މެގްނީޒިއަމްއަކީ ހަށިގަނޑަށް މުހިއްމު މާއްދާއެއް

މެގްނީޒިއަމް އަކީ ހަށިގަނޑުގެ މަސްތަކާއި ނާރުތަކުގެ މަސައްކަތްތަކާއި ހަކަތަގެ މިންވަރަށް އެހީތެރިވެދޭ މަޢުދަނެކެވެ. މެގްނީޒިއަމްގެ މިންވަރު މާ ދަށްވެއްޖެނަމަ ހިތުގެ ބަލިތަކާއި، ޓައިޕް 2 ހަކުރުބައްޔާއި، އޮސްޓިއޯޕޮރޮސިސް ޖެހުމުގެ ނުރައްކާ އެބައޮތެވެ. މެގްނީޒިއަމް މަދުވުމުގެ ކުރީކޮޅު ފެންނަ އަލާމާތްތަކަށް ފަރުވާކުޑަކުރުމަކީ ފަސޭހަ ކަމެކެވެ. އެކަމަކު މި ފަސް އަލާމާތުގެ ތެރެއިން އެއްވެސް އަލާމާތެއް ފާހަގަ ކުރެވިއްޖެނަމަ ސަމާލުކަން ދޭން ޖެހޭ ސަބަބަކީ އެއީ މެގްނީޒިއަމް މަދުވެފައިވާ ކަމުގެ އިޝާރާތަކަށް ވެދާނެތީ އެވެ.

މެގްނީޒިއަމް އަކީ ހަށިގަނޑުގައި ހަތަރުވަނައަށް އެންމެ ގިނައިން ހުންނަ މަޢުދަނެވެ. ހަށިގަނޑުގައި ހަކަތަ މެޓަބޮލައިޒް ކުރުމަށް އެހީތެރިވެދެއެވެ. މެގްނީޒިއަމް ހުންނަނީ ކަށިތަކާއި ދަތްތަކާއި ސެލްތަކުގައެވެ.

މެގްނީޒިއަމް މަދުވުމުން ކެއުމަށް ޝައުގުވެރިކަން ގެއްލިދާނެ އެވެ. ގިނަ ފަހަރަށް ކާހިތްކެނޑުމަކީ މެގްނީޒިއަމް މަދުވުމުގެ ފުރަތަމަ އަލާމާތެވެ. ބަނޑުހައިހޫނުކަން ނެތުމާއެކު، މަސައްކަތް ނުކޮށް ބަރުދަން ލުއިވެދާނެއެވެ. އަދި ކާއެއްޗެހި ކަމުނުގޮސް ކެއުމާއި ދުރަށް ޖެހެވޭނެއެވެ. މެގްނީޒިއަމްގެ މިންވަރު މައްޗަށް ދިއުމަށް އެހީތެރިވެދޭ އަދި މެގްނީޒިއަމް ގިނައިން ހުންނަ ބައެއް ކާނާ ތަކުގެ ތެރޭގައި ބަރަބޯ، ބިސް، ކެޝޫ ނަޓް، އަލުވި، ތޮޅި، އެވަކާޑޯ، ކުކުޅު، ރަތްހަނޑޫ، ދޮންކެޔޮ، ހިކި މޭބިސްކަދުރު، ބޮރޮކަލީ ހިމެނެއެވެ.

ގައިގެ މަސްތަކުގައި ރިއްސުން ކުރިއަށްދާނަމަ އެއީ މެގްނީޒިއަމް މަދުވުމުގެ އަލާމާތަކަށް ވެދާނެ އެވެ. މި މިނަރަލްގެ އެހީގައި މަސްތައް ރަނގަޅަށް ރިލެކްސްވެ ކޮންޓްރެކްޓް ވެގެންދެއެވެ. އުމުރުން ދުވަސްވާވަރަކަށް މަސްތަކުގައި ރިއްސުމަކީ އާންމު ކަމެކެވެ. މަސްތަކުގައި ރިއްސުން ފަދަ ކަންކަމުން ސަލާމަތްވުމަށް ބައެއް މީހުން ވަނީ މެގްނީޒިއަމް ސަޕްލިމެންޓްތައް ދެވިފައެވެ.

ހިތުގެ ހިނގުމަށް ބަދަލުއައުމާއި ލޭމައްޗަށް ދިއުމަކީ މެގްނީޒިއަމް މަދުވުމުގެ އާންމު ދެ އަލާމާތެވެ. މެގްނީޒިއަމް މަދުވުމުން ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. މި ކްރިޓިކަލް މިނަރަލް އަކީ ހިތަށް ވަރަށް މުހިންމު މަޢުދަނަކަށް ވާއިރު، މިއީ އިލެކްޓްރޯލައިޓްސް، ކެލްސިއަމް، އަދި ޕޮޓޭސިއަމް ސެލްތަކަށް ގެންދިއުމަށް އެހީތެރިވެދޭ އެއްޗެކެވެ. އިލެކްޓްރޯލައިޓްސް އިން ހިތުގެ ތެޅުން އާދައިގެ ގޮތަކަށް ހެދުމަށްޓަކައި ނާރުތަކާއި މަސްތައް ކޮންޓްރެކްޓް ވުމުގެ މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.

މޭނުބައިކުރާނަމަ ރޯގާއެއް ހުރި ކަމަށް ހީކުރެވިދާނެ އެވެ. މޭނުބައިކުރުން ދިގުދެމިގެންދާނަމަ އެއީ މެގްނީޒިއަމް މަދުކަމުގެ އަލާމާތަކަށް ވެދާނެއެވެ. ގިނައިން ހޮޑުލެވޭނަމަ ބަލި ދިގުދެމިގެންދާނީ ކިހާ ދުވަހަކަށްތޯ ބަލާށެވެ. ހޮޑުލެވުމަކީ ޑީހައިޑްރޭޝަން އަށް މަގުފަހިވާ ކަމެކެވެ. އަލާމާތްތައް ހަފްތާއަކަށް ވުރެ ގިނަ ދުވަހު ދެމިގެންދާނަމަ ޑޮކްޓަރަށް ދައްކާށެވެ. އޭރުން ލޭގެ ޓެސްޓްތައް ހަދައިގެން މެގްނީޒިއަމް މަދުވުން ނުވަތަ އެނޫންވެސް ހާލަތްތައް ދެނެގަނެވޭނެ އެވެ.

މެގްނީޒިއަމް މަދުވުމުން ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެއެވެ. ވަރުބަލިކަން ކޮންމެ މީހަކަށްވެސް ޖެހެނީ ދޭތެރެއަކުންނެވެ. ދިރިއުޅުމުގެ ބުރަ ދުވަސްތަކެއްނަމަ ވަރުބަލިކަމަށް މާބޮޑު ސަމާލުކަމެއް ނުދެވިދާނެއެވެ. އެކަމަކު ވަރުބަލިކަން އެތައް ހަފްތާއެއް ވަންދެން ދެމިއޮވެއްޖެނަމަ އެއީ މެގްނީޒިއަމް މަދުވުމުގެ އަލާމާތަކަށް ވެދާނެއެވެ. އެއީ މެގްނީޒިއަމް މަދުވުމުގެ އަލާމާތެއްގެ އިތުރުން ސިއްހީ އެހެން މައްސަލަތަކެއް ވެސް ދިމާވާ އަލާމާތެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *