(ބުދަދުވަހުގެ ނޫހާއިގުޅޭ)
އާދައިގެ ގޮތެއްގައިފެށި އިމާރާތް ކުރުމުގެ މަސައްކަތް ތަރައްގީކުރަމުންގޮސް އުމުރުން ތިރީސް ހަތަރު އަހަރު ވީއިރު އޭނާވަނީ މާލޭގެ ކާމިޔާބު މީހުންގެ ތެރޭގައި ހިމެނިފައެވެ. ނަމަވެސް އެކަމަށް ހޭދަވި ގިނަ ދުވަސްތަކުގައި ކެތްތެރިކަމެއް ލިބިފައި ނުވާ ރާމިޒާއަށް ލީޝަން ލިބުނެވެ. ފުރަތަމަ ދަރިފުޅު ލިބުމުން ޝުކުރު ކުރުމުގެ ބަދަލުގައި އޭނާގެ ޝަކުވާތައް ދިޔައީ އިތުރުވެގެންނެވެ. ދެމީހުންގެ މެދުގައި އެކަކު އަނެކަކު ކުށްވެރިކުރުން އިތުރުވެގެން ދިޔައެވެ. ރާމިޒާ ދިޔައީ ރަހީމާ މެދުގައި ގުޅުން ބޭއްވުމަށްވުރެ ބޮޑަށް ޝައްކު ވެސް ކުރަމުންނެވެ. މިކަމުގެ އެންމެ ފަހުގެ ނަތީޖާއަކީ ރަހީމާ ރާމިޒާއާ ދެމީހުންގެ ގުޅުން ކުޑަވުމެވެ. އެކަކު އަނެކަކަށް ކުރަންވީ އިހުތިރާމު ގެއްލި ދިޔުމެވެ. އެންމެފަހުން ރަހީމު މަޑުމައިތިރިކަމާއި ކެތްތެރިކަން ޚިޔާރުކުރުމެވެ. ވީހާވެސް ގިނަވަގުތު ގެއަށް ނުވަދެ ވިޔަފާރީގައި މަޝްޣޫލުވެ އުޅުމެވެ.
އޭގެ ބަދަލުގައި އޭގެ ފައިދާ ރާމިޒާ ހޯދީ ރައްޓެހިން ގިނަކުރުމާއި މަޖާކުރުމުގައެވެ. ރަހީމުގެ މުއްސަނދިކަމުން އޭނާގެ އުފާތައް ހާސިލު ކުރުމުގައެވެ. ރަހީމު ކެތްކުރަނީ ދަރިފުޅަށް ލިބިދާނޭ ގެއްލުމަކަށް ޓަކައެވެ. އިތުރު ދަރިއަކު ދެން ލިބިދާނެ ކަމުގެ އުންމީދު ކުޑަކަމުންނެވެ. ވަރި ކުރުމުން ލިބިދާނެ ހުތުރު ނަމުން ސަލާމަތް ވުމަށެވެ. ލީޝަންއާއި ވަކިވެ ދާންޖެހިދާނެތީ އެކަމުގެ ފިކުރުގައެވެ. ނަމަވެސް އެދަރިފުޅުވެސް މިހާރު ހުންނަނީ ރާމިޒާގެ މިޒާޖަށް ބަދަލު ވެފައެވެ. ބޮޑާކަމާއި ކިބުރުވެރިކަން އެދަރިފުޅުގެވެސް ވަނީ އޭގެ އިންތިހާގައެވެ. އޭނާ ރަގަޅުކުރަން އެއްޗެއް ބުނެފިނަމަ އެއްވެސް ގަދަރެއް އިހުތިރާމެއްނެތި ބަސްބުނެލައެވެ.
ޔައީނާ ޒީނާއާ ތިބީ އެމީހުންގެ އިންތިޒާރުގައެވެ. ކިރިޔާވެސް ކަމެއް ނުސިޔާނުކޮށް ހިނގައިފިނަމަ ދެން ކުރިމަތިލާން ޖެހިދާނޭ ހަޅޭއްލެވުމުން ރައްކާތެރިވުމަށްޓަކައި ހުރިހާ ކަމެއްވެސް ރަނގަޅަށް ކުރެވޭތޯ ބެލުމުގައެވެ. ލީޝަންގެ ކާރު ގެ ކައިރީގައި މަޑުކޮށްލިއެވެ. އެއާއެކު ޔައީނު ދިޔައީ ފޮށިތައް ބޭލުމަށެވެ. އޭނާއަށް ލީޝަން ފެނުނެވެ. އެއީ ރީތިކުއްޖެކެވެ. އޭނާ މިހާތަނަށް މިހާ ރީތިކުއްޖަކު ނުދެކެއެވެ. ފަންކޮށް މުށިކުލަ ޖައްސާފައިވާ ރީތި އިސްތަށިގަނޑެކެވެ. ސާފު ދޮންމޫނެކެވެ. ފޮތި މުށަކުން ފަހާލެވޭވަރުގެ ކުރު ޓޮޕަކާއި ނޫކުލައިގެ ކުރު ޖިންސުބުރިއެއް ލާފައިވާ ތުނިތުނި ހަށިގަނޑެކެވެ. އޭނާގެ ލޮލުގައި އަޅާފައިވާ ބޮޑުއަވިއައިނު ނެގުމުން އެލޮލާއި ކަޅިރަވައިގެ ރީތިކަން ފެނުމާއެކު އޭނާ ހައިރާންވިއެވެ. މިފަދަ ރީތިކުދިން ކުރިން އޭނާއަށް ފެންނަނީ ރަށުގައި ދައްކަމުންގެންދާ ހިންދީ ފިލުމްތަކުންނެވެ.
"ހޫން. މީ ކޮންރަށަކުން މިގެއަށް ގެނެސްލީ ގަމާރެއްތަ؟" ޔައީން ބަލަން ހުރީމާ ލީޝަން އޭނާގެ މަންމައަށް ބުންޏެވެ.
"ތީ ބައްޕަގެ މާގަޔާވާ ރައްޓެއްސެއްގެ ދަރިއެކޯ." ރާމިޒާ މަލާމާތްކޮށްލިއެވެ. ފުރަތަމަ ފަހަރުންވެސް ޔައީން މިކިބުރުވެރި އަންހެން ކުއްޖާދެކެ ނަފުރަތުވިއެވެ. ޔައީނު އިސްދަށަށް ޖަހާލީ އެމީހުންގެ ބޮޑާކަން ނުބަލަން ވެގެންނެވެ. ލީޝަންއަށް ގެއަށް ވަދެވުމާއެކު ގޭތެރޭގެ ތަރުތީބު ކަމުނުގޮސްގެން ވާހަކަދެއްކިއެވެ. މަހެއްހާދުވަހުގެ ތެރޭގައި އޭނާ ބޭނުން ގޮތަކަށް މުޅިގެ ބަދަލުކުރުމަށް މަންމަ ގާތު ޝަކުވާކުރިއެވެ. މިކަމާ ރާމިޒާ ނުހަނު އުފަލާއެކު ގަބޫލުވިއެވެ. ނަމަވެސް މީގެ ހުރިހާ އުނދަގުލެއް ޖެހުނީ ޔައީނަށެވެ. ގޭގެ މުޅި ތަރުތީބު ބަދަލުކޮށް ބޭކާރު އެއްޗެހިތައް އުކާލައި ހަދަން ޖެހުނީ އޭނާއަށެވެ. ހަމައެކަނި މަސައްކަތް ކޮށްލަން ޖެހުނު ނަމަވެސް އޭނާއަށް ރަނގަޅެވެ. ލީޝަން އޭނާއަށް ކުރާ އަމުރާއި މަލާމާތްތަކަށް އޭނާ ނަފުރަތުކުރެއެވެ. ނަމަވެސް ހިތްވަރުކޮށްލާފާއި މިނޫންގޮތެއް ނެތީތީ އޭނާ ކެތްތެރިވަނީއެވެ.
ލީޝަން ލަންކާގައި ނުހުރެ މާލެ އައީތީ އޭނާ ވަންނަންޖެހުނީ އަމީނިއްޔާގެ ގްރޭޑް އަށަކަށެވެ. ޒީނާ މިހާރު ކިޔަވަމުންދަނީ އެމް އީ އެސްގެ ގްރޭޑް ނުވައެއްގައެވެ. ޔައީނު ކިޔަވަމުންދަނީ އަހުމަދިއްޔާގެ ގްރޭޑް ދިހައެއްގައެވެ. ކޮންމެ ކުއްޖަކުވެސް ކިޔެވުމުގައި ވަރަށް ފަރުވާތެރިވެއެވެ. އެކުއްޖެއްގެ ކުލާހުން އެންމެ ފާހަގަ ކުރެވޭ ކުދިންގެ ތެރޭގައި ހިމެނެއެވެ. ޔައީނު މާލެ އައިފަހުން ރަށަށް ނުދެވޭތީ ވަރަށް ދެރަވެއެވެ. ނަމަވެސް މިއަހަރު ސްކޫލް ނިމޭތީ އޭނާ މިނިވަންވާނެ ކަމުގެ އުފާ އަބަދުވެސް އޮވެއެވެ.
ލީޝަން އިނީ ކިޔެވުމަށް ގެއްލިފައެވެ. ލީޝަން ކިޔަވަންޏާ ގޭތެރެ އޮންނާނީ ހިމޭންވެފައެވެ. މީހަކު ވާހަކަ ދެއްކުންވެސް ހުއްދައެއް ނޫނެވެ. ބާރަށް ހަރަކާތްތެރިވެ އުޅުން ހުއްދައެއް ނޫނެވެ. އެހެންކަމުން ބޭރުން ވަދެގެން އައި ޔައީނު އައީ ވަރަށް މަޑު ހިނގުމެއްގައެވެ.
"ވަރަށް އަވަހަށް ފެންތައްޓެއް ގެނެސްދީބަލަ." ސިޓިންރޫމަށް ވަދެގެން އައި ޔައީނު ފެނުމުން ލީޝަން ބުންޏެވެ.
"ލައްބަ" އޭނާގެ އަތުގައި އޮތްފޮތް ބާއްވާފައި ދިޔައީ ފެންތައްޓެއްބަލައެވެ.
"އެ ކަމަނާއަށް ފެންތައްޓެއް ދޭށޯ." ޔައީން ފޫހިވެގެންހުރެ ޒީނާގާތަށްގޮސް ބުންޏެވެ.
"އަމިއްލައަށް އަޅައިގެން ފެންތައްޓެއް ބޮވޭކަމަކަށްވެސް ނުވާނެ." ޒީނާ އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ޔައީން ބުންޏެވެ.
"ޒީނާއަށް މާކަމުދާ ކުއްޖެއްދޯ އެއީ. އެހެންވީމައެއްނު އަނގައިން ނުބުނީ." ޔައީން ހުރީ ރުޅިއައިސްފައެވެ. އޭރު ޔައީނުގެ ފުރަގަހުގައި ލީޝަން ހުރިކަމެއް ނޭނގެއެވެ. ޒީނާވެސް އަނގައިން ނުބުނެ ހުރީ އެހެންވެއެވެ. ރީތިކޮށް ތައްޓެއް ދޮވެލާފައި ފެންތަށްޓެއް އަޅާފައި ޒީނާ ޔައީނު އަތަށް ދިނެވެ. ޔައީނު ދާންވާއިރަށް ލީޝަން އަވަސް އަވަހަށް ސިޓިންރޫމަށް ދިޔައެވެ.
"ތި ތަށި ދޮވެގެންތަ ފެން ގެނައީ." އޭނާ ހުރީ ވަރަށް ރުޅިއައިސްފައެވެ.
"ލައްބަ." ޔައީން މަޑުމަޑުން ވާހަކަ ދެއްކިއެވެ.
"އަހަރެންގާތު ނިކަން މަޑުން ލައްބަ ކިޔާނެ. އެކަމަކު ދުރަށް ދެވުނީމާ މަގޭމަސްކޮޅު ރޮލާ ކާންފަށާނެ." އޭނާ ޔައީނުގެ އަތުން ތަށި ދަމައިގަތެވެ
"ބަލާބަލަ. މިހިރީ ތަށި ނުދޮންނަކަމުގެ ނިޝާން." އޭނާ ތަށީގައި ހިފާ ބަލާލުމަށްފަހު ދައްކާލިއެވެ.
"އަން. މި އުކާލާފައި ދޮވެގެން އަލުން ފެން އަޅައިގެން އާދޭ." އޭނާ ތަށި ޔައީނާ ދިމާއަށް އެއްލިއެވެ. ބައެއް ފެން ވެރުނުނަމަވެސް ހުޝިޔާރު ޔައީނަށް އެފެންތަށީގައި ހިފުނެވެ.
ޔައީނު އަލުން ތަށި ދޮވެގެން ފެންއަޅައިގެން އައެވެ. މިފަހަރު ދެންބުނާނީ ކީކޭބާވައޭ އޭނާގެ ހިތަށް އަރަމުން ދެއެވެ.
"ކަލޭމެން މާލެ އާދެވުނީމާ ހިތަށް އަރަނީދޯ މިދެން މޮޅުވިއްޔޭ. ތިފެންތަށި މިތާބަހައްޓާ. މަށެއް ތިފެނެއް ނުބޯނަން. އަން މިއަށް ފެން ގަނެގެން އާދޭ. ބާކީ ގެންނާތި." އޭނާއާ ދިމާއަށް ދިހަރުފިޔާ އެއްލަމުން ލީޝަން ބުންޏެވެ.
ޔައީނު ކިޔަމަން ތެރިކަމާއެކީ ރުފިޔާ ނެގިއެވެ. ދިހަ މިނިޓެއްހާއިރު ފަހުން އޭނާ ފެންފުޅި ގަނެގެން އައިއިރު އޭނާގެ ލޮލުގައި އަޅައިގަތީ "ފަތިސްހަނދުވަރު" ވާހަކަ ފޮތް ބިންމަތީގައި ވެއްޓިފައި އޮއްވައެވެ. އެފޮތްވަނީ ކުޑައިރުކޮޅެއް ކުރިން ވެހުނު ވާރޭގެ ސަބަބުން ތެތްވެލި އުނގުޅި ހަޑިވެފައެވެ. އޭނާއަށް ކުއްލިއަކަށް މިފޮތް ފެނުމުން ވަރަށް ދެރަވެއްޖެއެވެ. އެއީ އޭނާ ނުހަނު ގިނަ ދުވަސްތަކެއް ވަންދެން އެއްކުރި ގަނޑުތަކަކުން ބައިންޑު ކޮށްފައިވާފޮތެކެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ނޫހުގައި ވާހަކަ ޖެހުމުން ދެރުފިޔާ ދީފައި އެނޫސްގަނެގެން އެ ވާހަކަ ފޮޓޯކޮޕީ ހައްދަނީއެވެ. އެއީ އޭނާގެ ލޯބިވާ ކޮއްކޮ ޝިޔާރާއަށް މީގެ ނުވަމަސް ކުރިން ތައްޔާރު ކުރަމުންދިޔަ ފޮތެކެވެ. ވާހަކަ ނިމުނީމާ ތަނަކަށްގޮސް ތިރީސްފަސްރުފިޔާ ދީފައި ބައިންޑް ކުރީ މިއަދުއެވެ. ސިޓިންރޫމުގައި ފޮތް ބާއްވާފައި އޭނާ ދިޔައީ ލީޝަން ފެންތައްޓެއް ދޭން ބުނީމައެވެ. އޭނާ އަވަސް އަވަހަށް ފޮތްނަގާ އަތުން ވެލި ފޮޅާލިއެވެ. އަދި އަނގައިން ފުމެގެންވެސް ވެލި ފޮޅޭތޯ ބެލިއެވެ. ނަމަވެސް ކިލާތަކުގެ ކުލަތައް އެފޮތަކުން ނުފިލިއެވެ.
ޔައީނަށް މިކަމުން ވަރަށް އަސަރުކުރިއެވެ. އޭނާ މާލެ އައި ދުވަހުން ފެށިގެންވެސް ދެކެމުން އަންނަ ހުވަފެނަކީ ކޮއްކޮގެ އެދުމުގެ މަތީން އެ ފޮތް ފޮނުވުމެވެ. އެއީ ކޮއްކޮ އަބަދުވެސް ވާހަކަ ކިޔާހިތްވާތީއެވެ. ބޭއިޚްތިޔާރުގައި އޭނާގެ ލޮލަށް ކަރުނަތައް ޖަމާވެއްޖެއެވެ. އަދި ގަދަކަމުން ހިތް ހަމަޖައްސާލާފައި މީހަކަށް ފެނުމުގެ ކުރީން ލޯފޮހެލިއެވެ. ނަމަވެސް ލީޝަންއަށާއި އޭނާގެ ކުލާސް ކުދިންނަކަށް މިކަމެއް ވަންހަނާއެއް ނުވިއެވެ. އެކުދިން ބާރަށް ހޭންފަށައިފިއެވެ.
"އެވަރުކަމަކާވެސް ބޮޑެތި ފިރިހެނުން ރޮއިހަދާތަ؟" ލީޝަންގެ ރައްޓެހި ކުއްޖެއްކަމަށްވާ ރާޔާ ހެމުން ބުންޏެވެ.
"ކީއްކުރާނީ. ދިވެހިވާހަކަ ނޫނީ ކިޔާކަށް ނޭނގޭވިއްޔަ. އެހެންނޫނަސް އެކަހަލަ އާދައިގެ ވާހަކައެއް ކިޔާނީ ކާކު؟" ލީޝަން މަލާމާތްކުރިއެވެ.
އެ މަލާމާތުގެ ސަބަބުން މިއަދު އޭނާ ރުޅިއެއް ނާދެއެވެ. އެއަށްވުރެ ބޮޑަށް އޭނާ ދެރަވީއެވެ. މިފޮތުގެ މަސައްކަތާއި މިފޮތަށްޓަކައި އޭނާ ހޯދި ލާރިއަކީ އޭނާއަށް ނުހަނު އަގުހުރި އެއްޗެކެވެ. އެމީހުން ގެއިން ފެންބޯހިތް ނުވީމާ ފަސްރުފިޔާއަށްދޭ ފެންފުޅިއެއް ގަނެގެން ބުޔަސް ފޮޓޯކޮޕީ ނަގަން ހޭދަކުރި ބައި ރުފިޔާއަކީވެސް އޭނާއަށް ނުހަނު އަގުހުރި އެއްޗެކެވެ. އޭނާ އަތުގައި ދެން އެފޮތް ކޮޕީ ނަގާ ވަރަކަށް ލާރިއެއްނެތެވެ. މިހާރު އޭނާއަތުގައި ފޮރުވާފައި ހުރި ލާރިކޮޅަކީ ރޯދަމަސް އަންނަންވާއިރަށް އޭނާގެ ބައްޕައަށް ދީނީ ފޮތެއް ގަނެދޭން ގިނަކުރާ ލާރިކޮޅެކެވެ. އޭނާ މިކަންތައް ކުރަނީ ރަށުން ފޮނުވާ ލާރިކޮޅުން ވަރަށް ބަލައިގެން ޚަރަދު ކުރުމަށްފަހުއެވެ. ކުލާސް އެހެންކުދިން ގެންގުޅޭކަހަލަ މޮޅު ގަލަމެއް އޭނާ ނުގަނެއެވެ. މިހާރުގެ ޒުވާން ކުދިން ލާކަހަލަ ޒަމާނީ ހެދުން ލާކަށް ޝައުގުވެރިކަމެއް ނުހުރެއެވެ. މީރުވަސްދުވާ ރީތިވާ ސާމާނެއް ނުގަނެއެވެ. އޭނާ ބަލަނީ ފަހަށް ރައްކާ ކުރެވޭތޯއެވެ.
ޔައީންގެ އަތުގައިހުރި ފެންފުޅިއާއި ބާކީ ފަސްރުފިޔާ ލީޝަންއަށް ދިނުމަށް ހިނގައިގަތެވެ. އަދި އެއެއްޗިހި ދިއްކޮށްލިއެވެ. ނަމަވެސް ލީޝަންއަށް ރަނގަޅަށް ނުހިފެނީސް ފެންފުޅިއާއި ރުފިޔާ ވެއްޓިއްޖެއެވެ. ލީޝަން ހީކުރީ މިއީ ޔައީނު ގަސްދުގައި ހެދިގޮތް ކަމަށެވެ. އެހެންކަމުން އޭނާ ބާރަށް ހަލޭއްލަވައިގަތެވެ.
"މަންމާ. މިހިރަ މުހަންމަދު ޔާނު…. ވަރިހަމަ ކޮންމެއްޗަކަސް." އޭނާއަށް ރަނގަޅަށް ނަންކިޔަން ނޭނގުމުން ހުއްޓާލިއެވެ. މިއަޑަށް ރާމިޒާ ކޮޓަރިން ނިކުމެއްޖެއެވެ.
"ބަލާ. އިރުއެރީއްސުރެ މިހިރަ ފިރިހެނާ ޖެއްސުންކުރުން ހުއްޓައެއްނުލާ. މިހިރީނު ފެންފުޅިވެސް އެއްލާފަ. މިކަހަލަ ގޮތްކުޑަކުދިން މިގޭގައި ބައިތިއްބަނީ ކޮން މޮޔައެއްތަ؟ ފެންތައްޓެއް ގެނެސްދޭށޭ ބުނީމަ މިގޭގަ އުޅޭ ޒީނާގާތު މަގޭ ވާހަކަ ދައްކައިފި. ތަށި ގެނައީ ނުދޮވެ ފެންއަޅައިގެން. ދެން ފެންފުޅިއެއް ގެންނާށޭ ބުނީމާ ގެނެސް އެއްލީ." ލީޝަން ދޮގަކަށްފަހު ދޮގެއް ހަދަމުން ޝަކުވާ ކުރަމުންދިޔައެވެ. އޭނާއާއި ޖައްސާލައިގެން މިގޭގައި އެއްވެސް މީހަކަށް ނޫޅެވޭވަރު އޭނާ ކުރާނެއެވެ.
"އެއީ ދޮގެއް. އަޅުގަނޑު." ޔައީނު ދިފާއުގައި ވާހަކަ ދެއްކޭތޯ ބެލިއެވެ. ނަމަވެސް ރާމިޒާއަކީ ދަރި ދޮންފުތު ކުރާމީހެއްކަމުން އޭނާއަށް ޔައީނުކަހަލަ ދެރަ"ސޮރެއް"ގެ ބަސް ގަބޫލު ކުރެވޭނީ ކިހިނެއްހެއްޔެވެ؟ ރާމިޒާގެ ބަރުއަޑުން އެންމެންކުރިމަތީގައި ޔައީނަށް އެއްޗިހިކިޔެވެ. މަލާމާތްކުރިއެވެ. ލީޝަންގެ ކުލާސްކުދިން ކުރިމަތީގައި ލަދުގަންނަވާލިއެވެ. އެމީހުންގެ ހާޒިރުގައި ކުށެއްނުކުރާ ޔައީން މާފަށް އެދެންޖެހުނެވެ.
"ހަމަ މިހާރު ލީންގެ ގާތުން މާފަށްއެދޭ."
"އެކަމަކު."
"މިގޭގައި ހުންނަން ބޭނުމިއްޔާ ޖެހޭނީ މާފަށް އެދެން." ރާމިޒާގެ ފަހުބަސް އިއްވިއެވެ.
"ސޮރީ." ޔައީން ލީޝަންއަށް ނުބަލާ ހުރެ ބުންޏެވެ.
"އަހަރެންގެ މޫނަށްބަލާލާފައި ސޮރީއޭ ބުނޭ."
"ސޮރީ." ޔައީން އޭނާގެ މޫނަށް ބަލާލާފައި މާފަށް އެދުމާއެކު ލީޝަންގެ އަގަޔަށް ވައްތަރު ޖައްސާލިއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ
