الله އަބަދުވެސް އަހަރެމެންނަށް އެންމެ ރަނގަޅު ގޮތް މިންވަރު ކުރައްވައެވެ. (ޤުރުއާން، 2:216)
﴿216﴾ كُتِبَ عَلَيْكُمُ الْقِتَالُ وَهُوَ كُرْهٌ لَّكُمْ ۖ وَعَسَىٰ أَن تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰ أَن تُحِبُّوا شَيْئًا وَهُوَ شَرٌّ لَّكُمْ ۗ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ.
ހަނގުރާމަކުރުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ. އެއީ، (އެކަމަކީ) ތިޔަބައިމީހުންނަށް ނުރުހެވޭ ކަމެއް ކަމުގައި ވަނިކޮށެވެ. އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހާ ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.
ﷲ މިތާނގައި ވަރަށް މުހިއްމު ކަމެއް ހަނދާންކޮށްދެއްވައެވެ. ކަމަކާ ކުރިމަތިލާއިރު އަޅުގަނޑުމެންނަށް ފެންނަނީ މިތަނާއި މިހާރު ކަމަށެވެ. އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ބޮޑު މަންޒަރު ނުވިސްނެއެވެ. އެހެންވީމާ، އަޅުގަނޑުމެންނަށް ކަންކަން ރަނގަޅު ނުވަތަ ނުރަނގަޅު ގޮތުގައި ދެކެވެނީއެވެ. އެއީ މިހާރުގެ ތެރޭގައި ޖިސްމާނީ ގޮތުން ހިނގަމުންދާ ކަންތައްތައް އެކަނި ފެންނަން ހުރުމުންނެވެ.
ފަސޭހައިން ވިސްނޭ މިސާލަކީ ކާރުގައި ދަތުރުކުރަމުންދާ މީހާ ދުއްވާފައި ދަނިކޮށް ކާރުގެ ޓައިރު ފަޅައިގެން ދިއުމުގެ މިސާލެވެ. ޓައިރު ފަޅައިގެން ދިއުމަކީ އުނދަގުލެކެވެ. ދަތުރުގެ ވަގުތު އިތުރުވީއެވެ. ދާންބޭނުންވީތަނަށް ނުދެވި ލަސްވަނީއެވެ. ނަމަވެސް މަސްތުވެގެން ހުރި ޑްރައިވަރަކު ކޮންޓްރޯލުން ބޭރުގައި ހުރެގެން ކާރު ދުއްވަނީކަމަށް ތަޞައްވުރު ކޮށްލައްވާށެވެ. ފަހަރެއްގައި ފަޅައިގެން ގޮސްފައިވާ ޓައިރު މެދުވެރިއަކަށްވެ މަސްތުވެފައި ހުރި ޑްރައިވަރުގެ ސަބަބުން ލިބެން އޮތް ގެއްލުންތަކުން الله އަހަރެމެން ސަލާމަތް ކުރެއްވުމަށް މަގުފަހި ކުރެއްވީއެވެ.
އަޅުގަނޑުމެންނަށް ވިސްނެންޖެހޭ އެއްކަމަކީ، އެއްވެސް ސަބަބަކާހުރެ الله އަޅުގަނޑުމެން ދުވަހަކުވެސް އިމްތިހާނެއްގެ ތެރެއަށް ނުވައްދަވާނެ ކަމެވެ. އަޅުގަނޑުމެންގެ އަމިއްލަ މައިންނަށްވުރެ ބޮޑަށް މާތް ﷲ އަޅުގަނޑުމެންދެކެ ލޯބިވެވޮޑިގެންވާ ކަމަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފާހަގަކުރައްވާފައިވާ ބައެއް ޞައްޙަ ޙަދީޘްތަކެއް އެބަހުއްޓެވެ. މަންމައަކު ދުވަހަކުވެސް އިޚްތިޔާރުގައި ދަރިފުޅަށް އެއްވެސް ސަބަބެއް ނެތި އުނދަގުލެއްގެ ތެރެއަށް ވައްޓާކަށް ނުޖެހޭނެއެވެ. އެހެންކަމުން الله ސުބުހާނަހޫ ވަތައާލާ އިންސާނާއަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން ކަމަށް ބުނުމަކީ އެންމެ ރައްކާތެރި ކަމެކެވެ.
އެ ވަގުތު އަޅުގަނޑުމެންނަށް އެކަން ވިސްނޭގޮތް ނުވިޔަސް ކޮންމެ އިމްތިހާނެއްގެ ފަހަތުގައި އެކަމުގެ މަޤްޞަދެއް އޮވެއެވެ. އަޅުގަނޑުމެންނަށް އިމްތިހާނެއް ކުރިމަތިވާއިރު އެއީ ކީއްވެގެން ކުރިމަތިވީ އިމްތިހާނެއްކަން ނޭނގިދާނެއެވެ. އަޅުގަނޑުމެންނަށް އެކަން ތަޖުރިބާ ކުރުމަށްފަހު އެއީ ކީއްވެގެން ލިބުނު ރަހުމަތެއްކަން އިހުސާސްވެއެވެ. މިސާލަކަށް ކުދިން ކުޑައިރު މައިންބަފައިން ވަރަށް ހަރުކަށިކޮށް ކޯކުފަދަ ފިޒީ ބުއިންތަކުން ކުޑަކުދިން ރައްކާތެރި ކުރެއެވެ. ކުޑައިރު ކޮންމެ ކުއްޖަކަށްވެސް ފެނުނީ މި ހުރަސްތަކަކީ އިންސާފުވެރި ނޫން ކަންތައްތަކެއްގެ ގޮތުގައެވެ. އެހެންނަމަވެސް މިހާރު ބޮޑެތި މީހުންނަށް ވުމުން ވިސްނުނީ އެމީހުން އެކަން ކުރަމުން ދިޔައީ ދަރިންގެ އަމިއްލަ ފައިދާއަށްކަމަށެވެ. އެކުދިން ދުޅަހެޔޮ ސިއްހަތެއްގައި ބޮޑުކުރުމަށްޓަކައި އެހާ ގިނައިން ހަކުރު ދޭން ބޭނުމެއް ނުވިއެވެ. އޭރު ކުދިންނަށް ފެންނަމުން ދިޔައީ ހަމައެކަނި މިތަނާއި މިހާރު ކަމަށާއި އެމީހުން އެކުދިންނަށް އަނިޔާވެރިވާ ކަމަށް ހީކޮށްގެން ކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި މައިންބަފައިން ދިޔައީ ކުދިންގެ މުސްތަޤްބަލާމެދު ވިސްނުމަށްޓަކައެވެ. އެކުދިންނަށް ނުވިސްނުނު ނަމަވެސް މައިންބަފައިން ދިޔައީ އެންމެ ރަނގަޅަށް އެމީހުންނަށް އެނގޭ ކަންތައްތައް ކުރަމުންނެވެ.
ﷲ އަހަރެމެންނަށްޓަކައިވެސް ކުރައްވަނީ ހަމަ އެގޮތެވެ. ބައެއް ފަހަރު އަޅުގަނޑުމެންނަށް ޙަޤީޤަތުގައި އެއްޗެއް ބޭނުންވެގެން އެ އެއްޗެއް ނުލިބިދާނެއެވެ. ނުވަތަ ކޮންމެވެސް އުނދަގުލަކާ ކުރިމަތިލާން ޖެހިދާނެއެވެ. މިތަނާއި މިހާރުގެ ކަންކަމަށް ފޯކަސްކޮށް الله އާއި ސުވާލު ކުރުމުގެ ވަސްވާސް ލިބުމަކީ ފަސޭހަ ކަމެކެވެ. ނަމަވެސް މާތް ﷲ އަހަރެމެންނާމެދު އޯގާވެވޮޑިގަންނަވާ މިންވަރު ހަނދާން ކޮށްފިނަމަ، ޙަޤީޤަތުގައި އެކަލާނގެ ކުރައްވަމުން ގެންދަވަނީ އަހަރެމެންނަށް އެންމެ ރަނގަޅު ގޮތްކަން ފަހުން އަހަރެމެންނަށް ވިސްނެއެވެ.
(ނުނިމޭ)
