އަހަރެން ބާރަށް ކޮޓަރި ދޮރު ލެއްޕީމެވެ. އުންމީދު ނުކޮށްހުރި ހިތާމައިގެ ވިލާތައް އައިސް އަހަރެންގެ ދޮރުގައި ޓަކިޖެހީމާ ދެން އިތުރަށް ކުރެވޭނީ ކޮންކަމެއްހެއްޔެވެ؟ އެ ވަގުތެއް ޖެހުމުން ހިތާމައިގެ މޫސުން ދޮރު ފަޅާލާފައިވެސް ވަދެ ގަންނާނެއެވެ. ދެންއޮތީ އެ މޫސުމުގެ ހިތްދަތި އަސަރުތަކުން ހިތް ރޮއްވުމެވެ. ބޭގަރާރު ވުމެވެ. ނުވަތަ ދުނިޔޭގައި ދީވާނާވި އެހެން ލޯބިވެރި މޮޔައެއްހެން ރިފާގެ ނަން ގޮވާލަ ގޮވާލަ ހުރުމެވެ. ނުވަތަ ހިތްވަރާއެކު ތެދުވެ ބޭވަފާތެރިޔާގެ ނުބައި އަސަރުތަކާއި ދުރަށް ދިއުމެވެ. އަހަރެން ޚިޔާރުކުރީ ރިފާގެ ހަނދާންތަކާއި ދުރަށް ދާށެވެ.
މިއަދު އަހަރެންގެ ހުރިހާ އުންމީދެއް ކަފުންކޮށް ވަޅުލައިފީމެވެ. އުންމީދެއް ނެތް ހަޔާތެއްގައި ދުވަހަކަށްފަހު ދުވަހެއް ބޭސްތަކުގެ އަޅަކަށް ވެގެން ދިރިއުޅެން ފަށައިފީމެވެ. އެނބުރި ރަށަށް އައުމުން ރައްޔިތުންނަށް އަހަރެންގެ ބަލި އެނގުނެވެ. އެމީހުންގެ ހެޔޮދުޢާ ލިބެމުން ދިޔަޔަސް މަޑުމަޑުން އަހަންނާއި މީހުން ދުރުވަމުން ދާކަން އިހުސާސް ވިއެވެ. ވާހަކަ ދައްކާލާ ހަދާލާނެ މީހުން މަދުވާން ފަށައިފިއެވެ. ރައްޓެހި ކުދިން ދަތުރު ދާތަނާ މަޖާކުރާތަން ފެނުމުން އަހަރެންގެ ބަދުނަސީބާމެދު ރޮވެން ފަށައިފިއެވެ. އެކުދިންނާ އެއްފުރައިގެ އަނެއް ޖިންސުގެ ކުދިންނާއެކު ބާއްވާ ބައްދަލުވުންތަކާއި ޖަހަމުންދާ ސަކަރާތް ފެނުމުން މަޑުމަޑުން އެމީހުންނާ ވަކިވެ އެކަނިވެރި ދިރިއުޅުމަކަށް ބަދަލުވެއްޖެއެވެ. ރިފާ ހެދިގޮތުން އެއްވެސް މީހަކަށް އިތުބާރު ކުރުމާއި މާ ބޮޑަށް ގާތްކަން ބޭއްވުން ވީ އަހަންނަށް ލިބުނު ވަރަށް ބޮޑު ތަކުލީފަކަށެވެ.
މަންމަގެ ވަރަށް އާދޭސް ކުރުމުން އަހަރެން އޭލެވެލްގެ ޓެސްޓް ހަދަން ދިޔައީމެވެ. ސްކޫލަށް ނުގޮސް ހުރެފައި ޓެސްޓް ހޯލަށް ވަނުމުން ހުރިހާ ކުދިންގެ މޫނު މަތީންވެސް ފެންނަނީ ހައިރާންކަމެވެ. އޭރު މިތުރުންނަށް ވެގެން ހީހީފައި ސަކަރާތް ޖެހި ކުދިން މިއަދު ހީވަނީ ބީރައްޓެހިންނަށްވެ ހަތުރުންނަށް ވެފައިވާހެންނެވެ. އަހަރެން ފެނުމުން ބިރުން ތިބޭ ކަހަލައެވެ. ޓެސްޓްތައް ހަދަން ދިއުން ފިޔަވާ ގެއިން ނުނިކުންނާތީ އަހަރެން ވާހަކަ ދައްކާލާނެ މީހެއްވެސް ނެތެވެ. މި ދިރިއުޅުން މަތިން އަހަރެން ފޫހިވެއްޖެއެވެ.
އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުންނަތާ ހަތަރު ހަފްތާ ވެދާނެއެވެ. ކާއެއްޗިހި ކޮޓަރިއަށް ގެނެސްދެނީވެސް މަންމައެވެ. ބޭސްކައިގެން ނިދުން ފިޔަވާ އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. މަންމައާއި ބައްޕަ އަހަރެންގެ ކުރިންހުރި އުފާވެރި މިޒާޖު ބަދަލުވެފައިވާތީ އަބަދުވެސް ހިތާމަ ކުރެއެވެ. ގެއިން ބޭރަށް ނިކުމެލާ ތާޒާ ވައިން ހިތްހަމަ ޖައްސާލަން ހިނގާލަން ދާށޭ ބުނެއެވެ. ނަމަވެސް އަހަރެން އެއްގޮތަކަށްވެސް ކޮޓަރިއަކުން ނުނިކުންނަމެވެ.
ކުއްލިއަކަށް އަހަންނަށް އަޑުއިވުނީ ރިފާއާއި ނާހިލް ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހުނު ވާހަކައެވެ. ނަތީޖާ ލިބުމުގެ ކުރިން އެމީހުން ހަނީމޫން ފުރިހަމަ ކުރަން މެލޭޝިޔާއަށް ފުރާކަމެވެ. އަދި އޭލެވެލް ޓެސްޓްގެ ނަތީޖާ އަންނަ ގޮތަކުން އެ ދެމީހުން އިތުރަށް ކިޔެވުމަށްޓަކައި އިންޑިއާއަށް ދާން އުޅޭކަމެވެ. މި ޚަބަރު ލިބުމުން އަހަރެންގެ ނަސީބުގެ މައްޗަށް ހިތާމަ ކުރަން ފެށުނެވެ. ފެންވެރުމާއި ރީތި ވުމަކީވެސް އަހަރެން ކުރަން ފޫހި ވެފައިވާ ކަންކަންކަމެވެ.
ރިފާމެންގެ ކުލަގަދަ ކައިވެނީގެ ދައުވަތެއް އަހަންނަކަށް ނުލިބުނެވެ. ރަށު އެންމެންނަށް ދައުވަތު ދީގެން ބާއްވާ ޕާޓީއަށް އަހަރެންނަށް ދައުވަތު ދޭންވެސް އެމީހުން ބޭނުމެއް ނުވިއެވެ. އެއީ އަހަންނަކީ ކޮންމެ ވަގުތެއްގައިވެސް މަރުވެދާނެ މީހަކަށް ވެދާނެތީކަން ނޭނގެއެވެ. ވަރަށް ދުވަސްކޮށްފައި އަހަރެން ވަރަށް ގަދަޔަށް ފެންވަރާލީމެވެ. ރިފާއަށް އެންމެ ރީތިކަމަށް ބުނާ ކަޅު ގަމީސް ލާފައި އޭނާއަށް އެންމެ މީރު ވަސްދުވާ ސެންޓުފުޅި ގަމީހަށް ޖަހާ އޮއްސާލީމެވެ. އަހަރެން ތާޒާވެފައި ހުރިވަރާއި ދުވަސްގަނޑެއް ވަންދެން ކޮޓަރިން ނުނިކުމެ ހުރެފައި ކޮޓަރިން ނިކުތްތަން ފެނުމުން މަންމަމެންނަށް އަހަރެން ކުރަން މިއުޅެނީ ކީއްކަން އެނގުނެވެ.
"ދަރިފުޅާ. އެޕާޓީއަށް ދާނެކަމެއް ނެތް. އެހެންނޫނަސް ދަރިފުޅަކަށް އަދި މިގޭ އެކަކަށްވެސް ދައުވަތެއް ނާދޭ. މަންމައާއި އެއްކޮށް އަތިރިމަތީ ހިނގާލަން ހިނގާ. ބައްޕަވެސް ދާނެ." މަންމައަށް އެހެން ބުނެވުނުއިރު ރޮވެނީއެވެ. ރިފާއަކީ އަހަރެންގެ އެކުވެރިއެއްކަމާއި އޭނާގެ ހަޔާތުގައި އެހާބޮޑު ކަމެއް ކުރާއިރު ދާންޖެހޭނެކަމާއި އަހަރެން މަރުވުމުގެ ކުރިން އޭނާޔަށް މަރުހަބާ ކިޔަން ޖެހޭނެ ކަމަށް ބުނެ އަހަރެން ހިނގައިގަތީމެވެ.
"ދަރިފުޅާ" މަންމަ ތުރުތުރު އަޅާއަޑަކުން ގޮވާލިއެވެ.
"މަންމާ. އަޅުގަނޑާމެދު ކަންބޮޑު ވެ ނުލައްވާ. އެމީހުން ޤަބޫލުކުރަނީ މިރޭވެސް އަޅުގަނޑު މަރުވެދާނެކަމަށް. އެމީހުން އަޅުގަނޑާއެކު އުޅެން ބިރުގަނޭ. އެކަމަކުވެސް ބިމުގައި ހުރި ވެއްޔަށް ވުމުގެ ކުރިން ރިފާއަށް ބުނެދެން ބޭނުން އަހަރެން ރިފާގެ ދިރިއުޅުމަކަށް އަދި ރިފާގެ އުފަލަކަށް ހުރަހެއް ނާޅާނަން ކަމަށް. އަޅުގަނޑު ބޭރަށް ދިއުމަށް ނުހުއްޓުވާ." މަންމަ ބަލަހައްޓައިގެން ހުރިގޮތުން ދެވަނަ ފަހަރަށް ލަސްލަހުން އަހަރެން ބުނީމެވެ.
އަހަރެން މަޑުހިނގުމެއްގައި ހިނގާލާފައި ސްކޫލް ހޯލްގައި އޮތް ޕާޓީއަށް ވަނީމެވެ. އެކިވައްތަރުގެ އަލިތަކުން މުޅިތަން ޒީނަތްތެރިކޮށްފައިވަނީ އަހަންނާއި ރިފާއާއި ކުރިންވެސް ވާހަކަ ދެކެވިފައިވާގޮތަށެވެ. އެ ހުރިހާކަމެއް ހުރީ ހަމަ އަހަރެމެން ކައިވެނި ކުރެވޭނެ ދުވަހަކު ހަދަން މަޝްވަރާ ކުރެވުނު ގޮތަށެވެ. ދޮރުމަތީގައި ހުދުކުލައިގެ ކައިވެނީގެ ހެދުމެއް ލައިގެންހުރި ރިފާ ހީވަނީ ޕަރީއެއްހެންނެވެ. އަހަރެން އޭނާ ގާތަށް ހުއްޓިފައި ސަލާންކޮށްލަން އަތް ދިއްކޮށްލީމެވެ. އަހަރެންގެ އަތުގައި ހުރި ތުރުތުރެއް އޭނާއަށް އިހުސާސެއް ނުވިއެވެ. އެހެންވީއިރު އަހަރެންގެ ހިތުގައިވާ ޝުއޫރުތައް އޭނާއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟
"ކައިވެންޏަށް މަރުހަބާ. ފުރިހަމަ ސިއްހަތެއްގެ ނިޢުމަތަކީ ވަކިބަޔަކަށް މާތް ﷲ ދެއްވާ އެއްޗެއް. އަހަރެން މާދަން މަރުވިޔަސް ރިފާ ނުހަނު އުފަލުގައި ގެންގުޅެދޭން ނާހިލް ހުންނާނެކަމާމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަން. ދެކުދިންނަށްވެސް ބާއްޖަވެރި ދިރިއުޅުމަކަށް އެދެން."
އަހަރެން އަވަހަށް ނިކުތީ އަހަރެންގެ ލޮލުން އަންނަ ކަރުނަތައް އެއްވެސް މީހަކަށް ނުދެއްކުމަށްޓަކައެވެ. ގެއަށް ދިޔައިރު މަންމަ އަހަރެންގެ އިންތިޒާރުގައި ރޮވިފައި ހުއްޓެވެ. އަހަރެން ފެނުމާއެކު މަންމަ އަހަރެން އަތުގައި ހިފާލިއެވެ. އަބަދުވެސް ދަރިފުޅާއެކު ހަމަގައިމުވެސް މަންމަ ވާނަމޭ ބުނަމުންނެވެ. ހަމައެވަގުތު މަންމަ ފަރާތު ބޮޑުދައިތައެއް މާލޭގައި އުޅޭތީ ދުވަސްކޮޅަކަށް މާލެ ދާން އަހަރެން މަންމައަށް ހުށައެޅީމެވެ. މަންމަ އެއްވެސް ވަރަކަށް މިކަމަށް ދެކޮޅެއް ނުހަދައެވެ. އަދި ވީހާވެސް އަވަހަކަށް އަހަރެން މާލެ ފޮނުވުމުގެ މަސައްކަތް ފެށިއެވެ.
ހަމަ އެ ހަފްތާތެރޭ އަހަރެން މާލެ ދިޔައީމެވެ. ބޮޑުދައިތަ އަހަރެންނަށް ވަރަށް ހެޔޮކޮށް ހިތިއެވެ. އެމީހުންގެ ފަރާތުން އަހަންނަށް އުނި އެއްވެސް ކަމެއް ނެތެވެ. ގޭތެރޭގެ އެންމެންވެސް އަހަންނާ ވާހަކަ ދައްކާ ހަދައެވެ. ނަމަވެސް އަދިވެސް ރިފާގެ އުނދަގޫތަކުން އަހަރެން ރޮއްވައެވެ. ރިފާ އަހަރެން ދޫކޮށްލީ އަހަރެން ބަލިމީހަކަށް ވީތީކަން ހިތަށްއަރާ ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފުސު ދެކެ ރުޅިވެސް އާދެވެއެވެ.
މާލޭގައި އަހަރެން އެއްވެސް ވަރަކަށް ބޭރަކަށް ނުނިކުންނަމެވެ. ހަފަރާތުން މާޔޫސްކަމާއި ގޮތްހުސްވުން އަހަރެން ވަށާލާފައިވެއެވެ. މި ދުނިޔޭގެ ދިރިއުޅުން ނިމެނީކަން އެނގިހުރެ އެއްވެސް ކަމެއްގައި ބައިވެރިވުމުގެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަހަންނަކަށް ނު ނިދެއެވެ. ގޮތްހުސްވުން އަހަރެން ބޮލަށް އުނދަގޫ ކުރަމުން ދިޔައެވެ. ދުނިޔޭގެ ހަތަރުފާރު އަހަރެން ވަށާލާ ފިއްތަނީހެންވެސް ހީވަމުން ދިޔައެވެ. މަރުވަންޏާ ދެން ލަސްނުވެ މަރުވާން ވީނޫންހޭވެސް ހިތަށް އެރުމުން ބިރުވެސް ގަތެވެ.
ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އަހަރެން ހަށިގަނޑުން އާދަޔާ ޚިލާފަށް ދާހިއްލަމުން ދިޔައެވެ. މިފަހަރު މާލެ އައިފަހުން އަދި އަލަށްވެސް އަހަރެން ބޭރަށް ނިކުންނަން ބޭނުންވިއެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރެޔާ ތެމެމުން މަޑުމަޑުން ހިނގަމުން ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. ދަންވަރުގެ ވަގުތުކަމުން މީހުންގެ ހިލަމެއް ވަރަށް މަދުން ނޫނީ ނުވެއެވެ. އަހަރެން ދިޔައީ ރާޅުގަނޑު ސަރަހައްދަށެވެ.
ކުއްލިއަކަށް އަހަރެންގެ ހިނގުން ހުއްޓުނީ ވާރޭގަނޑު ތެރޭގައި ކުއްޖަކު ނަށާހެން ހީވާތީއެވެ. އެއްވެސް މީހެއް ނެތް މި ދަންވަރު ހުދު ހެދުމެއްގައި އަންހެން ކުއްޖެއް ތެމެމުން ދާތަން އަހަންނަށް ފެނުމުން ގަބޫލު ކުރަން ދަތިވިއެވެ. އަހަރެން ޔަޤީންކޮށްލުމުގެ ގޮތުން އެކުއްޖާއާއި ތަންކޮޅެއް ގާތަށް ޖެހިލީމެވެ. ޝައުގުވެރިކަމާއިއެކު ވަރަށް ގާތަށް ޖެހިލާ އެކުއްޖާ ފެންނާނެހެން ބަލާލީމެވެ. އެއީ ޒުވާން ރީތި އަންހެން ކުއްޖެކެވެ. ދިގު އިސްތަށިގަނޑަކާއި ފަތިހަށިގަނޑެއްގެ ވެރި ޖިންސުލަތީފެކެވެ. ރިފާއާއި އެކުއްޖާ އަޅާކިޔައިފިނަމަ ސަތޭކައަކުން ނުވަދިހަ ޕަސެންޓް މިކުއްޖާއަށް ލިބެންޏާ ރިފާއަށް ލިބޭނީ ދިހަ ޕަސެންޓެވެ. އެއީ އާދަޔާ ޚިލާފް ރީތިކަމެކެވެ. ލޫޅާފަތި ހަށިގަނޑެކެވެ. ދިގު އިސްތަށިގަނޑެކެވެ. ހިމަހޯލި އިނގިލިތަކެކެވެ.
އެ އަންހެންކުއްޖާ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި ވާރޭ ތެރޭގައި ހުއްޓެވެ. އެކަނިމާއެކަނި ވާރޭގެ ތެރޭގައި ދުވަނީއެވެ. ބާރަށް ހީނގަނެއެވެ. ލަވަކިޔައެވެ. އަހަރެންނަށް މިކުއްޖާގެ މިހަރަކާތްތަކަށް ޝައުގުވެރިކަން އުފެދުނެވެ. އަހަރެން މަޑުމަޑުން ގޮސް ފާރުބުރިމަތީގައި އިށީނީމެވެ. ހަމަ އެވަގުތު އެކުއްޖާ އައިސް އަހަރެން ގާތު އިށީނެވެ. އެކުއްޖާގެ ގައިން އަންނަ ސެންޓްގެ މީރުވަހުން އަހަރެން ހިތް ފުރިގެން ދިޔަކަހަލައެވެ. އަހަރެންގެ ހިއްސުތައް ހުއްޓުން އެރިއެވެ. ހަށިގަނޑުގައި ތޫފާނެއް ހިނގައި ގަތެވެ.
(ނުނިމޭ)
