ވާހަކަ: ރުކާން – 9

(އާދީއްތަ ދުވަހުގެ ނޫހާއިގުޅޭ)

އާދައިގެ މަތީން އިޝާނަމާދު ކޮށްގެން ރޭގަނޑުގެ ކެއުމުގެ މަސައްކަތް ނިމިއްޖެއެވެ. ގެއަށް ގެންދަންޖެހޭ ފެންތަރުމޯޒު ބަލާ ރުކާން ބަދިގެ ފަރާތަށް ދިޔައެވެ. އޭނާ ޚިޔާލެއް ފިކުރެއްނެތި ކާގެއަށް ގޮސްވަނެވެ. ކުއްލިއަކަށް މީހަކު ފަހަތުން ބޭރު ދޮރު ތަންޑު އަޅުވައިފިއެވެ. ރުކާން ސިއްސައިގެން ދިޔައެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަންނަން ވާއިރަށް އެމީހަކު އޭނާގެ އަނގަމަތީގައި އަތްއަޅާ ވާހަކަ ނުދައްކާށޭ ބުންޏެވެ.

"ރުކާން. ކަލޭގެ މަންމައާއި މިގޭ މީހުންގެވެސް އެދުމުގެ މަތީން އަހަރެމެންގެ ކައިވެނި ވަނީ ވަރަށް އަވަހަށް ކުރެވޭ ގޮތަށް ނިމިފައި. ކަލޭ ވަނީ އެންމެ ފުރަތަމަ އަހަރެން ގާތު މިކަމަށް އެދިފައި." ސައުކަތު  ބުންޏެވެ.

"އެއީ އެހެން ބުނި އެއްޗެއް ނޫން." ރުކާން ހިމޭން ވެލިއެވެ. އެއީ މީގެ ދުވަސްތަކެއް ކުރިން ރުކާން މަޖަލަކަށް ބުނި އެއްޗެއްކަން އޭނާއަށް ހަނދާންވިއެވެ.

"އަލިފާނަށް ތެޔޮ އެޅީ ރުކާން. މިބުނީ އަހަރެންގެ ހިތުގައި ކަލެއާމެދު ޚިޔާލުތަކެއް ހުއްޓާ މިކަމަށް މަގުފަހި ކުރުވީ ރުކާނޭ. އެކަމަކު މަށަށް އެނގިފައިވާ ގޮތުން ކަލޭ މިކަމާ ވަރަށް ނުރުހޭ." ސައުކަތު ވާހަކަ ދެއްކިއެވެ.

"އަހަރެންނަކަށް ލޯބިނުވާ މީހަކާއި އިނދެގެން އެހެން މީހެއްގެ ދިރިއުޅުން އާބާދެއް ނުކޮށް ދެވޭނެ." ސައުކަތު ވާހަކަ ދެއްކިލެއް އޯގާތެރިކަމުން ރުކާންއަށް ތެދަށް ބުނެވުނެވެ.

"ރުކާން. އަހަރެން އަތުގައި މުދަލާއި ފައިސާއާއި ތަނަވަސް ގެއެއް އެބަހުރި. އެ ދިރިއުޅުމަކަށް އުނދަގޫ ކުރާނެ އެއްވެސް މީހަކު ނާންނާނެ. އަހަރެން ރުކާން ވަރަށް ބޭނުން." ސައުކަތު ރުކާނާއި ގާތްވެލިއެވެ. އޭނާވަނީ ރުކާންގެ ރީތި ކަމަށްޓަކައި އިންތިހާއަށް ބޭނުންވެފައެވެ. އެކަނިވެރިކަމުގައި ދެމީހުން ތިބެވުމުން ނަފްސް ކޮންޓުރޯލް ކުރަން އުޅެވޭތޯ ބެލިއެވެ.އެއީ އެތައް ދުވަހަކު ކަނޑަ އަޅައިގެން ހުރި އަންހެން ކުއްޖާ ފެނުމުން ކޮންމެ ހާލެއްގައިވެސް ރުކާން ބޭނުންވެފައިވާތީއެވެ.

"އެކަމަކު…" ރުކާނަށް ސައުކަތު ބަލާގޮތް ފެނުމުން ބިރުން ވާހަކައެއް ނުދެއްކުނެވެ. އޭނާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ރުކާން މިހިމޭންކަން ސައުކަތަށް ވިސްނުނީ ރުކާން އޭނާގެ ބަސް ގަބޫލު ކުރީކަމުގައެވެ. އޭނާ ރުކާންގެ ގަޔާ ނުހަނު ގާތަށް ޖެހިލެވުނެވެ. ބިރުން ހުރި ރުކާނަށް ގުޑިލާކަށްވެސް ނުކެރުނެވެ. މިފަދަ ތަޖުރިބާއެއް ދުވަހަކުވެސް ލިބިފައިނުވާ ރުކާނަށް ހުރީ ވާނުވާ ނޭނގިފައެވެ.

"އާދެބަލަ."  އޭނާ ރުކާންގެ ކުޑަކުޑަ އަތުގައި ހިފާ އޭނާގެ ގާތަށް ގެނައެވެ.  ރުކާން ސަލާމަތް ވޭތޯ ގަދަ ހެދިއެވެ. ނަމަވެސް އެބާރުގަދަ ސައުކަތު ކާގޭގައި ހުރި ދިގު ގޮނޑިއަކަށް ރުކާން ލާ އޭނާގެ ހަށިގަނޑުގައި ފިރުމަން ފެށިއެވެ.  އެމީހާ ގެ އަތް ޚާއްސަކޮށް ރުކާންގެ މޭގައި ހަރަކާތް ކުރަން ފެށިއެވެ. އޭނާވަނީ ވަރަށް ހާސްވެފައެވެ. އަދި ބިރުވެސް ގެންފައެވެ.

އެ ބާރުގަދަ އަތުގެ ތެރެއިން ސަލާމަތް ވެވޭތޯ ގަދަހަދަމުން ދިޔަ ރުކާންއަކަށް ކާމިޔާބެއް ނުހޯދުނެވެ. އޭނާ ތެޅިފޮޅުނެވެ. އަނގައިން އަޑު ނުނިކުތް ނަމަވެސް ކަރުން ހަންދާވަރަށް އޭނާ ހަޅޭއްލެވިއެވެ. ސަލާމަތަށް އެދި އާދޭސްކޮށް ރުޔެވެ. އެދެލޮލުން ރަހުމަތާ ހަމްދަރުދީއަށް އެދި ހޫނުކަރުނަތައް ވެރިއެވެ. ނަމަވެސް މޮޔައެއްފަދަ ސައުކަތު އޭނާގެ ހެދުން ވީދާލައިފިއެވެ.

އެވަގުތު ސައުކަތުގެ އަތުން ސަލާމަތްވާން ދުއްވައިގަތެވެ. ކުއްލިއަކަށް ފާރުގައިވާ މޮހޮރެއްގައި އޭނާގެ ކަނދުރާ އެޅިއްޖެއެވެ. ފުންކޮށް ކަފައިގެން ދިޔަތަނުގައި އަތް އެޅުނެވެ. އަނެއްކާ ދަނޑިވަޅުބަލާ އެވަރުގަދަ ސައުކަތު ރުކާން ހިފެހެއްޓިއެވެ. މިހާރު އެތަނުން ލޭއަންނަކަން ރުކާނަކަށްވެސް ނޭނގެއެވެ. އޭނާ ވަނީ ބިރުވެރިކަމުގެ އިންތިހާގައެވެ.

ކުއްލިއަކަށް ބިއްލޫރިގަނޑެއް ތަޅައިގެން ދިޔަ ބާރުއަޑެއް އިވުނެވެ. އޭރު ކުޑަދޮރު ތަޅާލާފައި މީހަކު ވަދެ ވަރަށް ބާރަށް ސައުކަތުގައިގައި ޖަހައިފިއެވެ. މިކަހަލަ ކަމަކަށް ނުވިސްނާ ހުރި ސައުކަތު މާދުރަށް ގޮސް ޖެހިއްޖެއެވެ. އަދިވެސް އެމީހަކު ސައުކަތު ގައިގާ ތަޅަމުން ދެއެވެ. ބައެއް ފަހަރު ކޮޅު ފައިނެވެ. އަނެއްބައި ފަހަރު ގޮށްމުށުންނެވެ.

"ކަލެއަށް އެނގޭތަ ތިކުރެވޭ ނުބައިކަމެއް." އެމީހަކު ވާހަކަ ދެއްކިއެވެ.

"އެއީ ދެހަފްތާ ތެރޭގައި އަހަރެންގެ އަންހެނުން. ކަލޭ ތީކާކު އަހަރެންގެ ދިރިއުޅުމަށް ވަންނަން." ސައުކަތުވެސް ގޮތްދުލެއް ނުކުރެއެވެ.

"އޭނާ ކަލޭގެ އަންހެނުންނަކަށް ހިލާ ވިޔަކަ ނުދޭނަން. ތިކަހަލަ އެއްޗިހިންނަށް އަންހެނެއް އެކަނި ހުއްޓާ ނުފެނިފަ ދޯ ތިބެނީ. މީއްޗިހިން ތަޅާ މަރަންވީ." އޭނާ އަނެއްކާވެސް އެމީހާގެ ބޮލުގައި ޖެހިއެވެ.

"ދޫކުރޭ. އޭނާ މިތަނަށް އައީ އޭނާގެ ރުހުމުގައި. އޭނާގެ މަންމަވެސް ފޮނުވައިގެން."

"ކަލޭމެންނަށް އަންހެނުން ނުލިބުނީމާ ފަގީރުންގެ ދިރިއުޅުން ހަލާކުކުރަން އެމީހުންނަށް ރިޝްވަތު ދެނީ. މި ނުބައި ޖަނަވާރުގެ އަނެއް ލޯވެސް ދުއްވާ ލަންވީ. މަ މިރަށަށް އައީވެސް ތިކަހަލަ މީހުން ސައިޒަށް ކަނޑަން ހަދައިގެން. އެ ޖަނަވާރު މައަތުން މަރުނުވީ ވަގުތުން ހޮސްޕިޓަލަށް ގެންދިޔައީމަ. މަ މިރަށަށް ފޮނުވާލާފަ މިހުރީވެސް ތިކަހަލަ ނުބައި މީހެއް ޅަ އަންހެން ކުއްޖެއްގެ އަނިޔާއިން ސަލާމަތްކުރަން ހަމަލާދީގެން. އެރޭ ސިފައިން  ނައިނަމަ އަހަރެން އެމީހާ މަރާލީމުސް. މިރޭ  އަހަރެން ކަލޭ މަރާލާނަން. ކުދިކޮށް ކޮށާނުލަނީހެއް މީތި މިތަނަކުން ނުނިކުމެވޭނެ." އޭރު ސައުކަތަށް އޮތީ ނުތެދުވެވިފައެވެ. ރުޅިއައިސް ރަތް ވެފައިވާ މިއުވާން ވަޅިނަގަން ގުދުވިއެވެ.

"ނޫން.. އެހެން ނުހަދާ." ބިރުން ހަލާކުވާވަރު ވެފައިވާ ރުކާން ބާރަށް ހަޅޭއްލަވައިގަތެވެ. ނިވާ ނުވާހާލު ހުރި ރުކާން ވަނީ ބިރުން ތުރުތުރު އަޅައެވެ.

"މިއުވާނަށް ރުކާންގެ ހާލު ފެނުމުން އެދިމާއަށް ދެވުނެވެ. އެ ނިކަމެތި ހަށިގަނޑު އޭނާގެ ޓީޝާޓު ބާލާ ނިވާ ކޮށްދިނެވެ.

"ރުކާން ދެރަނުވޭ. ބޭރަށް ނިކުމޭ. އަހަރެން މިކަޅުދެޔޯ  ތުތިމަހަށްވާގޮތަށް ކޮށާ ކާޅަށް ކާންދޭވަރަށް ހިމުންކުރަންބޭނުން." މިއުވާން ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭރު އެތަނަށް މީހުން އެއްވަމުން ދިޔައެވެ. ނިވާ ނުވާގޮތަށް ހުރި ރުކާން ފެނުނު ކިތަންމެ މީހަކު އެތާ ތިއްބެވެ. އަދި މިއުވާންގެ ޓީޝާޓް ބާލާ އޭނާ ނިވާކޮށްދިނީތީ ކިތަންމެ މީހަކު އޭނާއަށް ތައުރީފު ކުރިއެވެ.

"އެކުއްޖާއަށް ނުދެވުނު ނަމަ މިއަދު ތި ރުކާންގެ ދުވަސް ދިޔައީސް." މުސްކުޅި ފުރައިގެ މީހަކު ބުންޏެވެ

"ސައުކަތަށް ހަދަންވީ ގޮތަށް މިއުވާނު އެހެދީ." ޒުވާން އަންހެން ކުއްޖެއް ބުންޏެވެ.

"މަމީ މިއުވާންނަމަ ސައުކަތު މަރާލީމުސް." ހުރިހާ ކަމެއް ވެ ނިމުނު ވަގުތު އާދެވުނު ނާސިހާ ހުރީ ރުޅިއައިސްފައެވެ. ރުކާނަށް ދެރަގޮތެއް ވުމަކީ ނާސިހާއަށް އެދޭ ކަމެއް ނޫނެވެ. އެފަދަ ކޮންމެ ފިރިހެނެއްދެކެ އޭނާ ރުޅިއާދެއެވެ. އޭނާގެ ކިޔެވުން ދޫކޮށްލާ ފައިވެސް އަންނަން ޖެހުނީ މިފަދަ ހާދިސާއެއްގެ ސަބަބުންނެވެ. ރަށަށް އައުމުން ލިބުނު މަލާމާތަކީވެސް މިފަދަ އިންސާފެއްނެތް އަމަލު ތަކުގެ ނަތީޖާއެވެ.

މި މަންޒަރު ބަލަން ހުރި އޭނާގެ މަންމައަށް ކެތްކުރަން ދަތި އަސަރުތަކެއް ކުރިއެވެ. ސައުކަތުގެ އަނިޔާވެރިކަމާއި މިއުވާންގެ ހިތުގައި ރުކާނާއި މެދު އޮތް ލޯބި އޭނާއަށް ފާހަގަވިއެވެ. މަންޒަރު ފެނުނު އެންމެންވެސް ނިންމީ ސައުކަތާމެދު ފިޔަވަޅު އެޅުމަށްޓަކައި ޝަރީއަތަށް ހުށައެޅުމަށެވެ.

 

ރުކާނަށް ދިމާވި މިހާދިސާއިން މިއުވާން ވަރަށް ކަންބޮޑުވިއެވެ. ރުކާންއަށް އަނިޔާ ލިބުނުކަން އޭނާއަށް އެނގުނެވެ. އޭގެ އިތުރުން ގެއްލުމެއް ލިބުނުކަމެއް އަދި އެއީ ކޮން ގެއްލުމެއް ކަމެއްވެސް ނޭނގެއެވެ. މިއުވާން ރުކާންގެ ގާތަށް ދިއުމަށްޓަކައި އެގެއަށް ދިޔައެވެ.

"މީ ރޯންވީ ވަގުތެއް ނޫން. އެ ނުލަފާ ކަލޭގެ ނުބައިކަން ފަޅާ އެރުމުން އުފާ ކުރަންވީ ވަގުތު." ބޮޑުއަށީގައި ރޯންއިން ރުކާން ގާތުގައި މިއުވާން  އިށީނދެލިއެވެ.

"މީ ކޮން ލެޔެއް؟" ކަނދުރާ މަތިން އަންނަ ލޭތައް ފެނިގެން މިއުވާން ކަންބޮޑުވިއެވެ. މިއުވާން ފޮތިގަނޑެއް ގެނެސް ރުކާންގެ ކަނދުރާ ސާފު ކޮށްދިނެވެ. ކަނދުރާގައި ތިން އިންޗި ދިގުކޮށް ފުންކޮށް ފުޅާ ރޮނގެއްވަރަށް ހަލާކުވެފައި ވެއެވެ. މިއުވާން ފަރުވާތެރިކަމާއެކު ލޭތައް ސާފު ކުރަމުން ދެއެވެ. އޭރު އެތަން ބަލަން ހުރި ރުކާންގެ މަންމައަށް މިދެކުދިންގެ ލޯބި ފެނުމުން ލޮލުން ކަރުނަ އައެވެ.

"މި ބޭސް އުނގުޅާ." ރުކާން މަންމަ އައިސް މިއުވާންގެ އަތަށް ބޭސް ފުޅިއެއް ދިއްކޮށްލިއެވެ. އަދި ރޮވިފައިވާ އަޑަކުން މާފަށް އެދުނެވެ.

މިއުވާނެވެ. އަހަރެން އެދެނީ ރުކާނާއި ކައިވެނި ކުރާށެވެ. އެފަކީރަށް ރަނގަޅު ދިރި އުޅުމެއް ހޯދަދޭށެވެ. ތިޔަ ދެކުދިންގެ ލޯބީގެ ހަޔާތަކަށް ދެން އެއްވެސް މީހެއްގެ ހިޔަންޏެއް ނޭޅޭނެއެވެ. ދެ ކުދިން މިރަށުގައި ކައިވެނި ކޮށްގެން މިގެ އާބާދު ކޮށްދޭށެވެ. މިގެއަށް ގެއްލިފައިވި އުފަލާ ހަމަޖެހުމާއި ތަނަވަސްކަން ހޯދަދޭށެވެ. މި ފަޅުކަމާއި ނިކަމެތި ކަމުން ސަލާމަތްކޮށް މިގެ އާރާސްތު ކޮށްދޭށެވެ. މަންމަގެ އޮތް ހަމައެކަނި އެދުން މިއުވާނަށް ހުށައަޅަން އުޅުނުނަމަވެސް ބުނެދޭން ޖެހިލުން ވިއެވެ.

"ރުކާން. އެ އިފްރީތާހެދި ރުކާނަށް ގެއްލުމެއްވިތަ؟" ދުވެފައި  ގެއަށް ވަދެގެން އައި ނާސިހާ ހުރީ ހާސްވެފައެވެ.

"މާ ބޮޑު ކަމެއް ނުވޭ. އަހަރެންނަށް ނުދެވުނުނަމަ….." މިއުވާން ބުންޏެވެ.

"ދެން ނުވިސްނާ. އަހަރެންނަކަށް ކަމެއް ނުވޭ." ރުކާން ބުންޏެވެ. އެތިން މީހުން އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ނާސިހާ ގެއަށް ދިޔައީ އޭނާގެ މަންމަ ބަލާ އައުމުންނެވެ. އޭރުވެސް މިއުވާން ރުކާންގެ ގާތުގައި އިނެވެ. އެންމެފަހުން މިއުވާން ދިޔައީ ރުކާން އާދޭސް ކުރުމުންނެވެ.

 

ރުކާނަށް ދިމާވާ ހާދިސާތަކުން ކަންބޮޑު ވެފައިވާ މިއުވާން ނިދުމަށްޓަކައި ގެއަށްވަނެވެ. އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މިއުވާންގެ އިންތިޒާރުގައި ގޭގެ ސިޓިންރޫމުގައި ހަސީނާގެ ދެމަފިރިން ތިއްބެވެ.

"ކަލޭ ރުކާނާއިމެދު އޮތްގުޅުން ވަގުތުން ކަނޑާލާ." މިއުވާން ފެނުމާއެކު އަހުމަދު ބުންޏެވެ. މިއުވާނަށް ހުއްޓެވުނެވެ. އަދި ހައިރާންކަމާއެކު އެދެމީހުންގެ މޫނަށް ބަލާލެވުނެވެ.

"އެކޮއި މިއުވާން. ތިކަމާ ވައިވެސް ނޭޅޭ. އެއީ ރަނގަޅު ކުއްޖެއް ނޫން." ހަސީނާ ބުންޏެވެ.

"އޭނާގެ މައްސަލައަކީ ކޮބާ؟ އަހަރެންނަކަށް އެކުއްޖާގެ ކުށެއް އޮތްކަމަކަށް ނުފެނޭ." މިއުވާންގެ ހުރި ސަކަމިޒާޖާއި ނުގުޅޭ ހަރުދަނާ ވާހަކައެއް ބުނެލިއެވެ.

"އެކަމަކުވެސް މިއުވާންގެ ސަބަބުން އޭނާއަށް ލިބެން އަންނަ ރަނގަޅުގޮތް ހުއްޓޭކަށް ބޭނުމެއް ނޫން." ހަސީނާ ހަރުކަށި ރާގެއްގައި ބުނެލިއެވެ.

"ކޮން ކުރި އެރުމެއް. އެމީހަކު ފަރާތުން ރަނގަޅުގޮތް ވަނީކީ އޭނާއަކަށް ނޫން. އެއިން ފައިދާވާނީ އެހެން ބަޔަކަށް."

"މާ އަނގަގަދަވެގެން ނޫޅޭ. ތިކަންތައް ހަމަ މިހާރު ހުއްޓާލާ." ހަސީނާ އަމުރު ކުރިއެވެ.

"އެއީ ކީއްވެ؟"

"އަހަރެން ބުނީމަ. އެނގިއްޖެތަ."

"ތިކަން ވެވޭނެ އެއްވެސް ގޮތެއް ނެތް."

"އަހަރެން ބުނާނެ އެންމެ ފަހު ބަސް މިބުނީ. ތިކަން ހުއްޓާ ނުލަންޏާ މިގެއިން ނިކުމޭ."

"އަހަރެން މިގެއަށް އައީކީ އަމިއްލައަކަށް ނޫން. އަތިރީގައި ހުއްޓާ ގެނައީ." މިއުވާން ބުންޏެވެ.

"ނިކުމޭ މިގެއިން." ރުޅިއައިސް ރަތްވެފައިވާ ހަސީނާ މިއުވާންގެ ފޮށި އެއްލާލިއެވެ. އެއާއެކު އެފޮށީގައި ހުރި އެއްޗިހިތައް މަގު މައްޗަށް ބުރައިގެން ދިޔައެވެ. ދޮރު މަތީގައި ހުރި ރުކާންގެ މަންމަ ޒުލޭޚާއަށް މިމަންޒަރު ފެނުނެވެ. އޭނާއަށް ކުރިންވެސްވަނީ މިއުވާންގެ ރަނގަޅުކަން ގަބޫލު ކުރެވިފައެވެ.

"އެކޮއި ހާސްނުވޭ. އަހަރެމެން ގެއަށް ހިނގާ. މަގޭ ދަރިން ނިދާގޮތަށް ނިދޭނެ. އަދި މަ ކާއެއްޗެއް ކައިގެން އެކޮއިއަށް އުޅެވޭނެ." އޭނާގޮސް މަގުމަތީ ހުރި އަންނައުނުތައް ނަގާ ފޮއްޓަށް ލުމުގައި މިއުވާނާއި ބައިވެރި ވިއެވެ.

"އެކަމަކު އަހަރެން ތިގެއަށް ހިނގައްޖެނަމަ ރުކާނަށް މީހުން މަލާމާތް ކުރާނެ."

"އެކަމާއި އެކޮއި ހާސްނުވޭ. އެކޮއި ދާނީ އަހަރެންގެ ދަނބިދަރިއަކަށް ވުމަށް. ރުކާންއާއި ކައިވެނި ކުރޭ. އަދި އޭނާއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދީ." ރޮވިފައިވާ ޒުލޭޚާއަށް ބުނެލެވުނެވެ.

"ދައްތާ. އެހާ އަވަހަށް މިކަންތައް ހަމަޖެހޭނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން. ރުކާންއާމެދު ދައްތަ ހާސްނުވޭ. ރުކާނަށް ދުވަހަކުވެސް ނުލިބޭ ވަރަށް ލޯބި ދެވޭތޯ ބަލާނަން." މިއުވާން ރުކާންގެ މަންމައަށް ބަލާލިއެވެ. މިއުވާން ރުކާންގެ މަންމަގެ އާދޭސްތައް ގަބޫލު ކުރިއެވެ. އަދި އެ ވައުދުތައް ފުއްދާނެކަމުގެ ޔަގީންކަން ދިނެވެ. އެމީހުން ކައިވެނި ކުރާނެކަމާއި ކައިވެނީގެ ފަހުން ދިރިއުޅޭނީ އެގޭގައި ކަމުގައި ހުވާކުރިއެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *