންނަ ރީތި ކުލަތައް ކިހާ ހިތްގައިމުހެއްޔެވެ؟ ގަދަފެހިކުލައިގެ ގުދުރަތީ ހިމޭން މާހައުލާއި ހަނދުވަރުގެ ރީތި ބަބުޅާ ވިދުން ތަކުން ކިހާ އަޖައިބު އުފަލެއް ލިބޭހެއްޔެވެ؟ ނަމަވެސް މާލޭގެ ކޮންކުރީޓް ޖަންގަލީގައި ބަންދުވެފައި އިންނަން ޖެހުމުން ބަލީގެ ވޭނަށްވުރެ ހިތަށްދޭ ތުރާ މާ ވޭން ގަދައެވެ.
މާލޭގައި މިވީ ކުޑަ ދުވަސްކޮޅު ތެރޭ ދޭތެރެ ދޭތެރެއިން އަހަރެން ހޭނެތޭ ކަން އެނގެއެވެ. އެހެންކަމުން ބަލީގެ ސީރިއަސްކަމުން މަންމައާއި ބައްޕަ އަހަރެން ގޮވައިގެން ވީހާވެސް އަވަހަކަށް އިންޑިޔާއަށް ފުރިއެވެ. އޭރުވެސް އަހަރެން ދޭތެރެ ދޭތެރެއިން ވާނުވާ ނޭނގި ހޭނެތިފައި އޮވެއެވެ. ހޭއަރާ ފަހަރެއްގައި ވިއްޔާ ނުހަނު ގާތުގައި މަންމަޔާއި ބައްޕަ އިނދެއެވެ. އެމީހުންގެ ކަންބޮޑުވުންތައް ފެންނަ ކޮންމެ ފަހަރަކު އަހަރެން ވަރަށް ދެރަވެއެވެ.
އިންޑިޔާގެ ކިމްސް ހޮސްޕިޓަލުގައި އަހަރެން އެނދުމަތި ކުރިއެވެ. މައިންބައިފައިންގެ މޫނުމަތީން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. މަންމަގެ ދެލޯވަނީ ދުޅަވެފައެވެ. މަންމަ އަހަރެންނަށްޓަކައި ނުނިދާ ހުންނަކަމާއި އަބަދު ރޮނީކަމަށް ބައްޕަ ބުނެދެއެވެ. މަންމަ އެހެން ނޫޅުމަށް އަހަރެން ނަސޭހަތް ދެމެވެ. އަނެއްކާވެސް އަހަރެން ހޭނެތިދާނެއެވެ. ޑޮކްޓަރުން ބުނުއްވަނީ އަހަރެންގެ ސިކުނޑީގައި ޓިއުމަރެއް އިންނަ ކަމަށެވެ. ޓިއުމަރު އިނީ އޮޕްރޭޝަން ކުރެވޭ ވަރަށްވުރެ ސިކުނޑީގެ އެތެރޭގައި ކަމަށެވެ. އެހެންކަމުން ރަނގަޅުވުމުގެ އެއްވެސް އުންމީދެއް ނެތްކަމަށް އެމީހުން ފާހަގަ ކުރިއެވެ. އަހަރެންގެ ހަޔާތުގައި ދެ އަހަރުގެ މުއްދަތު ޖަހައިފިއެވެ.
މަންމަ ރޮމުން ދިޔައެވެ. އަހަރެންނަށް އެހީވާންއައި މަންމައަށް އަހަރެންގެ އެހީތެރިކަން ބޭނުންވިއެވެ. މަންމަ މާބޮޑަށް ހިތްދަތިވެ ނުކެވުމުގެ ސަބަބުން ވަރުދެރަވެ އެނދުމަތި ކުރިއެވެ. ބައްޕަގެ ހިތްވަރުން މަންމައަށް ފަރުވާ ކުރަމުންދިޔައެވެ.
އަހަރެންގެ ފައިދަށުން ބިންގަޑު ދެމިގެން ދިޔަކަހަލައެވެ. އެހެން ކުދިންނެކޭ އެއްފަދައިން ދިރިއުޅުމުގެ ހުވަފެން އަހަރެންވެސް ދެކުނީމެވެ. ބައްޕަގެ ވިޔަފާރި ކުރިއަރުވާ މުއްސަނދި ވިޔަފާރިވެރިއަކަށް ވާން އަހަރެންވެސް ހިތުލީމެވެ. ރަށުގެ ޒުވާނުންގެ ޖަމުޢިއްޔާގެ ރައީސްކަންކޮށް އުފަންރަށަށް އެތައް ގޮތަކަން ތަރައްގީ ގެންނަށް ޢަޒުމު ކަނޑައެޅީމެވެ. ޤައުމީ ޚިދުމަތުގައި ދެމި ހުރެގެން ޞާލިހް ދަރިންތަކެއް ތަރުބިއްޔަތު ކުރުމުގެ ވިސްނުން އަހަރެންގެވެސް އޮތެވެ. ރިފާއާއިއެކު އުފާވެރި ހަޔާތެއް ހޭދަކުރުމުގެ ހުވަފެން ދެކުނީމެވެ. ނަމަވެސް އިންސާނާކުރާ ތަދުބީރަކީ ތަޤުދީރުގެ ރޭވުންތަކުން ބަލިވާނެ އެއްޗެއްކަން އަހަރެންނަށް ވިސްނުނެވެ. ﷲއަށް ހަމްދުކުރީމެވެ. އެކަލާނގެ މިންވަރުފުޅަށް ރުހުނީމެވެ.
ހަޔާތުގެ އުންމީދު ކަނޑާލާފައިވާތީ ބާކީ ދުވަސްތައް ރަށުގައި ހޭދަކުރުމަށް އަހަރެން ރަށަށް ދިޔައީމެވެ. އާއިލާގެ މީހުންނާއި ރަހުމަތްތެރިން އަހަރެންނަށް ޒިޔާރަތް ކޮށް ހިތްވަރުދިނެވެ. އެންމެންގެ ލޯބިން އަހަރެންގެ މޫނަށް ހިނިތުންވުން ގެނެސްދިނެވެ. ނަމަވެސް އެވަގުތީ ހިނިތުންވުން ނިމެނީ އަހަރެން އެންމެ ދެކެންބޭނުންވާ ރިފާގެ ޚަބަރެއް ނުވުމުންނެވެ.
ރަށަށް ދިޔަތާ ހަފްތާއެއް ވީއިރުވެސް ރިފާއެއް ނާދެއެވެ. އަހަރެން ހީކުރީ އޭނާ ރަށުގައި ނެތީކަމަށެވެ. އޭނާގެ ފޯނަކަށް ނުގުޅެއެވެ. އެންމެފަހުން މަންމަގާތު ބުނެގެން ރިފާ ބަލާ އެގެއަށް މަންމަ ފޮނުވީމެވެ. ރިފާ މިރޭ އަންނާނަމޭ ބުނިކަމަށް މަންމަ އައިސް ބުންޏެވެ. ކެތްތެރިކަމެއްނެތި ރިފާގެ އިންތިޒާރުގައި ގަޑިއަށް ބަލަން އަހަރެން އޮތީމެވެ. ކޮންމެ ސިކުންތެއްވެސް އަހަންނަށް ހީވަނީ ވަރަށް ދިގުހެންނެވެ. ރޭގަނޑު ނުވައެއް ޖެހިއިރުވެސް ރިފާއެއް ނާދެއެވެ. ހުރިހާ އުންމީދެއް ކަނޑާލާފައި ނިދަން އޮށޯތްތަނާ ކޮޓަރީގައި މީހަކު ޓަކިޖެހިއެވެ. އަހަރެންގޮސް ވަރަށް އުފަލުން ދޮރު ހުޅުވީމެވެ. އެއީ ރިފާގެ ވަސް އަހަރެންނަށް ދުވާތީއެވެ. އޭނާ ހުރިކަމުގެ އިހުސާސް ވާތީއެވެ. ދޮރު ހުޅުވިއިރު ކުރިމަތީގައި ހުރީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. ރިފާއާއި ނާހިލް އަތުގުޅުވައިގެން އަހަރެންނާއި ބައްދަލުކުރަން އައީއެވެ.
"އަހަރެން މިއައީ އެތެރެއަށް ވަންނާކަށް ނޫން. ޝާމް… އަހަންނަށް ޝާމް ކުރިމައްޗަށް އަރަން ނުކެރިގެން މިހާ ދުވަސްވެސް މިވީ. އަހަންނަށް މާފުކުރޭ. ޝާމްއަކީ ދިރިއުޅުމުގެ ޔަޤީންކަން ގެއްލިފައިވާ ބަލި މީހެއް. ޝާމްގެ ހުރިހާ ކަމެއް އަހަންނަށް އެނގޭ. އަހަންނަކަށް ޝާމް ބަލިކަން އެނގިހުރެ ރައްޓެހި ވެގެންނެއް ނޫޅެވޭނެ. އަހަންނަކީ އެހާ ކެތްތެރި އަންހެންކުއްޖެއް ނޫން. ޒުވާންއުމުރުގެ އެންމެ އުފާވެރި ދުވަސްތައް ޝާމްއާއި އެކު ހިތާމައިގައި ދުއްވާލާކަށް އަހަންނަކަށް މަޑެއް ނުކުރެވޭނެ. ވަރަށް ބޮޑަށް މާފުކުރޭ." ރިފާ އިސްޖަހައިގެން ހުރެ އެއްފައްޗަކަށް އަމުނާލިއެވެ.
"ޝާމްއާއިމެދު ކުރިން ޢަމަލުކުރެވުނު ގޮތާއިމެދު އަހަރެންވެސް މާފަށް އެދެން ބޭނުން. އަހަރެމެން ޓެސްޓް ނިމޭގޮތަށް ކައިވެނި ކުރަން ވަނީ ނިންމާފައި. މީ ރިފާގެ ޢާއިލާވެސް ބޭނުންވާ ގޮތް". ނާއިލް ރިފާގެ އަތުގައި ހިފައިގެން ނިކުމެގެން ދިޔައީ އަހަންނަށް އެއްޗެއްބުނާނެ ފުރުސަތެއްވެސް ނުދީއެވެ. އަހަރެން ތެދުވެ ކޮޓަރި ދޮރުލައްޕަން ހިނގައިގަތީމެވެ. ކުއްލިއަކަށް ނާއިލްއައިސް ދޮރުގައި ހިފިއެވެ. ރިފާހުރީ ތަންކޮޅެއް ދުރުގައެވެ.
"މާފުކުރޭ ޝާމް. އަހަރެން ޝާމްއަކަށް އޮޅުވާލާކަށް ބޭނުމެއް ނޫން. އެހެންވެ ރިފާ ގޮވައިގެން އަހަރެން މިއައީވެސް… އަދި އެއްވާހަކަ ބުނަން ބޭނުން. ޝާމް ހަނދާނެއް ނުވޭތަ ކަލެއަށް މާގިނަ ދުވަހަކު ރައްޓެހިވެގެން ނޫޅެވޭނޭ އަހަރެން ބުނި ހަނދާން." ނާހިލް އަހަރެންނާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ބުންޏެވެ.
(ނުނިމޭ)
