ނިދުމުގެ ފެންވަރު ރަނގަޅުކުރޭ!

ރޭގަނޑު 7 ގަޑިއިރު ނުވަތަ 8 ގަޑިއިރު ނިދުމަށް ޑޮކްޓަރުން ފާހަގަކުރާކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑުމެން އާންމުކޮށް ވިސްނުމުގައި ނެތްކަމަކީ ނިދުމުގެ ކޮލިޓީއަކީ ކިހާ މުހިއްމު ކަމެއްކަމެވެ.  ނިދުމުގެ ފެންވަރު އެކިމީހުންނަށް ތަފާތު ނަމަވެސް ތަޖުރިބާކާރުން އެއްބަސްވާ ކަމަކީ ރޭގަނޑުގެ ފުރިހަމަ ނިދިން ހޭލެވުމަށްފަހު އެމީހަކަށް އަރާމު ކަމާއި ހަކަތަ ލިބިފައިވާ ކަމުގެ އިހުސާސް ކުރެވެން ޖެހޭނެ ކަމެވެ.

ދުވާލު ވަގުތު ނިދި އަންނަ ކަމުގެ އިހުސާސް ކުރެވޭނަމަ ނުވަތަ ފޯކަސް ކޮށްގެން ހުރުމަށް ކޮފީއަށް މާބޮޑަށް ބަރޯސާވާން ޖެހޭ ނަމަ ނިދުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވިސްނަން ޖެހިދާނެ އެވެ. ފުރިހަމަ ނިންޖެއް ތިމާއަށް ބޭނުންވަނީ ތިމާއަށް އަރާމެއްލިބުމަށާއި، ދުވަހުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށާއި އަދި ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށެވެ. އެކަށީގެންވާ ވަރަށް ނިދި ނުލިބުމުން ހިތްހަމަ ނުޖެހި، ވަރުބަލިވެ އަދި މޫޑު ގޯސްވެދެއެވެ.

ރަނގަޅު ފެންވަރެއްގެ ނިދި ނުލިބޭނަމަ ޖިސްމާނީ ގޮތުން ވަރުބަލިވާ އެއްވެސް މަސައްކަތެއް ނުކުރިޔަސް މުޅި ދުވަހު ވަރުބަލިވުން އިހުސާސް ކުރަން ޖެހެއެވެ. މީގެ ސަބަބުން ތިމާގެ އުފެއްދުންތެރިކަމަށް ނުވަތަ ދުވަހުން ދުވަހަށް ކުރާ އެހެން މަސައްކަތްތަކަށް ހުރަސް އެޅެއެވެ. އަދި ދުވާލުގެ  ތަފާތު ވަގުތުތަކުގައި ނިދި އަންނަގޮތްވެއެވެ. މޫޑް ސްވިންގްސް އާއި ރުޅިގަދަވުމާއި ސްޓްރެސްއަށްވެސް މީހާ ހުށައެޅިގެން ދެއެވެ.

ވީމާ ނިދުމުގެ އާދަތަކާއި ނިދުމުގެ މާހައުލަށް ރަނގަޅަށް ވިސްނާ ފެންވަރުރަނގަޅު ނިދުމެއް ނިދަން މަސައްކަތްކުރާށެވެ. ނިދަން ޖެހޭ ގަޑިތަކަކީ ހީކުރާ ވަރަށް ވުރެ މުހިންމު ގަޑިތަކެކެވެ. ނިދުމުގެ ކުރިން ހުންނަ ތިމާގެ އާދަތަކަކީ އަރާމު ނިންޖެއްލިއްބައިދޭ އާދަތަކެއްތޯ ބަލާށެވެ. އޭގެ މުހިންމު އެއް އާދައަކީ ރޭގަނޑުގެ ވަކި ތާވަލެއް އެކުލަވާލައިގެން ފުރިހަމައަށް އަރާމުކޮށްލާ އެންމެ ފަހުން އެނދަށް ދިއުމެވެ.  ކޮންމެ މީހެއްގެ ވެސް ދުވަހުން ދުވަހަށް ކުރާ ކަންތައްތައް ތަފާތު ކަމުން ތިމާގެ މަސައްކަތުގެ ޝެޑިއުލާއި މަސްއޫލިއްޔަތުތަކަށް ބަލައިގެން ރަނގަޅު ނިންޖެއް ލިބޭތޯ ވިސްނާށެވެ.

އެގޮތުން ހަވީރު ވަގުތު ކެފެއިންގެ ބާވަތްތައް ބޭނުންކުރުން މަދުކުރާށެވެ. ދުވާލު ވަގުތު ގިނަ ބަޔަކު ކޮފީ ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނަމަވެސް މަސައްކަތުގެ ދުވަސް ނިމުމަކަށް އަންނަން ފެށުމުން އެންމެ ރަނގަޅީ އެކަމުން ދުރުހެލިވުމެވެ. ކެފެއިން މަސައްކަތް ކުރަނީ އަހަރެމެންގެ ސިކުނޑިއަށް ނިދި އަންނަ ކަމުގެ އިޝާރާތް ކުރާ ރިސެޕްޓަރ ބްލޮކްކޮށްގެންނެވެ. މިއީ ހެނދުނު އުފެއްދުންތެރިކަމާއި ސަމާލުވުމަށް ފައިދާހުރި ކަމެއް ނަމަވެސް ކެފެއިން ބޭނުންކުރުމަށްފަހު 4-6 ގަޑިއިރު ވަންދެން ކެފެއިންގެ އަސަރުތައް ހަށިގަނޑުގައި ހުންނާތީ ދުވަހުގެ ފަހުކޮޅު ކެފެއިން ބޭނުންކޮށްފިނަމަ ނިދުމަށް ހުރަސްއެޅިދާނެއެވެ.

މަސައްކަތާއި އަރާމުކުރުމާ ދެމެދު ސާފު ވަކި ޙައްދުތަކެއް ކަނޑައަޅާށެވެ. މަސައްކަތްކުރާ ސަރަހައްދަކީ ނިދާ ސަރަހައްދާއި ވަކިން ހުންނަ ތަނެއްކަން ޔަގީން ކުރަން ޖެހެއެވެ. ތިމާގެ ގޭގެ އޮފީސް ހުންނަންވާނީ ނިދާކޮޓަރީގެ ބޭރުގައެވެ. އެކަމަކު މިކަން ނުކުރެވިއްޖެނަމަ، މަސައްކަތާ ގުޅުންހުރި ތަކެތިން ޖާގަ މިނިވަން ކުރެވޭނެ ގޮތްތައް ހޯދާ، އެތަކެތި ތަރުތީބުކޮށް އަނެއް ދުވަހަށް ތައްޔާރުކޮށް ބަހައްޓާށެވެ. ގޭގައި ތިބެގެން މަސައްކަތް ކުރުމަށް ރަނގަޅު މާހައުލެއް ނިދާކޮޓަރި ނޫންތަނެއްގައި ހަދާށެވެ.

މަސައްކަތާއި ޗުއްޓީ ވަގުތު ވަކިކުރުމަކީ މުހިންމު ކަމެއް ފަދައިން، މަސައްކަތުގެ ސްޓްރެސް އަރާމު ކުރުމަށް ހުރަސް އެޅިގެން ނުދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މަސައްކަތަށް ފަހު ވަގުތު ހޯދައިގެން ވައިޖައްސާލަން ދިއުމަކީ މަސައްކަތާ ގުޅުން ހުރި ސްޓްރެސް އިން ރަނގަޅުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި މީގެ ސަބަބުން އަނެއް ދުވަހުގެ މަސައްކަތަށް ހަކަތަ ރަނގަޅު ކުރެވިދާނެ ކަމަށެވެ. ހިނގާލަން ދިއުމާއި، މިއުޒިކް އަޑުއެހުމާއި، ލުއިލުއި ކަސްރަތެއް ކުރުން ފަދަ އަރާމު ހަރަކާތްތަކުން އުފާ ހޯދުމަކީ މަސައްކަތާ ގުޅުން ހުރި ހާސްކަން ކުޑަކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ތިމާއަށް ފައިދާވާ ވައްތަރެއްގެ ހަރަކާތެއް ހޯދައި، ހަވީރުގެ ވަގުތުގައި އެކަން ހިމަނައިގެން އޭގެ ފައިދާ ހޯދާށެވެ.

ނިދުމާއި ތެދުވުމަށް ކަނޑައެޅިފައިވާ ތާވަލެއް އަބަދުވެސް ކަނޑައަޅާށެވެ. ވަކި ތާވަލަކަށް މީހާ ތަބާވެ އެ އާދަތަށް ގާއިމުކުރުމަކީ މުޅި ދުވަހު ތިމާގެ ހަށިގަނޑަށް ފައިދާ ކުރާނެ ކަމެކެވެ. އޭރުން ހަށިގަނޑު އެންމެ ފުރިހަމަ އަރާމު ލިބުމަށްޓަކައި އެންމެ ރަނގަޅު ވަގުތުގައި ނިދުމަށް ހޭނިގެންދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *