(ބުދަ ދުވަހުގެ ނޫހާއިގުޅޭ)
ފޮތުގެތެރެއަށް ގެއްލިފައި އިން ޒީނާ ސިއްސައިގެން ދިޔައީ މީހެއްގެ ހިލަންވެގެންނެވެ. އޭރު ރަހީމު ސިޓިންރޫމަށް ވަންނަނީއެވެ. އޭނާވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ރަހީމު އެއީ އެއްމަސްވަންދެން އިންޑިޔާގައި ހުރެފައެވެ.
"ކާންހުރީ ކޮންއެއްޗެއް." އޭނާ ވަނީ ވަރަށް ބޮޑަށް ބަޑުހައިވެފައެވެ. ހަތަރެއްޖެހިއިރު ފުރަންބުނި ފްލައިޓް ލަސްވެގެން ގޮސް ފުރުނީ ރޭގަނޑު އަށެއްޖެހިފަހުންނެވެ.
"ދުރުވާނެ ކަމެއްނޭނގޭތީ އެއްވެސް އެއްޗެއް ނުހަދަން. ލީޝަންވެސް ދައްތަވެސް މާލޭގައި އުޅުއްވާހެނެއް ހިއެއްނުވޭ." ޒީނާ ބުނެލިއެވެ.
"އެހެންވީއްޔާ އަޅާނުލާ." އޭނާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.
ޒީނާ މިކަމާ ވަރަށް ހާސްވިއެވެ. ރަހީމު ކާންހަދަން ބުނާނީ ވަރަށް ބަނޑުހައިވީމާ ކަން އޭނާއަށް އެނގެއެވެ. ފަސްއަހަރު ތެރޭގައި އޭނާއަށް ރަހީމާއި އެގޭ އެންމެން ވަރަށް ރަނގަޅަށް ދަސްވެއްޖެއެވެ. ޒީނާ އަވަސް އަވަހަށް ނޫޑުލުސް ސުޕްތައްޓެއް ހަދަންފެށިއެވެ. އެއީ ރަހީމަށް ވަރަށް ކަމުދާ އެއްޗެއްކަން ޒީނާއަށް އެނގެއެވެ. ޒީނާ ވަރަށް އަވަހަށް ކައްކާލާފައި ރަހީމުގެ ކޮޓަރީގައި ޓަކިޖަހާލިއެވެ. ފެންވަރާލާ ތާޒާވެލައިގެން ހުރި ރަހީމު ކޮޓަރިން ނިކުތެވެ.
"ބޭރަށް ދުރުވަނީތޯ. ކޭންބައްލަވަން ދުރުވަންވީނޫންތޯ." އޭނާ ބޭރަށް ދަނީކަމަށް ހީކޮށް ޒީނާ ބުންޏެވެ.
ރަހީމު އެއްވެސް އެއްޗެކޭ ނުބުނެ ކާމޭޒުދޮށަށް ދިޔައެވެ. އޭނާއަށް ޒީނާ ފެނުމުން ހިމޭންވެވެއެވެ. ޒީނާ ހަނދާން ނައްތާލަން އުޅުނުވަރަކަށް އެކަންވަނީ އިތުރެވެ. މިވީ ދުވަސްތަކުގައި އޭނާ ރާއްޖެއިން ބޭރުގައި ގިނައިން އުޅުނީވެސް އެހެންވެއެވެ. ނަމަވެސް ކޮންމެތާކަށް ދިޔަނަމަވެސް އެ ނިޔަނެތި އަންހެންކުއްޖާ އޭނާގެ ހަމަޖެހުމަށް ހުރަސް އަޅަނީއެވެ. އޭނާއަށް ޒީނާއާއި ހަތަރުކަޅި ހަމަކުރާކަށް ނުކެރެއެވެ. އޭނާޒީނާ ގާތު ވާހަކަދައްކަން ޖެހިލުންވެއެވެ. ބުނެވިދާނެ އެއްޗަކުން އޭނާގެ ލޯބި ފަޅާއަރައިފިނަމަ ބޭޒާރުވެދާނެތީ ކަންބޮޑުވެއެވެ. ގޭގެ ނޯކަރެއްފަދަ މިއަންހެންކުއްޖާދެކެ މިއުފެދޭ ޖެހިލުންވުމާއި ހަމައިންނެއްޓޭވަރަށް ވިސްނެމުންދާތީ އޭނާ ހައިރާންވެސް ވެއެވެ. އެހެންޏާ އޭނާއަކީ އެތައްބަޔެއްގެ ވެރިއަކަށް ހުންނަ އެބައެއް އޭނާދެކެ ޖެހިލުންވާ ޝަހުސިއްޔަތެކެވެ. ނަމަވެސް މިހާރު އެހުރީ އާދައިގެ އަންހެން ކުއްޖެއްގެ ކުރިމަތީގައި ކުޑަކަކޫ ޖެހޭވަރުވެފައެވެ. ތަފާތު ވިސްނުންތަކެއްގެ ތެރޭގައި ހުރެގެން އޭނާ ސުޕްތަށި ހުސްކޮށްލިއެވެ.
އަވަހަށް ކޮޓަރިއަށް ގޮސް ހަމަޖެހިލެވޭތޯ އޭނާ ހިނގައިގަތުމަށްޓަކައި ކުރިއަށް އެޅި ފިޔަވަޅު ހުއްޓުން އެރީ ލީޝަންއައިސް އެތެރެއަށް ވަނުމުންނެވެ. އޭނާގެ އަތުގައި ހިފައިގެން އެތެރެއަށް ވަން މީހާ ކޮނޑާހަމައަށް ދިގުކޮށްފައިވާ ބޮލުގެ ބުޅި އިސްތަށިގަނޑުގެ ބައެއްތަންތަން ކޮޅުގަތާފައިވާއިރު ބައެއްހިސާބު ހީވަނީ ދަބަރު ޖަހާފައި ހުރިހެންނެވެ. ދޫ ޓީޝާޓަކާއި ކިރިޔާ ދެބައިކުޅައެއްބައި ބޭލިފައި ހުރި ޖީންސެއްލައިގެން ހުރި މި ނޫކަށި ފުރައިގެ ޒުވާނަކީ އޭނާ ދަންނަ މޫނެކެވެ. އެއީ މިދިޔައަހަރު ޖާސޫސްކޮށްގެން އޭނާގެ އެތަކެއް ކޮންޓްރެކްޓެއް އޭނާގެ އަތުން ދަމައިގަނެފައިވާ އޭނާގެ ވިޔަފާރީގެ އެންމެ އިދިކޮޅު ވާދަވެރިޔާގެ ހަގުދަރިފުޅެވެ. މެލޭޝިޔާގައި ކިޔަވަން ބެހެއްޓުމުން ޒަމާނީ ޒުވާނުންގެ ތަރައްގީގެ އޮއިވަރުގައި ޖެހިގެން އުދުހެނީހެންވެސް ހީވާހާލުގައި އުޅޭތީ، މިދިޔަމަހު މާލެ ގެނައި ކަޅު ހަކުރަށް ދެވިހިފާފައިވާ ޒުވާން ޒައީމެވެ. އެމީހުންގެ ބަހުރުވައިންނަމަ ޒީންބެއެވެ.
"ލީޝަން، މިކޮޅަށް އާދޭ." ރަހީމު ފެނިގެން ހުއްޓުން އަރާފައި ހުރި ލީޝަންއަށް ގޮވާލިއެވެ. ނަމަވެސް އޭނާ އަޑުއިވޭކަމަށް ނުހަދާ އެނބުރި ހިނގައްޖެއެވެ. އަދި ސިކުންތުކޮޅެއްތެރޭގައި އެޒުވާނާ ފޮނުވާލާ އެތަނަށް އަތުވެއްޖެއެވެ.
"އެއީ ލީޝަންގެ ކާކު." ރަހީމު ސުވާލުކުރިއެވެ. ދެތިން ހަތަރުފަހަރު އެހުމުންވެސް އޭނާ ޖަވާބެއް ނުދިންތާނގައި މީހަކު އޭނާއާއި ވާހަކަ ދައްކާހެންވެސް ހީއެއްނުވެއެވެ.
"މި ވާހަކަދައްކާމީހާ މިގެއަށް އައީކޮންއިރަކު." ލީޝަން ފުރިޖުން ޖޫސް ޕެކެޓެއްނަގާ ބިއްލޫރިތައްޓަކަށް އަޅަމުން ޒީނާ ގާތު އެހިއެވެ.
"މި ވާހަކަދައްކާ މީހާވެސް ލީޝަންއަކަށް ނޭނގުނުތަ. މި ވާހަކަދައްކަނީ ލީޝަންގެ ބައްޕައެއް ނޫންތަ؟" ރަހީމު ވާހަކަދެއްކީ މަޑުންނެވެ.
"އަހަރެންގެ ބައްޕައެއް ހުރޭތަ؟ މިވީ ތިންމަހު އަހަރެންގެ ބައްޕަ ދަރިއެއް ހުރިކަމެއް ހަދާނެއްނެތް. މަންމަ ވީތަންވެސް އެނގޭމީހެއް މިގެއަކު ނެތް. ބައްޕައާއި މަންމަ އެއީ އަމުރުކުރަންވީމާ ތިބޭބައެއް." ލީޝަން ހަމަ އެރާގުގައި ބުނެލިއެވެ.
"ލީޝަންއަށްވެސް މަންމަގެ ބަހުރުވަ ދަސްވީދޯ. އެކަމަކު ހަނދާން ކުރާތި. މަންމަ އެހާ މިނިވަންކޮށް އުޅުނަކަސް ލީޝަންއަކަށް އެގޮތަކަށް ނޫޅެވޭނެ. ހަމަމިހާރުން ފެށިގެން ތިގެނައި ރަހުމަތްތެރިޔާ ދޫކޮށްލާ. އެހެންނޫނީ….."
"އެހެންނޫނީ ކީއްކުރާނީ. މިގެއިން ފޮނުވާލާނީ. ނޫނީ މަންމައަށް ހެދިގޮތަށް އަނިޔާކޮށް އަޅާނުލާ ދޫކޮށްލާނީ. ނޫނީ ރައްޔިތުން ކުރިމަތީގައި އޮރިޔާން ކޮށްލާނީ. ހަދާނެގޮތެއްހަދާ. އަހަރެން ބިރެއްނުގަނޭ." ލީޝަން ހަޅޭއްލަވައިގަތެވެ.
"އަހަރެން ކޮންއިރަކުތަ ކަލޭގެ މަންމައަށް އަނިޔާކުރީ. މީހުންގެ ކުރިމަތީގައި އޮރިޔާން ކުރީ." ރަހީމުގެ ކެތްތެރިކަން ކޮޅުންލައިފިއެވެ. ލީޝަން މި މިފެންވަރަށް ހިނގައިދާނެ ކަމަކަށް އޭނާއަށް ހީކުރެވިފައެއްވެސްނެތެވެ.
"ނޫންކަމަށް ހެދޭނެކަމެއްނެތް. މަންމަ ކުރީފަހަރު އިންޑިޔާގައި ހުއްޓާ ހުރިހާ އަންނައުނުކޮޅު ހިފައިގެން ގޮސް މީހުން އެއްކުރިވާހަކަ މަންމަ ރޮއިރޮއިފަ ކިޔައިދިން. ތިމާ ހިލޭ އަންހެނުންނާއެކު……." ލީޝަންއަށް ރަނގަޅަށް ނުބުނެވެނީސް ރަހީމު ލީޝަންގެ މޫނުމަތީގައި ޖެހިއެވެ. ލީޝަން ތަށި އެއްލާލާފައި ދުވެފައި އަނެއްކާވެސް ބޭރަށް ހިނގައްޖެއެވެ.
ރަހީމު ކުރިންވެސް އިންގޮޑީގައި އިށީނެވެ. އޭނާވަނީ އިންތިހާއަށް ދެރަވެފައެވެ. ރާމިޒާ ވަނީ އޭނާގެ ދަރިފުޅުގެ އަޚުލާގު މުޅިން ކިލަނބު ކޮށްލާފައެވެ. އެދެމަފިރިންގެ މެދުގައި ދިމާވާ ނުރަގަޅު ކަންތަކުގެ ވާހަކަ އެހެންގޮތަކަށްކިޔައިދީ ލީޝަންގެ ޅަ ސިކުނޑި ވަނީ އޭނާއާމެދު ނަފުރަތު އުފައްދާ ރާމިޒާއާއި ގާތްކުރުވާފައެވެ. މިއީ އޭނާގެ މަކަރުވެރިކަމެވެ. ލީޝަންއަކީ ރަހީމުގެ ބަލިފައިކަން ރާމިޒާއަށް އަބަދުވެސް އެނގޭތީ އެލޯބި ދަރިފުޅު އޭނާގެ ހަތިޔާރަކަށް ހަދަނީއެވެ. އޭނާ ލީޝަން ދެކެވަރަށް ލޯބިވެއެވެ. ނަމަވެސް އެދަރިފުޅަށް ހަގީގަތް އެނގެން ފަށާއިރަށް އެކުއްޖާގެ ސިކުނޑި ހަފުސް ކޮށް ރަހީމާމެދު ވަނީ ރުޅިވެރިކަން އުފައްދާފައެވެ. މިހުރިހާ ދުވަސް ވަންދެން އޭނާ ކެތްކުރީ ލީޝަން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ހުރިހާކަމެއް ވަނީ ބޭކާރެވެ. ކެތްތެރިކަން ވަނީ ކޮޅުންލާފައެވެ. ހަރުދަނާކަން ވަނީ ވިއްސިވިހާލިވެފައެވެ. ދެން އޭނާއަށް އުންމީދުކުރެވުނީ ޒީނާގެ ފަރާތުން ލޯތްބަށެވެ. ނަމަވެސް ޒީނާވަނީ ޔައީނުގެ ލޯބީގެ އަޅަކަށްވެފައެވެ. އޭނާ މިހާރު ބޯހާސްވާ ހިސާބަށް ހިނގައްޖެއެވެ. އޭނާ އަތުގައި ހުރި ބިއްލޫރި ތަށި ފިތާލިއިރަށް ތަޅައިގެން ހިނގައްޖެއެވެ. އެއާއެކު ހޯސްލާފައި އޭނާގެ އަތުން ލޭއަންނަން ފަށައިފިއެވެ. ތަޅުންގަޑުގައި ހުރި ފުޅިތޮށިތައް ސާފުކުރަމުންދިޔަ ޒީނާއަށް ރަހީމުގެ އަތުން އަންނަ ލޭތައް ފެނިގެން ދުވެފައިއައިސް އެއަތުގައި ހިފިއެވެ. އަދި ލޭމަނާވޭތޯ އަވަސް އަވަހަށް ފޮތިގަނޑެއް ހޯދައިގެން އައިސް އަތުގައި އޮޅަންފެށިއެވެ. ނަމަވެސް ރަހީމު އަތް ފޮޅުވާލިއެވެ.
"ޒީނާވެސް ކޮޓަރިއަށްދޭ. އަހަރެން އެއްވެސް މީހެއްގެ އޯގާތެރިކަމެއް ބޭނުމެއްނޫން." އިސްއުފުލާލާފައި އޮޅަންފަށާފައިވާ ފޮތިގަނޑު އެއްލާލަމުން ބުންޏެވެ.
"އަޅުގަނޑަށްވެސް އިހުސާސް ކުރެވޭ. އެކަމަކު ތިހެން ތިހެއްދެވީ ކީއްވެތޯ." ޒީނާ ރަހީމުގެ އަތުގައި އަނެއްކާ ފޮތިގަނޑު އޮޅަން ފެށިއެވެ.
"އަހަރެން ރާމިޒާ އޮރިޔާންކޮށްލާ މީހުން އެކެއްނުކުރަން. އެކަމަކު އޭނާ އަމިއްލައަށް ނިވާކަމެއްނެތި އަހަރެންގެ މެނޭޖަރާއެކުތިބީ. އަހަރެން ދެލޮލުން އެކަންދުށީ. އެހެންވެ އެމީހުންގެ އެއްޗިހި ހިފައިގެން އަހަރެން ނިކުތީ. އެކަމަކު ފަހުންއައިސް އެއެއްޗިހި ދޮރުމަތީގައި ބެހެއްޓީވެސް އަހަރެން. އެކަމަކު ދުވަހަކުވެސް އަހަރެން އޭނާއަކަށް ބޭވަފާތެރިއެއްނުވަން. އޭނާގެ ވާހަކައެއް މީހެއް ގާތު ނުދައްކަން. މިހުރިހާ ދުވަހަވެސް ކެތްކޮށްލައިގެން މިހުރީ ލީޝަންއަށްޓަކައި. އެކަމަކު އޭނާވެސް ވަނީ ރާމިޒާގެ އޮޅުވާލުމުގެ ތެރޭގައި މަގުގެއްލިފައި." އެތައް އަސަރެއް ކޮށްފައިވާ ރަހީމު އެއްވެސް ހިފެހެއްޓުމެއްނެތި އެތައް ދުވަހެއްވެފައިވާ ހިތުގެ އުދާސްތައް ބޭރުކުރަމުންދިޔައެވެ.
"ލީޝަން ލިބިގެން މިވީ އަށާރަ އަހަރުތެރޭ އޭނާގެ ފަރާތުން އޯގާތެރި ބަހެއްލިބިފައި ނުވާތާނގައި ހިތުންރުހުމުން އަހަރެންނަށް ބަލާވެސްނުލާ. ހުންގަދަވެގެން ނުނިދިއޮތް އޮތްކިތަންމެރެއެއް އޭނާ އަރާމުގައި ނިދަމުންދިޔަ. އެއްޗެހި ދޮވެ އިސްތިރިކުރަނީ ގޭގައި އެއިރަކު އުޅޭ ބައެއް. އެއްޗެއް ކައްކާފައި ކާންނުދޭ ތާނގައި ކާތާ މަޑުވެސް ކޮށްނުލާ. އެކަމަކު އޭނާގެ ރައްޓެހިންނަށް ކައްކާފައި ގެންދާ ސާމަނުތައް ވެސް އަހަރެން ދެކެން. އެހެންނަމަވެސް އެއީ އަހަރެން މަސައްކަތްކޮށްގެން އަހަރެން ދާ އޮހޮރުވައިގެން ހޯދި ފައިސާއޭ. ނަމަވެސް ފުރާނައަށް ވުރެންވެސް ބޮޑަށް ލޯބިވާ ލީޝަންގެ އުފަލަށްޓަކައި މިގޮތް ރުހި ގަބޫލުވެގެން މިހުރެވުނީ. އެކަމަކު ދެން ހިތްވަރުކުރެވޭނެ ހެންނެއް ހިއެއްނުވޭ." އޭނާއަށް ބޭއިޚުތިޔާރުގައި އެތައް ޝަކުވާއެއް ބޭރުކޮށްލެވުނެވެ.
ރަހީމު ދިއުމުން ޒީނާއަށް ރަހީމާ މެދު ވިސްނާލެވުނެވެ. އެއީ ރީތި މީހެކެވެ. ފިރިހެންވަންތަ ހަށިގަނޑަކާއި ތަނަވަސް ނިތްކުރިއެކެވެ. ސާފު މޫނުން އަބަދުވެސް ތާޒާކަން ހާމަވެއެވެ. މީހުންނަށް އޯގާތެރި މުއްސަނދި ހަރުދަނާ ޝަޚުޞިއްޔަތެކެވެ. ވީއިރު އޭނާ ރާމިޒާގެ ނުފޫޒުގެ ދަށުގައި އެއުޅެނީ ކީއްވެބާއެވެ. ލީޝަންއަށްޓަކައި އުޅުނުނަމަވެސް ލީޝަންވެސް އޭނާއަކަށް ރަނގަޅެއް ނޫނެވެ. އެއީ ހާދަކެތްތެރި ފިރިހެނެކެވެ. ރާމިޒާމެންނަށް އެކަން އިހުސާސް ނުކުރެވެނީ ކީއްވެބާވައެވެ.
ޔައީނު ކިޔެވުން ނިންމާފައި މާލެ އަތުވެއްޖެއެވެ. ޔައީނަށް އައިސްފައިހުރި ބަދަލު އެންމެބޮޑަށް ފާހަގަ ކުރެވުނީ ޒީނާއަށެވެ. ކުރިން އަބަދުވެސް އަރިއަކުން ފަޅައިގެން ފުނާއަޅަން ފަރިތަވެފައިވާ ޔައީނު ހުރީ މިޒަމާނުގެ ގޮތަށް ކުޑަކޮށް އިސްތަށިތައް ހިއްލާލާފައެވެ. ފަހުގެ ރީތި ޓީޝާޓާއި ރީފްޖީންސްލާފައި ހުންނައިރު އޭނާގެ ކުރީގެ އާދައިގެކަން ފިރިހެން ވަންތަކަމަށް ބަދަލުކޮށްލައިފިއެވެ. އޭނާގެ ހަމުގެ ކުލައަށް އޮސްޓްރޭލިޔާގެ ފިނiމޫސުމުގެސަބަބުން އަލިކަން ގެނުވައިފިއެވެ.
"ދެން ތިދާންއުޅޭ އޮފީހުގައި އުޅޭ ހުރިހާކުދިންވެސް މިހާރު ހިތްކިޔާނީ ޔައީނަށްދޯ." ޒީނާ ކުރިއެކޭއެއްގޮތަށް ޔައީނާ ދިމާކޮށްލިއެވެ.
"އޮފީހުގައި އުޅޭ ކުދިންނެއްނޫން. ޒީނާވެސް ހިތްކިޔައެއްނޫންތަ؟"
"ހިތްކިޔަންޏާ ވާނީ ކިހިނެއްކަމެއްވެސް އަދި ނޭނގެ. ޔައީނު ބުނެލަދޭންވީނު."
"އަބަދު ދެކޭ ހިތްވާނެ. ސަމާސާ ކޮށްލާހިތްވާނެ. ޝައުގުވެރިކަން ދޭހިތްވާނެ. ދެންއަބަދުވެސް ހިތުގައި އޮންނާނީ އެމީހަކު"
"ތިހެންވީއިރު އަދި އެއްވެސް މީހަކާ ހިތްކިޔާހެންނެއް ހީއެއްނުވޭ. ހިތްކިޔައިފިއްޔާ އަންގާލާނަންއިނގޭ."
"އެހާތަނަށް ހުސްކޮށް ހުރިއްޔާ ފަހަރެއްގައި ފުރުސަތެއް ލިބިދާނެ."
"ހޫން މަބަލަން ހުންނާނަމޭ. އެހާތަނުން އަހަރެން ދަންނަ މީހަކަށްވެސް ނުވާނެކަން ނޭނގެ. ދެމީހުން ސަމާސާ ކުރުމަށްފަހު ނިދަންދާން ހިނގައިގަތެވެ. މާދަމާއަކީ އޮފީހަށް އަލަށް ނިކުންނަންޖެހޭ ދުވަސްކަމުން ޒީނާ ޔައީނުގެ ބައެއްކަންތައްތައް ހަމަޖައްސައިދިނެވެ. ޔައީނު ބޭނުންވީ އަވަހަށް ކޮޓަރިއަށް ދިއުމަށެވެ. ފުރަތަމަ އޮފީހަށް ނިކުތުމުގެ ކުރީން އޭނާވެސް ތައްޔާރު ވެލުމަށްޓަކައެވެ.
ހަފްތާގެ ދުވަސްތަކުގެތެރެއިން ބުދަދުވަހެވެ. ޔައީނު އަލަށް އޮފީހަށް ނިކުންނަނީއެވެ. ހޯމްމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމު އޭނާއަށް ހަވާލު ކުރެވުނީއެވެ. ހުސްވެފައި އޮތް މިމަގާމަށް ފަންސަވީސް މީހުން ސިޓީލައިފައި ވަނިކޮށް ތައުލީމީ ފެންވަރަށާއި އިންޓަވިއުން އެއްމެ ގާބިލު ކުއްޖެއްގެ ޝަރަފު ލިބިގެން ޔައީނަށް ހަމަޖެހުނީއެވެ. އޮފީހުގެ އެންމެންވެސް އޭނާއަށް ނުހަނު ކަމޭހިތިއެވެ. އޮފީހުގެ ހުރިހާ މަސައްކަތަކާއި ޒިންމާތައް އޭނާއަށް ކިޔައިދޭކަށް ނުޖެހުނެވެ. އޭނާ ވީ ތަނަށްފަރިތަ މީހުންނާގުޅޭ ހުނަރުވެރިއަކަށެވެ. މީހުންގެންގުޅެން ދަންނަ ފަރުވާ ބަހައްޓާ އެތައްބައެއްގެ ވެރިއަކަށެވެ.
ހަފްތާއެއްގެ ތެރޭގައި އޭނާ އޮފީހަށް ނުހަނު ފަރިތަވެއްޖެއެވެ. އަދި އޮފީހުގެ މަސައްކަތާއި އޮފީހުގެ މުވައްޒަފުންނާމެދު އޭނާއަށް ނުހަނު ޝައުގުވެރިވެވިއްޖެއެވެ. އޮފީހުގައި ހުހަށްތިބި އަންހެންކުދިން ޔައީނުގެ ރަހުމަތްތެރިއަކަށް ވެވޭތޯ ވާދަކުރަމުންދެއެވެ. މި ރަހުމަތްތެރި މާހައުލުގައި އޭނާނުހަނު ހިތްހަމަޖެހެއެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޔަޝްފާ ޢަބްދުލްޣަނީ އަކީ، ރީތި ވާހަކަތަކެއް ޝާއިއުކުރައްވާފައިވާ ކާމިޔާބު ލިޔުންތެރިއެކެވެ. ޔަޝްފާގެ ދިގު ހަތަރު ވާހަކައަކަށް، ވާހަކަލިޔުމުގެ ގައުމީ މުބާރާތުން ރަން ވަނަތައް ލިބިވަޑައިގެންފައިވެއެވެ. އަދި ކުޑަކުދިންގެ ވާހަކަލިޔުމުގެ މުބާރާތުން ފަޚުރުވެރި ވަނައެއް ވަނީ ލިބިވަޑައިގެންފައެވެ. "ލީޝަން" ވާހަކައަކީ 2011 ވަނަ އަހަރުގެ ގައުމީ މުބާރާތުން 2 ވަނައަށް ހޮވުނު ވާހަކައެވެ.
