(ބުދަ ދުވަހުގެ ނޫހާއިގުޅޭ)
ޗުއްޓީ ނިންމާފައި ރާމިޒާމެން މާލެ އަތުވެއްޖެއެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަސައްކަތުގައި ހަރަކާތްތެރި ވަމުން ދެއެވެ. ހަމަ ކުރިއެކޭ އެއްގޮތަށެވެ. އެއްވެސް މީހަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ ރަހީމަށެވެ. ރާމިޒާގެ ފަރާތުން ލިބޭ ބަދުބަސްތަކުންނާއި އަޅާލުން ކުޑަކަމަކުން މިހާރު އޭނާއަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ދުވަހަކުވެސް އޭނާގެ ދިފާއުގައި ޒުވާބުކޮށް އެއްޗެއް ބުނެއެއް ނަހަދައެވެ. އަދި ރާމިޒާއާ ވާހަކަ ދައްކާއިރު އޭނާ ހުންނަނީ މަޑުންނެވެ. ނަމަވެސް ކުރިއަށްވުރެ ގިނައިން އޭނާ ގެއަށް އާދެއެވެ. ކުރިން މެންދުރު ގެއަށް ކާންނަޔަސް މިހާރު އާދެއެވެ. އޭނާއަށް ޒީނާ ފެނުމުން އުފާލިބެއެވެ. ހިތްހަމަޖެހެއެވެ. ޒީނާގެ މަޑުމައިތިރިކަމާއި އޭނާއަށް ކުރާ ގަދަރާއި އިހުތިރާމް އަދި ބަހައްޓާ ސަމާލުކަން ފެނުމުން ބަޔާން ކުރަން ދަތި އުފަލެއް ލިބެއެވެ.
ޔައީނު މަތީ ޘާނަވީ ތައުލީމުގެ އެންމެ ފަހުގެ އިމްތިޙާނުގައި ބައިވެރިވުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. މިކަމުގައި ޒީނާގެ އެހީތެރިކަން ލިބެމުންދެއެވެ. ދެތިން ހަފުތާ ތެރޭގައި އޭނާގެ އިމްތިހާނު ނިމޭނެއެވެ. ނިމޭގޮތަށް އޭނާ ދާނީ ރަށަށެވެ. ނަތީޖާ ލިބެންދެންވެސް އޭނާ މިގެއަކު ނުހުންނާނެއެވެ.
ނަމަވެސް ކަންތައް ވީ ޔައީނު އުންމީދު ކުރި ގޮތަކަށް ނޫނެވެ. ރަހީމުގެ އެދުމުގެ މަތީން އެގެއަށް ބޭރު މީހަކު ގެންނަންދެން އޭނާއަށް ޖެހުނީ މަޑުކުރާށެވެ. ފޫހި ދުވަސް ތަކެއް ގުނަމުންދަނިކޮށް އޭނާގެ އޭލެވެލްގެ ނަތީޖާ އިއުލާން ކޮށްފިއެވެ. މުޅިރާއްޖެއިންވެސް ފާހަގަ ކޮށްލެވޭ ނަތީޖާއެއް ލިބިފައިވާތީ އޭނާއަށް ސަރުކާރުން އޮސްޓްރޭލިޔާއަށް ދިއުމުގެ ފުރުސަތުދިނެވެ. ހަތަރު އަހަރަށް ބިޒްނަސް އެންޑްލޯއިން މާސްޓަރސް ހެދުމަށެވެ. މި ޚަބަރުން އޭނާގެ އާއިލާގެ އެންމެން އުފާ ކުރިއެވެ. މިކަމާ އެންމެ އުފާވީ ޒީނާއެވެ.
"ހޫން ދެން ނިމިގެން އަންނައިރު އަހަރެމެން ނުވެސް ފެންނާނެދޯ." ޒީނާގެ ކޮޓަރިއަށް ޔައީން ވަންނަތަން ފެނިގެން ޒީނާ ބުންޏެވެ.
"ނޫނޭ. އަހަރެން ކިޔަވާ ނިމިގެން އައިސް ޒީނާ ގޮވައިގެން ރަށަށްދާނީ."
"އެއީ ކީއްކުރަން. އޭރުން ޔައީންގެ މަންމަ ބުނާނީ ކީކޭ."
"މަންމަގާތު ބުނާނީ މީއަހަރެންގެ އަންހެނުންނޭ. ރަނގަޅަށް ބަލާދޭށޭ." އެމީހުން ސަމާސާކުރިއެވެ. މިއީ އަބަދުވެސް ޔައީނު ބުނާ ވާހަކައެކެވެ. ނަމަވެސް ވާހަކަ ދާގޮތުން މާ ހަރުދަނާކަމާއެކީ މިކަމަކަށް ނުވިސްނެއެވެ.
ރަހީމު އިންޑިއާއަށް ދިޔައީ ވިޔަފާރި ދަތުރެއްގައެވެ. އޭނާގެ ރިސޯޓެއް އިންޑިޔާގެ ގޯވާގައި ފެށިގެން އުޅޭތީ އެކަމުގެ ބައެއް މުހިންމު ރަސްމީކަންތައް ނިންމުމަށެވެ. އޭނާ ހައިރާންވީ ރާމިޒާ ގޯވާއިން ފެނުމުންނެވެ. ސިއްރު ސިއްރުން އޭނާ ރާމިޒާއަށް ފާރަލަމުން ގެންދިޔައެވެ. އޭނާއަށް ކެތްކުރަން ދަތިވީ އޭނާގެ އެންމެ ޚާއްޞަ މެނޭޖަރު ފިޔާޒާއެކު ރާމިޒާގެ ގައިގޯޅިވުންތައް ފެނިފައެވެ. ރާމިޒާއާއި ދެމީހުން ޕޫލްގައި އުޅުނު ވިޔާ ނުދާ މަންޒަރާއި އެއްކޮޓަރިއެއްގައި ނިދިތަން އޭނާއަށް ފެނުނެވެ. ރަހީމު ކައުންޓަރުގައި ހުރިމީހާއަށް ޑޮލަރުކޮޅެއް ދިނުމުން ނުހަނު ފަސޭހައިން އެކޮޓަރިއަށް ވަދެވޭ ގޮތް ހަމަޖެހުނެވެ. އޭނާ ސިއްރު ސިއްރުން އެކޮޓަރިއަށް ވަނެވެ. ރާމިޒާއާއި އެފިރިހެން މީހާ ހޭނއަޑު އޭނާއެހީ ފޫހިކަމާއިއެކީއެވެ. ރަހީމު ދިޔަގޮތަށްގޮސް ހުއްޓުނީ އެމީހުންތިބި އެނދު ކައިރިއަށެވެ. ގައިމަތީގައި ފޮތިގަނޑެއް އަޅައިގެން އޮތް ފިޔާޒަށް ރަހީމު ފެނުމުން ބިރުން ތުރުތުރު އަޅައިގަތެވެ. ގޭތެރޭގައި ރަހީމަކީ މަޑުމައިތިރި އޯގާތެރި މީހެއްނަމަވެސް މަސައްކަތުގެ ދާއިރާގައި އޭނާއަކީ ހަރުދަނާ ހަރުކަށި ވެރިއެކެވެ. އޭނާދެކެ ހުރިހާ މުވައްޒަފުންވެސް ޖެހިލުންވާ އިހުތިރާމު ލިބިގެންވާ ވެރިއެކެވެ. ރަހީމު ބަލާކަށް ނުހުރެ ބެޑުޝީޓު ދަމައިގަތެވެ. ގައިގާ އަންނައުނެއްނެތް ހެއްދެވިގޮތަށްތިބި ދެމީހުން ކުއްލިއަކަށް ތެދުވެ އަތުން ނިވާ ކުރެވޭތޯ ބެލިއެވެ. ފިޔާޒު ގެންފައި ހުރި ބިރެއްގެ ސަބަބުން ގުޑާލަންވެސް ނޭނގުނެވެ. އަބަދުވެސް ޒުވާބު ކުރާ ރާމިޒާއަށް މިވަގުތު ރަހީމު ފެނުމުން ޖެހިލުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ނަމަވެސް ރަހީމު އެއްވެސް އެއްޗެކޭ ނުބުނެ އަލަމާރި ތެރޭ ހުރި އެމީހުންގެ ހުރިހާ ހެދުންތަކަކާއި ބެޑުޝީޓު ކޮތަޅަކަށްލާ ކުޑަދޮރުން ބޭރަށް އެއްލާލިއެވެ. އިތުރު ވާހަކަދެއްކުމަކާ ނުލައި އޭނާ ކޮޓަރިން ބޭރަށް ނިކުމެގެން ދިޔައީއެވެ. އެދެމީހުން ނިވާވާނެ އެއްވެސް ގޮތެއް އެކޮޓަރީގައި ނެތްހާލަށް ދޫކޮށްލާފައެވެ.
ރަހީމަކަށް މިކަމަކުން މާބޮޑު އަސަރެއްނުކުރެއެވެ. އެހެންގޮތަކަށް ބުނަންޏާ އޭނާވީ އުފަލެވެ. ރާމިޒާގެ ބޭވަފާތެރިކަން އޭނާއާއި ޒީނާ ގުޅުމަކަށް ހުރަހެއް ނޭޅޭނެތީއެވެ. ބޭވަފާތެރިކަމާއި ރަހުމާއި އޯގާތެރިކަން ނެތް އަނތްބެއް ގެންގުޅޭކަށް އޭނާ މިހާރަކު ބޭނުމެއް ނޫނެވެ. ކުރިން އޭނާ ރާމިޒާ ދޫކޮށްނުލީ ލީޝަންއަށްޓަކައެވެ. އޭނާ ކެތްތެރިވީ މުޖުތަމައުގެ ހުތުރުނަމުން ރައްކާތެރިވުމަށެވެ. ނަމަވެސް މިހާރު ލީޝަން ބޮޑުވެއްޖެއެވެ. އޭނާ ގްރޭޑް ދިހައެއް ނިންމައިފިއެވެ. ރާމިޒާއަކީ ބޭވަފާތެރިއެއްކަން މިހާރު ކިތަންމެ ބަޔަކު ދަންނާނެއެވެ. އޭނާގެ ހަރުދަނާކަމެއް ނެތް ދިރިއުޅުން ގިނަބަޔަކަށް އެނގެއެވެ. ވީއިރު އޭނާއަށް ރާމިޒާ ދޫކޮށްލެވިދާނެއެވެ. އަދި ޒީނާގާތު އޭނާގެ އިހުސާސްތައް ބޭރުކޮށްލެވިދާނެއެވެ. އަދި އޭނާގެ ދިރިއުޅުމަށް އައުމަށް ދައުވަތު ދެވިދާނެއެވެ.
އޭނާ މިކަމާއި އުފަލުން އަވަހަށް މާލެދިޔައެވެ. އޭނާ މީރުވަސްދުވާ ސެންޓްފުޅިއަކާއި ޖަވާހިރުޖަހާފައިވާ އަގުބޮޑު އަނގޮޓިއެއް ޕާރުސަލް ކޮށްލިއެވެ. އަދި ތާޒާ މާބޮނޑިއެއް ގަނެ ޒީނާއާއި ބައްދަލުކުރުމަށް އަވަހަށް މާލެ ދިޔައެވެ. އޭނާ ތަފާތު ޚިޔާލުތައް ކުރަމުންދެއެވެ. އޭނާއާއި ޒީނާ ރުހޭނެބާއެވެ. ޒީނާ އެއްބަސްވެއްޖެނަމަ އޭނާ ޒީނާއާއިއެކު އިންޑިޔާއަށް ބަދަލުވާނީއެވެ. އެތަނުން ޒީނާއަށް ކިޔަވައިދީ އޭނާގެ ރިސޯޓު ބެލެހެއްޓުން ހަވާލު ކުރާނީއެވެ. ރާމިޒާ ބޭނުންގޮތެއް ހަދަން ދޫކޮށްލާނީއެވެ. އޭނާ ވަކިވެގެން ދާންބޭނުންނަމަ އެގޮތެވެ. ވަކިނުވެ އުޅެން ބޭނުންނަމަ ދޮށީއަނބީގެ ގޮތުގައި ބައިންދާނީއެވެ. އެއީ ޒީނާ ގަބޫލުނަމައެވެ. ނޫނެކެވެ. ޒީނާ އޭނާއާއި ގުޅޭކަށް ބޭނުމެއްނުވާނެއެވެ. އޭނާވާނީ މިހާރު އޭނާ އުމުރުގެ ރީތި ކުއްޖަކު ޚިޔާރު ކޮށްފައި ކަންޔަގީނެވެ. ޒީނާކަހަލަ ޅަކުއްޖަކު އޭނާކަހަލަ ދޮށީ މީހަކާއި ގުޅިދާނެ ބާވައެވެ. ނަމަވެސް އޭނާ އުމުރުން މާދޮށީކީ ނޫނެވެ. އޭނާއަށް އަދިވީ ތިރީސް ހައަހަރެވެ. ތިރީސް އަހަރުގައި ކިތައް މީހުން އަލަތުކައިވެނިވެސް ކުރޭހެއްޔެވެ؟ އަދިވެސް އުމުރަށްވުރެ އޭނާ ހުންނަނީ ޒުވާންކޮށެވެ. ފިރިހެންވަންތަ ދިގު ހަށިގަނޑކާއި ރީތި އިސްތަޑިގަނޑެކެވެ. އެމޫނުން އަދިވެސް ޒުވާންކަން ފާޅުވެއެވެ. ވިދުންގަދަ ލޮލާއި ސާފު މޫނުން އޭނާއަކީ ރީތި މީހެއްކަން ހާމަކޮށްދެއެވެ. ބޯޓުގައި އިނދެގެންވެސް އޭނާއަށް ތަފާތު ޚިޔާލުތައް ކުރެވެމުން ދަނީއެވެ.
ރަހީމަށް އާދެވުނީ ރޭގަނޑު ނުވައެއްވެސް ޖެހިފަހުންނެވެ. ރަހީމުގެ ފޮށި ބެހެއްޓުމަށްފަހު ގޭތެރެ ހޯދާލިއެވެ. އެއްވެސް މީހަކު ހިލަމެއް ނުވާ ގޯތީގައި ލީޝަން ނެތީކަން އޭނާއަށް އެނގުނެވެ. އެހެންކަމުން ޒީނާވާނީ ބަދިގޭގައި ނުވަތަ އޭނާގެ ކޮޓަރީގައެވެ. އޭނާ މަޑުމަޑުން ޒީނާގެ ކޮޓަރިއާއި ދިމާއަށް ދިޔައެވެ. ޒީނާގެ ކޮޓަރި ހުންނަނީ ގެއާއި ވަކިންކަމުން އޭނާ ދިޔައީ ވަރަށް ސިއްރު ސިއްރުންނެވެ. މުޅިތަނަށް ވެރިވެފައި ވަނީ ފަޅުކަމެވެ. ރޭގަނޑުގެ އަނދިރީގައި އޭނާ ދިޔައީ މަޑުމަޑުންނެވެ. އޭނާ ޓަކިޖަހާލަން ނެގި އަތް ހުއްޓުނީ ފިރިހެނެއްގެ ވާހަކަދައްކާ އަޑަށެވެ.
"ޒީނާ އަހަރެން މިވާހަކަ އެކިފަހަރުމަތިން ދެއްކިއްޖެ. އަހަންނަށް ހީވަނީ އަހަރެން ޒީނާދެކެ ލޯބިވާހެން." ބޭރުގައި އެމީހުން ކިޔަވަންތިބޭ މޭޒު ނަގާފައި ހުރުމުން ޔައީނާއި ޒީނާ ތިބީ ޒީނާގެ ކޮޓަރީގައެވެ.
"ދެން އެހެންވީއިރު އަހަރެންވެސް މިބުނަނީ ޔައީނާ ނުލާ މަށަކަށް ނޫޅެވޭނޭ." ޒީނާ ޖަވާބުދިނެވެ. މާދަމާއަށް ތައްޔާރުކޮށްގެން ގެންދަންޖެހޭ ޑުރާމާއެއް ލިޔެދިނުމުގައި ޔައީން ޒީނާއަށް އެހީތެރިވަމުން ދެއެވެ. މި މަސައްކަތް ކުރަމުން ދިޔައިރު އެމީހުން އެކިކަހަލަ ސަކަރާތްޖަހަމުންދެއެވެ.
ކޮޓަރިތެރެއިން އައި މިއަޑުން ރަހީމަށް ހީވީ އޭނާގެ މޫނުމަތީ މީހަކު އެތިފަހަރެއްޖެހިހެންނެވެ. އުންމީދުވެސް ނުކުރާގޮތަކަށް އިވުނު މިއަޑުން އޭނާ ހިތްފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ދިރިއުޅުމުގައި އޭނާއަށް މިފަދަ ނާކާމިޔާބެއް ލިބެނީ ކީއްވެބާވައެވެ. އޭނާދެކެ މީހަކު ލޯބިނުވަނީ ކީއްވެބާވައެވެ. އެއީ އޭނާއަށް ކުރެވުނު ކޮންކުށެއްގެ ޖަޒާއެއްބާވައެވެ. އޭނާ އެނބުރި އައީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލުމަށްފަހު ލޯމަރާލިއެވެ. ރޭގައި އޭނާއަށް ފެނުނު މަންޒަރު ސިފަވިއެވެ. އޭނާގެ އަނބިމީހާއާއި އޭނާގެ މެނޭޖަރުގެ ވިޔާނުދާ އަމަލު ސިފަވުމުން ރުޅިގަދަވިއެވެ. އިންސާނަކަށް އިތުބާރު ކުރާނީ ކިހިނެއްހެއްޔެވެ. އެއްއެނދެއްގައި އުފާކުރަމުން ދިޔައީ އޭނާގެ ދުވަސްވީ ހަޔާތުގެ ބައިވެރިޔާއެވެ. އޭނާގެ ދަރިފުޅުގެ މަންމައެވެ. އޭނާއާއެކު ދެން ހުރީ އޭނާގެ ދުވަސްވީ މެނޭޖަރަކަށް ލައިގެން އުޅުނުމީހާއެވެ. އެއީ އޭނާގެ އެތައް ކަމެއްގައި އިތުބާރު ކޮށްގެން އުޅުނު ރަހުމަތްތެރިޔާއެވެ. އޭނާގެ ލޯ ކަރުނުން ތެމުނީ މިރޭގެ ހާދިސާ ހަނދާންވުމުންނެވެ. އޭނާއަށް ޒީނާދެކެ ލޯބިވެވުނު އިރު ޒީނާވަނީ އެހެން މީހެއްދެކެ ލޯބިވެފައެވެ. މިއީ އޭނާއަށް އިންތިހާއަށް އަސަރު ކުރިކަމެކެވެ.
ޔައީން އޮސްޓްރޭލިޔާއަށް ފުރައިފިއެވެ. އޭނާގެ ކިޔެވުން ނުހަނު ކާމިޔާބުކަމާއެކު ކުރިއަށް ދެއެވެ. އޭނާއަށް މިލެއްވި ހެޔޮ ނަސީބުގެ ސަބަބުން އަބަދުވެސް މާތްﷲ އަށް ޝުކުރުކުރެއެވެ. އަބަދުވެސް ދީނުގެ ހުރިހާ ރުކުންތަކެއް ބަރާބަރަށް އަދާކުރުމުގެ އިތުރުން ސުންނަތްތައްވެސް އަދާކުރެއެވެ.
ލީޝަންގެ ޒަމާނަށް ފެތިފައިވާ ހެދުންއެޅުމާއި ގުޅިފައިވި ރައްޓެހިންގެ ސަބަބުން ގޭގައި މަޑުކުރުން އެއީ ނެތްކަމެކެވެ. ރިސޯޓްތަކަށް ދިޔުމާއި ބޭކާރު ޚަރަދުކުރުން އޭނާވަނީ ހައްދުފަހަނަ އަޅާފައެވެ. ރާމިޒާވެސް ވަނީ އޭނާގެ "ތަރައްގީ" ދިރިއުޅުމުގައި އޭގެ އިންތިހާގައެވެ. މިހުރިހާ ކަމަކަށް ކެތްތެރިނުވެވިގެން ރަހީމު ގިނަދުވަހު އުޅެނީ އޭނާގެ އިންޑިޔާގެ ރިސޯޓް މަސައްކަތް ކުރުމުގައި އިންޑިޔާގައެވެ.
ޒީނާ އޭލެވެލް އިމްތިހާނު ނިމި ވަޒީފާއަކަށް ޚިޔާލުކުރަމުންދެއެވެ. އޭނާ ދެތިންތަނަކަށް ސިޓީލައިގެންވެސް އަދި ޚަބަރެއް ނުވެއެވެ. ކުޑައިރުއްސުރެ އޭނާ އުޅުނީ އަޅުވެރި އެކަނިވެރި ދިރިއުޅުމެކެވެ. މީހެއްގެ އޯގާތެރިކަން ނުލިބި ހުރެފައި މާލެއަށް އާދެވުނުފަހުން މިވީ ފަސް އަހަރުތެރޭ އޭނާ ސްކޫލާއި ގެފިޔަވައި އެއްވެސްތާކަށް ނުދެއެވެ. ކުލާހުގައި އޭނާގެ ރައްޓެހިންނެއް ނުތިބެއެވެ. ގޭގައި ހަމައެކަނި އޭނާއާއި ވާހަކަ ދައްކާ އޯގާވެރިވީ ޔައީނެވެ. މިހާރު އޭނާއެއްވެސް ނެތެވެ. ރަށުގައި އުޅުނު އިރެކޭ މިހާރެކޭ އޭނާގެ ރައްޓެހިން ތިބުމުގައި އެއްގޮތެވެ. މާލޭގައި އައި ކުޑަވެސް ތަފާތަކީ އޭނާ ބޭކާރު ކޮށްލާ ކުޅެން ނުލައްވާ ރައްޓެއްސެއް ނުހުންނަކަމެވެ. ނަމަވެސް އޭނާ މިކަންކަމަކާއި މިހާރު ދެރައެއްނުވެއެވެ. ކުޑައިރުއްސުރެވެސް މީހެއްގެ އޯގާތެރިކަން ނުލިބޭ ޒީނާ އަބަދުވެސް ކޮންމެވެސް ކަމެއް ކުރެއެވެ. ނޫނީ މީހުން ގިނަވަގުތު ނޫޅޭ އެހުސްގޯތީގައި އޭނާ އަބަދުވެސް ކޮންމެވެސް ފޮތެއްކިޔާލަ ކިޔާލާ އިންނަނީއެވެ. މިވީހާތަނަށްވެސް ދުވަހަކުވެސް ކުއްޖަކާއި ރައްޓެހިވެފައި ނުވާ ޒީނާއަށް ލޯބީގެ ވާހަކަ ތަކުން ގަބޫލުކުރަން ދަތި އެތައް ކަމެއް އެނގެއެވެ. އަބަދުވެސް ލޯބީގައި ބަޔަކު ދިވާނާވާތަނެވެ. އެކަކު އަނެކަކަށްޓައި ވާގުރުބާނެވެ. ލޯބިވެރިޔާއަށްޓަކައި ބަޔަކު ޒަހަރު ބޯއިރު އަނެއްބަޔަކު މީހަކުވެސް މަރާލާފާނެއެވެ. ނުވަތަ ލޯބިވެރިޔާއާއި ބައްދަލުކުރަން މީހުންނާ ސިއްރުން ކުޑަދޮރަކުންވެސް ވަދެދާނެއެވެ. މިހުރިހާ ކަމަކުންވެސް އޭނާ ގާތަށް އަންނަނީ ހިންޏެވެ. މިއީ އޭނާއަށް ގަބޫލު ކުރެވޭވަރު ކަންތައްތަކެއް ނޫނެވެ. "ދެލޯބިވެރިން އެކަނި ވެއްޖެނަމަ ދެމީހުން ހިމޭންވެދާނެއެވެ. ދެމީހުންގެ ލޮލުން ވާހަކަ ދައްކަފާނެއެވެ." މިއީ ކިހިނެއް ވާނެކަމެއްކަމެއް އޭނާއަކަށް ޚިޔާލަށްވެސް ނުގެނެވެއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ.
