މަޑުމަޑުން އަހަރެންގެ ގައިން ވަރުދޫވަމުން ދާހެން ހީވިއެވެ. ނޭވާހާސްވެ އެތެރެހަށި ކުދިކުދިވަނީހެން ހީވާކަހަލަ އުނދަގޫތަކެއް ވަމުންދިޔައެވެ. ދެލޮލުންފައިބާ ކަރުނަތަކުން އަހަރެންގެ ގަމީސް ތެމެމުން ދިޔައެވެ. އެންމެފަހުން ނޭވާލާން ދަތިވެ ބޯއަނބުރާހެން ހީވާތީ މަޑުމަޑުން ހުރި ދިމާއަށް ތިރިވަމުން ދިޔައީމެވެ. ނުހާ މަންމައަކީ ނުހާފަދަ އޯގާވެރިއެއް ކަމުން އޭނާ އަހަރެން ގައިގާ ހިފަހައްޓައި ގަޔާ ކައިރިކޮށްލިއެވެ. މާޔޫސްވާކަށް އަދި ނުވާކަމާއި ނުހާއަށް އެއްވެސް ކަމެއް ނޭނގޭ ކަމަށް ބުނެ ނުހާ އޮތްތަނަށް އަހަރެން ގެންދިޔައެވެ.
ނުހާ އޮތީ ދެލޯ މެރިފައެވެ. ނޭވާލަމުން ދަނީ މެޝިނެއްގެ އެހީގައެވެ. މުޅިތަނަށް ވެރިވެފައިވަނީ ނުހާގެ ނޭފަތަށާއި ހިތަށް ގުޅާފައިވާ މެޝިނުތަކުގެ އެހީގައެވެ. އެ ލޯބިލޯބި މޫނުވަނީ ކަޅުވެ އަނދާފައެވެ. އެ ތުނިތުނި ހަށިގަނޑު ވަނީ ދުޅަވެ ފުފިފައެވެ. އަހަރެންނަށް ކުރިއަށް ދާން ދަތިވިއެވެ. ކަކުލުހުޅުން ވާގި ދޫވަމުން ދާހެން ހީވިއެވެ. އަހަރެން ގޮސް ނުހާގެ އަތުގައި ހިފާލުމާއެކު އޭނާ ލޯހުޅުވާލިއެވެ. އުނދަގޫ ގޮތަކަށް ހިނިތުންވެލިއެވެ. ނަމަވެސް އެ ރީތި ދެ ލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. މިދުނިޔޭން ދިމާވި އެންމެ ހިތްވަރު ގަދަ ކުއްޖާގެ ލޮލުން ކަރުނަ އަންނަމުންދާތަން އަހަރެންނަށް ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟
"ޝާމް" އަހަރެންގެ އަޑު ނުނިކުތުމުން ކަންނޭނގެއެވެ. ބަލި އަޑަކުން ނުހާ އަހަރެންނަށް ގޮވާލިއެވެ. އަހަންނަށް ނުހާގެ އަޑު އަންނަނީ އިކޯވަމުންނެވެ. ނުހާވެސް ފެންނަނީ ވަރަށް ފުސްކޮށެވެ. ވަށައިގެންވެސް ފެންނަނީ އެ ލޯބި ނުހާއެވެ. ހަތަރު ނުހާއެއް އަހަރެންގެ ލޯކުރިމަތީގައި އެނބުރެމުން ދިޔައެވެ. އަހަރެންގެ ސިކުނޑި މަސައްކަތް ކުރަމުން ދަނީ ރަނގަޅަކަށް ނޫންކަން އަހަންނަށް އިހުސާސް ވަމުން ދިޔައެވެ. އަހަރެން ހުރިދިމާއަށް މަޑުމަޑުން ތިރިވަމުން ދިޔައެވެ.
އަވަސް ފަރުވާޔާއެކު އަހަރެންވެސް އައިސީޔޫއަށް ބަދަލުކުރިއެވެ. ދެބަ ދޭތެރެއިން ކަހަލަގޮތަކަށް ނުހާ އަހަރެންގެ އެނދުގެ ކައިރީގައި އޮންނަހެން ހީވެއެވެ. ފުސް މަންޒަރުތަކެއް ދޭތެރެ ދޭތެރެއިން އަހަރެންނަށް ފެނެއެވެ. ނުހާ އަހަރެންގެ އެނދުގައި އޮންނަތަންވެސް ފެނެއެވެ. އަހަރެންގެ ސިކުނޑި ނުބައިކޮށް މަސައްކަތް ކުރަނީ ކަންނޭނގެއެވެ. އަހަރެން އައިސީޔޫގައި އޮތީ ކިހާދުވަހެއް ކަމެއް ނޭނގެއެވެ. ހޭއެރިއިރު އަހަރެން އޮތީ އިންޑިޔާގެ ހޮސްޕިޓަލެއްގައެވެ. އަހަރެން ފުރަތަމަވެސް ނުހާ ކޮބައިތޯ ބެލީމެވެ. އަހަރެން ފުރާނަޔަށްވުރެވެސް ބޮޑަށް ލޯބިވާ އެ އަންހެން ކުއްޖާގެ ޚަބަރެއް ނުވުމުން ހިތް ހަލާކުވިއެވެ. ތަކުރާރުކޮށް ނުހާގެ ވާހަކަ އަހަރެން އަހަމުން ދިޔައީމެވެ. އަހަރެންގެ މަންމަ ރޮވިފައިވާ ހާލު ފޯނުނަގާ ނުހާއާއި ގުޅައިދިނެވެ.
"ނުހާ. ނުހާ ބަލިވެ އުޅޭ އިރުވެސް އަހަރެންނަކަށް ނުދެވުނު. ކުޑަކަމެއް ދިމާވީ." އަހަރެން ނުހާއަކަށް އެއްވެސް ކަމެއް އަންގަން ބޭނުންނުވާތީ ދޮގުހެދީމެވެ.
"ޝާމް. އަހަރެންނަށް ހުރިހާ ކަމެއް އެނގިއްޖެ. އިތުރަށް އޮޅުވާނުލާ." ނުހާ ގިސްލަމުން ދާއަޑު އަހަރެންނަށް އިވެއެވެ.
"ނުހާ. ހުއްޓާލާ. މި ދުނިޔޭގައި ދިރިއުޅުމުގެ އެއްވެސް އުންމީދެއް ނެތީ އަހަރެންގެ. އަހަރެންނަކީ މާދަމާ މިދުނިޔެ ދޫކުރަން ތައްޔާރުވެފައި ހުރި މުސާފިރެއް. އެކަމަކު ނުހާ މިދުނިޔޭގައި އުޅެން ޖެހޭނެ. އަހަރެންނަށް ހިނިތުންވާން ދަސްކޮށްދިނީ ނުހާ. ނުހާއަށް އަހަރެންގެ ކިޑްނީ ދޭން އަހަރެން ހުރިހާ ކަމެއް ނިންމައިފީން. އަހަރެންނަށް ބުނެވުނީ އެހިސާބަށް. ދުނިޔެ ވަށައިގެން ފެންނަކޮންމެ އެއްޗެއް ހީވަނީ އެނބުރެމުން ދާހެން. އަހަރެންގެ އެދުމާއި އެއްގޮތަށް އަހަރެންގެ ތިމާގެ މީހުން ކަންތައް ކުރާނެކަމުގެ ޔަގީންކަން އަހަރެންގެ ހިތުގައި އެބައޮތް." އަހަރެންނަށް ލޯމެރުނެވެ.
——————————————————————————-
"މީ އަހަރެން އެންމެ ލޯބިވާ ދޮންބެގެ ހަޔާތުގެ ސަފްޙާތައް އަހަންނަށް ކިޔައިދިން ގޮތް". ޝާން އުދޯލިން ތެދުވިއެވެ. އޭނާއަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ.
"ދެން ކިހިނެއްތަވީ"؟ ޝާނާ ވަނީ އެވާހަކަތައް އެހުމަށް ކެތް މަދުވެފައެވެ.
"ދެން ހިނގާދިޔަ ހުރިހާކަމެއް ހިނގީ އަހަރެންގެ ކުރިމަތީގައި." ޝާން ފެންކަޅިވެފައިވާ ދެލޯ ފޮހެލިއެވެ.
"މިހާރު ކޮބައިތަ ރިފާ.؟"
"އަހަރެން އެވާހަކަތައްވެސް ކިޔައިދޭނަން." އުނދޯލީގައި އިން ޝާނާއަށް އަނެއްކާވެސް އެ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
އެދުވަހު ބޭބެ އެދުނީ އެންމެ ކަމެކެވެ. ބޭބެގެ އޮޕްރޭޝަންގެ ތެރޭގައި ބޭބެގެ ކިޑްނީ ނަގާ ނުހާއަށް ދިނުމަށެވެ. މަންމަޔާ ބައްޕަޔާއި ގާތްތިމާގެ މީހުން ބޭބެ ދުނިޔެއަށް އަންނާނެ ކަމުގައި ބުނަމުން ދިޔައެވެ. އޮޕްރޭޝަން ކާމިޔާބު ވާނެކަމަށް ބުނަމުން ދިޔައެވެ. އެވަގުތު އެންމެންނަށްވެސް ރޮވެނީއެވެ. އެއީ ބޭބެއަކީ އާއިލާގައި ހުރި އެންމެ ބަސްއަހާ އެންމެންގެ ކަންތައްތަކާއި ވިސްނާ ކުއްޖަކަށް ވާތީ އޭނާއަށްޓަކައި ޚާއްސަ ލޯތްބެއް އެންމެންގެ ހިތުގައި ވާތީއެވެ. އެހާ ޅައުމުރުގައި ބޭބެގެ ފުރާނަ ހިނގައިދާނެކަމަކަށް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވުނެވެ. އެކަމަކުވެސް ބޭބެ ގޮތްދޫނުކޮށް ބުނަމުން ދިޔައީ ދުނިޔެއަށް އަޔަސް ނުހާއާއި ނުލާ އުފަލެއް ނެތްކަމަށެވެ. ބޭބެގެ ކިޑްނީ ނުހާއަށް ދިނުމަށް އާދޭސް ކުރަމުން ދިޔައެވެ. ބޭބެގެ ކިޑްނީ ނުހާއަށް ބަދަލުކުރުމުގެ ހުރިހާކަމެއް ނުހަނު ފަސޭހައިން ހަމަޖެހުނެވެ. އެއީ ނުހާގެ އަދި ބޭބެގެ ހުރިހާ މެޑިކަލް ރިޕޯޓެއް ދިމާވުމުގެ އިތުރަށް ނުހާއަކީ މުއްސަނދި ބާރުގަދަ އާއިލާއެއްގެ ކުއްޖަކަށްވާތީއެވެ
ވަރަށް އެމަޖެންސީކޮށް ނުހާ އިންޑިޔާއަށް ގެނެވުނެވެ. ހަމަ އެއްހޮސްޕިޓަލެއްގައި ނުހާއާއި ބޭބެގެ އޮޕްރޭޝަން ކުރުމަށް ޓަކައި އެޑްމިޓް ކުރެވިފައިވެއެވެ. ނުހާ އެދެމުން ދިޔައީ އެއްފަހަރު ނަމަވެސް ބޭބެ ދެކެލުމަށެވެ. އެހުރިހާދުވަހު އޭނާޔަށް ހިތްވަރު ލައިދެމުންދިޔަ ބޭބެގެ ބޮޑު ބަލި ސިއްރުކޮށްފައިވާތީއާއި ނުހާއަށް ހިތްވަރުލާދެމުން ދިޔައީތީ ނުހާއަށް ވަނީ ބުނެދޭންވެސް ނޭނގޭ އަސަރުތަކަކާއި ހަނގުރާމަކުރަން ޖެހިފައެވެ. ބޭބެގެ ކެތްތެރިކަން ނުހާއަށް ވީ ދުވަހަކުވެސް މީހަކު ފަރާތުން ނުދެކޭ ވަރުގަދަ ހިތްވަރަކަށެވެ. އެދެމީހުންގެ ލޯބީގެ ވަރުގަދަކަން ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި ނަރުހުންވެސް ހައިރާންކޮށްލިއެވެ. ޚާއްޞަ ބެލުމެއްގެ ދަށުން އެދެކުދިން އެއްތަނަށް ގެނެވުނެވެ. ބޭބެ އޮތީ މެޝިނެއްގެ އެހީގައެވެ. ފުރާނަ ކިރިޔާ ހުރިފަދައެވެ. ނޭވާލަނީވެސް އެ މެޝިނެއްގެ އެހީގައެވެ.
ނުހާގެ ހިތް ކުދިކުދިވަމުން ދިޔައެވެ. އޭނާގެ އެނދު ވަނީ ބޭބެގެ އެނދާއި ވަރަށް ކައިރީގައެވެ. ނުހާ ގިސްލަމުންދާ އަޑުން ބޭބެއަށް ގޮވާލިއެވެ. ބޭބެގެ އެއްވެސް ޚަބަރެއް ނުވެއެވެ.
"ޝާމްއާއި ނުލާ އަހަރެންނަކަށް ނޫޅެވޭނެ. ދުނިޔޭގެ ހުރިހާއެއްޗެއް ލިބުނަސް އަހަރެންނަށް ދިރިއުޅޭކަށް ދެނެއް ފަސޭހައެއް ނޫން. ޝާމް ލޯ ހުޅުވާލާ. އަވަހަށް ރަނގަޅުވޭ. ދެމީހުން އެއް ކިޑްނީ ލައްވައިގެން އުޅެވިދާނެ. ދުނިޔޭގެ ކިތައްމީހުން އެންމެ ކިޑްނީޔަކާއި ނުލާވެސް އެބައުޅޭ. ޝާމް އަހަރެންގެ ކުރިމަތީގައި ހުންނަ ނަމަ… އަހަރެންގެ އަތުގައި ހިފާލައިގެން ހުންނަނަމަ އަހަރެންނަށް ރަނގަޅޭ ޑަޔަލެސިސް ހަދާލަ ހަދާލަ ހުންނަންވެސް. " ނުހާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. ކުރިން ބަލިނުވާވަރަށް ބަލިވެފައިވާ އަސަރުތައް ނުހާގެ މޫނުމަތީން ފެންނަމުންދެއެވެ.
ކުއްލިއަކަށް ބޭބެ ހަރަކާތްކޮށްލިއެވެ. ބޭބެގެ އިނގިލިތައް ތަޅުވާލިތަން ނުހާއަށްވެސް ފެނުނެވެ. ނުހާ ބޭބެގެ އެއަތުގައި ހިފާލިއެވެ. ދެފަރާތުގެ އާއިލާވެސް ނުހަނު ދެރަވެފައި އެމަންޒަރު ބަލަންތިއްބެވެ. ކަރުނަ ނާންނަ އެންމެ ލޮލެއްވެސް އެތާކު ނެތެވެ. ލޯނުފުހޭ ނޯއް ނުދަމާ އެންމެ މީހެއްވެސް ނެތެވެ. އެއީ ހިތްދަތި ވަގުތުކޮޅެކެވެ. އަހަރެންމީ ބޭބެއާއި އެންމެ އެއްކޮށް އުޅުނު ކޮއްކޮއެވެ. އަހަރެންގެ ހިތް ހީވީ ކުދިކުދި ވަމުން ދިޔަހެންނެވެ.
ކުއްލިއަކަށް ބޭބެ ލޯހުޅުވާލިއެވެ. ނުހާއަށް ބަލާލާފައި އަތުގައި ހިފާލިއެވެ. ވަރަށް ލޯބި ހިނިތުން ވުމަކުން ހިނިތުންވެލިއެވެ. އެއްޗެއް ބުނަން ވެގެން ތުންވެސް ތަޅުވާލިއެވެ. ނަމަވެސް ކުއްލިއަކަށް ބޭބެއަށް ގުޅާފައިވާ މެޝިނު ތަކުގެ އެލާމް ގެ އަޑު އެ ހިމޭން މާހައުލު ހަލަބޮލި ކޮށްލައިފިއެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އަވަސް ހަރަކާތް ތަކުން އެދެމީހުން އޮޕްރޭޝަން ކުރާ ތިއޭޓަރަށް ވެއްދިއެވެ. މަންމަ އަޑުން އަޑުނަގާ ރޯންފެށީ އެވަގުތެވެ. އަހަރެންނަށްވެސް ކެތެއް ނުކުރެވުނެވެ. ބައްޕަ ގައިގާ އޮޅުލައިގެންފައި ބާރަށް ރޮއިގަތީމެވެ.
ބާރަ ގަޑިއިރު ވެއްޖެއެވެ. އަދިވެސް ދެ އާއިލާއިން ކުރެ އެކަކުވެސް ގުޑާނުލާ ތިބީ އޮޕަރޭޝަން ތިއޭޓަރު ކުރިމަތީގައެވެ. އެމީހުންނަށް ކަރު ހިއްކާކަމެއް ބަނޑުހައިވާކަމެއް އިހުސާސެއް ނުވެއެވެ. ގޮނޑީގައި ބިއްޖެހި ނިދިޖެހިލާ މީހުންވެސް ސިއްސައިގެން ތެދުވަނީ އެދެކުދިން ހުވަފެނުން ފެންނާތީއެވެ. މިއީ ހިތްދަތިކަމުން ފުރިގެންވާ ވަގުތުކޮޅެކެވެ.
ކުއްލިއަކަށް ތިއޭޓަރުން ޑޮކްޓަރެއް ނިކުމެއްޖެއެވެ. ނުހާގެ ހަށިގަނޑުގައި ބޭބެގެ ކިޑްނީ ކާމިޔާބުކަމާއިއެކު މަސައްކަތް ކުރަން ފެށިކަމުގެ ޚަބަރުދިނެވެ. އަދި ބޭބެގެ ސިކުނޑީގެ އޮޕްރޭޝަންވެސް ނިމި ވަގުތުކޮޅެއް ބަލާލަން ބޭނުންވާކަމަށް ބުންޏެވެ. އަނެއްކާވެސް ދިޔައީ ނޭވާ ހިފަހައްޓާލަން ޖެހޭ ވަގުތުކޮޅެކެވެ. ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ދިޔަ ވަގުތުކޮޅެކެވެ. އޭގެ ފަސްގަޑިއިރުފަހުން އަނެއްކާވެސް ޑޮކްޓަރުންތަކެއް ނިކުމެއްޖެއެވެ. ދެ ކުދިންވެސް ނެރެވިއްޖެއެވެ. ނަމަވެސް ދެ އެނދުގައިވެސް ވަނީ ހުދުފޮތިން ހަށިގަނޑު ފޮރުވާލެވިފައެވެ.
ހީކުރި ގޮތާޚިލާފަށް އެއްވެސް ކުއްޖެއްގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ދެކުދިންވެސް ދުނިޔެ ދޫކޮށް ދިޔައީއެވެ. ދުނިޔޭގައި ހުންނާނީ އެކަކު އަނެކަކަށްޓަކައި ކަމަށް ވަޢުދުވަމުން އޮޕްރޭޝަން ކުރަން ވަން ދެކުދިން ދުނިޔެއިން އަބަދުގެ އަބަދަށް އެ ދިޔައީ ދެމިހުންނަނިވި ދާއިމީ ހަޔާތަކަށެވެ.
އެކެއްގެ ލޮލުންވެސް ކަރުނަ ހުހެއްނުވެއެވެ. މަންމަ ވަނީ ހުއްޓުން އަރާފައެވެ. އެންމެ އޯގާތެރި އެންމެ ބަސްއަހާ ދަރިފުޅު ބީވެގެން ދިއުން ވީ މަންމައަށް ގަބޫލުކުރަން ދަތިވި ހަގީގަތަކަށެވެ. މިދުނިޔެއިން އަހަރެން ދުށް އެންމެ ހިތްވަރުގަދަ މީހާ އަހަރެން ގެ ބައްޕަ ގިސްލަ ގިސްލާފައި ރޯތަން އަހަރެން ދެކުނީ އެދުވަހުއެވެ. ޑޮކްޓަރުންވެސް ފެންކަޅިވި ދުވަހެއް މިނޫނީ އަހަރެން ނުދެކެމެވެ. އޭގެފަހުން ހަތަރު އަހަރުވެއްޖެއެވެ. އަހަރެންނަށް އަދިވެސް ރަނގަޅަކަށް ނުނިދެއެވެ. މަންމަ އަދިވެސް އުޅެނީ އޭރުގެ ހިތާމަތަކަށް ލުޔެއް ނުލިބިގެންނެވެ. ގޭތެރޭގައި ވަނީ އެހިތާމަޔާއި ފަޅުކަމެވެ. ބޭބެ ދިޔައީ އަހަރެމެން އެންމެން ރޮއްވާފައެވެ. މާތްﷲ އެދެކުދިންނަށް ސުވަރުގޭގެ ނިއުމަތް ދެއްވާށިއެވެ.
"އާމީން. އަދިވެސް ރިފާއަށް ވީގޮތެއް ނޭނގުނު." އެ އަސަރުގަދަ ވާހަކަތަކުންޝާނާއަށް ރޮވުނެވެ.
"އެ ހުރީއެއްނު ތެމިގެން އަންހެނެއް." މޫދަށް އެރިގެން އަންނަމުން ދިޔަ އަންހެނަކާ ދިމާއަށް ޝާން އިގިލި ދިއްކޮށްލިއެވެ.
" އެ މުޑުދާރު މޮޔަ މީހާތަ؟" ޝާނާއަށް ބުނެވުނެވެ.
"އާނ. އެހެން އަންހެނެއް ފެނިގެން އޭނާގެ ފިރިމީހާ އޭނާ ދޫކޮށްފައި އެހެން ރަށަކަށް ބަދަލުވިތާ މާގިނަ ދުވަހެއް ނުވަނީސް އޭނާ ދުނިޔެއިން މޮޔަވީ. މީހުން ބުނާ ގޮތުގައި އޭނާއަށް ލިބުނު ދަރިފުޅު މޫދަށް ގެނބިގެން މަރުވި ހިސާބުން އޭނާ ކޮންމެ ރެއަކު މޫދަށް ދޭ. އޭނާގެ ޢާއިލާ މީހުންވެސް މިހާރު އޭނާއަކަށް އަޅައެއްނުލާ." ޝާން ބުންޏެވެ. ޝާނާ ތެދުވެ އޭނާގެ ފޮތް ލައްޕާލިއެވެ. ޝާންވެސް އޭނާގެ ފަހަތުން ތެދުވެގެން ދާން ހިނގައި ގަތެވެ. ބުއްދި ގޯސްވެފައިވާ ރިފާވެސް އެމީހުންގެ ފަހަތުން އާދެއެވެ. ޝާނާ ނަފުރަތުގެ ނަޒަރަކުން ރިފާއަށް ބަލާލެވުނެވެ. ރަށުގެ އެންމެންވެސް ބަލާލާ ފަދައިންނެވެ.
(ނިމުނީ)
