މި ބިންމަތީގައި ފަސާދައާއި، ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި ޢަމަލުތަކުގެ ސަބަބުންނެވެ. އެއީ ޙަޤީޤަތެއްކަން ބަޔާންކުރައްވައި މާތްﷲ ވަހީކުރައްވާފައި ވެއެވެ. ﴿ ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ ﴾ މާނައީ: " މީސްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢު ވުމަށްޓަކައެވެ."
އިސްވެދިޔަ އާޔަތުގެ މާނައަށް ވިސްނާލާއިރު، އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ، އުނދަގޫތަކާ ކުރިމަތިލާން ޖެހެނީ އިންސާނާ ކޮށްއުޅޭ ޢަމަލުތަކުގެ ސަބަބުންކަން އެނގެއެވެ. ހަމަ އެއާއެކު އިންސާނާ ފަސާދަކޮށްފައިވާ އޭނާގެ ޢަމަލުތައް ހެޔޮކޮށް، އޭނާގެ އަމިއްލަ ނަފްސު އިޞްލާޙުކޮށް ދިރިއުޅޭ ވެށި ސާފުކޮށް ތާހިރު ކޮށްފި ނަމަ، އެ ހުރިހާ ކަމެއް އަލުން ރަނގަޅުވާނެކަން އެނގެއެވެ. އެއީ އޭނާގެ އަތްމަތީގައި އޮތް ކަމެކެވެ.
މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ޢަމަލުތައް ބަހައްޓާނަމަ، މުޖުތަމަޢު އިޞްލާޙުވެ، ބަލިތަކާ ދުރުވެ، ސިއްޙަތަށް ރައްކާތެރިކން ލިބޭނެއެވެ. އެއާ ޚިލާފަށް ނަހީ ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ ބަލިމަޑުކަމާއި، ނާމާންކަން ފެތުރޭނެ އެވެ.
އިންސާނަކަށް ވީތީ، އޭނާގެ ކިބައިގާ ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި، ޖިންސީ ޣަރީޒާ ހިމެނެއެވެ. އެކަމަށް އިޖާބަދޭނޭ ޝަރުޢީ މިންގަނޑު މާތް ﷲ ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ޝަރުއީ ކައިވެންޏެވެ. މިއީ ޞައްޙަ ރައްކާތެރި ގޮތުގައި، ޖިންސީ ޣަރީޒާ ޙާޞިލު ކުރުމަށް ހަމަޖައްސަވާފައިވާ މަގެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ﴾ މާނައީ: "ތިޔަބައި މީހުންނަށްޓަކައި ތިޔބައިމީހުންގެ ނަފްސު ތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ." މިގޮތަށް އަންގަވާފައި މި ވަނީ މިއީ އިންސާނުންނަށް އެންމެ ލާބަހުރި ހެޔޮގޮތް ކަމުގައި ވީމައެވެ.
