ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބޭއްވި އަންހެން ޑިވިޝަންގެ ފުޓްސަލް ޗެމްޕިއަންކަން ކުޑަފަރީ ހިތްވަރު ޓީމް ބަލިކޮށް މިލަދޫގެ އޮބިއަންސް ހޯދައިފިއެވެ. "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022″ގެ ފައިނަލް މެޗުންމޮޅުވެ އޮބިއަންސް ޗެމްޕިއަންކަން ހޯދީ 5-3 ނަތީޖާއަކުންނެވެ.
މި މެޗް ކުޅުނީ ނ. ކުޑަފަރީ ފުޓްސަލް ދަނޑުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި އޮބިއަންސްގެ ފާތިމަތު ޝާލިއާ ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑުނަގާފައެވެ. އޭގެ ހައެއްކަ މިނެޓްފަހުންވެސް ޝާލިއާ ވަނީ ގޯލެއްޖަހައިދީފައެވެ. 3 ވަނަގޯލު ޓީމަށް ކާމިޔާބު ކޮށްދިނީ ހަސީނާ އާދަމެވެ.
ހިތްވަރު ޓީމުންވަނީ، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ލަނޑެއް ކާމިޔާބު ކޮށްފައެވެ. އެލަނޑު ކާމިޔާބު ކޮށްދިނީ، ޒައިނަބުއެވެ. ދެވަނަ ހާފު ފަށައިގެން ވެސް ދެ ޓީމުން ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގެ ހަތްވަނަ މިނެޓުގައި ހިތްވަރު ޓީމުގެ 11 ނަމްބަރު ވަނީ އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން އޮބިއަންސްގެ ޝާލިއާ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ އޭނާ ކާމިޔާބުކޮށްދިން 3 ވަނަ ލަނޑެވެ. އެހެންކަމުން ޝާލިޔާ ވަނީ މިމެޗްގައި ހެޓްރިކް ހަދާފައެވެ. އޭގެ ދެ މިނެޓު ފަހުން އަނެއްކާވެސް އޭރިއާ ބޭރުން އޭނާ ވަނީ އެ ޓީމުގެ ފަސްވަނަ ގޯލު ޖަހައިފައެވެ.
އެ ދެ ގޯލާއެކު ހިތްވަރު ޓީމުން ކުރިއަށް ޖައްސާލައިގެން ކުޅެ އެ ޓީމުގެ ސީމާ އާދަމް ވަނީ ހިތްވަރު ޓީމުގެ ތިންވަނަ ގޯލުޖަހައިދީފައެވެ.
އެ މުބާރާތް ކާމިޔާބު ކުރުމުން އޮބިއަންސްއަށް ތައްޓާއި 30،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކުރުން އޮތެވެ. މި މުބާރާތުގައި އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.
