ޒީލަން (17)

(22 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކުއްލިއަކަށް ދޮރުހުޅުވާލާފައި އެތެރެއަށް ވަން އަލްހެނާ ފެނުމުން ދެމީހުންނަށް ދެރަށްޖެހިލެވުނެވެ. ޒީލަންއަށް ހީވީ މީހަކު މޫނުމަތީގައި އެއްޗަކުން ޖެހިހެންނެވެ. އޭނާ އަލްދެކެ ނުހަނު ބިރުގެންފިއެވެ. އަލް ހީކުރާނީ އަލްހެނާގެ އެންމެގާތް ރަހުމަތްތެރިއާއަށް ހުރެފައި އޭނާއަށް މަކަރުހަދައި އޮޅުވާލަނީ ކަމަށެވެ. އޭނާގެ ފިރިމީހާ ފޭރިގަނެވޭތޯ އުޅެނީ ކަމަށެވެ. ޒީލަން ހާސްވެގެން ހަދާނެ ގޮތް ހުސްވެއްޖެއެވެ. އެދަނޑިވަޅުގައި އަލްހެނާ އަތުވެދާނެކަން އޭނާއަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ މީހެއްގެ ފިރިޔެއްގާތު އޭނާއަށް އެވަގުތުކޮޅު ހުރެވުނީ ކީއްވެހެއްޔެވެ؟ ފަޒީނުދެކެ ކިތަންމެ ލޯބިވިއަސް މިހާރުއެއީ އަލްހެނާގެ ފިރިމީހާއެވެ. ޒީލަންއަށް މިކުރެވުނީ ކުރަންނުވާނެ ކުށެކެވެ. އޭނާ ވަރަށް ހާސްވެ ކަންބޮޑުވެއްޖެއެވެ.

”އަ  އަލް   އަލް  ސޮރީ.” އޭނާ އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ.

އަލްހެނާއަށް އެއްވެސް އެއްޗެއް ނުބުނެވި ބަލަހައްޓައިގެން ހުރެވުނީއެވެ. އޭނާއަށްވަނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާ އަވަސް އަވަހަށް ބޭރަށް ނިކުތެވެ. ޒީލަން އޭނާގެ ފަހަތުން ބޭރަށް ނިކުތެވެ.

”އަލް އަހަރެން އުޅުނީ ފަޒީނު ތެދުވަން އުޅުއްވާތީ އެހީތެރިވާން.” ޒީލަން އަލްހެނާ ހަމައަކަށް އެޅުވޭތޯ ބަލަނީއެވެ.

”ނޫން ޒީލަން. އަހަރެންނަށް ތިހުރިހާކަމެއް ފެނިއްޖެ. އިތުރަށް އޮޅުވާނުލާ.” އަލްހެނާ ހުރީ ގަބޫލުކުރާ ގޮތަކަށްނޫނެވެ.

”އަލް ފަޒީނު ކަކުލަށްވަނީ ގެއްލުންވެފައި. އޭނާއަށް ތެދުވަން ވަރަށް އުނދަގޫ. އަހަރެން އޭނާއަށް އެހީތެރިވެދިނީ.”

” ނޫން ޒީލަން. އަހަރެން ކަލޭމެން ދެއްކިވާހަކަ އަޑުއެހިން. ޒީލަން މިއޮއް ހުރިހާދުވަހު އަހަރެންނާ އެހާގާތްކޮށްއުޅެފައި އަދިވެސް ތިއުޅެނީ އޮޅުވާލަން. ތީއަހަރެން ޒީލަންއާމެދު އުންމީދު ކުރިގޮތެއްނޫން. އެންމެފުރަތަމަވެސް އަހަރެން އެވާހަކަ އެހުމުންވެސް ޒީލަން އަހަންނަށް ހެދީދޮގު.”

”ނޫން އަލް. އަހަރެން އެކަހަލަ އެއްވެސް ގުޅުމެއް އޭރަކު ނޯންނާނެ. އަހަރެން އޭނާއަށް ގަދަރުކުރަން.”

”ހުން! ގަދަރު އިހުތިރާމް އެއީ ޒީލަން ކުރިންވެސް އަހަންނަށް އޮޅުވާލުމަށް ދެއްކިވާހަކަތައް. މިއޮތީ ކީކޭ ލިޔެފާ.” އަލްހެނާ ޒީލަންގެ އަތް ނަގާ ދައްކަމުން ބުންޏެވެ. އަލްހެނާ އެއްވެސް އެއްޗެއް ނުބުނެ ބޭރަށް ދިޔައެވެ.

ޒީލަންއަށް މިދިމާވިހާދިޘާއިން ވަރަށްދެރަވިއެވެ. އޭނާ މިގެއަށް ނައުމަށް އިންކާރުކުރީވެސް މިފަދަކަމެއް ދިމާވެދާނެތީއެވެ. ފަޒީނުދެކެ ލޯބިވުމަކީ އޭނާގެ އިޚުތިޔާރުގައި ވީކަމެއް ނޫނެވެ. އޭނާ ފަޒީނުގެ ކުރިމައްޗަށް އަރައިފިނަމަ އެތައްގޮތްތަކެއްވާކަން އިހުސާސް ކުރެވެއެވެ. ފަޒީނު ފެނުމުން އޭނާގެ ހަރުދަނާ ލޯބި ހާމަވެގެންދެއެވެ. އޭނާގެ ގޮތުގައި ހިފެހެއްޓުމުގެ ބާރު ކުޑަވެގެންދެއެވެ. އޭނާގެ ސަބަބުން މިހާރު އަލްހެނާއާއި ފަޒީނާ ދެމެދުގައި މައްސަލަޖެހޭނެއެވެ. ކޯހަށްފުރަން ދެން އޮތްދެހަފްތާގެ ތެރޭގައި އޭނާ މިގޭގައި ހުންނަންވެއްޖެނަމަ މިއަށްވުރެ ގިނަ މައްސަލަތައް ޖެހޭނެއެވެ. އެހެންކަމުން އޭނާ މިގޭގައި ހުރުން ރަނގަޅެއް ނުވާނެއެވެ. މިއަދު ހެނދުނު އޭނާ އަލްހެނާގާތު މާފަށް އެދުމަށްފަހު އެގެއިން ދާނީއެވެ. އޭރުން އެދެމީހުންގެ މެދަކު ޒީލަންގެ ފަރާތުން އެއްވެސް މައްސަލައެއް ނުޖެހޭނެއެވެ.

ޒީލަންއަށް ދޭއްޖެހިއިރުވެސް ނުނިދުނެވެ. އޭނާވަނީ ނުހަނު ދެރަވެފައެވެ. ފަޒީނު އޭނާގެ އެންމެގާތް ރަހުމަތްތެރިއާއި ކައިވެނި ކުރެއްވުމަށްފަހު ޒީލަންއާމެދު އެފަދައަމަލެއް ކުރައްވާފާނެ ކަމަކަށް އޭނާއަށް ގަބޫލު ނުކުރެވޭތީއެވެ. ޒީލަން މިހުރިހާ ދުވަހު ހީކުރީ ފަޒީން މިހާރު އޭނާދެކެ ފޫހިވާނެ ކަމަށެވެ. އަލްހެނާއާއި ކައިވެނި ކުރެއްވީ ލޯބިންކަމަށެވެ. ނަމަވެސް މިއަދު މިހަރަކާތުން ފަޒީނު އަދިވެސް ޒީލަންދެކެ ލޯބިވާކަން އޭނާއަށް ގަބޫލުކުރެވުނެވެ. ނޫނެކެވެ. އެހެންނެއްނުވާނެއެވެ. ފަޒީނު ޒީލަންދެކެ މިހާރު ފޫހިވެއެވެ. އެހެންނޫންނަމަ މިހުރިހާދުވަސް ވީއިރުވެސް ޒީލަންއާއި ވާހަކަދައްކަވާނެ ނޫންހެއްޔެވެ؟ ގެއިން ނިކުންނަން އެންގެވިފަހުން ޒީލަންއަކަށް ފަޒީނު ވާހަކައެއް ނުދައްކަވައެވެ. ވީއިރު މިރޭ އެގޮތަށް ފަޒީނު އަމަލު ކުރެއްވީ ކީއްވެބާއެވެ؟ އަތުގައި ލިޔެފައިވާ އިބާރާތްކޮޅު ފެނިލެއްވުމުން އެއީ ހަގީގަތެއްތޯ ބައްލަވަންބާވައެވެ؟ އަލްހެނާ އެތެރެއަށް އައުމުން އެއްވެސް އެއްޗެކޭވިދާޅު ނުވީ ކީއްވެބާވައެވެ؟ އަލްހެނާ ފެނިލެއްވުމުން އެއްވެސް އަސަރެއް ނުކުރީ ކީއްވެބާވައެވެ؟ މިފަދަ އެތައް ކަމަކުން ޒީލަންގެ ވިސްނުން އުދުހި ހިނގައިދާން އުޅޭހެންވެސް އޭނާއަށް ހީވެއެވެ. އެންމެ ހިނދުކޮޅަކުވެސް މިގޭގައި ހުރެއްޖެނަމަ އޭނާ މޮޔަވެދާނެއެވެ. އަމިއްލަނަފުސާދޭތެރޭ އެއްވެސް އުންމީދެއް އިތުބާރެއް އޭނާގެ ނެތެވެ. އެންމެފަހުން އޭނާގެ ހުރިހާއެއްޗެއް ޕެކުކުރަން ފެށިއެވެ. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިޖަހާލިއެވެ. ޒީލަން ދޮރުހުޅުވިއިރު ހުރީ އަލްހެނާއެވެ.

”އަލް.” ޒީލަން ހައިރާންވެގެން އަހާލެވުނެވެ.

”ޒީލަން. އަހަރެންމިއައީ ވަރަށްބޮޑުކަމަކު.” އަލްހެނާވާހަކަދެއްކީ މަޑުމަޑުންނެވެ

” އަލް ވަދޭ އިށީނދޭ.” ޒީލަންވެސް ހުރީވަރަށްމަޑުންނެވެ.

”މިރޭ އަހަންނަށް ޒީލަން އާއި ވާހަކަދެއްކުނީ ވަރަށް ހަރުކަށިކޮށް. އަހަރެން ޒީލަން ގާތު އެއްޗެއް އަހަން ބޭނުން. ތެދުވެރިކަމާއެކު ޖަވާބުދީފާނަންތަ؟” ޒީލަން އިށީނުމަށްފަހު އެހިއެވެ.

“އަލް. އަލްތީ އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ. އަހަރެން އަލްއަކަށް އޮޅުވައެއް ނުލާނަން.” ޒީލަން އަލްހެނާގެ އަތުގައި ހިފާލިއެވެ.

”ޒީލަން ފަޒީންދެކެ ލޯބިވޭތަ؟” އަލްހެނާ އަހާލިއެވެ.

”ތިއީ ކޮންކަހަލަ ސުވާލެއް؟” ޒީލަން ހާސްވިއެވެ.

”ޒީލަން އަހަރެން ކުރާސުވާލަށް ޖަވާބުދޭން އަހަންނަށް ވައުދުވީމެއްނު. ލޯބިވޭތަ؟”

”އަހަރެން ފަޒީނުދެކެ ލޯބިވިން. އެކަމަކު މިހާރަކުނުވޭ.” ޒީލަން އަލްހެނާ ދެރަވާނެތީ ދޮގުހެދިއެވެ.

”އަހަރެން ކައިވެނި ކުރުމުގެ ކުރިންވެސް ޒީލަން ގާތު މިސުވާލު ކުރީމެއްނު. އޭރު ކީއްވެނުބުނީ. އެކަން އެގުނުނަމަ އަހަރެން ފަޒީނަކާއި ކައިވެނި ނުކުރީމުސް.” އަލްެހެނާ ޝަކުވާކުރިއެވެ.

”އަލް އަހަންނަށް މާފުކުރޭ. އަހަރެންނަށްވާ ގޮތެއް ޚުދް އަހަންނަކަށްވެސް ނޭނގޭ.” ޒީލަންއަށް ރޮވެން ފެށުނެވެ.

”ޒީލަން އަހަރެންނަށް އޮޅުވާލީތީ އަހަރެމެން ދެމީހުންވެސް މިވަނީ އެއްހިތާމައެއްގެ ތެރޭގައި.”

”ނޫން އަހަރެން ތިދެމަފިރިންގެ ދިރިއުޅުމަކަށް އުނދަގުލެއް ނުކުރާނަން. އަލް އަހަރެން މާދަމާ ރަށަށް ފުރާއެއްޗެއް އޮތްނަމަ ރަށަށްދާނީ. މިއަންނަހަފްތާ ކޯހަށްފުރުމުގެ ކުރިން މަންމަގެ ހަނދާންތައްވެސް އާކޮށްލުމަށްޓަކައި. މިވީ ހުރިހާކަމަކަށްޓަކައި އަހަރެންނަށް މާފުކޮށްދީ. އަހަރުމެންގެ ދުވަސްވީ ރަހުމަތްތެރި ކަމަށް ޓަކައި ނަމަވެސް.” ޒީލަން އަށްވަނީ ވަރަށް އަސަރުކޮށްފައެވެ.

ޒީލަން ރޯތަން ފެނުމަކީ އަލްހެނާއަށްވެސް ވަރަށް ހިތި އަސަރުތަކެއް ކުރުވިކަމެކެވެ. އެދެމީހުންނަކީ އެތައް ދުވަހެއްވަންދެން ގިނަވަގުތުތަކެއް އެކުގައި ހޭދަކުރި ދެރަހުމަތްތެރިންނެވެ. އެކެއްގެ ހިތާމަތައް އަނެކަކުބައިވެރިވެ އެހީތެރިވެ ހެދި ދެމީހުންނެވެ. މިއަދު ޒީލަން އެހާލުގައި ވުމަކީ އަލްހެނާއަށް ވަރަށް ބޮޑު ހިތާމައެއް އުފުލާން ޖެހުނު ކަމަކަށްވިއެވެ.

”ޒީލަން. އަހަންނަށް މާފުކުރޭ. އަސްލު އަހަރެމެން އެކަކަށްވެސް ވާނުވާއެއް ނޭނގުނީ. މިއަދު ޒީލަން ތިގޮތަށް ދިއުމަށް އަހަރެންނަށް އެދެވޭނީ ކިހިނެއް.” އަލްހެނާ ޒީލަންގެ ދެ އަތުގައި ހިފާލިއެވެ.

”އަލް އަހަންނަށް މާފުކުރީތަ؟” ޒީލަން ކަރުނަ ފޮހެލަމުން ބުންޏެވެ.

”އުހުނ މާފުކުރެވޭނީ ގޮތެއްގެ މަތިން.”

”އެއީ ކިހިނެއް؟”

”ޒީލަން އަހަރެންނާއެކު ފަޒީނުގެ ރިސޯޓުގައި ތިންދުވަހު ހުރެލަން ދިއުމުން. ސަބަބަކީ އަހަރެންނަށް ވަރަށް މުހިންމު މީހެއްގެ ޕާޓީވެސް އޮންނާތީ.”

”ނޫން އަލް. އަހަރެން ރަށަށްވެސް ދާންޖެހޭ. އަލްމެން އަދި ހަނީމޫނަކަށްވެސް ނުދަމެއްނު. އަލްމެންދޭ.”

”ނޫން އަލް. ފަޒީނު ރިސޯޓަކަށް ނުދުރުވާނެ. އަނެއްކާ މިދުވަސްކޮޅު އޭނާ ބޭނުންވެލައްވަނީ ގޭގައި އަރާމުކޮށްލެއްވުމަށް. ފަހީމާއްތަ އޭނާގެ ކަންތައް ބަލަހައްޓާނެ.”

” އެކަމަކު އަލް.”

”ޒީލަން ނުދާނަމަ އަހަރެން ޒީލަންއަކަށް މާފެއް ނުކުރާނަން. އަދި އަހަރެމެންގެ ރަހުމަތްތެރިކަން މިހިސާބުން ނިމުނީ.”

”ނޫން އަލް އެހެން ނަހަދާ. އަހަރެން ދާން އެއްބަސް.” އެންމެ ފަހުން ޒީލަން އަލްހެނާއާއެކު ދާން އެއްބަސް ވީއެވެ.

”އެކަމަކު އަލް ދިއުމުން ފަޒީން ކިހާ އެކަނިވާނެ.”

”އެކަންތަކާ ވިސްނާނީ އަހަރެން އޯކޭނު.”

ޒީލަން ކިތަންމެ ދާން ބޭނުން ނުވިނަމަވެސް އަލްހެނާއާއިއެކު ރިސޯޓަށް ދިޔައެވެ. ދެމީހުންގެ ދުވަސްވީ ރަހުމަތްތެރި ކަމަށްޓަކައެވެ. ރިސޯޓަށް ދިޔައީއްސުރެ އަލްހެނާ ފެންނަނީ ވަރަށް މަދުފަހަރަކުއެވެ. އޭނާ އުޅެނީ އެރިސޯޓުގެ ވަރަށް މުހިންމު މީހެއްގެ ޕާޓީގެ ބައެއް ތައްޔާރީ ތަކުގައެވެ. ފަޒީނުގެ އަނތްބަކަށް ވީފަހުން ފަޒީނުގެ ވިޔަފާރި ކަންތައްވެސް އޭނާ ބަލަހައްޓައެވެ. މިފަހަރު އޭނާ ބަލިވުމުގެ ސަބަބުން މިކަންތަކުގައި ޚުދު އޭނާ ހަރަކާތްތެރިވަނީ އެވެ.

”އަހަރެން ރިސޯޓަށް ގެނެސްފައި އަލް ތިއުޅެނީ އަހަރެންނަށް ފިލައިގެން.” ރެސްޓޯރެންޓުގައި ކާންތިބެފައި ޒީލަން ޝަކުވާކުރިއެވެ.

”ނޫން ޒީލަން. އަހަރެން މިއުޅެނީ ޕާޓީގެ ކަންތަކުގައި ވަރަށް ބުރަކޮށް. މާދަމާ އެކަންތައްވެސް ދެން ނިމޭނެ އޭރުން ހަމައަކަށް އެޅޭވަރުވާނެ.” އޭނާ އޮޅުންފިލުވައިދިނެވެ.

”ތީ ކާކުގެ ޕާޓީއެއްތަ؟ މިރިސޯޓުގައި އެކަންކުރާނެ މީހުން ނެތީތަ؟”

”އެއީ މިތާގެ ވަރަށް މަތީ މީހެއް. ފަޒީނަށް ނުދުރުވެވޭތީ އަހަރެންނަށް އެކަންތައް ބެލުމަށް ހަވާލު ކުރެއްވީ.” އަލް ވާހަކަ ދެއްކިއެވެ

ޒީލަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަލްމެންގެ ކައިވެނީގެ ފުރިހަމަކަން އޭނާއަށް އިހުސާސް ކުރެވުނެވެ. ފަޒީނު ބަލިވެ އުޅުއްވާއިރު އޭނާގެ މަސައްކަތުގައި އަލްހެނާ ހަރަކާތްތެރިވާތީ އޭނާ އުފާކުރިއެވެ. ފަޒީނަށް އަލްހެނާ ކަހަލަ ހަރުދަނާ ކުއްޖަކު ލިބިލެއްވުމުން މާތްކަލާނގެއަށް ޝުކުރުވެރިވިއެވެ.

”މާދަން ހަވީރު ފަހެއްޖަހާއިރު ޒީލަންވެސް ތައްޔާރުވާތި. ދެންއަހަންނަށް ހީވަނީ ބައްދަލުވާނީ ޕާޓީގެ ތެރެއިންހެން.” އަލްހެނާ ޒީލަން ކަންތައް ކުރަންވީ ގޮތް ބުންޏެވެ.

މެންދުރުގެ ކެއުމަށްފަހު ޒީލަން އޮށޯތީ ވާހަކަފޮތެއްކިޔާށެވެ. ފޫހިވާތީއެވެ. އެހެންއޮއްވާ ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ހޭލެވުނީ  ފޯނެއް އައިސްގެންނެވެ.

”ގުޅާތާ ކޮންއިރެއް. މިހާރު އެއޮށް ތިނެއްޖަހަނީ.” ވާހަކަދެއްކީ އަލްހެނާއެވެ.

”އަހަރެންނަށް ނިދުނީ.”

”އަވަހަށް ފެންވަރާ ތައްޔާރުވެބަލަ. ލާންވީ ހެދުމާއި އެހެނިހެން ސާމާނާއެކު އެހީތެރިވާ ދެމީހުން އެބަ ފޮނުވަން.”

”ނޫން އަލް އަހަރެން އެކަނި ތައްޔާރުވެލާނަން.”

”ޒީލަން އަނެއްކާވެސް އެއްކަލަ ގޮތަށް. ހުރިހާ އެންމެންނަށްވެސް ލާންވީ އެއްޗިހި ދެނީ މިތަނުގެ ފަރާތުން. އަވަހަށް ތައްޔާރުވޭ. ވިހިމިނެޓްގެ ތެރޭގައި އެމީހުން ދާނެ.” އަލްހެނާ ފޯނުބޭއްވިއެވެ.

ޒީލަންއަށް ނުހަނު ރަނގަޅަށް އަލްހެނާގެ ގޮތް އެނގެއެވެ. އެއީ ގޮތް ދޫކުރާނެ ކުއްޖެއް ނޫނެވެ. އެހެންކަމުން އަވަހަށް ފެންވަރާލިއެވެ. ފެންވަރާ ނިމުނުއިރު އެމީހުން އަތުވެއްޖެއެވެ.

”އަން މިހެދުން ލައްވާ.” ޔޫރަޕު އަންހެނާކާއި ދިވެއްސެއް ހަރަކާތް ތެރިވަމުން ދިޔައެވެ.

”މީހާދަ ބޮޑު ހެދުމެއް.” ދިގުކޮށް އޮތް ވެޑިން ޑުރެސްއެއްކަހަލަ ހެދުމަށް ބަލާލަމުން ޒީލަން ބުންޏެވެ.

”ތީ އަލްހެނާ މޭމް ދެއްވި ހެދުން. އަޅުގަނޑުމެންނަށް ދެއްވީ އެންމެ ދޮޅުގަޑިއިރު. އަވަސް ކުރެއްވުން އެދެން.” ދިވެހި ކުއްޖާ ވާހަކަދެއްކިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *