މާދަމާ އަކީ ހިޖުރީ އާ އަހަރެއް ފެށޭ ދުވަހެވެ. އެހެންކަމުން، ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައާ މެދު ފުންކޮށް ވިސްނާލުމަކީ މިއަދު ކުރަން ވެއްޖެ ކަމެކެވެ. ހިޖުރައިގެ މާނައަކީ، ތިމާގެ އަމިއްލަ ވަޒަން ދޫކޮށް އެހެން ރަށަކަށް ދިއުމަށްވުރެ މާ ފުޅާ ވާންއެއް އޮތް ކަމެކެވެ. އެގޮތުން ހިޖުރައިގެ، އެންމެ މަތިވެރި މާނައަކީ، ނުބައި ކަންތައް ދޫކޮށް، ހެއުކަމުގެ މަގަށް ރުޖޫޢަވުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އަރިހުން އައިސްފައި ވާ ޙަދީޘެއްގެ މާނައިގާ ވެއެވެ. އަބްދުﷲ ބުނު އަމްރުގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ކީރިތި ރަސޫލާގެ އަރިހުގައި މީހަކު ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އެންމެ މާތްކަން ބޮޑު ހިޖުރައަކީ ކޮބައިތޯއެވެ؟ ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. އެއީ، ތިބާގެ ވެރި ރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކާ ދުރުވުމެވެ."
ކީރިތި ރަސޫލާ صلى الله عليه وسلم މައްކާއިން މަދީނާއަށް ކުރެއްވި ހިޖުރައިގައި، ތަފާތު އެތައް ޢިބްރަތާއި، ދަރުސް ހިމެނެއެވެ. ހިޖުރައިން ލިބޭ އަގުހުރި އެއް ފިލާވަޅަކީ، އިސްލާމް ދީނަށްޓަކައި، ތިމާގެ ހުރިހާކަމެއް ޤުރްބާންކުރުމުގެ މަތިވެރި ފިލާވަޅެވެ. އެގޮތުން ބަލާއިރު، ކީރިތި ރަސޫލާ صلى الله عليه وسلم ، އެކަލޭގެފާނު އުފަންވެ ވަޑައިގެން ބޮޑުފުޅުވި ރަކާއި، ގާތްތިމާގެ ބޭފުޅުންނާއި، އާއިލާގެ ބޭފުޅުން ދޫކުރައްވައި، މައްކާ އިން ނުކުމެ ވަޑައިގެން މަދީނާއަށް ހިޖުރަ ކުރެއްވުމުގެ ދަތުރުފުޅު ފެއްޓެވީ އިސްލާމްދީނުގެ ދިފާޢުގައި، މިދެންނެވި ކަންކަން ގުރްބާން ކުރައްވާފައެވެ. މިދަތުރުފުޅަށް މައްކާއިން ނުކުމެ ވަޑައިގަންނަވަމުން، އެކަލޭގެފާނު ވިދާޅުވި ބަސްފުޅު މުސްލިމުން ހަނދާން ކުރަން ޖެހެއެވެ. އެބަސްފުޅުގެ މާނައީ، "ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން ތިޔަ ބިމަކީ، ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ބިމެވެ. އަދި ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ބިމެވެ. ތިމަންކަލޭގެފާނު ތިޔަ ބިމުންނެރެ ނުލެވުނު ނަމަ، ތިމަން ކަލޭފާނު ތިޔަ ބިމުން ނުކުމެވަޑައި ނުގެންނެވީމުހެވެ." އަދި ހަމަ އެހެންމެ،ޞުޙައިބުއްރޫމީގެ ހިޖުރައިގެ ހާދިޘާއަކީ ވެސް ވަރަށް މަތިވެރި ޤުރުބާނީއެކެވެ. އެކަލޭގެފާގެ އަރިހުގައި މައްކާގެ މުޝްރިކުން ބުނީ ކަލޭގެފާނުގެ މުޅި މުދާ ދޫކުރައްވައި ހިޖުރައަށް ވަޑައިގެންނެވިދާނެ ކަމުގައެވެ. އެހެންކަމުން އެކަލޭގެފާނުގެ މުޅި މިލްކިއްޔާތު ﷲގެ މަގުގައި ދޫކޮށްލެއްވުމަށްފަހު ހިޖުރަ ކުރެއްވިއެވެ. މިކަން އެނގިވަޑައިގެންނެވުމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ. ޞުހައިބު ފައިދާހުރި ވިޔަފާރިއެއް ކުރައްވައިފިއެވެ." މިކަމާ ގުޅޭގޮތުން ﷲ تعالى ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّهِ ۗ وَاللَّهُ رَءُوفٌ بِالْعِبَادِ ﴾ މާނައި "އަދި ﷲގެ ރުހިވޮޑިގަތުން އެދި (އެކަލާނގެ އަށް) ތިމާގެ ނަފުސު ދޫކޮށްލާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ﷲ އީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ."
ހިޖުރައިން ލިބޭ އަނެއް ފިލާވަޅަކީ، ކަމެއް ކާމިޔާބު ވުމުގެ އެންމެ މުހިންމު ބަޔަކީ، އެ ކަމެއް ފެށުމުގެ ކުރިން ފުރިހަމައަށް ރޭވުމާއި، ކަންކަން ކުރާނެ ފަރާތްތައް ކަނޑައަޅައި، ފުރިހަމައަށް ހަމަޖައްސާފައި ވުމެވެ. މިގޮތުން ބަހާލެވިފައިވާ މަސައްކަތުގެ ތެރެއިން، އަބޫބަކުރުގެފާނު ކުރެއްވި އެއްކަމަކީ، ހަތަރު މަސް ކުރިން ދަތުރުގެ ސަވާރީ ތައްޔާރު ކުރައްވަން ފެއްޓެވުމެވެ. މިއީ ފުރިހަމަ ސިއްރިއްޔާތުގައި ކުރެއްވި ކަމެކެވެ.
ހަމަ އެފަދައިން ހިޖުރައަށް ނުކުމެވަޑައިގެންނެވި ރޭގައި، ޢަލީގެފާނު ކީރިތި ރަސޫލާ صلى الله عليه وسلم ގެ ދާންމަތިކޮޅުގައި އަވަހާރަފުޅު ލެއްޕެވިއެވެ. މައްކާގެ މުޝްރިކުން ރަސޫލާ صلى الله عليه وسلم އަވަހާރަ ކޮށްލަން ރާވާފައި އޮތް ރޭގައި، އެކަލޭގެފާނުގެ ދޮންމަތިކޮޅުގައި ޢަލީގެފާނު އަވަހާރަފުޅުލެއްޕެވީ، ފުރާނަފުޅު ޤުރްބާންވިޔަސް ރަސޫލާ އާއި، އިސްލާމް ދީން ދިފާޢު ކުރެއްވުމުގެ މަތިވެރި މަޤްޞަދުގައެވެ. މައްކާ އިން ނުކުމެވަޑައިގެން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެބޭކަލުން ތިއްބެވި އިރު، ފަރިއްކޮޅު އެރުއްވުމުގެ ކަންތައް ކުރެއްވުމަށް ޙަވާލުވެވަޑައިގަތީ އަބޫބަކުރުފާނުގެ ދަރިކަނބަލުން އަސްމާ (ރަޟިޔަﷲ ޢަންހާ) އެވެ. އެކަމަނާ އެތަކެތި ހިއްޕަވައިގެން ވަޑައިގެން އެފަރުބަދައަށް އަރުއްވައި އެބޭކަލުންނަށް ފަރިއްކޮޅު އެރުއްވުމަކީ ވެސް ބުރަ އަދި އެހާމެ އުނދަގޫ ބިރުވެރިކަން ބޮޑު ކަމެކެވެ. އޭރު މައްކާގައި ކަންހިނގަމުން ދިޔަ ގޮތުގެ ޚަބަރުތައް ކީރިތި ރަސޫލާ صلى الله عليه وسلم އާއި އަބޫބަކުރުގެފާނަށް ގެންގޮސްދެއްވީ އަބޫބަކުރުގެފާނުގެ ދަރިކަލުން ޢަބްދުﷲއެވެ. އަދި ތިންރޭ ވަންދެން އެބޭކަލުންގެ އަރިހުގައި ކޮންމެ ރެއަކުވެސް ފަތިސްވަންދެން އެކަލޭގެފާނު އިންނަވައެވެ.
(މަޢުލޫމާތު: ހުކުރު ޚުޠުބާ)
