މާތް ﷲ އިންސާނުން އުފައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައެވެ. އެކަކު އަނެކެއްގެ އެހީތެރިކަމާއި، މަދަދަށް ބޭނުންވާ ގޮތަށެވެ. އެހެންކަމުން ކޮންމެ އިންސާނަކީ ވެސް، އަނެކުންގެ އެހީތެރިކަމާއި، އަޅައިލުން ބޭނުންވާނެ މީހެކެވެ. މުޞީބާތާއި ތަކުލީފުގެ ވަގުތުގައި، އެހެން މީހުންނަށް އެހީތެރިވެ، ހަމްދަރުދީ ވާން ޖެހެއެވެ. އެއީ އަހަރެމެންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ. މިއީ މުއުމިނުންގެ ސިފައެކެވެ. އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. ކައުއިތުރު މާތް ނަބިއްޔާ صلى الله عليه وسلم ގެ މިތުރު އަޞްޙާބުންނަށް ތަޢުރީފުކުރައްވައި، މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَٰئِكَ هُمُ الْمُفْلِحُونَ ﴾ މާނައީ: "އަދި އެއުރެންގެ ކުރީގައި، އަލްމަދީނާގައި ވަޒަންވެރިވެ، އީމާންކަމުގައި ޤާއިމްވެތިބި އަންޞާރުން، އެއުރެންގެ ގާތަށް ހިޖުރަ ކުރި މުހާޖިރުން ދެކެ ލޯބވެތެވެ. އަދި އެއުރެންނަށް (އެބަހީ: މުހާޖިރުންނަށް) ދެއްވި އެއްވެސް އެއްޗަކަށް އެއްވެސް ބޭނުމެއް (ނުވަތަ ދަހިވެތި ކަމެއް) އެއުރެންރެން (އެބަހީ އަންޞާރުން) ގެ ހިތްތަކުގައި ނުވެއެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް، އެއުރެންނަށް އިސްކަންދެތެވެ. އެއުރެންނަށް ބޭނުންތެރިކަން ބޮޑުވެފައި ވީނަމަވެސްމެއެވެ. އެމީހެއްގެ އަމިއްލަ ނަފްސުގެ ދަހިވެތިކަމުން މިންޖުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ހަމަ ދިންނަވާނެ މީހުންނެވެ."
މާތް ﷲ އިންސާނުން އުފައްދަވާފައިވަނީ، އެކަކު އަނެކަށް އެހީތެރިވެ އިޖުތިމާޢީ ދިރއުޅުމެއް އުޅޭ ބައެއްގެ ގޮތަށެވެ. މުއުމިނުންނަކި، ފޭރާމެއްގެ ރޮދިތަކެއް ފަދައިން، ވަރަށް ގިނަ ގޮތްގޮތުން، އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ބައެކެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައި ވެއެވެ. "އެއް މުއުމިނަކު އަނެއް މުއުމިނަކާ (ދެމެދުގައިވާ ގުޅުމުގެ މިސާލަކީ) ބިނާއެއްގެ މިސާލެވެ. އެ ބިނާގެ އެއް ގައުގަނޑު، އަނެއް ގައުގަނޑަށް ގަދަކަން ދެއެވެ." މުއުމިނުންގެ ސިފތައް ބަޔާން ކުރައްވައި، އަދިވެސް ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. "މުއުމިނުން އެއްބަޔަކު އަނެއް ބަޔަކަށް ލޯބިވުމުގައްޔާއި، ރަޙުމް ކުރުމުގައްޔާއި އޯގާތެރިވުމުގައި، އެމީހުންގެ މިސާލަކީ، އެއް ހަށިގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުނަވަނެއްގައި ވޭން އަޅައިފިނަމަ ހޭލާހުރުންނާއި، ހުންއައުމުން، ހަށިގަނޑުގެ އެންމެހައި ގުނަވަންތައް އެގުނަވަނާ ބައިވެރިވެއެވެ.
އިސްލާމީ މުޖުތަމަޢުގެ އަފްރާދުން ވާންޖެހޭނީ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކު ކަމުގައެވެ. އެއްބަޔަކު އަނެއްބަޔަށް އެހީތެރިވުމާއި ހެޔޮކޮށް ހިތުމުގައެވެ. އެކަކު އަނެކެއްގެ ޙާލު ބަލައި، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވުމުގައެވެ. އެކަކު އަނެކެއްގެ ޙާލު ބަލައި، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިވުމުގައެވެ. މި ކަމަކީ، އިންސާނިއްޔަތުގެ އިތުރުން، މުސްލިމުންގެ އީމާންތެރިކަމާވެސް ގުޅިފައިވާ ކަމެކެވެ.
(މަޢުލޫމާތު: ހުކުރު ޚުޠުބާ)
