މާތް ﷲ އިންސާނާ އަށް ދުނިޔެ ދެއްވާފައި ވަނީ، އިމްތިޙާނަށް ޓަކައެވެ.

މާތް ﷲ އިންސާނުން މި ދުނިޔެއަށް ފޮނުއްވާފައި ވަނީ، ނިސްބަތުން ވަރަށް މަދު ދުވަސްކޮޅަކަށެވެ. ކޮންމެ މީހަކީ ވެސް، ވަކި އަޖަލެއް ކަނޑައެޅިފައިވާ މީހެކެވެ. ކޮންމެ ކޮންމެ މީހަކީ ވެސް، އެ މީހެއްގެ ދަންފަޅި ހަމަކުރުމަށް ފަހު، މާތް ﷲ ގެ ޙަޟްރަތަށް އެނބުރި ދާން ޖެހޭނޭ މީހެކެވެ. އެއްވެސް މީހަކީ ތާއަބަދު މި ދުނިޔޭގައި ހުންނާނޭ މީހެއް ނޫންކަން އަހުރެމެން އެންމެން ވެސް ދަންނަމުއެވެ. މާތް ﷲ މި ދުނިޔެއަށް  ފޮނުއްވާފައިވާ ކޮންމެ މަޚްލޫޤަކީ ވެސް މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނޭ މަޚްލޫޤެކެވެ. މާތް ﷲ ވަހީކުރައްވާފައި ވެއެވެ. ﴿ كُلُّ مَنْ عَلَيْهَا فَانٍ ‎,‏ وَيَبْقَىٰ وَجْهُ رَبِّكَ ذُو الْجَلَالِ وَالْإِكْرَامِ ‎﴾ މާނައީ: "އެ ބިންމަތީގައި ވާ ކޮންމެ އެއްޗަކީ، ފަނާވެދަނިވި އެއްޗެކެވެ. އަދި ކަލޭގެފާނުގެ ވެރި، ކީރިތި ވަންތަކަމާއި، މާތްވަންތަކަމުގެ ވެރި ރަސްލާނގެ ޛާތުފުޅު ދެމިވޮޑިގެން ވެއެވެ. އަދިވެސް އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.  ﴿ وَلِكُلِّ أُمَّةٍ أَجَلٌ ۖ فَإِذَا جَاءَ أَجَلُهُمْ لَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ‎﴾‏  މާނައީ: ކޮންމެ އުއްމަތަކަށްމެ އަޖަލެއް ވެއެވެ. ފަހެ އެއުރެންގެ އަޖަލު އައުމުން، އެންމެ ހިނދުކޮޅަކަށް ވެސް އެއުރެންނަކަށް ލަހެއް ނުކުރައްވާ ހުށްޓެވެ. އަދި އަވަހެއް ވެސް ނުމެކުރައްވާ ހުށްޓެވެ."
ދުނިޔޭގައި އުޅުމަށްޓަކައި، މާތް ﷲ އަހުރެމެންނަށް ދެއްވާފައި މިވާ ޙަޔާތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އުޚްރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް މަސައްކަތްކުރަން ޖެހެއެވެ. އިންސާނާގެ ޙަޤީޤީ މަންޒިލް މަޤްޞޫދަކީ، އުޚްރަވީ ޙަޔާތްކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އިންސާނާ މި ދުނިޔެއަށް ފޮނުއްވާފައި ވަނީ އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށެވެ. އަހުރެމެން ވޭތިކުރަމުން މި ދާ ދުންޔަވީ ޙަޔާތަކީ ހެއްލުންތެރި ކެހިވެރި ތަނެކެވެ. މި ދުނިޔޭގެ ކުލަވަރުތަކަކީ، އަވާ މެންދުރެކެވެ. މި ދުނިޔޭގެ ލައްޒަތާއި، އުފަލާއި، އަރާމަކި ދަޅަތަކެއް ފަދަ ވަގުތީ އެއްޗެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ މި ދުނިޔެ ސިފަކުރައްވާފައިވާ ފުރިހަމަ ކަމާ މެދު ވިސްނާށެވެ! އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ. ﴿ اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ ۖ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا ۖ وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ ۚ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ ‎﴾

މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި ދަރިންތަކާ މެދު އެކަކު އަނެކަށް ވުރެ ގިނަކަމަށް ބުނެ
މޮޅު ވާހަކަދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެން ލިބިގެން ފެޅި ގަސްތަކެއް ދަނޑުވެރިން އަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކި ދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި އހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައި ވަނީ، ގަދަފަދަވެގެންވާ ޢަޛާބެވެ. އަދި ﷲ ގެ ޙަޟްރަތުން ލިބޭ ފާފަ ފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔާގެ ދިރިއުޅުން ނުވެތެވެ."
ދުނިޔޭގައި މާތް ﷲ ދެއްވާ މުދަލާއި، އަނބިދަރިންނަކީ، އަޅުތަކުން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރާވަރު ބެއްލެވުމަށްޓަކައހުށަހެޅޭ އިމްތިޙާނެކެވެ. އެބައިމީހުންގެ އީމާންކަން ވަޒަން ކުރެއްވުމަށްޓަކައި ލައްވާފައިވަ އަޖުމަބެލުމެވެ. ދުނިޔެއިން ލިބޭހައިވެސް އެއްޗަކީ، އާޚިރަތުގެ ދަރުމައާއި ޘަވާބު ހޯދުމަށްޓަކައި ކުރާ ހެޔޮ ޢަމަލުތަކުގެ ނަތީޖާއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ عِندَ رَبِّكَ ثَوَابًا وَخَيْرٌ أَمَلًا ‎﴾ މާނައީ: "މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް، ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ޘަވާބުގެ ގޮތުން މާ ހެޔޮކަން ބޮޑެވެ. އަދި އެދޭ އެދުމެއްގެ ގޮތުން މާހެޔޮކަން ބޮޑުމެއެވެ." މާތް ﷲ ގެ ޙަޟްރަތުގައި ދުނިޔެ އަކީ އއްވެސް އަގެއް ހރި ތަނެއް ނޫނެވެ. ރަސޫލުﷲ   ގެ ޙަދީޘެއްގެ މާނައިގާވެއެވެ. ﷲ ގެ ޙަޟްރަތުގައި ދުނިޔޭގަ އަގަކީ، މަދިރިއެއްގެ އެންމެ ފިޔައަކާ އެއްވަރު އެއްޗެއް ކަމުގައި ވީނަމަވެސް، ކާފިރަކަށް ދުނިޔެއިން ފެން ކޯވަރެއްގެ މިންވަރު ވެސް ނުދެއްވީހެވެ."

 

މާތް ﷲ އިންސާނާ އަށް ދުނިޔެ ދެއްވާފައި ވަނީ، އިމްތިޙާނަށް ޓަކައެވެ. މުއްސަދިންނާއި، ފަގީރުންނާއި، މޮޅާއި ދެރަ ލައްވާފައި ވަނީ، އެބައިމީހުން ކުރާ ހެޔޮ ޢަމަލުތަކުގެ މިންވަރު ބެއްލެވުމަށެވެ. މާތް ﷲ ވަހީ ކުރައްވާފައި ވެއެވެ. ﴿ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا ۚ وَهُوَ الْعَزِيزُ الْغَفُورُ ‎﴾‏ މާނައީ: "އެކަލާނގެއީ ތިޔަބައިމީހުން ކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އދި އެކަލާނގެއީ ޢަޒީޒު ވަންތަ ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *