މާތްރަސްކަލާނގެ އަކީ އެންމެ މޮޅު ރޭއްވެވުންތެރިޔާ

މަޝްހޫރު ޝައިޚެއް ވަރަށްބަލިވެ އޭނާގެ މަރުގާތްވެއްޖެކަން އެނގުނު ހިނދު އެނދުގައިއޮވެ  އޭނާގެ އެންމެ މޮޅު ތިން ދަރިވަރުން ހާޒިރު ކުރިއެވެ. އެ ދަރިވަރުން އައިސް ޝައިޚްގެ އަތުގައި ބޮސްދިނުމަށްފަހު، އިޙްތިރާމާއެކު އޭނާގެ އެނދުގެ ކައިރީގައި އިށީނދެލިއެވެ.

" އަހަރެން ތިިބާ މުޅި ދުނިޔޭގެ ރަސްކަލަކަށް ހަދައިދީ ހައްދެއް ނެތް ބާރެއް ދީފިނަމަ ތިބާ ކުރާނީ ކީއްހެއްޔެވެ؟"

"އަހަރެން ކޮންމެ ރަށެއްގައިވެސް މިސްކިތެއް އަޅާނަން. ދުނިޔޭގައި އުޅޭ ކޮންމެ މީހަކުވެސް ނަމާދު ވަގުތުން އަދާކުރާކަން ކަށަވަރުކޮށްދޭނަން. ކޮންމެ ފިރިހެނަކާއި އަންހެނަކާއި ކުޑަކުއްޖަކުވެސް މާތްރަސްކަލާނގެއަށް އަޅުކަންކުރާކަން ކަށަވަރުކުރުމަށްޓަކައި ފާރަވެރިން އައްޔަންކުރާނަން. އަދި އެމީހުން ނުކުރާނަމަ އަހަރެން އެމީހުންނަށް އަދަބު ދޭނަން." ފުރަތަމަ ދަރިވަރު ހިނދުކޮޅަކަށް ވިސްނާފައި ޖަވާބު ދިނެވެ.

އެއަށްފަހު ޝައިޚް ދެވަނަ ދަރިވަރާ ދިމާއަށް އެނބުރި ހަމަ އެ ސުވާލު ކުރެއްވިއެވެ. "އަހަރެން ކޮންމެ ގޭބިސީއެއްގައިވެސް ޛިކުރު ޤާއިމުކުރާނަން" ދެވަނަ ދަރިވަރު ޖަވާބު ދިނެވެ.

"ގޭގޭގައި ހެނދުނާއި ހަވީރު މާތްރަސްކަލާނގެ ނަންފުޅު ކިޔެވޭތޯ އަޅުގަނޑު ކަށަވަރުކޮށްދޭނަން. އެކަލާނގެ ޛިކުރުގައި މޮޅުވާ މީހުންނަށް އަހަރެން ޘަވާބު ދޭނަން." ދެވަނަ ދަރިވަރު އިތުރުކޮށްލިއެވެ.

"އަހަރެން ތިިބާ މުޅި ދުނިޔޭގެ ރަސްކަލަކަށް ހަދާދީ ހައްދެއް ނެތް ބާރެއް ދީފިނަމަ ތިބާ ކުރާނީ ކީއްހެއްޔެވެ؟" އެއަށްފަހު ޝައިޚް ތިންވަނަ ދަރިވަރަށް ހަމަ އެސުވާލު ކުރިއެވެ.

އެ ސުވާލަށް ތިންވަނަ ދަރިވަރު އިރުކޮޅަކު ވިސްނާލިއެވެ. އެ ޖަވާބު އޭނާގެ ނަފްސުގެ ތެރެއަށް ވަނުމާއިއެކު އޭނާގެ މޫނު އަލިވެގެން ދިޔައެވެ. "އަހަރެން ދުނިޔެ ދޫކޮށްލާނީ މާތްރަސްކަލާނގެ އުފެއްދެވި ފަދައިން." ތިންވަނަ ދަރިވަރު ޖަވާބު ދިނެވެ.

"ކޮންމެ ފިރިހެނަކާއި އަންހެނަކާއި ކުޑަކުއްޖެއްގެ ކަރާމާތް ކަށަވަރުކޮށްދެވޭތޯ މަސައްކަތްކުރާނަން. އެއީ މީހަކު ގަބޫލުކުރިޔަސް ނުކުރިޔަސް އެންމެ ރަނގަޅު. މާތްރަސްކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އަހަރެން ޝަރަފުވެރިކުރާނަން. އަހަރެން ހުށަހަޅާ ކޮންމެ އެއްޗަކީ، އެ އުފެއްދެވިފަދަ ރަނގަޅު އެއްޗަކަށް ނުވެވޭނެ. ﷲ އީ ރޭވުންތެރިންގެ ތެރެއިން އެންމެ  މޮޅަށް ކަންކަން ރާއްވަވާ ރަސްކަލާނގެ. މި އަޖައިބު ކުރުވަނިވި ދުނިޔޭގައި ތަފާތުކަން އުފެދުމަކީ އެކަލާނގެ އިރާދަފުޅު. އެ ހުރިހާ ތަފާތުތަކަކަށް އަހަރެން އިހުތިރާމްކޮށް އަހަރެން އެކަން ފާހަގަކުރާނަން."

"ހަމަކަށަވަރުން މާތްރަސްކަލާނގެ އަކީ ރޭވުންތެރިންގެ ތެރެއިން އެންމެ މޮޅު ރޭވެވުންތެރިޔާ." ޝައިޚް ތަކުރާރުކުރިއެވެ. އެއަށްފަހު ތިންވަނަ ދަރިވަރަށް ޝޭހުގެ ހެދުން ދީ އެހެދުން އޭނާގެ ގައިގާ އަޅުވާލުމަށްފަހު ޝޭޚުގެ ޢިލްމުގެ ސިއްރު އޭނާއަށް ފޯރުކޮށްދިނެވެ.

 

މިއީ ޕްރޮފެސަރ ނަޒީރު އަޙްމަދު ލިޔުއްވާފައިވާ ވާހަކައެއްގެ ތަރުޖަމާއެއް.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *