އިމާރާތެއްގެ ސިޑިމަތީގައި ލޯފަން ފިރިހެން ކުއްޖަކު އިނެވެ. އޭނާގެ އަތުގައި ސަލާންޖަހާ މީހުން ގެންގުޅޭ ނާށިގަނޑެއް އޮތެވެ. އޭނާއެ ނާށިގަނޑު އުފުލާލާ ސަލާންޖަހަމުން ދިޔައެވެ.
"އަހަންނަކީ ލޯފަން މީހެއް، އެހީތެރިވެދެއްވާ." އޭގައި ލިޔެފައި އޮތް ކަރުދާސްގަނޑު އެންމެންނަށް ފެންނާނެހެން އޮތެވެ. އަދި އެ ނާށިގަނޑުގައި ހުރީ މަދު ފައިސާ ފޮތިކޮޅެކެވެ.
އެތަނުން ފިރިހެނަކު ހިނގަމުން ދިޔައެވެ. ޖީބުން ދެތިން ފައިސާ ފޮއްޗެއް ނަގައި ނާށިގަނޑުގެ ތެރެއަށް ވައްޓާލިއެވެ. އެއަށްފަހު އެ ލިޔުން ނަގައި، އޭގައި އޭނާ ބޭނުންއެއްޗެއް ލިޔުނެވެ. އޭނާ އެ ލިޔުންކޮޅު އެތަނުން ހިނގާފައި އަންނަ އެންމެންނަށް ފެންނާނެ ގޮތަށް ބެހެއްޓިއެވެ.
އިސާހިތަކު އެ ނާށިގަނޑު ފުރެން ފެށިއެވެ. ލޯފަން ކުއްޖާއަށް އިތުރު އެތައް ބަޔަކު ފައިސާ ދެމުން ދިޔައެވެ. އެދުވަހުގެ މެންދުރުފަހު އެ ލިޔުން ބަދަލުކުރި މީހާ އައީ ކަންތައްތައް ވެގެންދިޔަގޮތް ބަލާށެވެ. އެކުއްޖާ އޭނާގެ ފިޔަވަޅުތައް ދެނެގަތެވެ.
"މިއަދު ހެނދުނު އަހަރެންގެ ލިޔުންކޮޅު ބަދަލުކުރި މީހަކީ ކަލޭތަ؟ އޭގައި ކަލޭ ލިޔުނީ ކީކޭ؟" ލޯފަންކުއްޖާ ބުންޏެވެ.
"އަހަރެން ލިޔުނީ ހަމައެކަނި ހަގީގަތް. އަހަރެން ލިޔުނީ ތިބާ ލިޔެފައިވާ އެތި އެހެންނަމަވެސް ތަފާތު އިބާރާތަކުން." އެމީހާ ބުންޏެވެ.
"އެއީ ކިހިނެއް." ލޯފަންކުއްޖާ އަނެއްކާވެސް އެހިއެވެ.
"މިއަދަކީ ރީތި ދުވަހެއް. ނަމަވެސް އަހަންނަކަށް މި ރީތި ދުވަހުގެ ރީތިކަމެއް ނުފެނެއެވެ." އޭނާ ހިނިތުންވެލާފައި ބުންޏެވެ.
ފުރަތަމަ ލިޔުންކޮޅާއި ދެވަނަ ލިޔުންކޮޅުވެސް ބުނަމުން ދިޔައީ އެއް ވާހަކައެއް ކަމަށް ހީކުރައްވަނީ ހެއްޔެވެ؟ ހަމަގައިމުވެސް ދެ ލިޔުންކޮޅުންވެސް މީހުންނަށް އެނގުނީ އެ ކުއްޖާއަކީ ލޯފަން ކުއްޖެއްކަމެވެ. އެކަމަކު ފުރަތަމަ ލިޔުންކޮޅުގައި މާ ފަސޭހަގޮތަކަށް އެ ކުއްޖާއަކީ ލޯފަން މީހެއް ކަމަށް ބަޔާންކުރިއެވެ. ދެވަނަ ލިޔުންކޮޅުން މީހުންނަށް އެނގުނީ އެމީހުންގެ ނަސީބު ރަނގަޅުކަމުން އެމީހުން ލޯފަން ނުވާ ކަމަށެވެ. އެހެންކަމުން އެމީހުންނަށް އޭގެ ސަބަބުން އަސަރުކުރީއެވެ.
މާތް ﷲ ކީރިތި ގުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ
އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ. ތިޔަބައިމީހުން شكر ކުރަނީ، ވަރަށްވެސް މަދުންނެވެ. [ސޫރަތުލް މުޢުމިނޫން؛ 78]
