އިރުމަތި ފަރާތު އުދަރެހުން އިރު ފާއްދާލައިފިއެވެ. އިރުވައި މޫސުމުގެ ފުރަތަމަ އަސަރު ޖައްވަށް ވެރިވެއްޖެއެވެ. މަތީގައި ހޯރައަޅަމުންދާ ދޮންދޫނިތަކެވެ. ބައިގަނޑުގަނޑަށް ރަށްމައްޗަށް އަރާ އިރުވާހުދުތަކެވެ. އިރުންޖެހޭ ނަލަނަލަ ފިނި ރޯޅިތަކުން ޖައްވަށް ވެރިވެފައިވަނީ ތާޒާކަމެވެ.
ވަށާފާރު ނާޅާހުރި "ލިބޯމާގޭ" އަންހެންވެރިންގެ ތެރެއިން ދެތިންމީހުން އަވަދިނެތި އުޅެމުންދެއެވެ. ރޭގައި ކެއްކި މަސްތަކުގެ ހަމާއި ކަށިތައް ފިލުވުމުގައެވެ. ބައެއްމީހުން ގަރުދިޔަ ތެލިތަކުން ގަރުނަގާ ސާފުކުރަނީއެވެ. އަނެއްބަޔަކު ރިހާކުރު ކެއްކުމުގައި އުޅެއެވެ. ކުޑަކުދިން ގޯނި ފަޅިއަކަށް ކުރީ ދުވަހު ކައްކާ ދިލަ ޖައްސާފައި ހުރި ވަޅޯމަސްތައް ދުމަށި މަތިންނަގަނީއެވެ. އެކަކަށްވުރެ ކުރިން އަނެކަކު އެ މަސްތައް އަތްވަށްލުމުގެ މަސައްކަތް ކުރަމުންދެއެވެ. އެގެއަކީ ރަށުގެ ތަނަވަސް ގެތަކުގެ ތެރެއިންވެސް އަރާހުރި ގެއެކެވެ. ތިން މަސްދޯންޏާއި މާލެ ދަތުރުކުރާ ބޯޓެއް އޮންނަ މުއްސަނދި ގެއެކެވެ. ވިޔަފާރި ގެއަކާއި ދެ ޕިކަޕުގެ ޚިދުމަތް ދޭގެއެކެވެ.
އުމުރުން ސަތާރަ އަހަރުގެ ރުކާން އަތިރިއަށް ދިޔައީ ތެލިދޮންނާށެވެ. ވަށައިގެން ދެލި ހޭކިފައިހުރިހަތަރު ތެލި ވީލްބަރޯއަކަށް ލައިގެންނެވެ. ގޮނޑުދޮށާއި ހަމައަށް ދެވުމާއެކު ތެލިތައް ބިންމަތީގައި ބެހެއްޓިއެވެ. އޭނާ ދޮންވެލިގަނޑުގައި އިށީނދެލީ ވަރުބަލި ފިލުވާލާށެވެ. މިއީ ކޮންމެ ދުވަހަކަވެސް އޭނާގެ އާދައެވެ. ފަތިހު ފަސްގަޑި ބައިގާ އޭނާ ހޭލާގޮތަށް ޖެހިގެންހުރި ލުބޯމާގެއަށް އޭނާ ދަނީ އޭނާއަށާއި ބަލިމަންމައަށް ކެވޭނެ ގޮތެއް ހަމަޖެއްސުމަށެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން އެދެމައިން ވަނީ އެކަނިވެރިވެފައެވެ. ރުކާންގެ އެއްބަޑު އެއްބަފާއަށް ހުރި ހަމައެކަނި ދައްތަ ޒަލްފާ ވަނީ މީގެ ހަތަރު އަހަރު ކުރިން މީހަކާ އިނދެގެން އެހެން އަވަށަކަށް ގޮސްފައެވެ. އޭނާގެ ފިރިމީހާއަކީ ދޭތެރެދޭތެރެއިން ސިކުޑީގެ މައްސަލަ ދިމާވާ މީހަކަށްވާތީ ރަށުގައި އޭނާ މިހާރު މަޝްހޫރުވެފައި ވަނީ މޮޔަ އާދަނުގެ ނަމުންނެވެ. ޒަލްފާއަށާއި އާދަނަށް އަހަރު ދެކޮޅު ހަތަރު ކުދިން ލިބިފައިވުމާއި އާމްދަނީ ހޯދާނެ މަސައްކަތެއް ނުކުރުމުގެ ސަބަބުން އެއާއިލާވަނީ ރުކާންމެންނަށް އަޅާލެވުމުގެ ބަދަލުގައި އިންތިހާއަށް މީހުންގެ އެހީތެރިކަން ބޭނުން ވެފައެވެ.
ރުކާންގެ މައިންބަފައިން އުޅުނު އުފަންރަށް ދޫކޮށް މަޑުއްވަރީއަށް ހިޖުރަކުރިއެވެ. ދެފަރާތު އާއިލާއިންވެސް ނުގަބޫލުން ކުރި ކައިވެނިން ދިރިއުޅެން ދަތިވެގެންނެވެ. ނިޔާމަ ދިރިއުޅުމެއްގެ ފޮނިހުވަފެން ދެކެމުންނެވެ. އޭރު ލިބުނު ހެޔޮ ރައްޓެހިންގެ ސަބަބުން އެމީހުންނަށް ފާގަތި ދިރިއުޅުމެއް ލިބުނެވެ. ނަމަވެސް މިހާރު އެމީހުންގެ އުމުރުންދުވަސްވެއްޖެއެވެ. ރައްޓެހިންގެވެސް ދަރިން ބޮޑެތިވެއްޖެއެވެ. އެދަރިންގެ އެކިކަންކަމުގައި އަވަދިނެތި އުޅެން ފެށުމުން އެއާއިލާއަށް ލިބޭ ސަމާލުކަން ކުޑަވީއެވެ. ބީރައްޓެހި ރަށެއްގައި އެކަނިވީއެވެ. ބައްޕަ ނިޔާވުމުން އެދެމައިން ހާލުގައި ޖެހުނީއެވެ. މިއަދު ރުކާންގެ ބުރަމަސައްކަތުން މެނުވީ އެދެމައިންގެ ކެއިންބުއިމާއި އިތުރު ޚަރަދުތައް ހަމަޖައްސައެއް ނުލެވެއެވެ. އެހެންކަމުން ފަތިހުން ފެށިގެން އިރު އޮއްސެންދެން ލިބޯމާގޭގައި ޖެހުނުހާ މަސައްކަތެއް ކުރަމުން ދެއެވެ. އަދި އޭގެ އިތުރަށް ދައްތައަށް އެހީވުމުގެ ގޮތުން ރުކާން އެގެއަށްވެސް ގޮސްހަދައެވެ.
އޭނާ ތެލިތައް ދޮވެލުމަށްފަހު ބަރޯއަށްލިއެވެ. ދެންހުރި މަސައްކަތް ނިންމޭތޯ ހަލުވި ފިޔަވަޅުތަކެއް އަޅަމުން ގެއަށް ދިޔައެވެ. ރޭގައި އޭނާގެ މަންމަ ބަލިވެ އުޅުމުގެ ސަބަބުން ގިނަވަގުތު ހޭލާ އުޅުމުގެ ނަތީޖާއަކަށްވީ އިންތިހާއަށް އޭނާގެ ޅަހަށިގަނޑަށް ވަރުބަލިކަން އިހުސާސްވުމެވެ. ވަރުބަލި ފިލުވާލުމަށްޓަކައި އޭނާ ހިރުނދުގަސްދޮށުގައި ހުރި ޖޯލިފަތީގައި އިށީނދެލިއެވެ. ކުއްލިއަކަށް ނިދިޖެހުނީ އޭނާގެ ސަމާލުކަމަށް އެކަން ގެންނަން އިހުސާސްވެސް ނުކުރެވެނީހެވެ.
"އެއީ އާދަ. މަސައްކަތެއް ކޮށްފިއްޔާ އަނެއް ދެގަޑިއިރު އަރާމު ކޮށްލަންވާނެ." އެގޭގެ ވެރިމީހާ ކަމަށްވާ ހަސީނާ ބުނެލިއަޑަށް ރުކާނަށް ސިއްސައިގެން ގޮސް ހޭލެވުނެވެ.
"ތިހެން އޮތީމާ ކަމުދޭތަ؟ ބަލާބަލަ އަދި ބާކީހުރި މަސައްކަތްތައް. އަދި އެހުރީ މެންދުރަށް ނުވެސް ކައްކާ. އެއްޗެއް ކެވޭނީ ގައިމުވެސް މަސައްކަތެއް ކޮށްގެންނެއްނު. ހަމަ ހުރެފައެއް އެއްވެސް މީހެއްގެ އަނގަޔަކަށް ކާއެއްޗެއްސެއް ނުފައިބަޔޭ." ހަސީނާގެ އަޑު ފަހަރަކަށްވުރެ ފަހަރެއް ބާރުވަމުން ދެއެވެ.
"ދައްތާ. މަންމަ ރޭގައި މާބޮޑަށް ބަލިވެ އުޅޭތީވެ…"އޭރު ރުކާން ފެންކަޅިވެ ރޮވެން ފަށައިފިއެވެ.
"އެއްޗެކޭ ބުނެވޭކަށްވެސް ނޯވޭ ޅަކުއްޖެއްހެން ރޯވަރުން. އަހުމަދު ގާތު އޭރުވެސް ބުނިން މިކަހަލަ ކުދިން ގެންގުޅެންޏާ ނުބައިމީސްވުން ނޫންކަމެއް ނުވާނޭ. ކޮންމެހެން އައިމިނާމެން ހާލުބަލާ އެހީވާން މިއަންހެނާ މިގެއަށްލައިގެން އަހުމަދަށް ވަނީ ކޮންފައިދާއެއް." ހަސީނާ މޫނު އަނބުރާލާފައި ދިޔައެވެ. ރުކާން ކަރުނަ ފޮހެލާފައި ހަނޑޫތެލި ހިފައިގެން ބޭރުގައި ހުރި ފެން އިސްކުރު ކައިރިއަށް ދޮންނަން ދިޔައެވެ.
ކުއްލިއަކަށް ރުކާނަށް ނަޒަރު ހިންގާލެވުނީ ގޭގެ ވެރިމީހާ އަހުމަދަށެވެ. އޭނާގެ ކޮނޑުގައި ދަބަހެއް އަޅުވާލާފައި ވާއިރު ކައިރީގައި ނޫކަށިފުރައިގެ ޒުވާނެއް ހުއްޓެވެ. އެއީ ހިކިތޮޅި ގައިގެ ހަން އޮޅަލި ކުލައެއްގެ ފިރިހެންކުއްޖެކެވެ. ވިހި އަހަރަށްދާ މިކުއްޖާގެ އަތުގައި ދަބަހެއް އޮތެވެ. އުނަގަނޑާ ހަމައަށްވަނީ ބޯދިގު ކޮށްފައެވެ. އިސްތަށިގަނޑެކޭ ރޯނު ފޯލިތަކެކޭ ތަފާތެއް ނެތެވެ. ތަންތަން ކޮޅުގައި ދަބަރު ޖަހާފައިވާ ފަދަ އިސްތަށިގަނޑެކެވެ. ތުނބުޅި މަތިމަސް ބޭލި ދުވަހެއް ބުނާކަށް ނޭނގެއެވެ. ގަޔަށް ދޫ ހުދު ޓީޝާޓެކެވެ. ހީވަނީ ހޯލިކޮޅެއްގައި އެލުވާފައިވާ ފޮތިގަނޑެއް ހެންނެވެ. އޭގައި އެކި ކަހަލަ ލައްތައް ޖެހިފައިވާއިރު ދެއަތާއި އިނގިލިތައް ފުރިފައިވަނީ ރިހިކުލައި ފުޅާ އަނގޮޓި ތަކަކުންނެވެ.
"ހަސީނާ.. މީނާ މިގޭގައި ގެންގުޅޭނެ ތަނެއް ހުސްކުރޭ. ކުރިއަށްއޮތް ހަމަސްދުވަހު މީނާ ހުންނާނީ މިގޭގައި." އަހުމަދު ބުންޏެވެ.
"ހޫން. މިވެސް ތަނަކުން ފަސޭހައެއް ކޮށްދެވޭ ކަހަލަ މީހަކު ގެންނަނަމަ. މީހަކު މިރަށަށް އަރުވާލަންޏާ ފުރަތަމަވެސް ވައްދާނީ މިގެއަށް. މަށަކަށް ފަސޭހައެއްނޫން ކައްކާ، ކާންދީ އަދި އަންނައުނު ދޮވެދޭކަން. ބޮޑު ފިރިހެނަކަށް އަމިއްލައަކަށް އެކަންތައް ނުވަންޏާ ބެހެއްޓުމުގެ ބޭނުމެއްނެތް." ހަސީނާގެ ޒީލަގަދަ އަޑުން ބުނެލިއެވެ.
"އެންމެ ރަނގަޅު. މިގޭގައި އޭނާ ބެހެއްޓެން ނެތިއްޔާ އިދުރީސް ގޯއްޗަށް ފޮނުވާލާ. އެއީވެސް ނިކަން މީހުން ބޭނުންވާ ގޯއްޗެއް؟"އަހުމަދު ހަތިޔާރުގެ ބޭނުން ހިފިއެވެ.
"ކޮންމެހެން އިދުރީސް ގޯއްޗަށް ނުފޮނުވިޔަސް މިގޭގައިވެސް އޭނާ ބެހެއްޓި ދާނެއެއްނު. ގޭގެ މަސައްކަތް ނުކުރެވޭނެނަމަ ދެން ފޮނުވާލަންވީ." ހަސީނާގެ ރާގު މަޑުމައިތިރި ވެފައި އޯގާތެރިކަމަށް ބަދަލުވިއެވެ. އިދުރީހަކީ ހަސީނާއާއި އެއް ފެންވަރަކަށް ދާން މަސައްކަތްކުރާ މީހަކަށްވާތީ އެއީ ހަސީނާއަށް ރުހެވޭނޭ ކަމެއްނޫނެވެ. އެހެންކަމުން އޭނާ އެ ޒުވާން މިއުވާނު އެގޭގައި ބެހެއްޓުމަށް އެއްބަސް ވެއްޖެއެވެ.
ގޭގައި ވާރޭފެން ހުސްވެފައި ހުރުމުގެ ސަބަބުން ރުކާން ފެން ބަލާދިޔައެވެ. ގެކައިރީގައި ހުރި ފެން ތާންގީއަށެވެ. ފެންބަޑިޔަލެއް ބޮލަށްލައިގެން އަނެއްފެން ބާލިދީ ކިހިލިޖަހައިގެން އަންނަނީ ފަރިތަކަމާއެކީގައެވެ. އޭނާފެން ހިފައިގެން އަންނަނިކޮށް އެގޭ ކަންމަތީގައި ތިބިމީހުން ބަލަމުން ދިޔައެވެ. ޖަބުރޯލުގަހުގެ ހިޔަލުގައި ތިބި ދެ ފިރިހެން ކުއްޖަކާއެކު މިއުވާންވެސް ހުއްޓެވެ. މިއުވާން ޝައުގުވެރިކަމާއެކު ރުކާނަށް ބަލަން ހުރެވުނެވެ. އެއީ ރުކާންގެ ހުރި ރީތިކަމަކާއި ފަރިކަމަކުން ނޫނެވެ. ރަށްފުށުގައި އަންހެން ކުދިން މުރާލިކަމާއި ހީވާގި ކަމުންނެވެ. ކަންކަމުގައި ހުރި ހުނަރުވެރިކަމާއި ވައްޓަފާޅިންނެވެ. ރުކާނަށް މިއުވާންގެ ބެލުމުން އުނދަގޫވިއެވެ. އެއްވެސް ފިރިހެނަކު އޭނާއަށް ބެލުމަކީ އޭނާ ރުހޭ ކަމެއް ނޫނެވެ.
"ހާދަވަރަކަށް ތިބަލަނީ. ހިތްކީދޯ." އެފިރިހެން ކުދިންތައް މިއުވާނާއި ދިމާކޮށްލިއެވެ. މިބުނިބަސް ރުކާންގެ ކަންފަތުގައި ޖެހުމާއެކު ފުރަތަމަ ފަހަރަށް މިއުވާންދެކެ އޭނާ ފޫހިވެއްޖެއެވެ. މިއީ ރުކާންގެ އާދައެވެ. ފިރިހެނަކު އޭނާއަށް ސަމާލުކަން ދެންޏާ އެމީހެއްދެކެ އޭނާ ނަފުރަތު ވެއެވެ. އޭނާ ކުރިއަށްވުރެ ބާރަށް ހިނގާފައި ދިޔައީއެވެ. އެދުވަހުން ފެށިގެން ރުކާން މިއުވާނާއި ވީހާވެސް ދުރުގައި އުޅެވޭތޯ ބަލައެވެ.
"ނޫން. މިހިތަށް އަރަނީ މިރަށުކުދިން މާލޭގައި ދިރިއުޅޭ ކުދިންނާ ހާދަ ތަފާތޭ." މިއުވާން އެކުދިންނަށް ތެދުތެދަށް ޖަވާބު ދިނެވެ.
ޖެހިގެން އައިދުވަހު ރުކާން އުޅުނީ މަސްކެއްކި ތެލިތައް ދޮވުމަށްޓަކައި ގެންދަން ވީލްބަރޯއަށް ތެލިތައް ނުލެވިގެންނެވެ. މަސްކައްކާ ބާކީވެފައި ހުރި މަހުގެ ކަށިތައް ހުރުމުގެ ސަބަބުން ތެލިތައް ލާން އެތައް މަސައްކަތެއް ކުރަމުން ދިޔައެވެ. ނަމަވެސް ރުކާނަށް ކާމިޔާބު ނުވެގެން އުޅޭތަން މިއުވާނަށް ފެނުނެވެ. މިއުވާނުގެ ހިތުގައި އެކުއްޖާއާ މެދު ހަމްދަރުދީ ވެވުނެވެ. މިކަމާ އެހީތެރި ވުމަށްޓަކައި މިއުވާން ތެލީގެ އެއްކޮޅުގައި ހިފާލުމުން ރުކާން ދޫކޮށްލިއެވެ.
"ހަސަނާ. އާދެބަލަ މި ތެލިތައް ބަރޯއަށް ލައިދޭން." ރުކާން އެނބުރިލާފައި އަޑުގެ ކޮޅަށް ގޮވާލިއެވެ. ނަމަވެސް މުޅި ހިސާބުގަނޑުގައިވެސް މީހަކު ފެންނަން ނެތް ކަމުން އެއަޑު އިވޭނެ މީހެއްވެސް ނެތެވެ. އެހެންނަމަވެސް މިއުވާންގެ އެހީ ހޯދުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. އެހެންކަމުން ގައިގެ ހުރިބާރެއްލާފައި ތެލި ހިއްލާލާ ބަރޯއަށް ލިއެވެ. އޭރު ބައެއް ކުނިތައް ބޭރަށް އެޅުނު ނަމަވެސް މިއުވާނަށް ނުޖައްސާ އެކަން ކުރެވުމުން އޭނާ ހިތްހަމަ ޖެހުނެވެ.
ރުކާންގެ މިއަމަލުން މިއުވާން ހައިރާންވިއެވެ. އޭނާ ދުވަހަކުވެސް މިހާ ހަރަކާތްތެރި ކުއްޖަކު ނުދެކެއެވެ. އެއްވެސް ސަބަބަކާ ނުލާ މިއުވާނު އެކަހެރި ކޮށްލާ ކޮށްލުމަށްވަރަށް ގަޔާވެވިއްޖެއެވެ. ފެނުނަސް ފެންނަކަމަށް ނުހަދާ އުޅޭގޮތަށް ސަމާލުކަން ދެވެން ފަށައިފިއެވެ. މީގެކުރިން ހުރިހާ އަންހެންކުދިންވެސް އުޅެނީ އޭނާގެ ގާތްކަން ހޯދާށެވެ. ނަމަވެސް މިއަދު އެ އަންހެން ކުއްޖާ އުޅެނީ މިއުވާނާ ދުރުވާށެވެ.
ބަރޯގެ އަރިއަކަށް ތެލި ލެވިފައިވާތީ ރުކާނަށް ބަރޯ ހިފައިގެން ކުރިއަށް ދާން އުނދަގޫ ވިއެވެ.އެކަމަކު މިޒާޖުގައި ހުރި ގޮތްދޫ ނުކުރުން ރުކާން ކުރިއަށްދާން މަޖުބޫރު ކުރެއެވެ. މިއުވާން ބަލަން ހުރުމުން މިއުވާނުގެ ސަމާލުކަން އޭނާއަށް ހިނގައިދާނެތީ އޭނާ ހުއްޓޭކަށް ބޭނުމެއް ނޫނެވެ. ކުއްލިއަކަށް ބަރޯވެއްޓި ހުރިހާ މަސްކަށިތަކެއް އެތަނަށް ބުރައިގެން ދިޔައެވެ. އެވަގުތު މިއުވާން އޭނާއަށް އެހީތެރި ވެދޭން ދިޔައެވެ.
"ކޮންމެހެން ކަލޭނަޔަކަސް އަހަރެންނަށް މިކަންވެދާނެ." ރުކާން ނުރުހުންތެރި ރާގެއްގައި ބުނެލިއެވެ. އޭނާ ދެލޯ ބޮޑުކޮށްލާ މިއުވާނަށް ކަޅި އަޅާލިއެވެ.
"ވާނަމަކާ ނުއެއް ވެއްޓުނީހެއްނު." ރުކާން އެހެން ބުނުމުން މިއުވާން ހިތްހަމަނުޖެހިހުރެ ބުންޏެވެ. ދެން ދުވަހަކުވެސް އެ ފޮނިކުއްޖާއަށް އެހީތެރިނުވާން ނިންމައިގެން ހުރެ ދިޔައީއެވެ. ދުރުން އައި ހަސަނަށާއި ރައޫފަށް މިމަންޒަރު ފެނުނު ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނީ އަދި މިއުވާން މިރަށަށް އާވާނެކަން ވިސްނޭތީއެވެ.
މިކަހަލަ ކިތަންމެ ހާދިސާއެއް މިވީ ދެހަފްތާ ތެރޭގައި ހިނގާދިޔައެވެ. ވާހަކަ ދައްކަން ޖެހޭ ކިތަންމެ ފުރުސަތެއް ލިބެއެވެ. ރުކާން އަބަދުވެސް އުޅެނީ މިއުވާނާއި ވާހަކަ ނުދައްކާ ވޭތޯ ބަލާށެވެ. އެއްވެސް ފިރިހެން ކުއްޖަކު އޭނާއާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އެފަދަމީހަކާއި ގާތްކަން ބާއްވާކަށް އޭނާ ނޭދެއެވެ. އޭނާގެ ދައްތަގެ ހަޔާތުގައި ކަންތައް ހިނގާފައި ވާގޮތް ހިތުގެ އަޑީގައި ހަރުލާފައި ވާތީއެވެ. ދައްތަ ފުރާވަރަށް އަޅައިގެން އައިއިރު ޒުވާން ފިރިހެން ކުދިން ގޭދޮށުން ހުސްނުވެއެވެ. މިކަމާ ބައްޕައާއި މަންމަ ހިތްހަމަ ނުޖެހި ހަޅޭއްލަވައެވެ. އެއަޑުނާހާ ދައްތަ ދިޔައީ ފިރިހެން ކުދިންނާއި ގާތްކަން ބާއްވަމުންނެވެ. އެދުވަސްވަރު ދައްތަ ރައްޓެހި ވެގެން އުޅުނު މަޖީދާއި ރުޅިވެ މިހާރު އިނދެގެން އުޅޭ އާދަނާއި ރައްޓެހިވިއެވެ. އެދެފިރިހެނުންގެ މެދުގައި އެތައް ކޯޅުމެއް ހިނގިއެވެ. އޭގެ އަސަރު ބައެއް ފަހަރު ދައްތަ އެކަނި ބޭރަށް ނިކުމެއްޖެނަމަ ކުރެއެވެ. މަޖީދުގެ ކޮންމެވެސް އަނިޔާއެއް ތަހައްމަލު ކުރަން ޖެހުނެވެ. ތުންތުން މަތިން ދެކެވޭ ވާހަކަ ތަކުގައި އެންމެފަހުން މަޖީދު ދައްތައަށް ފަންޑިތަ ހެދީއެވެ. އޭގެ ނުބައި އަސަރު އާދަނަށް ކޮށްގެން އޭނާވަނީ ކައިވެނީގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔެއިން މޮޔަވެފައެވެ. މަޖީދުވަނީ މިހާރު އެހެން ރަށެއްގައެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
