އިސްލާމް ދީނަކީ، އުނގެނުމުގެ ދީނެވެ.

ުއްޓީގެ ދުވަސްތައް ހޭދަކުރުމަށް ފަހު، އަހުރެމެން މި ކުރިމަތިލީ، ދިރާސީ އާ އަހަރުގެ ކިޔެވުމާއެވެ. ތަޢުލީމު އުނގެނުމަށް އާ ޢަޒުމަކާ އެކު، ދިރާސީ އަހަރުގެ ކިޔެވުން އަހަރެމެން މި ވަނީ ފަށާފައެވެ. ބެލެނިވެރިން، އެ މީހުންގެ ލޮބުވެތި ދަރިން ސްކޫލަށް ފޮނުވަނީ، ސްކޫލުތަކުގެ ވެރިންނާއި، މުދައްރިސުންނަށް ވަރަށް ފުރިހަމައަށް އިތުބާރު ކޮށްފައެވެ. މުދައްރިސުންނަކީ، އެ ކުދިންގެ ދެވަނަ ބެލެނިވެރިންނެވެ. އެހެންކަމުން ދަރިވަރުންގެ އުނގެނުމާއި، އިއްފަތްތެރިކަމާއި، އަޚްލާޤާއި، ސުލޫކަށް ރައްކާތެރިވުމަށް މުދައްރިސުން ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. ދަރިންގެ ތަޢުލީމާއި، ތަރުބިޔަތަަށްޓަކައި މައިންބަފައިންނާއި، ދަރިވަރުންނާއި، ތަޢުލީމީ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތުގައި، މާތް ﷲ އެކަލާނގެ މަދަދާއި، ތައުފީގު ޝާމިލު ކުރައްވައި، މި ފެށުނު ދިރާސީ އަހަރަކީ، ހުރިހާ ގޮތަކުން ވެސް ބަރަކާތްތެރި، ކާމިޔާބު ދިރާސީ އަހަރެއް ކަމުގައި ލައްވާށިއެވެ!
އިސްލާމް ދީނަކީ، އުނގެނުމުގެ ދީނެވެ. ޢިލްމާއި މަޢުރިފާގެ ދީނެވެ. އިސްލާމީ ރިސާލަތު ފެށުނީ ކިޔެވުމަށް ކުރެއްވި އަމުރުފުޅުންނެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ‎﴿ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ، خَلَقَ الْإِنسَانَ مِنْ عَلَقٍ ‎، اقْرَأْ وَرَبُّكَ الْأَكْرَمُ ،‏ الَّذِي عَلَّمَ بِالْقَلَمِ ‎، عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ ‎﴾‏  މާނައީ: "ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑު ލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރި ރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ އެކަަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައި ދެއްވިއެވެ."

މާތް ﷲ ގެ މި އަމުރުފުޅާ އެއްގޮތަށް، މާތް ނަބިއްޔާ صلى الله عليه وسلم އިސްލާމީ މުޖްތަމަޢުގައި ތަޢުލީމު ފެތުރުއްވުމަށާއި، މުސްލިމުންގެ ދަރިންނަށް ކިޔަވައިދެއްވުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ނަތީޖާއަކަށްވީ، ހޭލުންތެރި، ޢިލްމުވެރި އުފެއްދުންތެރި އުއްމަތެއް ވުޖޫދަށް އައުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم އިންދެވި އުނގެނުމުގެ އޮށްތަކުން ފެޅި ގަސްތައް ބިޔަވެ، މުޅި ދުނިޔެއަށް ފެތުރުނު ޢިލްމުގެ އަލިކަމުން ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަމަށް މަގުދައްކަަވައިދނެވެ.

އިލްމުތަކުގެ ތެރެއިން އެންމެ ޝަރަފްވެރި ޢިލްމަކީ ޝަރުއީ ޢިލްމެވެ. ހަމަ އެއާއެކު، އަަހަރެމެންގެ ދިރިއުޅުމަށް މަންފާ ކުރަނިވި، އަދި އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ ދީނީ، އަދި ދުންޔަވީ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި، ދުންޔަވީ ތަފާތު ޢިލްމުތަކުގައި ކުރިއަރައިދިޔުމަކީ ވެސް އިސްލާމް ދީން އަމުރުކުރާ ކަމެކެވެ. ހުޅަނގުގެ ޤައުމުތައް އަނދިރީގައި އޮތް އިރު ބޭސްވެރިކަމާއި، ކެމިސްޓްރީއާއި، ފިޒިކްސްއާއި، ހިސާބާއި، ފަަލަކީ ޢިލްމް ފަދަ ދާއިރާތަކުގައި، އިސްލާމީ ދުނިޔެ ކުރިއަރައިގެން ދިޔައެވެ. މުސްލިމް ޢިލްމްވެރިންގެ ޚިދްމަތްތަކާއި، އީޖާދުތައް މެދުއުޑުގައި ފިޔަޖަހަމުން ދިޔައީ ދުނިޔެއާއި އާޚިރަތުގެ މަފްހޫމްގައި ކުރެވުނު ބިނާކުރަނިވި މަސައްކަތުގެ ސަބަބުންނެވެ. ޢިލްމީ ފޮތްތަކާއި ދިރާސާތައް، ތަފާތު ބަސްތަކަށް ތަރުޖަމާކޮށް، ޝާއިޢު ކުރެވުނެވެ. މުޅި އިންސާނިއްޔަތަށް ފައިދާ އާއި ލާބަ ހުރި އާ އީޖާދުތައް ދުނިޔެއަށް ހާމަކުރި، ބިޔަ ޙަޟާރަތެއް ބިނާވިއެވެ. އުފެއްދުންތެރި ޢިލްމީ ފޮތްތަކުން، ދުނިއޭގެ ލައިބްރަރީތައް މުއްސަނދިވިއެވެ.

މިފެށުނު އަހަރު، ތިޔަކުދިންނަށް ދީނީ ،ރޮނގުންނާއި ޢިލްމީ ރޮނގުން، އިތުރު ކުރިއެރުމާއި ތަރައްޤީ ހޯދޭތޯ މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅާށެވެ! އިތުރު ޙަރަކާތްތަކުން ތިޔަކުދިންގެ މުޅި މާޙައުލަށް ދިރުން ގެނެސްދޭށެވެ! ޢަމަލީ މައިދާނަށް ނުކުންނާށެވެ! ފޮނި ނަތީޖާ ތިޔަކުދިންނަށް ނެރެވޭނީ ހުރިހާ ކަމެއްގައި މަދްރަސާއާ އެކު އެއްބާރުލުން ދީގެންނެވެ. މަދރުސާގެ ގަވާއިދުތަކަށް ބޯލަނބައިގެންނެވެ. މަދްރަސާގެ މުދަލާއި، ތަކެއްޗަށް، ވަކީން ޚާއްޞާކޮށް ކުތުބުޚާނާގެ ފޮތްތަކަށާއި، ލެބޯޓަރީގެ ސާމާނުތަކަށް ރައްކާތެރި ވެގެންނެވެ. ހެޔޮގޮތުގައި، އެ ތަކެތީގެ ބޭނުން ހިފައިގެންނެވެ. ތިޔަކުދިންގެ ލޮބުވެތި މުދައްރިސުންނަށް ޙައްޤުވާ ޤަދަރާއި އިޙްތިރާމް އަދާކޮށްގެންނެވެ. މުދައްރިސުންކީ، ދުނިޔެ އާއި އާޚިރަތުގެ ހެޔޮ މަގަށް ތިޔަކުދިންނަށް މަގު ދައްކާ ބަޔެކެވެ. އެބައިމީހުން އެވަނީ، ތިޔަކުދިން ތަރުބިޔަތު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ޙަވާލުވެފައެވެ. މުދައްރިސުން އެކުރާ މަސައްކަތަކީ ނަބީބޭކަލުން ކުރެއްވި މަސައްކަތްޕުޅެވެ. އެއްދުވަހަކު ކީރިތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހަށް ނުކުމެވަޑައިގަތްއިރު، އެބޭކަލުން ތިއްބެވީ ކީރިތި ޤުރްއާން އުގެނިވަޑައިގަންނަވާށެވެ! އެހިނދު، އެކަމާ އުފާފުޅު ކުރައްވައި، ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން ތިމަން ކަލޭގެފާނު ފޮނުއްވުނީ އެދުރުބޭކަލެއްގެ ގޮތުގައެވެ."

މަޢުލޫމާތު: ހުކުރު ޚުޠުބާ

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *