ތަރިކަ މުދާ ބެހުމުގައި އަންހެނުންނާއި ފިރިހެނުންނާ ދެމެދު ހަމަހަމަ ކަމެއް އިސްލާމް ދީނުގައި ނެތް ކަމަށް ބުނެ އެކަން ބަދަލު ކުރުމަށް ވަކާލާތުކުރުމަކީ އަންހެނުންގެ ހައްގުތައް ހޯދައިދިނުމުގެ ނަމުގައި ވާހަކަ ދައްކާ ބައެއް މީހުން ދައްކާ ވާހަކައެކެވެ. މީހަކު މަރުވުމުން އޭނާ ދޫކޮށްފައި ދާ ތަރިކަ ބަހާނެ އުސޫލުތަކާއި ގަވައިދުތައް ކަނޑައެޅުއްވީ މާތްﷲ ކަމަށާއި އެއީ އެކަލާނގެ ވަސިއްޔަތް ކުރައްވާފައިވާ ގޮތެވެ.
ވަސިއްޔަތަކީ ތަންފީޒުކުރެވެން ޖެހޭނެ އެއްޗަކަށް ވާއިރު މިއީ ސީދާ މާތްﷲ ގެ ވަސިއްޔަތްޕުޅަކަށް ވާތީ މިކަމަށް ދޭންޖެހޭ ސަމާލުކަން އިތުރުކަމަށާއި ނަމާދާއި ޒަކާތާއި ރޯދަޔާއި ހައްޖަށް ބެލިޔަސް މި ފަރުޟުތައް އަދާކުރާނެ ގޮތުގެ ތަފްސީލް ގުރުއާނުގައި ބަޔާންކުރައްވާފައި ނެތް ކަމަށާއި އެކަމަކު ތަރިކަ މުދާ ބަހާނެ ގޮތް ގުރުއާނުގައި ކަނޑައެޅިގެން ބަޔާންކުރައްވާފައި އެބަ އޮތެވެ.
ނިސާ ސޫރަތުގެ 11، 12 އަދި 176 ވަނަ އާޔަތުގައި ތަރިކަ ބަހާނެ ގޮތް އަންގަވާފައިވާ ފައިވެއެވެ. މިކަން ކުރުމަކީ ހެޔޮކަމެއްގެ ގޮތުން ކުރަންޖެހޭ ކަމެއް ނޫނެވެ.
ތަރިކަމުދާ ބެހުމުގެ މައްސަލާގައި އެއްވެސް ފަރާތަކަށް އިޚްތިޔާރު ލިބިގެނެއް ނުވެއެވެ. އެ މުދާ ބަހަންޖެހޭނީ، މާތްﷲ ކަނޑައަޅުއްވާފައިވާ ގޮތަށެވެ. ތަރިކަ އަކީ، މާތްﷲގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެކަލާނގެ ހައްގަކަށް އަރައިގަނެގެން ނުވާނެއެވެ.
ތަރިކައާ ބެހޭ ކޮންމެ އާޔަތެއް ނިންމަވާފައި ވަނީ މާތްﷲ އަށް ފުރިހަމަ އިލްމު ލިބިވޮޑިގެންވާކަން ބަޔާންކުރައްވަމުންނެވެ. އެހެންވެ އެކަލާނގެ އެންގެވި ގޮތް އެއީ އިންސާނާގެ ތަބީއަތާއި މިޒާޖާއި ޖަޒްބާތުތަކަށް ރިއާޔަތްކުރައްވައި ކަނޑައެޅުއްވި އެންމެ އިންސާފުވެރި ގަވައިދެވެ.
މި ގަވައިދާއި އުސޫލާ ދެކޮޅަށް ވާހަކަ ދައްކަނީ، އިސްލާމް ދީނުގެ އަދުއްވުންނާއި އެ މީހުންގެ ދަލުގައި ޖެހިފައިވާ މީހުންނާއި އެ މީހުން ކޮޕީކޮށްގެން ބައިނަލްއަގުވާމީ މިންބަރުތަކަށް އަރާ މީހުންނާއި އިސްލާމީ ޝަރީއަތުގައި މާތްﷲ ބަޔާންކުރައްވާފައިވާ ހުކުމްތަކުގެ ހިކްމަތާއި މަފްހޫމްތައް ނޭނގޭ މީހުންނެވެ.
ތަރިކަ މުދަލުގެ މައްސަލާގައި އިސްލާމް ދީނުގައި އަންހެނުންނަށް އަނިޔާވެރިވެރިވެފައިވާ ކަމަށް ދުޝްމަނުން ބުނާއިރު އެކަމަށް އެއްބަސްވާ މުސްލިމުން ވެސް އުޅެއެވެ. ވާރިސުންނަށް ތަރިކަ މުދަލުން ލިބޭ މިންވަރު ތަފާތުވަނީ އަންހެނަކަށް ނުވަތަ ފިރިހެނަކަށް ވެގެން ނޫނެވެ.
ތަރިކަ މުދާ ބެހުމުގައި އޮތް އިސްލާމީ ފަލްސަފާއަށް ބަލާއިރު، އޭގައި އިލާހީ ހިކްމަތްތަކެއްވެ އެވެ. ވާރުތަ މުދަލާ ބެހޭ އިލާހީ ގަވައިދުތަކާ މެދު ފުންކޮށް ވިސްނައިގެން މެނުވީ، ﷲގެ މި ނިންމެވުންތަކުގެ އަމާޒުތައް ވިސްނައެއް ނުގަނެވޭނެ އެވެ. ފިރިހެނަކަށް ދެބައި، އަންހެނަކަށް ބައެކޭ ކިޔާފައި ފާޑު ކިޔިދާނެ އެވެ. އެކަމަކު މި ފާޑުކިޔުމުން ބޭޒާރުވާނީ ހަމަ ތިމާ އެވެ.
މީހަކު މަރުވުމާ އެކު އެ މީހެއްގެ ދަރަންޏެއް ނުވަތަ ވަސިއްޔަތެއް އޮތް ނަމަ އެކަން އަދާކުރުމަށް ފަހު ވާރުތަ މުދާ ބެހުން އަވަސްކުރުން މުހިއްމެވެ. ވަސިއްޔަތަކީ، ލިޔެ، ކަމާބެހޭ އިދާރާތަކުގެ އިޖުރާއަތުތަކާ އެއްގޮތަށް ރަޖިސްޓްރީވެފައި އޮންނަންޖެހޭނެ އެއްޗެކެވެ. ތަރިކަ މުދަލުން ވަސިއްޔަތް ކުރެވޭނީ އެ މުދަލެއްގެ ތިންބައިކުޅަ އެއްބަޔަށްވުރެ އިތުރުނުވާ ގޮތަށެވެ.
މަޢުލޫމާތު: ހުކުރުޚުޠުބާ
