ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.

ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ މައްސަރުތަކަކީ ޙުރްމަތްތެރިވެގެންވާ މައްސަރުތަކެވެ. އެ މައްސަރުތަކުގެ ތެރެއިން އެންމެ ލޮބުވެތިކަން ބޮޑު މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ އެންމެ މާތް ދުވަސްތަކަކީ އެ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَالْفَجْرِ، وَلَيَالٍ عَشْرٍ﴾ މާނައީ "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." ﷲ ސުބްޙާނަހޫ ވަތަޢާލާ މި އާޔަތްތަކުގައި މި ހަނދާންކޮށް ދެއްވަނީ މުސްލިމުންނަށްޓަކައި ލައްވަވާފައިވާ ހެޔޮކަމުގެ މޫސުމެއްގެ މަތިންނެވެ. އެކަލާނގެ އަޅަމެންނށް މިގޮވައިލައްވަނީ އެކަލާނގެ ޙަޟްރަތަށް އަލުން އައުމަށެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މި ދިހަ ރެއަކީ، ޙައްޖުމަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހަކީ މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ އެންމެ މާތް ދުވަސްތަކެވެ. މިކަން ބަޔާންކޮށްދެއްވައި ލޮބުވެތި ނަބިއްޔާ ﷺ ޙަދީޘެއްގެ މާނައިގައިވެއެވެ.   " ދުނިޔޭގެ އެންމެ މާތް ދުވަސްތަކީ ޙައްޖުމަހުގެ ދިހަ ދުވަހެވެ." އެކަލޭގެފާނު މުސްލިމުންނަށް އަމުރު ކުރައްވަނީ "މި ދުވަސްތަކުގައި ތަކުބީރާއި، ތަހްމީދާއި، ތަޙްލީލާއި، ތަސްބީޙަ ކިޔުން ގިނަ ކުރުމަށެވެ."

މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުން ލެއްވި އިބްނު ޢައްބާސްގެފާނުގެ އަރިހުން ބުޚާރީ ރިވާކުރައްވާފައި ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. "މި ދިހަ ދުވަހަށް ވުރެ، ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލުތައް ކުރުން ލޮބުވެތިކަން ބޮޑު ވެގެންވާ ދުވަސްތަކެއް ނުވެއެވެ. އެބޭކަލުން ދެންނެވޫއެވެ.  އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް ތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ﷲގެ މަގުގައި ޖިހާދު ކުރުމަށް ވުރެ ވެސް މެއެވެ. އޭނާގެ ނަފްސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާ އެކު އެނބުރި ނައި މީހާ ފިޔަވައެވެ.

މި ދުވަސްތަކުގައި ކުރެވެން އޮތް ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ރޯދަ ހިފުން ހިމެނެއެވެ. ކީރިތި ރަސޫލާ ﷺ ގެ އަނބިއަނބިކަނބަލުންގެ އަރިހުން ވާރިދުވެފައި ވެއެވެ. "އެކަލޭގެފާނު ޙައްޖު މަހުގެ ފުރަތަމަ ނުވާ ދުވަހާއި، ޢާޝޫރާ ދުވަހާއި، ކޮންމެ މަހަކު ތިން ދުވަހު ރޯދަފުޅު ހިއްޕެވިއެވެ." އެކަލޭގެފާނު ޙަދީތް ކުރައްވާފައި ވެއެވެ. " ޙައްޖުވެރިޔާ ނޫން މީހާ ޢަރަފާތު ދުވަހު ރޯދަ ހިފުމަކީ، ވޭތުވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ވޭތުވެދިޔަ އަހަރުގެ ފާފަތައް ފުއްސަވާ ދެއްވާނެ ކަމެކެވެ."
ލޮބުވެތި މުސްލިމް އަޚުންނޭވެ! މާތް ﷲ އަށް ތަޤްވާވެރިވެ، މި ދުވަސްތަކުގައި ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރާށެވެ! އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ އެއްޗެއް ހައްދަވައި،އޭގެ ތެރެއިން އިރާދަ ކުރައްވާ އެއްޗެއް މާތް ކުރައްވައި، ޚިޔާރު ކުރައްވާ ރަސްކަލާނގެއެވެ.

މުސްލިމުންނަކީ އެމީހުންގެ ޢަމަލުތަކާއި ވަގުތުތަކުގައި، ﷲ ގެ ބަރަކާތާއި ފުއްސެވުމާއި، ރުއްސެވުމުގެ ތެރޭގައި އުޅޭ ބައެކެވެ. ކުރާ ޢަމަލުތަކުގެ ތެރޭގައި އެންމެ ބަރަކާތް އިތުރު ޢަމަލަކީ ﷲ އަށް ކިޔަމަންތެރިވުމުގެގޮތުން ކުރާ ޢަމަލުތަކާއި ހޭދަ ކުރާ ވަގުތުތަކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ مَن جَاءَ بِالْحَسَنَةِ فَلَهُ عَشْرُ أَمْثَالِهَا ﴾ މާނައީ "ހެޔޮކަމެއް ކޮށްފިމީހާ ދަންނާށެވެ!) ފަހެ، އެމީހަކަށް އެފަދަ ދިހަ ހެޔޮކަމުގެ ޘަވާބު ހުށްޓެވެ." ޤުދުސިއްޔަ ޙަދީޘެއްގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. "ތިމަން ރަސްކަލާނގެ ފަރްޟުތައް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ތިމަންރަސްކަލާނގެ އަޅުންނަށް ލުއިކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮ ކަމުގެ ޘަވާބު
ލެއްވީމެވެ."

ބަރަކާތްތެރިކަން އެންމެ ބޮޑު ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި، މާތް ﷲ މި މަތިވެރި އިސްލާމްދީން ފުރިހަމަކޮށް ދެއްވުން ވެއެވެ. މި ދީން ފުރިހަމަވުމުގެ ސަބަބުން މި ދީނުގެ އަހުލުވެރިންނަށް ފުރިހަމަކަން ލިބެއެވެ. އެމީހުން ކުރާ ޢަމަލުތައް ފުރިހަމައަށް ޘަވާބު ލިބެއެވެ. އެމީހުންގެ ޙަޔާތް އަމާންކަމާއި ރައްކައުތެރިކަން ލިބިފައިވާ ހެޔޮލަފާ ޙަޔާތަކަށް ވެދެއެވެ. އެމީހުންގެ ސުލޫކާއި އަޚްލާޤު ރިވެތި ސުލޫކު ކަމުގައި ވެދެއެވެ. އިސްލާމްދީން ފުރިހަމަވުމުގެ ސަބަބުން މުސްލިމުންނަށް އެންމެ ސީދާ ތެދުމަގު އެނގި، އެ މަގަށް ތަބާވެގެން ތިބުމުގެ ނަސީބު ލިބެއެވެ. ލޮބުތި ރަސޫލާ ﷺ މި ދުނިޔެ ދޫކުރެއްވީ، އެންމެހާ މުސްލިމުންނަށް މި ދީން ފޯރުކޮށްދެއްވައި، ސާފު އަމާން މަގެއްގެ މައްޗަށް އެބައިމީހުން ނެރުއްވާފައެވެ. ޔަހުދީންގެ ޢިލްމުވެރިއަކު، މާތް ﷲ ރުއްސުން ލެއްވި ޢުމަރުގެފާނަށް ދެންނެވިއެވެ. ތިޔަ ބޭކަލުންގެ މައްޗަށް ބާވައިލައްވައިފައިވާ ފަދަ އާޔަތެއް އަޅުގަނޑުމެންގެ ފޮތުގައި އޮތް ނަމަ އަޅުގަނޑުމެން އެ އާޔަތް ބާވައިލެއްވި ދުވަސް ޢީދެއް ކަމުގައި ހެދީމުހެވެ."  އެއީ ކޮން އާޔަތެއްތޯ ސުވާލު ކުރެއްވުމުން އޭނާ ދެންނެވިއެވެ. އެއީ ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ﴾ މިއާޔަތެވެ. މި އާޔަތުގެ މާނައީ:  "މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަން ރަސްކަލާނގެ ފުރިހަމަކޮށް ދެއްވައިފީމެވެ. އަދި އިސްލާމް ދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *