ވިސްނުންތެރި ގާޒީއާއި ކުނިވެފައިވާ ކުއްތާ

އެއްރަށެއްގައި އުޅުއްވި ގާޒީއެކެވެ. އޭނާއަކީ ތަޤްވާވެރި ބޭފުޅެއް ކަމުން ދީނީ ޤަވާޢިދުތަކަށް ޢަމަލުކުރުމުގައި ވަރަށް ހަރުކަށި ބޭފުޅެކެވެ. ބޮޑު މައްސަލައެއް ވިޔަސް ކުޑަ މައްސަލައެއް ވިޔަސް އެރަށުގެ މީހުން އެ މައްސަލައެއް އެ ގާޒީ އަރިހަށް ދިއުމުން އޭނާގެ ހުކުމް ދެއްވައި އެއަށް ހަރުކަށިކޮށް އަމަލުކުރާކަން ކަށަވަރުކޮށްދެއެވެ.

އެއްދުވަހަކު ރަށަށް ބޯފެން ފޯރުކޮށްދޭ ހަމައެކަނި ފެންވަޅަށް ކުއްތާއެއް ވެއްޓުނެވެ. ފެން ބޯން ރަނގަޅުނުވާނެކަން ދެނެގަނެ، އެރަށުގެ މީހުން ގާޒީ އަރިހަށް ގޮސް ހަދަންވީ ގޮތް އޮޅުންފިލުވިއެވެ.

ގާޒީ އޭނާގެ ފޮތްތައް ހުޅުވާލެއްވުމުން އަތުގައި އޮތް ވަކި މައްސަލައަކަށް އަމަލުކުރާ ހުކުމެއް ފެނިލެއްވިއެވެ.

"ވަޅުގައި ހުރި ހުރިހާ ފެނެއް ނަގަން ޖެހޭނެ." ގާޒީ އަމުރު ކުރެއްވިއެވެ.

"ވަޅު މުޅިން ހުސްވުމުން، ބިމުގެ އަޑީގެ  ތާޒާ ފެން ފުރާލަން އެ ވަޅު ދޫކޮށްލަންވީ. އޭރުން އެ ފެން ބޯލެވޭނެ".  ގާޒީ ބުނުއްވިއެވެ.

ރަށުގެ މީހުން ވާޖިބު އަދާކުރުމުގެ ގޮތުން ވަޅުގައި ހުރި ފެން ހުސްކުރިއެވެ. ފަހަރަކު ފެންބާލިދީއެއް ނަގަމުންނެވެ. އެއީ ރަށުގެ ކޮންމެ މީހަކުވެސް ބައިވެރިވާން ޖެހޭ ބޮޑު މަސައްކަތެކެވެ. ވަޅު ހުސްވުމުން، އެންމެ ފަހު ބާލިދީއާ ހަމައަށް ފެންގަނޑު ތިރިއަށް ދިޔައިރު، ރަށުގެ މީހުން ވަނީ ބިމުގެ އަޑީގައިވާ ފެން  މަޑުމަޑުން އަލުން ފުރަންފަށާފައެވެ.

ގާޒީ އަންގަވާފައިވާ ގޮތަށް އެމަސައްކަތް ފުރިހަމަ ކުރުމަށްފަހު އެރަށުގެ މީހުން އެދުނީ ވަޅުންނެގި ފުރަތަމަ ތާޒާ ފެންތަށި ގާޒީއަށް އަރުވާ އެ ޝަރަފުވެރިކަން ދިނުމަށެވެ. އެމީހުން ބާލިދީއެއްގެ ފެން ނަގައި  ސާފު ބިއްލޫރި ފުޅިއަކަށް އަޅައިގެން ގާޒީ އަރިހަށް ގެންދިޔައެވެ.

" ގާޒީ، އަޅުގަނޑުމެންނަށް ތިޔަ އަމުރުކުރެއްވި ގޮތަށް ވަޅު ހުސްކޮށްލާ އަލުން ފެންއަޅާ ފުރަތަމަ ފެންފުޅި މިހުރީ ގެނެސްފައި." ގާޒީއަށް އެ ބިއްލޫރި ފުޅި ހަދިޔާ ކުރަމުން ރަށުގެ މީހުން ބުނެލިއެވެ.

ގާޒީ ފަރުވާތެރިކަމާއެކު ބިއްލޫރި ފުޅިއަށް ބައްލަވާލެއްވިއިރު ފެނުގައި އޮޔާދަމުން ދިޔަ އިސްތައްޓެއް ފެނިލެއްވިއެވެ. ރަނގަޅަށް ބެއްލެވުމަށްފަހު އެއީ ކުއްތާގެ ކެހެރިއެއްކަން ކަނޑައެޅުއްވިއެވެ.

ބިރުގަނެފައިވާ ހާލު ގާޒީ އެ ކުއްތާގެ ކެހެރި ފެނުގެތެރެއަށް އައީ ކޮންތާކުންތޯ އެއްސެވިއެވެ.

"ގާޒީ، އެއީ މަރުވެފައިވާ ކުއްތާގެ އެއްޗެއް." އެރަށުގެ އެކަކު ބުންޏެވެ.

"ކީކޭ؟ މަރުވެފައިވާ ކުއްތާ އަދިވެސް ވަޅުގައި އެބައޮތްތަ؟" ހާސްވެލައްވާފައިވާ ގާޒީ އެއްސެވިއެވެ.

"ގާޒީ އަމުރު ކުރެއްވި ގޮތަށް އަޅުގަނޑުމެން ކަންތައް ކުރީ." ރަށުގެ އެހެންމީހަކު ބުންޏެވެ.

“އަޅުގަނޑުމެން ވަޅުގަނޑުން ހުރިހާ ފެނެއް ނަގައި، މުޅިން ހުސްކޮށްލީ. އެކަމަކު މަރުވެފައިވާ ކުއްތާއާއި ބެހޭގޮތުން އެއްވެސް އެއްޗެއް ގާޒީ ނުބުނުއްވާ. އެހެންވީމާ، އަޅުގަނޑުމެން އޭގައި އަތް ނުލީ." އެހެންމީހަކު ބުންޏެވެ.

އެންމެފަހުން ރައްޔިތުންނަށް  އެމީހުންގެ ފިލާވަޅު ދަސްވިއެވެ. ނަޖިސް ނައްތާލުމަށްޓަކައި އެ ނަޖިސް އުފެދޭ އަސްލު ނައްތާލަން ޖެހޭކަން އެމީހުންނަށް އެނގުނެވެ. ތަޣައްޔަރުވެފައިވާ ފެނާއި އެކު ކުއްތާ ނެގުމަށް ފަހު ވަޅުގަނޑުގައި ހުރި ފެން ސާފުވިއެވެ.

 

އިންސާނާގެ ފުރާނައަކީ ވަޅުގައިވާ ފެން ފަދަ އެއްޗެކެވެ. އެއީ ރޫޙުން ލިބޭ ތާޒާ ފެނުން ފޯރުކޮށްދޭ އެއްޗެއް ނަމަވެސް ނަފުސަކީ ގޯސް ޢަމަލުތަކުން ތަޣައްޔަރުވުމަށް ފަސޭހަ އެއްޗެކެވެ. ނަފްސުން އުފައްދާ ތަޣައްޔަރު ތަކުގެ ތެރޭގައި ޙަސަދަވެރިކަމާއި، ދަހިވެތިކަމާއި، ޝުކުރުވެރިވުމާއި، މަކަރުވެރިކަމާއި، ކިބުރުވެރިކަމާއި، ބޮޑާކަން ހިމެނެއެވެ. ނަފްސު ޠާހިރު ކުރުމަށްޓަކައި ތަޣައްޔަރުވުމާއި އަދި ތަޣައްޔަރުކަން އުފައްދަމުންދާ މަސްދަރު ނެތިކޮށްލަންޖެހެއެވެ. އެއީ ބާރުގަދަ ހަނގުރާމައެކެވެ. އެއީ މީހާގެ މުޅި ޙަޔާތުގައި މެދުނުކެނޑި ކުރިއަށްދާ މަސައްކަތެކެވެ. ނަފުސު ޠާހިރުކުރުމުގެ މަސައްކަތެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *