އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން ލިވަޕޫލުން ހޯދައިފިއެވެ. ލިވަޕޫލް ޗެމްޕިއަންކަން ހޯދީ، ޕެނަލްޓީގައި ޗެލްސީ ބަލިކޮށްފައެވެ. ޕެނަލްޓީގައި ލިވަޕޫލް ކުރި ހޯދީ 6-5ން ނެވެ.
މެޗުގެ ފުރިހަމަ ވަގުތާއި، ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްވެސް ނިމުނީ ލަނޑެއް ނުޖެހި ދެޓީމް އެއްވަރުވެގެންނެވެ. މެޗުގެ ފުރިހަމަ ވަގުތުގެ ތެރެއިން، މެޗުގެ ފަހުކޮޅު ޖޮޓާ ފޮނުވާލި ބޯޅައެއް އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ. އަދި ލުއިޒް ޑިއާޒް ފޮނުވާލި ބާރުބޯޅައެއް އަރިމަތި ދަނޑިކައިރިން ބޭރަށް ދިޔައެވެ. ޕެނަލްޓީގައި ފުރަތަމަ ލިވަޕޫލަށް ތަށި ހޯދއިދޭން ފުރުޞަތު ލިބުނީ މާނޭއަށެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ފަހު ޕެނަލްޓީ ޖަހަން މާނޭ ދިޔައިރު ޗެލްސީގެ ކެޕްޓަން އަޒުޕިލުކުއެޓާގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. އޭނާ ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. ނަމަވެސް މާނޭ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ މަތަކުރުމުން އިތުރަށް ޕެނަލްޓީ ޖަހަން ޖެހުނެވެ.
ޗެލްސީން ދެން ނާކާމިޔާބުވީ މޭސަން މައުންޓް ޖެހި ޕެނަލްޓީއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ އެލިސަން ބެކާ މަތަކުރިއެވެ. ލިވަޕޫލަށް ތަށި ހޯދައިދިން ޕެނަލްޓީ ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު ފަނަރަ މިނިޓްގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފް ނިމެނިކޮށް ކުޅެން ނިކުތް ކޮންސްޓެންޓިނޯސް ސިމިކާސްއެވެ.
