ވާހަކަ: ރުކާން – 5

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

ދެމީހުން އެކުގައި ގެއަށް ދިޔަނަމަވެސް އިތުރު ވާހަކައެއް އެދެމެދަކު ނުދެކެވެއެވެ. ނަމަވެސް ރުކާންގެ ހިތް މިއުވާނަށް ލެބެން ފަށައިފިކަމުގައި މިއުވާން ގަބޫލު ކުރާހިތްވިއެވެ. އަދި އޭނާގެ މަސައްކަތުގެ ފުރަތަމަ މަރުހަލާ ކާމިޔާބު ކުރެވުނު ކަމުގެ އުފަލުގައި ހިތްހަމަޖައްސާލިއެވެ.

 

މިއުވާންގެ ފަރާތުން ރުކާނަށް ލިބެނީ އާދަޔާ ޚިލާފު ގާތްކަމަކާއި ރަހުމަތްތެރި ކަމެކެވެ. ބައެއް ފަހަރު އޭނާއާއެކު އޭނާގެ ދައްތަމެން ގެއަށް ގޮސްހަދައެވެ. ރުކާން ކުރާ ބުރަ މަސައްކަތުގެ އެއްކޮޅުގައި ހިފައެވެ. ހުރިހާކަމެއްގައިހެން އެހީވުން ވެސް ހިމެނެއެވެ. ނަމަވެސް ރުކާންގެ މަންމައުޅޭތީ އަދިވެސް ރުކާންމެން ގެއަކަށް އޭނާއަކަށް ދާކަށް ނުކެރެއެވެ. ރުކާން ހުންނަނީ މަންމަ ރުޅިގަދައޭބުނެ މިއުވާނަށް ބިރުދައްކާފައެވެ.

ބައެއް މީހުންނަށް ރުކާނާމެދު މިއުވާންގެ އޯގާތެރިކަން ފާހަގަ ކުރެވެއެވެ. މިވާހަކަތައް ފަތުއަޑު ކިޔާފައި ރަށުތެރޭގައި ދެކެވެން ފަށައިފިއެވެ.

"ރުކާން މިހާރު މާވަރަކަށް އެ މިއުވާނާ ވާހަކަ ދައްކަނީ ކީއްވެ؟ މިހާރު އެންމެންގެ ވާހަކައަކަށް ވެފައިވަނީ ތިޔަ ދެމީހުންގެ ގުޅުމުގެ ވާހަކަ. އެއީ މަށަށް ފެންނަ ކަމެއްނޫން." ނާސިހާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

"ނާސިހާ އަށްވެސް އެނގެއެއްނު އަހަރެން އެކަހަލަ ގުޅުމެއް ނުބާއްވާކަން. އޭނާ ވާހަކަ ދައްކާތީ މަވެސް ވާހަކަ ދައްކަނީ."

"ތިގުޅުން ތިއަށްވުރެ ކުރިއަށް ނުދާނެކަމަށް މަ ގަބޫލު ކުރާހިތްވޭ. ރުކާނަށްވެސް އެގެއެއްނު އެއީ ކީއްވެގެން އަރުވާލާފައި ހުރި މީހެއްކަން."

"އެކަކަށްވެސް މާރަނގަޅަކަށް ނޭނގެއެއްނު. މީހުން ބުނާތީއިވޭ މަސްތުވާއެއްޗިހި ބޭނުން ކުރާތިއްޔޭ. މާރާމާރީއެއްގައޭ. ވައްކަން ކޮށްގެންނޭ ވެސްކިޔާ. މިތަނުން ހަގީގަތް އެނގޭ އެއްވެސް މީހެއްނެތް." ރުކާން ވިސްނާކަހަލަ ގޮތަކަށް ބުނެލިއެވެ.

"ކޮންމެ ގޮތެއްވިޔަސް އަރުވާލާނީ ކުށެއް ކޮށްގެންކަން މަށަށް އެނގެނީ. ބަލާބަލަ އެހުންނަ ތުބުޅިއަކާ ދިގު ބޮލެއް. އަދި މުޅި އަތާ ކަރު ފުރިފައި އެއޮންނަނީ ފާޑުފާޑުގެ ފަށްތަކުން."

"އެކަމަކު އޭނާގެ ފަރާތަކުން ގޯސްކަމެއް އަދި ނުފެނޭ. އަހަރެންވެސް ކުރިން އޭނާ އެހުންނަ ސިފަދެކެ ވަރަށްފޫހިވޭ. އެކަމަކު އެއީ އޭނާއާ ވާހަކަ ނުދައްކާ ނުވަތަ ރުޅިވެރިކަން ދައްކައިގެން ހުންނަންވީ ސަބަބެއް ނޫން ކަންނޭނގެ." ރުކާން އޭނާއާ ވާހަކަ ދައްކަނީ ހަމައެކަނި އޭނާ އެބިރުވެރިރޭ ސަލާމަތް ކޮށްދިން ރޭގެފަހުންނެވެ. އޭގެ ސަބަބުން އޭނާ މިއުވާނާމެދު ގަޔާވާ ގޮތްވިއެވެ.

"މިހާރު ކިޔާލަވަ ބަދަލުވީތަ. ވާހަކައިގެ ރާގު ބަދަލުވާން ފަށައިފި. މަށަކަށް ތީ ރަނގަޅު ކަމެއްހެނެއް ހިޔެއްނުވޭ." ނާސިހާ ހިތްހަމައެއް ނުޖެހުނެވެ.

ރުކާން ވިސްނާލިއެވެ. މިހާރު މީހުންގެ ވާހަކަތައް ދާގޮތުން މިގުޅުން ބޭއްވިދާނެބާވައޭ ހީވާން ފަށައިފިއެވެ. މިޚަބަރު މަންމައަށް ލިބިއްޖެނަމަ ރުޅިއަންނާނޭ މިންވަރު އޭނާއަށްވެސް އިހުސާސް ކުރެވެއެވެ. އެހެންކަމުން އިތުރަށް މިއުވާނާއި ވާހަކަ ދެއްކުން އޭނާއަށްރަނގަޅު ނުވާނެތީ އެކަން ހުއްޓާލައިފިއެވެ.

 

ހޮނިހިރު ދުވަހެއް ކަމަށްވާތީ ރުކާންއާއި ނާސިހާ އުޅުނީ ގޭގެ ކުދިވެރިން ގޮވައިގެން މޫދަށް ދާން ތައްޔާރު ވާށެވެ. އަނބު މަޖަލަކީ އެގޭ ކުދިންނަށް މާކަމުދާ އެއްޗަކަށް ވާތީ  ހަސީނާ ވަނީ ބޭނުންވާނެ ހުރިހާ އެއްޗެއް ހޯދައި ދީފައެވެ. ފުޅިއަށް ފެންއަޅަން ހުރި ރުކާން މިއަދު ހުންނަނީ މާމަޑުންނެވެ. ނާސިހާ އަބަދުވެސް މިއުވާނާއި ބެހޭގޮތުން ދައްކާ ވާހަކަތަކުން ރުކާން ކަންބޮޑު ވެއެވެ.

"އަހަރެން ގެންދާނަންތަ؟" މިއުވާން ބުނެލިއެވެ.

"ބޮޑެތި މީހުންނެއް ނުގެންދަން." ރުކާން ހިނގައިގަތެވެ. ފަހަތުން މިއުވާން އާދެއެވެ.

"މިހާރު ކުޑައެއްނު." މިއުވާން އިށީނދެލާ ރުކާންގެ އަތުގައި ހިފިއެވެ. ކިތަންމެ ރުޅިއަންނަ ކަމަށް ހެދުނަސް މިއުވާންގެ ސަކަ މިޒާޖުން ރުކާން ހެއްވާލައެވެ.

"ރުކާން. މިހުރީ އަނބު." ސައުކަތު ކޮތަޅެއް ދިއްކޮށްލިއެވެ. ކުއްލިއަކަށް ރުކާނަށް މިއުވާނާއި ދުރަށް ޖެހެވުނެވެ. މިއުވާންވެސް ކޮޅަށް ތެދުވިއެވެ.

"ސައުކަތުވެސް ދަނީތަ؟" މިއުވާން އެހިއެވެ.

"އާނ. ސައުކަތު ދާނެ ދޯ." ރުކާން އެއްލޯ މަރާލަމުން ބުންޏެވެ.

"އާނ. ރުކާން ބުނެފިއްޔާ އަހަރެން ދާނަން." ސައުކަތު މިއުވާނަށް ބަލާލިއެވެ. ރުކާންގެ އެއްލޯ މަރާލީމާ ސައުކަތު އެހާމެ އުފާވެއްޖެއެވެ.

"ދެރަވޭދޯ." ބަލަހައްޓައިގެން ހުރި މިއުވާނާއި ރުކާން ސަމާސާ ކޮށްލިއެވެ.

"ކުއްލިއަކަށް ގަވައިދު ބަދަލުވީ ކީއްވެ. އަހަރެންނަށް ނުދެވޭ ތާކަށް ސައުކަތަކަށް ވެސް ނުދެވޭނެ." މިއުވާން ދެރަ ގަބޫލެއް ނުކުރެއެވެ.

"އާނ. އެހެންވެދާނެ. އެކަމަކު މިއުވާނަށް ނުކުރެވޭ ކިތަންމެ ކަމެއް އަހަރެން ކުރާނަން." ސައުކަތު ރުކާނަށް ދަހިވެތި ލޮލަކުން ބަލާލިއެވެ. އެއްވެސް މީހަކަށް މި ސަކަރާތުގައި ސައުކަތު ވިސްނާ ގޮތެއް ނޭނގެއެވެ. ސައުކަތު ހުރީ ކިތަންމެ ބޮޑު ހޭދައެއް ކޮށްގެންވެސް ރުކާން އޭނާގެ މީހަކަށް ހަދާށެވެ.

 

މި އުފާވެރި ދަތުރުގައި މިއުވާންވެސް ބައިވެރިވިއެވެ. އޭނާ އެތައް ގޮތަކަށް ރުކާނާއި ވާހަކަ ދެއްކޭތޯ އުޅުނެވެ. ނަމަވެސް ރުކާންގެ ފަރާތުން ފެންނަނީ އަޅާނުލުމެވެ. އޭނާ އެކަހެރި ކޮށްލުމެވެ. މިފަދަ ކޮންމެ ވަގުތެއްގައި ސައުކަތު ރުކާން ގާތަށް ދެއެވެ. ނަމަވެސް ސައުކަތަކާވެސް ރުކާން ވާހަކައެއް ނުދައްކައެވެ. މަޖަލަކަށް ހަދައިގެން ބުނެވުނު ބަސް އެއްޗަކަށް ހަދައިގެން އަބަދުވެސް ރުކާނާއި ވާހަކަ ދެއްކޭތޯ އުޅޭކަން ރުކާނަށް ފާހަގަ ކުރެވޭތީއެވެ.

ކުއްލިއަކަށް ރުކާނަށް މިއައިބަދަލުން މިއުވާން ވަރަށް ކަންބޮޑުވިއެވެ. އޭނާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިނަމަވެސް ރުކާން އަޅައެއް ނުލައެވެ. ރުކާން ހަނު ހުންނަން މެދުވެރިވީ ސަބަބެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގުނެވެ. އޭނާ ފުރަން އެއްމަހަށް ވެފައި ވާއިރު ރުކާން ހޯދުމުގައި ކާމިޔާބުގެ މަގު ހުޅުވިލާފައި ބަންދުވުމުގެ ސަބަބެއް ވިސްނާ ވިސްނާވެސް އެނގޭވަރެއް ނުވިއެވެ.

"ކަލޭމެން ދޮގު ނުހަދާ ބުނޭ. ރުކާންގާތު އަހަރެންގެ އެއްވެސް ވާހަކައެއް ދެއްކިންތަ؟" މިއުވާން ސުވާލު ކުރީ ރައޫފާއެވެ.

"ނޫނޭ. އަދި އެއްވެސް ވާހަކައެއް ނުދައްކަން. އެހެންނޫނަސް ތިކަން ކާމިޔާބު ނުވާނެކަން މަށަށް މާކުރިންވެސް އެނގޭ. އެއީ މިއުވާން ހީކުރާ ކަހަލަ އާދައިގެ އަންހެން ކުއްޖެއް ނޫން. އަހަރެން 'ބެޓް' ކުރީވެސް އެހެންވެ."

