(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)
"ރުކާން އަހަރެންނަށް އިތުބާރު ކުރަންތަ؟" މިއުވާން ހަމަ އެހުރިގޮތަށް ހުރެ ބުންޏެވެ.
"ނޭނގެ. މިއުވާންގާތު ހުންނަން އަހަރެން ހިތްހަމަޖެހޭ. ބުނާ އެއްޗިހި ގަބޫލު ކުރެވޭ." ރުކާންވެސް އެހުރިގޮތަށްހުރެ މަޑުމަޑުން ބުނެލިއެވެ. ރުކާނަށްވެސް މިއުވާންގެ ވާހަކަ އެހާ ފަސޭހައިން ގަބޫލު ކުރެވުނީ ކީއްވެ ކަމެއް ނޭނގުނެވެ. ދެމީހުންނަށްވެސް ވަރަށް ރީތިކޮށް އެކަކުއަނެކަކަށް ބަލާލެވުނެވެ. އޭނާއަށް އިހުސާސްވީ ރައްކާތެރިކަމާއި ގާތްކަމެވެ. އިތުބާރާއި ހިތްވަރާއި ހިތްހަމަ ޖެހުމެވެ.
"އަހަރެން ބުނާ ގޮތެއް ހަދާ އިނގޭ. މި ދުވަސްކޮޅުގައި ވަރަށް ހަމަޖެހިލައިގެން މަންމަމެންގެ ބަސް ގަބޫލު ކުރާ ކަހަލަ ގޮތަކަށް އުޅޭނީ. އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކާތި. ރުކާނަށް ދެރަގޮތެއް ނުހަދާނެކަމަށް އަހަރެން ވައުދުވަން." އޭނާ ރުކާން އަތުގައި ހިފާލިއެވެ. އެދެމީހުން އެރޭ އެތައް އިރެއް ވަންދެން ހިމޭންކަންމަތީ ތިއްބެވެ.
ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކާމެދު އެތައް ސުވާލު ތަކެއް އުފެދިފައިވެއެވެ. އެތައްކަމެއް އޮޅުން ފިލުވަން ބޭނުން ވެފައި ވެއެވެ. ދެމީހުންގެ އާއިލާއެވެ. ދެމީހުންގެ ދިރިއުޅުމެވެ. ދެ ދިރިއުޅުމުގައިވެސް ތަފާތު ކަންތައްތަކެވެ. ދެމީހުންނަށްވެސް ސައުކަތުގެ ވާހަކަ އިވުމުން އަސަރުކުރުވި ގޮތެވެ. ދިރިއުޅުމަށް ކުރެވޭ އުންމީދެވެ. ނަމަވެސް ހިމޭންވެފައި ތިބެވުނީ ކުރިއަށް ދިމާވާން އުޅޭ ބިރުވެރި ކައިވެނީގެ ސަބަބުންނެވެ.
ރުކާން މިއުވާނުގެ އިރުޝާދުގެ މަތިން ކަންތައް ކުރަމުން ދެއެވެ. މިދުވަސްކޮޅުގައި މިއުވާނުގެ ފަރާތުން ރުކާނަށް އިންތިހާއަށްލިބެނީ އޯގާތެރިކަމަކާއި ހަމްދަރުދީއާއި ގާތްކަމެވެ. ނަމަވެސް އެއިން އެއްވެސްކަމެއް އެއްވެސް މީހަކަށް ނޭނގޭ ކަހަލަ ގޮތަކަށެވެ. މާބޮޑު ވާހަކަތަކެއް އެދެމެދުގައި ނުދެކެވެއެވެ. މަސައްކަތް ކުރަމުންދާއިރު މީހަކު ފެންނަން ނެތިއްޔާ މިއުވާން ކޮންމެވެސް ގޮތަކުން ރުކާނަށް ހިތްވަރުދެއެވެ.
މެންދުރަށް ކައްކާ ހަދާ ނިމުނުއިރު އެ ނިކަމެތި ރުކާންގެ ހަށިގަނޑުގައި އިތުރަށް ކޮޅަށް ހުރުމުގެ ބާރު ހިނގައްޖެއެވެ. ބޮލަށް އަދިރިވެ ދެފައިމައްޗަށް ކޮޅަށް ހުންނަން ދަތިވެއްޖެއެވެ.ގަސްދޮށުގައި ހުރި ޖޯލިފަތީގައި އޭނާ އިށީނދެލިއެވެ.
"ކަންނެތްވިޔަސް ތީދެން ބޮޑުވަރު. އާނ. ދެން ވިސްނަންވީ ކޮންކަމަކާ. މިއުވާން ކަމަނާ ރަނިކަމަނާއަކަށް ހަދައިދޭނެކަމުގެ ހުވަފެންތައް ދެކެނީވިއްޔަ." ހަސީނާ މަލާމާތްކުރިއެވެ.
"ބޮލުގައި ރިއްސަނީ." ރުކާން މަޑުމަޑުން ބުނެލިއެވެ.
"މިހާރު ތިނޫން ދުވަހެއް އާދޭތަ؟ ތިޔަވާގޮތަކީ އެހެރަފެންނަ މިއުވާނަށް ފޮނިދައްކާހިތްވަނީ." ހަސީނާ ބުންޏެވެ.
ރުކާން ހިތްވަރުކޮށްލާފައި ތެދުވިއެވެ. ދޮވެފައިހުރި އަންނައުނުތައް ރޯނުގައި އަޅަން ފެށިއެވެ. މޫނަށް އަނދިރިވެފައި ކުއްލިއަކަށް އޭނާ އަނބުރައި ގަނެގެން ވެއްޓިއްޖެއެވެ.
"ރުކާން." މިއުވާން ބާރަށް ދުއްވައިގަތެވެ.ނަމަވެސް އެވަގުތު ރުކާން ގާތުގައި ތިބި މީހުން ރުކާން ނަގައިގަނެގެން ގެންގޮސް ރުކާންގެ ގޭގެ ފެންޑާގައި ހުރި ބޮޑުއަށީގައި ބާއްވައިފިއެވެ. އަވަސްފަރުވާއާއި މޫނުގައި ފެންއުނގުޅާ ހެދުމުން ލޯހުޅުވާލިއެވެ. ރުކާންގެ މަންމަ ޒުލޭޚާ ގޭދޮށުގައި ހުރި ރުކަކުން ކުރުނބާ އަޅާ ބޯން ދިނުމުން ރުކާން ވަރުޖެހިލިއެވެ. ނަމަވެސް އޭނާ އަރާމު ބޭނުންވާތީ އަދިވެސް ނިދާލެވޭތޯ އޮށޯވެލިއެވެ.
މިއުވާނަކަށް އެގެއަށް ވަންނާކަށް ނުކެރުނެވެ. ރުކާންގެ މަންމަ ހިތްހަމަ ނުޖެހޭކަން އޭނާއަށް އެނގޭތީއެވެ. ގޭތެރެއިން މީހުން ނިކުމެ ޒުލޭޚާވެސް ގިފިއްޔަށް ދިޔަވަގުތު މިއުވާން ސިއްރު ސިއްރުން އެގެއަށް ވަނެވެ. މިއީ އޭނާއެގެއަށް ވަން ފުރަތަމަ ފަހަރެވެ. އެއީ ހިރިގަލުން ރާނާފައި ވާ ތިރިތިރި އާދައިގެ ގެއެކެވެ. ސިމެންތި ނުޖަހާހުރި ބާގެއެކެވެ. ފާރު ދުވަސްވެފައި ހުރުމުގެ ސަބަބުން ވެލިތައްފައިބާ ބާހެދިފައިވާ ބައެއް ތަންތަނަށް ބާފޮތިޖަހާ ބަންދު ކޮށްފައިވެއެވެ. އެއީ ހަމައެކަނި ފެންޑާއަކާއި ގިފިއްޔަކާއި އެތެރެގެއެއް ހުރި ފަގީރުގެއެކެވެ. ކުޑަ ފެންޑާއެއްގެ އެއްފަރާތުގައި ބޮޑުއައްޓެއް ހުރިއިރު ރުއްބުޑަކުން ހަދާފައިހުރި އެއްޗެއްގައި ފެންބަޑިޔަލަކާއި ލޮއި ތައްޓެއް ބަހައްޓާފައި ހުއްޓެވެ. އޭރު އެލުވާފައިހުރި ފުޅިބައްތި ކައިރީގައި ހުރި ރޭޑިއޯއިން "ޚަބަރުގަޑި" ފޮނުވަމުން ދެއެވެ.
މިއުވާނު ޝައުގުން ފުރިގެންވާ މިގެއަށް ބަލަމުންދެއެވެ. އޭނާ ދުވަހަކުވެސް މިކަހަލަ ފަގީރު ގެއެއް ނުދެކެއެވެ. ބައެއްމީހުން ދައްކާ ވާހަކަތަކުންނާއި ފޮތްތަކުން މިކަހަލަ ގޭގެ ވާހަކަ އަހާފައި ވީނަމަވެސް ހަމަލޮލަށް ފެނުމުން އޭނާއަށް އާދަޔާ ޚިލާފު އަސަރުތަކެއް ކުރިއެވެ. އޭނާ ވަނީ ރާއްޖޭގައި ނެތްވަރުގެ ގަނޑުވަރެއްކަހަލަ ގެއެއްގައި އުޅެ ބޮޑުވެފައެވެ. މި އާދައިގެ ގެއާއި އެގޭގައި އުޅޭ ހީވާގި ކުއްޖާ ފެންނަނީ ވާހަކަތަކުގައި އުޅޭފަދަ ކުއްޖެއްގެ ގޮތުގައެވެ. އެހެން އަންހެންކުދިންނާއި ތަފާތު ގޮތުގައި ހުންނަ ރުކާން ބޮޑުއަށީގައި ލޯމެރިފައިވާތަން ފެނުމުން ކައިރިވެލިއެވެ. މިއީ އޭނާއަށް ތަފާތު އެތައް އިހުސާސްތަކެއް ކުރެވުނު ވަގުތުކޮޅެކެވެ.
މިއުވާން މަޑު ހިނގުމެއްގައި އައިސް ރުކާންގެ މިޔަދޮށުގައި ބޮޑާށީގައި އިށީނދެލިއެވެ. އޭނާ ކަޅިޖަހާނުލާ ރުކާނަށް ބަލަން އިނެވެ. ނިދިފައިވާ ރުކާންގެ ބުޅި އިސްތަށިގަނޑު ވަނީ މޫނުގެ އެއްފަރާތަށް ފައިބާ ނިވާ ވެފައެވެ. ދޮން މޫނު ވަނީ އަވީގެ ސަބަބުން އަނދާފައެވެ. ބަލިވުމުގެ ސަބަބުން އެމޫނުން އެއްވެސް ތަޒާ ކަމެއް ނުފެނެއެވެ. ރުކާންގެ މޫނަށް އެޅިފައި އޮތް އިސްތަށިގަނޑު ރަނގަޅު ކޮށްލަން އޭނާ އަތް ޖައްސާލިއެވެ. ނަމަވެސް ސިއްސައިގެން ގޮސް އެކަމަށް ހުއްޓުން އެރީ ރުކާންގެ ކުއްލި ހަރަކާތުންނެވެ. އޭނާގެއަތް މޫނުމައްޗަށް ލީމައެވެ. ފަރުވާތެރިކަމާއެކު މިއުވާނު އެއަތަށް ބަލާލިއެވެ. އެ ހިމަހޯދި އިނގިލިތަކެއް ލިބިފައިވާ ދޮން އަތްވަނީ މަސައްކަތް ކުރުމުގެ ސަބަބުން ހަޑިވެފައެވެ.
މިއީ ކޮންފަދަ ނިކަމެތި ކުއްޖެއްހެއްޔެވެ؟ މިހާ ޅައުމުރުގައި މިހާރީތިކުއްޖަކު މިފަދަ ބުރަމަސައްކަތް ތަކެއް ކުރަންމިޖެހުނީ ކީއްވެބާވައެވެ؟ މީނާއަށް އޯގާތެރިވާނޭ މީހަކު ނެތީ ކީއްވެބާވައެވެ؟ އެހެން އަންހެން ކުދިންނާ މިކުއްޖާ މިހާ ތަފާތު ވާންދިމާވި ސަބަބަކީ ކޮބައިބާވައެވެ؟ ދުވަހަކުވެސް މިހަކާ މެދު ޝުއޫރެއް ނުއުފެދޭ އަހަރެން މިއަދު މިކުއްޖާއާއި މެދު މިވިސްނެނީ ކީއްވެބާވައެވެ؟ މިއުވާން ދުވެފައި ނިކުތީ ރުކާންގެ މަންމަ އަންނަހެން ހީވެގެންނެވެ.އެތާ ހުރުމަކީ މަސްލަހަތު ހުރި ގޮތެއްކަމުގައި ނުވާނެތީއެވެ. ކުއްލިއަކަށް އޭނާއަށް ނިކުމެވުނީ ރައޫފުގެ ކުރިމައްޗަށެވެ.
"ކޮބާ އަހަރެން މިހާރު ބަލި ގަބޫލު ކޮށްފިން." ރައޫފު ހަގީގަތުގައިވެސް މިއުވާނާއި ރުކާންގެ ގުޅުމަށް މަރުހަބާކިޔެވެ. އަދި އޭނާ ބަލި ގަބޫލުކުރިއެވެ.
"އަހަރެން ބުނާކަމެއް ނުކޮށް ދޫނުކޮށްލާނެކަން މިހާރު ޔަގީންވެއްޖެ ދޯ." މިއުވާން ފޮނިވެލާފައި ބުންޏެވެ.
"މިފަހަރު ދެން މިއުވާން މޮޅުވީކަމަށް ނިންމީ." އޭރު ހަސަނުވެސް އެހިސާބާ އަރާ ހަމަވަނީއެވެ.
"ކަލޭމެން އެންމެ ތިންހާސް ރުފިޔާއަށްޓަކައި އަންހެންކުއްޖެއްގެ ދިރިއުޅުމާއި ތިކުޅެލީ. މާދަންވެސް ކަލޭ މިނިވަންވެގެން ދިޔައީމަ އޭގެ ހުރިހާ ގެއްލުމެއްލިބޭނީ އެ ނިކަމެތިފަކީރަށް." ހަސަނު ހުރީ ދެރަވެފައެވެ.
"އަހަރެން އެހެން ހަދާނެކަމެއް ހަސަނަށް އެނގެނީ ކިހިނެއް؟"
"މިނިވަން ނުވާއިރު ހުރިހާ ވާހަކަ އެއްވެސް ދައްކާނެ. އެކަމަކު ހަމަ ރީތި އަންހެން ކުދިންނާ މާލޭގެ އަރާމު ދިރިއުޅުން ފެންނައިރަށް އެހެންނޫނީ ހަމަ ރަނގަޅު ގޮތެއްވާއިރަށް މިރަށް އޮތްކޮޅަށް ބޯވެސް ނުލާނެ." ހަސަނާއި ރައޫފުވެސް އެއްބައިވެލިއެވެ.
" އެކަމަކު ފައިސާ ލިބޭނީ ތިޔަ ދެމީހުން ރަސްމީ ގުޅުމަކުން ގުޅުނު ކަން އެނގުނީމަ."
"ތީ ހާދަ ހެއްވާ ކަމެކޭ. ކަލޭ ބުނީ އަހަރެމެން ރައްޓެހިވެގެން އުޅޭކަން މިހާރު ޔަގީން ވާހަކަ. މިހާރުދެން ލިޔުމެއްވެސް ދޭން ޖެހޭކަމެއް ނުދެނަހުރިން." މިއުވާނު ރުޅިއައީ ރައޫފުގެ މަކަރުވެރިކަން އެނގިފައެވެ. އޭނާގެ އެންމެ ބޮޑު އަޒުމަކަށް މިހާރު ވެފައި އޮތީ ރައޫފުގެ އަތުން އެ ފައިސާ ހޯދުމެވެ.
މިއުވާން ދެން ރުކާނެއް ދޫކޮށެއް ނުލާނެއެވެ. އޭނާއަށް ގަބޫލު ކުރެވޭގޮތުގައި އޭނާ މިހާރު ރުކާންދެކެ ލޯބިވެއެވެ. އެއީ ދުވަހަކުވެސް އޭނާ އެހެން ކުއްޖެއްދެކެ ވެފައި ނުވާފަދަ ލޯތްބެކެވެ. އެލޯބީގެ ސަބަބުން ރުކާނަށް ހަމްދަރުދީ ވެވެއެވެ. ރުކާންގެ ފަރާތުން އިތުރުއެއްވެސް ބަދަލަކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ އަންހެން ކުއްޖާއަށް ރައްކާތެރިކަން ދީ ހިތް ހަމަޖައްސައިދިނުމަކީ އޭނާގެ އަޒުމުކަމުގައި މިއަދު ވެއްޖެއެވެ. ކުރިން އޭނާ އެހެން އަންހެންކުދިން ބޭނުން ކޮށްލަނީ ސައިކަލު ދުއްވާލުމަށެވެ. ރައްޓެހިންނަށް ފޮނި ދައްކާލުމަށެވެ. ރިސޯޓްތަކާއި ޕާޓީތަކުގައި މަޖާކޮށްލުމަށެވެ. ނަމަވެސް ރުކާނާއި ބައްދަލުވީ ފަހުން އޭނާ މުޅިން ބަދަލު ކޮށްލައިފިއެވެ.
ރުކާނާއި މިއުވާންގެ ބައްދަލުވުންތައް ދަނީ ދުވަހެއް ދުވަހަކަށް މަދު ވަމުންނެވެ. ދެމީހުން ދިމާ ނުވާފަހަރު ދަނީ ގިނަ ވަމުންނެވެ. ސަބަބަކީ އެދެމީހުންނަށް ކަޅިއަޅާމީހުން ލިބޯމާގޭގައި ގިނަވުމެވެ. އެގޭ މީހުން ބޭނުންވަނީ ރުކާން ސައުކަތާއި ދެވާ އެމީހުންގެ ގުޅުން ވީހާވެސް ބޮޑަކަށް ސައުކަތާއި ގާތްވާށެވެ. އެއީ އެމީހުންނަށް ލިބޭނެ ތަރައްގީއާއި ރަސްމީކަންކަމުގައި ލިބިގެންދާނޭ ފަސޭހަ ތަކަށްޓަކައެވެ. ނަމަވެސް ރުކާނާއި އެންމެ ދުވަހަކުވެސް އެއްޗެއް ބުނެނުލާ ނުވަތަ ސަމާސާ ކޮށްނުލާ ހުރުމަކީ މިއުވާނަށް މިހާރު ކެތް ކުރެވޭ ކަމެއްނޫނެވެ.
ހެނދުނުއްސުރެ މިއުވާންއާއި ރައޫފު އުޅުނީ ގޯތި ތެރޭގައި ހުރި ދަރު ތަކެއް ފަޅާށެވެ. ރުކާންއާއި ނާސިހާ އުޅުނީ ގޯތިތެރޭގައި ފަޅާފައި ހުރި ދަރުތައް ދަރުގެއަށް ގެންދިޔުމުގައެވެ. އެދެމީހުން ވަނީ ވަރު ބަލިވެފައެވެ. މިއުވާނު އުނަގަނޑުގައިވެސް ރިއްސާވަރުން ބައެއް ފަހަރު ދުރުގައި ހުރިރުކެއްގެ ހިޔަލުގައި އިށީނދެލައެވެ.
"މި ފިނި ޖޫސްތަށި ބޯލާ." އިށީނދެގެން އިން މިއުވާނަށް ދިއްކޮށްލަމުން ރުކާން ބުންޏެވެ. މިއުވާން ޖޫސްތަށީގައި ހިފުމުން ރުކާންވެސް އިށީނދެލިއެވެ.
"ކީއްވެތަ މިއަދު މާގިނައިން ތި އިށީންނަނީ. ހަސީނާއަށް ފެނިއްޖެއްޔާ ވަރަށް އެއްޗިހި ކިޔާނެ." ކަންބޮޑުވެފައި އިން ރުކާން ބުންޏެވެ. އޭރު ރުކާންގެ މޫނުމަތިން ބިރުގަތުމުގެ އަލާމާތްތައް ފާޅުވެއެވެ.
"ރުކާން. އެމީހުންދެކެ ވަރަށް ބިރު ގަނޭދޯ." ސީރިއަސް ވެލާފައި މިއުވާން ބުންޏެވެ.
"އާން. ޖެހިލުންވޭ. އެކަމަކު އެމީހުން ކިހާ ރަނގަޅު."
"އެމީހުން ރަނގަޅެއް ނޫން. އެމީހުން އެހާ ރަނގަޅު ނަމަ ރުކާން ލައްވާ ތިހާ ބުރަކޮށް މަސައްކަތެއް ނުކުރުވީސް."
"މިއުވާންވެސް މަސައްކަތް ކުރަމެއްނު."
"އަހަރެންނާއި ރުކާންއާއި މުޅިން ތަފާތު. ތީ އަންހެން ކުއްޖެއް. އަހަރެން މީ ގައިބާރު ވަރުގަދަ ފިރިހެނެއް. އެހެންނޫނަސް އެމީހުން އުޅެނީ ރުކާން އެނުލަފާ މީހާއާއި ގުޅުވަން." މިއުވާން ރުޅިއައެވެ.
"އެކަމަކު މިނޫން ގޮތެއް ނެތެއްނު." ކުރިމަތިވަމުން އަންނަ ބިރުވެރި ޚަބަރުތަކުން އޭނާ ބިރުގަނެއެވެ.
ރުކާން މަންމަގެ ވާހަކަތަކަށް މާބޮޑަކަށް އަޅާލާތީއެއް ނުފެނެއެވެ. ދިރި ހުންނަނީ ކީއްކުރަން ކަމެއް މާބޮޑަކަށް އޭނާއަކަށް އޮޅުން ފިލުވާކަށް ބޭނުމެއް ނޫނެވެ. އެއްވެސް އަމިއްލަ އެދުމެއްނެތް މައުސޫމު ރުކާން އަބަދުވެސް ކޮންމެވެސް މީހަކަށްޓަކައި މި އުނދަގޫ ދިރިއުޅުން ފަސޭހަކަމުގައި ދެކެއެވެ.
ލިބޯމާގޭ މީހުންނާއި ގުޅިގެން މަންމަ ރާވަމުން ގެންދާ ރޭވުންތަކުގެ ހިލަމެއްވެސްނުވެއެވެ. ރުކާން މަންމަގެ އެދުމުގެ މަތީން ލިބޯމާގޭގައި ހުރި ކިރުދަޅެއްބަލާ ދިޔައީ އެއްވެސް ފިކުރަކާއި ނުލައެވެ. މިހާރަކަށް އައިސް މަންމައަށާއި އޭނާއަށް އެގެއިން ލިބޭ ހަދިޔާތައް އެތައް ގުނައެއް އިތުރު ވެފައިވެއެވެ.
(ނުނިމޭ)