ޒިނޭއާއި، އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާޙިޝް ޢަމަލުތަކާ ގާތް ނުވުމަށް ﷲ ތަޢާލާ އަންގަވާފައިވަނީ، އެކަންކަމުގެ ނުބައިކަމާއި، އޭގެ ސަބަބުން، ދެދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑުކަމުންނެވެ. ﷲ ގެ މި ބަސްފުޅާ މެދު ނިކަން ވިސްނާށެވެ! ﴿ وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا ﴾ މާނައީ "އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވިއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދާހާ ނުބައިވެގެންވެއެވެ." މި އާޔަތުގައި ﷲ ތަޢާލާ އަންގަވަނީ، ޒިނޭއާ ގާތްވެސް ނުވުމަށެވެ. އެއްޗަކާ ގާތް ނުވާން ބުނެއުޅެނީ އެއެއްޗެއްގެ ނުރައްކަލާއި ގެއްލުން ނުހަނު ބޮޑުވީމައެވެ. ޒިނޭއާ ދުރުވުމަށް އެންގެވީ އޭގެ ސުންޕާކަމުގެ ސަބަބުން މުޖުތަމަޢު ފަސާދަވެ، ނަސްލު އޮޅުންބޮޅުވާނެތީއެވެ. އަދި އީމާންކަން ނިގުޅިގެން ދާނެތީއެވެ. އެކަން ބަޔާން ކުރައްވައި މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާބަސްފުޅެއްގެ މާނައިގާ ވެއެވެ. "ޒިނޭ ކުރާ މީހާ، މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭއެއް ނުކުރާނެއެވެ." އެބަހީ، އެވަގުތު އޭނާގެ އީމާންކަން އޭނާގެ ކބައިން ނެތިގެންދާނެއެވެ. ހަވާނަފްސުގެ އެދުންތަކަށް ކެތްތެރިވެ، ޢަމަލުތަކާ ދުރުހެލިވާ މީހުންނަށް ތަޢުރީފުގެ ބަސް ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ﴿ وَالَّذِينَ يَجْتَنِبُونَ كَبَائِرَ الْإِثْمِ وَالْفَوَاحِشَ وَإِذَا مَا غَضِبُوا هُمْ يَغْفِرُونَ﴾ މާނައީ: "އަދި އެއުރެންނީ ބޮޑެތި ފާފަތަކާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވެ ތިބޭމީހުންނެވެ. އަދި އެއުރެންނީ ރުޅިއަތުވެއްޖެ ހިނދެއްގައި މާފުކުރާ ބަޔެކެވެ."
އިންސާނީ ފިޠުރަތާ ޚިލާފު ފާޙިޝް ޢަމަލެއް ކަމުގައިވާ އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ޢަމަލު ކޮށްއުޅުނު މީހުންގެ މައްޗަށް، ﷲ ތަޢާލާ އެކަލާނގެ ކޯފާ އާއި، ޢަޛާބު ފޮނުއްވައި، އެބައިމީހުން ހަލާކު ކުރެއްވި ގޮތާ މެދު ނިކަން ވިސްނާށެވެ! މާތްﷲ ވަޙީކުރައްވާފައި ވެއެވެ. ﴿ فَلَمَّا جَاءَ أَمْرُنَا جَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهَا حِجَارَةً مِّن سِجِّيلٍ مَّنضُودٍ ، مُّسَوَّمَةً عِندَ رَبِّكَ ۖ وَمَا هِيَ مِنَ الظَّالِمِينَ بِبَعِيدٍ ﴾ މާނައީ "ދެން ފަހެ، ތިމަން ރަސްކަލާނގެ (ޢަޛާބުގެ) އަމުރުފުޅު އައި ހިނދު، އެ ރަށުގެ މައްޗަށް އޮތް ފުށް ދަށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮން ކުރައްވާފައިވާ މަށީގެ ހިލައިން ތިމަން ރަސްކަލާނގެ އެރަށަށް ވާރޭ ވެއްސެވީމެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވާފައިވާ ގޮތުގައެވެ. އަދި
އަނިޔާވެރިންނާ ދުރުގައިވާ ކަމެއް ކަމުގައި އެކަންތައް ނުވެތެވެ."
ކީރިތި ޤުރްއާންގައި ބަޔާން ކުރައްވާފައިވާ މިފަދަ ވާހަކަތަކުން ޢިބުރަތް ލިބިގަންނާށެވެ! ހިނދުކޮޅެއްގެ އުފަލާއި އަރާމަށްޓަކައި މައުސޫމު އަންހެނުންނާއި، ފިރިހެނުން، ދުނިޔޭގެ ދަހިވެތިކަމާއި، ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި، މަކަރާއި ހީލަތުން، ފާޙިޝް ޢަމަލުތަކަށް އަރައިގަތުމަށް އެ މީހުންނަށް މަޖުބޫރުކޮށް، ދެދުނިޔޭގެ ބާއްޖަވެރިކަމުން މަޙްރޫމު ނުކުރާށެވެ!
މަޢުލޫމާތު: ހުކުރު ޚުޠުބާ