"ކުރިން އޭނާ ވާހަކަ ދެއްކި. މިހާރު އެއްގޮތަކަށް ވާހަކަ ނުދައްކާތާ މަފެނުނަސް ދުރުވާން އުޅެނީ."

"ތިކަން ދެން ހުއްޓާލާ. މަށަށް ތިންހާސް ރުފިޔާދީފަ މާލެ ދިއުމުގެ ކުރިން މޫދަށްގޮސްލާ ދަތުރު ގޮސްލާ މަޖާ ކޮށްލަން ހިނގާ. އެކުއްޖާއެއް ކާމިޔާބެއް ނުކުރެވޭނެ."

"އާނ. ބައެއްފަހަރު މަށަށްވެސް އެހެން ހީވޭ. އެކަމަކު ކީއްވެތަ ނުވާންވީ؟" މިއުވާން ޗޮކެއް ކަނޑާލިއެވެ.

"މިއުވާން ތިހާ ދެރަވެފައި ހުރީމާ ބުނެލަފާނަން. އޭނާ ކުޑަ އިރުއްސުރެ އުޅެނީ އެގޮތަށް. ސްކޫލަށްވެސް ދިޔައީ ގްރޭޑް ދިހަޔަކާ ހަމައަށް. އޭނާ ބޮޑުވެގެން އައިއިރު ދައްތަގެ ދިރިއުޅުން ކޮންމެވެސް ފިރިހެނަކު ފަންޑިތަހަދައިގެން ހަލާކޮށްލި ކަމަށްވަނީ. އެހެންވެގެން އޭނާގެ ދައްތަގެ ފިރިމީހާ އާދަނު ދޭތެރެ ދޭތެރެއިން މޮޔަވަނީ. ރުކާނަށް އޭނާގެ މަންމަވެސް އަދި ދައްތަވެސް ވިސްނައިދީފައި އޮތީ ދުނިޔޭގައި ތިބީ ހުސް ކެހިވެރިންކަން. ފިރިހެނެއްވިއްޔާ ވާނީ މަކަރުވެރިއެއްކަމަށް. ކުޑައިރުއްސުރެ އޭނާވަނީ އެތަރުބިއްޔަތަށް ހޭނިފައި. ނާސިހާ އާއި މަންމައަކީ އޭނާގެ ހުރިހާވެސް ބަޔަކީ." ރައޫފު މިއުވާންގެ ކޮނޑުގައި ޖަހާލާފައި ހިނގައްޖެއެވެ.

 

މިއުވާން ފުރަތަމަ ފަހަރަށް ރުކާނާމެދު ވިސްނާލެވުނެވެ. ތެދެކެވެ. އެއީ މުޅިން ތަފާތު ކުއްޖެކެވެ. މީހެއްގެ އެހީއެއް އޯގާތެރިކަމެއް އޭނާ ބޭނުމެއް ނުވެއެވެ. ބަލި މަންމައަށާއި ދައްތައަށް ޚިދުމަތް ކުރުމާއި ލިބޯގޭގައި މަސައްކަތް ކުރުން ފިޔަވައި އިތުރު ކަމެއް އޭނާގެ ނެތެވެ. ދިރިއުޅުމުގެ މާ ބޮޑެތި އުންމީދުތަކެއް އޭނާގެ ނުވެއެވެ. ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ނެތެވެ. ކޮންމެ ދުވަހަކީވެސް އޭނާއަށް އާދައިގެ ދުވަހެކެވެ. މާގިނަ ހާދިސާތަކެއް ނުހިނގާ މުޅިންވެސް އެއްގޮތް ދުވަހެކެވެ. ބުރަކޮށް މަސައްކަތް ކުރުމުން ކާންލިބުނީމާ މަންމައަށް ކާންދީފައި ގޭގެ މަސައްކަތް ކޮށްލަނީއެވެ. އަނެއްކާވެސް ހަމަ އެކަހަލަ ދުވަހަކަށް އިންތިޒާރު ކުރުމަކާ ނުލައި ނިދަނީއެވެ. ކޮންކަހަލަ ކުއްޖެއްބާވައެވެ؟ ހިއްސެއް ނުވަތަ އިހުސާސެއްވެސް ނެތް ކުއްޖެއް ބާވައެވެ؟ ދިރިއުޅުމުގެ ފޮނި އުންމީދެއް ނުވަތަ ހުވަފެނެއްވެސް ނުދެކޭ ކުއްޖަކީބާވައެވެ؟

އެއީ ކޮންމެފަދަ ކުއްޖަކަށްވިޔަސް ވަރިހަމައެވެ. ދާންއޮތް ދުވަސްކޮޅުގައި އެކުއްޖާ ކޮންމެހެންވެސް ކާމިޔާބު ކުރަން ބޭނުމެވެ. ރައޫފުމެންގެ ކުރިމަތީގައި އޭނާއަކީވެސް ކަމެއް ވާކަހަލަ މީހެއްކަން އަންގާލަން ބޭނުމެވެ. ފުރައިގެން ދިޔައީމާ ހުރިހާ ކަމެއް ނިމުނީއެވެ.

 

އިރު އޮއްސެންވާއިރަށް ރުކާން ގޮނޑަށް ދިޔައީ ދެންމެ ގޭދޮށް ކުނިކަހާ ނިންމާފައިހުރި ކުނިތައް އުކާލުމަށެވެ. ކުނިތައް އުކާލުމަށްފަހު ގޮނޑުދޮށާއި ކައިރީގައި ދޮންވެލިގަނޑުގައި އިށީނދެލިއެވެ. އިރުއޮއްސޭ ފުރިހަމަ މަންޒަރު ބަލާލާ ވަރުބަލި ފިލުވާލުމަށެވެ.

އިރު އޭގެ ކުލަތައް ބަދަލުކުރަމުން  މަޑުމަޑުން ތިރިއަށް ފައިބަމުން ދެއެވެ. ޖައްވުގައި ތިން ކާޅު އުދުހުން ފިޔަވައި އެއްވެސް ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ. ހިމޭން ދުނިޔެއަށް ފެތުރިފައިވާ އަޑަކީ ހަމައެކަނި ގޮނޑުދޮށަށް ބީއްސާލާ ކުދި ރާޅުތަކުގެ އަޑެވެ. ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ވަރަށް ގާތުގައި އިށީނުމުންނެވެ.

"ރުކާން. އަހަރެންދެކެ ރުޅިއައިސްފައި ތިހުންނަނީ ކީއްވެ؟" މިއުވާން ދެރަވެލާފައި ބުންޏެވެ.

"އަހަރެން އެއްވެސް މީހެއްދެކެ ރުޅިއެއް ނާދޭ." ރުކާން ދާން ތެދުވަމުން ބުންޏެވެ.

"މަޑުކޮށްބަލަ." މިއުވާން ރުކާންގެ އަތުގައި ހިފިއެވެ. ރުކާން މިއުވާނާއި ދިމާއަށް ބަލަން ހުއްޓެވެ. މިބެލުމުގައި މިއުވާން އޭނާގެ އަތުގައި ހިފުމުގެ އެއްވެސް ހުއްދައެއް ނެތްކަން ވިސްނުނެވެ.  މިއުވާން އޭނާގެ އަތުން ދޫކޮށްލާ މޫދާ ދިމާއަށް ބަލަން ހުއްޓެވެ. ރުކާނަކަށް މިއުވާން ދެރަ ކޮށްލާފައި ދާކަށް ނުކެރުނެވެ. އޭނާވެސް މިއުވާނާއި ވާހަކަ ދައްކާ ހިތްވެއެވެ. ނަމަވެސް ރުކާން އިށީނދެލީ މިއުވާނާއި ދައްކަން ބޭނުންވާ  އެންމެ ފަހުގެ ވާހަކަ ދެއްކުމަށެވެ. އޭނާގެ ހާލަތު ބުނެދިނުމަށެވެ.

"އަހަރެން ވާހަކަ ދައްކާ މާގިނަ މީހުންނެއް ނުތިބޭނެ. އެހެންވެގެން ކަންނޭނގެ މީހުން މިހާރު އަހަރެންނާއި މިއުވާނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކަނީ. ކުރިން އަހަރެން ހީކުރީ މިއުވާނަކީ ވަރަށް ގޯސް މީހެއްކަމަށް. އެކަމަކު މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އަހަރެންނަށް ތިއީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ގަބޫލުކުރެވުން. އެކަމަކު…"

"އެކަމަކު ކިހިނެއްވީ. ކުއްލިއަކަށް ކީއްވެ ތިހާ ދުރުކޮށްލީ." މިއުވާން ވަރަށް ދެރަވާކަމަށް ހެދިލާފައި ބުންޏެވެ.

"މީހުން ދައްކާ ވާހަކަތަކުން އަހަރެން ބޮލަށް އުނދަގޫވޭ. އަހަރެން އެއްވެސް މީހަކާ އެކަހަލަ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫން."

"އެކަމަކު ރުކާން. މީހުން އެއީ ރުކާނަށް ހެޔޮއެދިގެން ދައްކާ ވާހަކަ ތަކެއްނޫނޭ. ރުކާން ތިހާ އެކަނިވެރި ނިކަމެތި ދިރިއުޅުމެއް އުޅޭތަން ބަލާކަށް އަހަންނަކަށް ކުޅަދާނައެއް ނޫން. މިލޯބި އަތުން ބުރަ މަސައްކަތް ކުރާތަން ބަލާކަށް ނުހުރެވޭނެ." މިއުވާން ރުކާންގެ އަތުގައި ހިފިއެވެ.

"މިއުވާން." ރުކާން އިތުރު އެއްޗެކޭ ނުބުނެ މިއުވާންގެ މޫނަށް ބަލަން ހުއްޓެވެ. މިއުވާން އޭނާގެ އަތުގައި ހިފުމަކީ ރަނގަޅުކަމެއް ނޫނޭ ބުނާކަހަލަ ގޮތަކަށެވެ.

"ސޮރީ. އަހަންނަކަށް ނޭނގެ ބުނެދޭކަށެއް. ރުކާން ވާހަކަ ނުދައްކަންޏާ އަހަރެން ވަރަށް ދެރަވޭ. ރުކާން ނުފެންނަންޏާ ނުއެއްކެވޭ. މިހާރު ރަނގަޅަށް ނުނިދޭތާވެސް ހަފްތާއެއް ވެއްޖެ." މިއުވާން  އަދިވެސް ހުރީ ފެންކަޅިވެފައެވެ. ގަދަކަމުން ރޮވޭ ގޮތް ހަދަން އުޅުނަސް އޭނާއަށް ވީ އެވަރެވެ.

"އަހަރެންނާހެދި މިއުވާނަށް އެހެން ވާންވީ ކީއްވެ؟ އަހަރެން މިއުވާނަކަށް އެއްޗެއް ނުކިޔަން. ހަމައެކަނި ވާހަކަ ދެއްކުން ހުއްޓާލީ." ލޯބީގެ މައުޟޫތަކަށް މުޅިންއާ ރުކާނަށް މިއުވާން ދައްކާ ވާހަކަ ނޭނގިގެން ހައިރާންވެފައި ބުންޏެވެ.

"ރުކާން މޮޔަތަ؟ އަހަރެން ރުކާން ބޭނުން. އަހަރެން ރުކާންދެކެ ވަރަށް ލޯބިވޭ. ރުކާން ބުނިގޮތަކަށް ހަދައިގެން އުޅެންބޭނުން. ރުކާނާއި ކައިވެނި ކުރަންބޭނުން." އޭނާ ރުކާންގެ ކޮނޑުގައި ހިފާ ތަޅުވާލަމުން ބުންޏެވެ.

"ނޫން. އަހަރެންދެކެ މީހަކު ލޯތްބެއް ނުވާނެ. އަހަރެން މީހަކާ ނީންނާނަން. ދުވަހަކުވެސް ކަލޭދެކެ ލޯތްބެއް ނުވާނެ." ރުކާން ކުނި ގޯނިވެސް ބާއްވާފައި ދުވެފައި ދިޔައީއެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ރުކާން" ވާހަކައަކީ 2012 ވަނަ އަހަރުގެ ގައުމީ މުބާރާތުން ތިންވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ.
ގުޅުންހުރި

ކިޔުންތެރިންގެ ޚިޔާލުތައް

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *