ތަފާތު ބަލިތަކަށް ފަރުވާ ދިނުމަށް ރީނދޫ ބޭނުން ކުރަމުން އަންނަތާ 4000 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ރީންދޫއަކީ އިންފެކްޝަންތަކާއި ބައެއް ކެންސަރުތަކާ ދެކޮޅަށް ހަނގުރާމަކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެހީވެދޭ އެއްޗެކެވެ. ހަޖަމުކުރުމުގެ މައްސަލަތަކަށްވެސް ފަރުވާ ދިނުމަށް އެހީތެރިވެދޭނެ އެއްޗެކެވެ.
ހުޅަނގު ދެކުނު އިންޑިއާއަށް ނިސްބަތްވާ ރީނދުލަކީ އިނގުރުގެ އާއިލާއަށް ނިސްބަތްވާ ގަހެކެވެ. އެއީ ބަންގްލަދޭޝްގެ ކެއުންތަކާއި، އިންޑިއާގެ ކެއުންތަކާއި، ޕާކިސްތާނުގެ ކެއުންތަކާއި އަދި ތަފާތު ކާނާތަކުގައި އާންމުކޮށް ބޭނުންކުރާ އެއްޗެކެވެ. ރީނދުލަކީ ވަރުގަދަ އެންޓި-އިންފްލެމެޓަރީ އެކެވެ. ރީނދޫގައި އެންމެ ގިނައިން ހުންނަ އެއް ކޮމްޕައުންޑް ކަމަށްވާ ކަރކިއުމިން އަކީ އެންޓި-އިންފްލެމެޓަރީ މާއްދާތަކެއް އެކުލެވިގެންވާ އެއްޗެއްކަން އެކި ދިރާސާތަކުން ފާހަގަކުރެވިފައިވާ އެއްޗެކެވެ.
އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ދިރާސާއަކީ 2007 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަލްޓަނޭޓިވް އެންޑް ކޮމްޕްލިމެންޓަރީ ތެރަޕީސްގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާއެކެވެ. އެތްނޯބޮޓަނިސްޓެއް ކަމަށްވާ ޑރ. ޖޭމްސް ޑޫކް އޭނާގެ ހޯދުންތައް ޚުލާޞާކޮށްފައިވަނީ އެމެރިކަން ބޮޓާނިކަލް ކައުންސިލްގެ ޖުލައި 2008 ގެ އަދަދުގައެވެ. 700 އަށް ވުރެ ގިނަ ދިރާސާ މުރާޖައާ ކުރުމަށް ފަހު ނާޒުކު ހާލަތްތަކަށް ލިޔެފައިވާ ގިނަ ބޭސްތަކަށް ވުރެ ރީނދޫ ރަނގަޅުކަމަށް ފާހަގަކޮށްފައިވެއެވެ.
ރީނދޫގެ ސަބަބުން ކެންސަރަށް ކުރާ އަސަރު ފާހަގަކުރާ ދިރާސާތައް އަދި ހުރީ ކުރީކޮޅުގެ މަރުހަލާގައި ނަމަވެސް ލެބް އަދި ޖަނަވާރުތަކުގެ އެކި ދިރާސާތަކުން އުއްމީދީ ނަތީޖާތަކެއް ލިބިފައިވެއެވެ. އެމެރިކަން ކެންސަރ ސޮސައިޓީގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި ރީނދުލުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކަރކިއުމިންގެ ސަބަބުން ކެންސަރު އުފެދުމާއި، ބޮޑުވުމާއި، ފެތުރުމުގައި އެހީވާ މުހިންމު ބައެއް މޮލިކިއުލަރ ތަކަށް ހުރަސްއަޅައެވެ. މިގޮތުން ލޫކެމިއާ އާއި ލިމްފޯމާ، ގޭސްޓްރޯއިންޓެސްޓިނަލް ކެންސަރު، ޖެނިޓޯޔޫރިނަރީ ކެންސަރު، އުރަމަތީގެ ކެންސަރު، އޯވަރިއަން ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަދި ނާރުތަކުގެ ކެންސަރު ތަކާއި ދެކޮޅަށް ކަރކިއުމިން އިން އަސަރު ކުރުމުގެ ގާބިލްކަން ދައްކުވައިދެ އެވެ.
ރީނދުލަކީ އެހާ ވަރުގަދަ އެންޓި-އިންފްލެމެޓަރީއަކަށް ވާތީ، މި މާއްދާއަކީ ހަޖަމުކުރުން ރަނގަޅުކޮށް، ހަޖަމުކުރުމުގެ އުނދަގޫތަކުގެ ބައެއް އަލާމާތްތައް ކުޑަކުރުމުގައި ވެސް ފައިދާހުރި މާއްދާއެކެވެ. ޔުނިވާސިޓީ އޮފް މެރީލޭންޑް މެޑިކަލް ސެންޓަރުގައި ކުރިއަށް ގެންދިޔަ ދިރާސާއަކުން ފާހަގަކޮށްފައިވާ ގޮތުގައި ރީނދުލަކީ ހަޖަމު ނުވުމާއި އަލްސަރޭޓިވް ކޮލައިޓިސް ފަދަ ތަފާތު ހާލަތްތަކުގައި އެހީތެރިވެދޭނެ އެއްޗެކެވެ. ހަޖަމުކުރާ ނިޒާމަށް ދިމާވާ ދިގުދެމިގެންދާ ބައްޔެއް ކަމަށްވާ އަލްސަރޭޓިވް ކޮލައިޓިސް ޖެހިފައިވާ މީހުންނަށް ރީނދުލަކީ ފަރުވާއެކެވެ.
ރީނދޫގެ އެންމެ ވަރުގަދަ ސިއްހީ ފައިދާތަކުގެ ތެރޭގައި އަހަރެމެންގެ ވިސްނުމަށް ކުރާ ހެޔޮ އަސަރުތައް ހިމެނެއެވެ. ދިރާސާވެރިން ބުނާ ގޮތުގައި ކަރުކިއުމިން އެހީތެރިވެދެނީ އެކި މާހައުލުތަކުގައި އުނގެނުމާއި ސިކުނޑި މަސައްކަތް ކުރުމުގެ ގާބިލްކަން އިތުރުކޮށްގެންނެވެ.
