ވާހަކަ: ލީޝަން – 4

(ބުދަ ދުވަހުގެ ނޫހާއިގުޅޭ)

ޔައީނު ރޭގަނޑުގެ ކެއުމަށް ނާންނާތީ ޒީނާ ކަންބޮޑުވިއެވެ. އެހެންނޫނީ އަވަހަށް ކައިގެން ފޮތްކިޔަން އިންނަ ޔައީން ކިޔަވާ ފެންޑާގައި ނެތުމުން އޭނާގެ ކޮޓަރީގައި ޒީނާ ޓަކިޖަހާލިއެވެ. ރޯކަން ސިއްރުކުރަމުން އައި ޔައީނު ރޮނީކަން ޒިނާއަށް އެނގުނެވެ.

" އަހަރެންނަށް އޭރުވެސް ހީވި ރޮނީއޭ. ލީޝަން އަކީ ކިހާވަރެއްގެ ކުއްޖެއްކަން މިހާރު އެނގިއްޖެދޯ" ޒީނާ ބުނެލިއެވެ.

" އަހަރެން އެންމެ ދެރަވަނީ މިފޮތް މިގޮތަށް ފޮނުވަންޖެހޭތީ." ކިލާ ވެފައިވާފޮތް ނަގާ ޒީނާއަށް ދިއްކޮށްލިއެވެ.

" ދެން ފޮތެއް ހޯދުމަށްވުރެ ރަނގަޅުވާނީ ތިގޮތަށް ފޮނުވިއްޔާ ކަންނޭނގެ. އަލުން ފޮތެއް ހެދޭހާ ވަރަށް  ލާރިއެބަހުރިތަ؟"

" ނެތް. އެކަމަކު މިގޮތަށް ވީމަދޯ."

" ދެންކޮއްކޮ ގާތު ބުނާނީ ޔައީނު އަތުން ވެއްޓުނީއޭ."

" ދެންއެހެން ގޮތެއް ނެތެއްނުދޯ. ނަސީބަކުން ކިޔަވަން ދެން އޮތީ އެންމެ ދެމަސް. އޭރުން އަހަރެން މިތަނުން ސަލާމަތްވެދާނެ. ޒީނާ އަށް އަދި އެއްއަހަރު އެބައޮތް. ކިޔަވާ ނިމުމުން ދެންކިހިނެއް ހަދާނީ."

" ނޭނގެ. ކޮންމެވެސް ރަނގަޅު މީހެއްގެ އަނތްބަކަށްވާނީ. ޔައީން އަހަރެން ގެންދާނީއެއްނު." ޒީނާ ސަމާސާ ރާގެއްގައި ބުނެލިޔަސް ޔައީނަށް މިކަމުން ކޮންމެވެސް އަސަރެއް ކުރިއެވެ. އޭނާ ޒީނާއާއި ގަޔާވާހެންވެސް ހީވެއެވެ. އެކަމަކު ބައެއްފަހަރު ރީމާ މަތިންވެސް ހަނދާންވެއެވެ. ނަމަވެސް ކިޔެވުމަށްވުރެ އެހެންކަމެއް އިސްކަން ނުދޭތީ އޭނާ މާބޮޑަކަށް މިކަހަލަ ކަމަކަށް ނުވިސްނައެވެ.

"ޒީނާ އަހަރެންނާއިއެކު ދާނެތަ؟" ޔަގީން ނުވާގޮތަކަށް އޭނާ ބުންޏެވެ.

"ކިހިނެއްދާނީ. ރަށުގައި ހުރި ޔައީންގެ ލޯބިވެރިޔާ ހިތްފަޅައިގެން ހިނގައިދާނެއެއްނު."

"ކީއްވެ ތިހެން ތިބުނީ."

"މިއަދު ރަށުމީހަކު އައި. އަދި ޔައީނަށް ހަދިޔާއަކާ ސިޓީއެއްވެސް ދީފައި އެބައޮތް. ސިޓީގެ ބޭރުގައި ރީމާގެ ފަރާތުންނޭ ޖަހާފައި އެބައޮތް. ހަމަގައިމުވެސް ތިގޭގައި ރީމާ ކިޔާ ކުއްޖެއްނުހުރޭ. އެހެންވީމާ ހީވަނީ އެއީ ޔައީންގެ ކަމެއްހެން."

"އެހެންވިއްޔާ އަވަހަށް ގެނޭ. އެތައް ދުވަހަކަށްފަހު ރީމާގެ ޚަބަރެއްވުމުން އޭނާ ހުރީ ވަރަށް އުފަލުންނެވެ. ސިޓީލިބުމުން އޭނާ ސިޓީކިޔެވެ. އޭގައި އޭނާވެސް މާލެއަށް ކިޔަވަން އަންނަކަމަށް ލިޔެފައިވެއެވެ.  ބައެއް އިބާރާތްތަކުން ރީމާ އޭނާއާއި މެދުގައި ވިސްނާކަން ފާހަގަ ކުރެވުނެވެ. ސިޓީ ނުފޮނުވާތީ ޝަކުވާ ކުރިއެވެ. އެކަމަކު މިކަންތަކަށް އޭނާ މާބޮޑުސަމާލުކަމެއް ނުދެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ކިޔެވުމަށް އިތުރު ސަމާލުކަން ދިނެވެ. ދެމަހެއްހާދުވަހުގެ ތެރޭގައި ކިޔެވުން ނިމޭތީއެވެ.

މިހާރަކަށް އައިސް ރަހީމަށް ގެއަށް ނުދުރުވެވޭތީ ލީޝަން ގޮވައިގެން އަމީނިއްޔާއަށް ދާން ޔައީނަށް ޖެހެއެވެ. ނަމަވެސް ލީޝަން އޭނާއާއެކު ދާން ލަދުގަނެއެވެ. އެފޮނި އަންހެންކުއްޖާ ދެކޭގޮތުގައި ޔައީނަކީ އޭނާއާއި އެއްމަގެއްގައި ހިނގާލެވޭ ފެންވަރު ހުރި ކުއްޖެއްވެސް ނޫނެވެ. އެއީ ރަށެއްގެ ނިކަމެތި އާއިލާއެއްގެ 'ކަޓު' ކުއްޖެކެވެ. ޒަމާނަށް ހޭނުލާހުރި ނާތަހުޒީބު އާދައިގެ ސޮރެކެވެ. އެހެންކަމުން މަގުމަތީ ހިނގާފާ ދާއިރު ޔައީނު ހުންނަންޖެހެނީ އޭނާގެ މާފަހަތުގައެވެ.

ހުކުރުދުވަހެވެ. ޒީނާ އަވަދިނެތި ގޭމީހުންގެ އަންނައުނުތައް ދޮންނަނީއެވެ. އޭރު ޔައީނު އުޅުނީ ފާރުގައި ހުރި ބާކުލަތައް ފިލުވައި އާކުލަ ލުމުގައެވެ. ޔައީނުގެ މި ބުރަމަސައްކަތުގައި އަޅާލާނެ އެކަކުވެސްނެތެވެ. އެހެންކަމުން ކޮންމެ ފަހަރަކުވެސް ހަރުގަނޑުން ތިރިއަށް ފައިބާ ކުލަލާ ހުރިހާކަމެއް ކުރަނީ ވަރަށް އަވަހަށެވެ. މިހެން އުޅެނިކޮށް އެއްފަހަރު ފޮޅާލި ފިހިން ތަންކޮޅެއް ދުރުގައި ހިއްކަންއަޅާފައި ހުރި އެއްޗިއްސަށް ކުލަބުރިއެވެ. މިކަންތައް ވީ ބޮޑުކަމަކަށެވެ. ލީޝަން އިތުރުގަޑިއަށް ދާން ޔުނީފޯމު ހޯދި އިރު އޭގައި ކުލަ އުނގުޅިފައި ހުރީމާ އޭނާގެ ރުޅި އިންތިހާއަށް ގަދަވިއެވެ. އަދި އެއައި ބާރު މިނުގައި ޔައީނު ކުލަލާން ހުރި ކުލަ ފާޓާ އުކާލިއެވެ. އޭގެ ކުލަތައް ބުރައިގެންގޮސް ޔައީންގެ މުޅިގަޔަށްވެސް ޖެހުނެވެ. އަދި އެވަރުން އެ ނުލަފާ އަންހެން ކުއްޖާ ނިންމާލީއަކީ ނޫނެވެ. އޭނާ ގެ ޔުނީފޯމް ވީދާލާ ކުދިކުދި ކޮށްލިއެވެ. އަދި ޔައީނުގެ އަންނައުނު ކޮޅާއި ފޮތްތައް ކަރުދާސް ފޮއްޓަކަށް އަޅާ މަގުމައްޗަށް އެއްލާލިއެވެ. އެތަކެތި މަގުމައްޗަށް ބުރައިގެން ގޮސްފައި ހުއްޓެވެ. މަގުން ދުއްވާފައި ދިޔަ އުޅަނދުތައް އޭގެ މަތިން ގޮސް ބައެއް އެއްޗިހި ހަލާކުވެފައި ހުއްޓެވެ. އަދި އެވަރު ނުވެގެން މަގުމައްޗައް ނުކުމެ މީހުން އެއްވަންދެން ޔައީނާ ދިމާއަށް ހިތުހުރިވަރަކަށް އެއްޗެހި ގޮވިއެވެ. އެވަގުތު ރަހީމު ނައިނަމަ ޔައީނު ލަދުން ހަލާކުވީހެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން ރަހީމަށް އެތަނަށް އާދެވި އޭނާ ދިފާއު ކޮށްދިނެވެ. އަދި އުކާލެވިފައިވާ އޭނާގެ އަންނައުނުތައް ޚުދު ރަހީމު ހޮވައި ފޮއްޓަށް އަޅައި އޭނާ ގެއަށް ވެއްދިއެވެ.

"ހަމަ މިހާރު ޔައީންގެ ކިބައިން މާފަށް އެދޭ."

"ނޭނގޭތަ. އޭނާ އެހުރީ އަހަރެންގެ ޔުނީފޯމު ހަލާކުކޮށްލާފަ." ލީޝަން ދިފާއުވޭތޯ ބެލިއެވެ.

"ޔުނީފޯމަކަށް ޖެހޭނީ ޔުނީފޯމެއް ހަލާކު ކުރަން. އެއްޗިހިތައް އުކާލެވޭނީ މަށަށް. އެއީ މަ ގެނައި ކުއްޖެއް. އޭނާކިބައިން މާފަށް އެދޭ." ރަހީމުގެ އަޑުބާރުވިއެވެ.

"ސޮރީ." އެނޫންގޮތެއް ނެތުމުން ލީޝަން މާފަށް އެދުނެވެ. ކުރީދުވަހު ލީޝަން ޔައީނާ ދިމާއަށް ޖެއްސި ވައްތަރު ޔައީނުގެއަގަޔަށް ޖައްސާލިއެވެ. މިކަމާ ލީޝަން އިންތިހާއަށް ރުޅިއައެވެ. އަދި އޭނާގެ އަތުގެ އިޝާރާތުން ދޫނުކުރާނަމޭ ބުނާފަދަ ގޮތަކަށް އިންޒާރު ދިނެވެ. ނަމަވެސް  ޔައީނު ހިތްވަރު ކޮށްލާފައި މަސައްކަތްކުރީ ރަނގަޅު ނަތީޖާއެއް ލިބޭވަރަށް ކިޔެވުމަށެވެ.

 

ޔައީނު ނުހަނު ހިތްވަރާއެކު ކިޔެވުން ނިންމާލުމަށްފަހު ރަށަށް ހިނގައްޖެއެވެ. އޭނާގެ  އާއިލާއާ އެކު ބަޔާންވެސް ނުކުރެވޭފަދަ އުފަލަކާއި އަރާމަކާއެކު ވަގުތުހޭދަ ކުރަނީއެވެ. ސާފުމޫދާއި ވިލުތަކާއި ފަޅުގައި އޭނާގެ ރަހުމަތްތެރިންނާއެކު މަޖާކުރަނީއެވެ. ރަށުގެ ފަޅުތެރޭގައި އޮތް ކުޑަކުޑަ ތިންފަޅުރަށަށް ދަތުރުދިއުމާއި މަސްބާނަން ދިއުމުގައި އޭނާވަނީ އަވަދިނެތިއެވެ. ސާފު ހިމަ ތުނޑިތަކުގައި ދޫނި ހިފުމާއި ކުޅިވަރު ކުޅުމުގައި އޭނާވަނީ ހުސްވެފައެވެ. ރަށުގެ ދިރިއުޅުމަކީ ހާދަހާ އުފާވެރި ދިރިއުޅުމެކެވެ. މާލޭގެ ބައިބޯ ދިރިއުޅުމާއި މީހުންނަށް އަޅުދާސް ވުމަކީ ކިހާ ވޭންހުރި ކަމެއްކަން އޭނާއަށް މިހާރު ތަޖުރިބާ ކުރެވިއްޖެއެވެ. ނަމަވެސް އޭނާ ވަޒީފާއަކަށްވެސް ދާންޖެހޭނީ މާލެކަން އެނގޭތީ ހާސްވެއެވެ. ރަށުގައި ވަޒީފާ އޮތީ ސިއްހީ މަރުކަޒުގައާއި އޮފީހުގައާއި ސްކޫލުގައެވެ. އެތަންތަނަށް އޭނާކުޑައިރުއްސުރެވެސް މީހުންވަނީ ހަމަޖެހި ނިމިފައެވެ. އެއީ ދެން ބަދަލު ނުވާނެ މީހުންނެވެ. ދެންވެސް ވަޒީފާއެއް ހަމަޖެހެން އުޅޭއިރަށް އެމީހުންގެ ރުހުން ލިބޭމީހުންނަށް ކުރިން އަންގާ އެބަޔަކު ތަމުރީނު ކުރަން ފަށާނެއެވެ. އެހެންކަމުން ރަށުގެ ވަޒީފާއަކީ އޭނާކަހަލަ އާދައިގެ މީހުންނަށް ލިބޭނޭ އެއްޗެއް ނޫނެވެ.

ދުވަސްކޮޅަކަށްފަހު ޔައީން ކިޔެވުމަށްކުރި ބުރަ މަސައްކަތުގެ ނަތީޖާ ލިބިއްޖެއެވެ. އަހުމަދިއްޔާ ސްކޫލުގެ ގަދަ ދިހަކުދިންގެ ތެރޭގައި އޭނާ ހިމެނުނެވެ. މިކަން ވެގެންދިޔައީ އޭނާ ހަޔަރ ސެކަންޑަރީ ސްކޫލަށް ވަނުމަށް މަޖުބޫރުކުރުވި ކަމަކަށެވެ. އަނެއްކާވެސް އޭނާ ރާމިޒާއާއި ލީޝަންގެ ނުފޫޒުގަދަ ދިރިއުޅުމަށް ދާންޖެހުނީއެވެ. ޔައީން ސީއެޗްއެސްއީ ގައި ކިޔަވަމުންގެންދެއެވެ. ޒީނާ ކެތްތެރި ކަމާއެކީ ހިތްވަރު ދެމުން ދާތީ އޭނާއަށް ހަމަޖެހުން ލިބެއެވެ. ކުރިއަށްވުރެ ބޮޑަށް އޭނާ މަސައްކަތް ކުރަމުންދަނީ ރަނގަޅަށް ކިޔެވޭތޯއެވެ. އަދިވެސް އޭނާ ހުންނަނީ ހަމަ އެންމެ ކުރީގެ ހަރުދަނާ އުސޫލެވެ. ޚަރަދު ކުޑަކުރުމާއި ފަހަށް ރައްކާ ކުރުމެވެ. ބޭކާރު ތަކެއްޗާއި މޮޅު އަންނައުނެއް ނުގަނެއެވެ. ޔައީން ފެންނަ ކޮންމެމީހަކަށްވެސް އެހެން ޒުވާނުންނާ ޚިލާފަށް  އާދައިގެ ރަށްފުށުގެ ކުއްޖެއްކަން އެނގޭކަށް މާގިނައިރުތަކެއް ނުވާނެއެވެ.

މިކަމާ އެންމެ މަލާމާތް ކުރާ ކުއްޖަކީ ލީޝަންއެވެ. ލީޝަން ސްކޫލަށް ގެންދާއިރުވެސް ކުލާސް ކުދިންގެ ކުރިމަތީގައި އޭނާ ދެރަކޮށްލައެވެ. މިކަމާ ލީޝަން ދެކެ ރުޅިއާދެއެވެ. ނަމަވެސް އެނޫންގޮތެއް ނެތީތީ އޭނާ ހިތްވަރުކުރެއެވެ.

 

އާދައިގެމަތީން ރާމިޒާވީ ރައްޓެހި ބަޔަކާއެކު ކޮންމެވެސް ބޭރު ގައުމަކަށް ގޮސްފައެވެ. މިއީ ސްކޫލުތައް ބަންދު ހަފްތާއެއްކަމުން އޭނާ ދިޔައީ ލީޝަންވެސް ގޮވައިގެންނެވެ. އެހެންކަމުން ޔައީނަށާއި ޒީނާއަށް ނުހަނު އުފާވާ ޗުއްޓީއަކަށް ވެއްޖެއެވެ. ޒީނާގެ އޯގާތެރިކަމާއި އަޅާލުން އަދި އެހިތްވަރުގަދަކަން ޔައީނަށް ނުހަނު ކަމުދެއެވެ. ނަމަވެސް އެކަހަލަ އެއްވެސް ވާހަކައެއް އޭނާ ނުދައްކައެވެ. ޒީނާގެ ހިތުގައި އޮތްގޮތެއް ނޭނގޭތީއެވެ. ދެމީހުން އެކުގައި ފިލާވަޅުކިޔަން ވަގުތު ހޭދަކުރެއެވެ. އެކުގައި ކައިބޮއި ހަދައެވެ. އެއީ ހަމަ ވަރަށް ގާތް ދެރަހުމަތް ތެރިންކަން ޔަގީނެވެ.

ރާމިޒާމެން ފުރައިގެންދިޔަތާ  ތިންވަނައަށް ވީދުވަހު ރަހީމު ސިޓިންރޫމަށް ވެއްޓިފައި އޮއްވާ ޒީނާއަށް ފެނުނެވެ. އޭނާ އަވަސް އަވަހަށް ރަހީމަށް ވީގޮތެއް ބަލާލަން ގުދުވިއެވެ. އޭރު އޭނާގެ މޫނު ވަނީ ރަތްވެފައެވެ. ދެލޮލުން ފެންތައް ފައިބައެވެ. މީހާ ތުރުތުރު އަޅަނީއެވެ. ޒީނާ ހުރީ ކަންބޮޑުވެފައެވެ. އޭނާ ރަހީމުގެ މޫނުގައި އަތްލިއެވެ. ރަހީމުވަނީ ވަރަށް ހުންގަދަވެފައެވެ.

"ޕެނަޑޯލް އެބަހުރިތަ." ލޯމެރިފައި އޮތް ރަހީމު ކުކުރަމުން ބުނެލިއެވެ.

"ހޯދާލައިގެން އެބައަންނަން." ޒީނާ ދުވެފައި ދިޔައެވެ. މަދު ސިކުންތު ކޮޅެއްތެރޭގައި އޭނާ ޕެނަޑޯލު ގެނައެވެ. އަދި ސާފު ބިއްލޫރި ބޯތަށްޓަކަށް ފެންއަޅައިގެން ގެނައެވެ.

"ބޭސް ބައްލަވަން ވީނޫންތޯ." އޭނާ ބޭސް ދިއްކޮށްލިއެވެ. ރަހީމު ވަރަށް ހިތްވަރުކޮށްލާފައި ބޭސް ބުޔެވެ. އަދި ތެދުވެވޭތޯ އުޅުނެވެ. ނަމަވެސް އޭނާ ގަޔަކު ވަރެއްނެތެވެ. ޒީނާއަށް މިކަން އިހުސާސް ކުރެވުނެވެ. އޭނާ ރަހީމުގެ ބުރަކަށި ދޮށަށް އަތްލައްވާލާ ހިއްލާލިއެވެ. އަދި އޭނާގެ އެހީއާއެކު ސޯފާގައި ބޭއްވިއެވެ. ޒީނާ ރަހީމުގެ އިސްޓާކީނު ބާލައިދިނެވެ. އަދި ނިތްކުރީގައި ފެން އުނގުޅައިދިނެވެ. ޒީނާއަށް އެންމެ ކުޑައިރުންފެށިގެންވެސް ފެނިފައިވަނީ މީހުން ބަލިވީމާ އޭނާގެ މާމަ އެހީވާތަނެވެ. އޭނާއަށް ދަސްވެފައިވަނީވެސް ބަލިމީހުންނަށް އޯގާތެރިވުމަށެވެ. އެހެންކަމުން އެއްވެސް ޖެހިލުމެއްނެތި ރަހީމުގެ ހުން ވިހެލަންދެން އޭނާ ފެންއުނގުޅިއެވެ. މިއީ ރަހީމަށް ދުވަހަކުވެސް ލިބުނު އޯގާތެރިކަމެއް ނޫނެވެ. އޭނާ މިގޮތަށް ކިތައް ފަހަރު ހުން އަތުވެއްޖެ ހެއްޔެވެ؟ ހުންއައިސްގެން ނުނިދިފާއޮތް ކިތައްރޭ ރާމިޒާ އަރާމުގައި ނިދިހެއްޔެވެ؟ މިއަދު އޭނާގެ އަނބިމީހާވީ އެތައް މޭލެއްގެ ދުރުގައެވެ. އޭނާބަލިވުމުން ހޭހަންކޮށްދިނުމުގެ ބަދަލުގައި ފޯނުކޮށްލާނީވެސް ކަމަކު ބޭނުންވީމައެވެ. ނަމަވެސް މި ކުޑަކުޑަ  ޒީނާ ވެސް އޭނާއަށް މާރަނގަޅެވެ. އެކަމަކު އެއީ އޭނާގެ ކާކު ހެއްޔެވެ؟ އެނިކަމެތި ކުއްޖާއަށް އޭނާގެ ފަރާތުން ލިބުނީ ކޮންމަދަދެއް ހެއްޔެވެ؟ ތިމާގެ މީހެއް އަޅާލާނެ މީހެއް މިދުނިޔޭގައި ނެތް ފަގީރުކުއްޖަކަށް އޭނާއަށް ކoށްދެވުނީ ކޮން އިހުސާންތެރިކަމެއް ހެއްޔެވެ؟ ނަމަވެސް އޯގާތެރި ކަމާއެކު އޭނާއަށް އެހީތެރިވަނީ އެ ކުއްޖާއެވެ. މިއީ ކޮންފަދަ ބޭއިންސާފެއް ހެއްޔެވެ؟ އުމުރު ހުސްވަންދެން ކުރިމަސައްކަތުގައި ލިބުނުހާ އެއްޗެއް ފެންފަދައިން އިސްރާފުކުރަމުންދާ އޭނާގެ އަންހެނުންގެ އެހާ އޯގާތެރިކަމެއްނެތީ ކީއްވެބާއެވެ؟ އޭނާގެ ކެތްތެރިކަމާއި ވަފާތެރިކަމާއި ދީލަތިކަމުގެ ނަތީޖާއަކީ މިއެކަނިވެރިކަން ބާވައެވެ؟ ރަހީމަށް މިކަމުން ކުރުވީ ބުނަންވެސް ނޭނގޭ ކަހަލަ ހިތްދަތި އަސަރު ތަކެކެވެ.

ޔައީނުވެސް ވީ ސްކޫލް ގެ ބިޒްނަސް ސްޓަރޑީޒްގެ ދަތުރަކު ސޮނެވާ ފުއްޓަށް ގޮހެވެ. މިދަތުރުގައި އޭނާ ތިންދުވަސް ވާނެ ކަމަށް އޮތީ ބުނެފައެވެ. އެހެންކަމުން ގޭގައި އުޅެނީ ޒީނާ އާއި ރަހީމެވެ. ގަޑިން ގަޑިއަށް ހުން ގަދަކުރާތީ ޒީނާ ރަހީމުގެ ޚިދުމަތުގައި އިނެވެ. އިރުއިރުކޮޅުން ދިޔާއެއްޗިހި ދިނުމާއި ގަޑިންގަޑިއަށް ބޭސް ދިނުމާއި ހުންގަދަވެއްޖެނަމަ ފެން އުނގުޅާލަދިނުމުގައެވެ. ޒީނާގެ މިއޯގާތެރިކަމާއި ބެލެހެއްޓުން ރަހީމަށް އެތައް ކަންތައްތަކެއް ވިސްނެންފެށިއެވެ. އަނތްބެއްގެ އެހީތެރިކަމާ އަޅާލުން ދުވަހަކުވެސް ލިބިފައިނުވާ ރަހީމަށް ޒީނާގެ ފަރުވާބެހެއްޓުމާއި އޭނާއާމެދު ކަންބޮޑުވާބޮޑުވުން އޭނާގެ ނިދާފައިވާ ލޯބީގެ ހިއްސު ހޭލައްވާލިއެވެ. އޭނާއަށް ޅަ ޒުވާން އާދައިގެ ހެދުމެއްގައި ހުންނަ ޒީނާ ނުހަނު ކަމުހިނގައްޖެއެވެ. ނިކަމެތި ހަށިގަނޑު 'ކަޓު' ފަގީރު ހެދުމުގައި ހުންނައިރު އޭނާއަށް ޒީނާ ނުހަނު ލޯތްބެވެ. އޭނާއަށް މިކަންތައް ފުރަތަމަ އިހުސާސް ވީ ފަހަރު ވަރަށް ކަންބޮޑުވިއެވެ. އެއީ އަޅާލާނެ މީހަކުނެތް އޭނާގެ ދަރިފުޅު އުމުރުގެ ކުއްޖެކެވެ. އޭނާއާމެދު އެފަދަ ގޮތަކަށް ވިސްނުނީތީ ރަހީމު ކަންބޮޑުވެލެއްވިއެވެ.

"ބޭސް ދޭން ނަޔަސް އެންމެ ރަނގަޅު. ބޭސްތައް ފެންނަހިސާބެއްގައި ބަހައްޓާ." ޒީނާއާއި ވީހާވެސް ދުރުގައި ހުންނަން އޭނާ ބޭނުމެވެ.

"އެންމެ ރަނގަޅު." ޒީނާ ރަހީމަށް އިހުތިރާމް ކުރާވަރުން ދެކޮޅު ހަދާކަށް ނުކެރުނެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ. ޔަޝްފާގެ މި ހުނަރުގެ އަގު ވަޒަންކުރައްވައި، 2014 ވަނަ އަހަރު، ޒުވާނުންގެ ގައުމީ އިނާމު އަދި 2015 ވަނަ އަހަރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަލިޔުމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވެއެވެ
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *