ﷲ ސުބުހާނަހޫ ވަތަޢާލާގެ ރުއްސެވުން ހޯދުމަށްޓަކައި އަދި އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ޠާހިރުކުރުމުގެ ނިޔަތަކީ ހަމައެކަނި ހާލުގައި ޖެހިފައިވާ މީހުންނަށް ދިރިހުރުމަށް ފައިސާ ނުވަތަ ކާނާ ދިނުމުން އެހީތެރިވުމެއް ނޫނެވެ. ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނަށް އެހީތެރިކަމާއި ވަގުތު ދިނުންވެސް ހިމެނޭނީ ޞަދަޤާތުގެ ޢަމަލުތަކުގެ ތެރޭގައެވެ. އަދި ރައްޓެހިންގެ އިތުރުން ތިމާއަށް ގޯސްކޮށް ކަންތައް ކޮށްފައިވާ މީހުން ހިތްހަމަޖައްސައިދީ އެމީހުންނަށް މާފުކުރުމަކީވެސް ފަހަރެއްގައި އެމީހުންގެ ދިރިއުޅުމަށް ކޮންމެވެސް ވަރެއްގެ އުފަލެއް ލިބި ތިމާއަށް ހެޔޮގޮތް ލިބޭނޭ ކަމެކެވެ.
މީގެ އިތުރުން ގާތްތިމާގެ މީހުންނާއި އަވަށްޓެރިންނާއި އެކުގައި މަސައްކަތްކުރާ މީހުންނާމެދު އޯގާތެރިކަމާއިއެކު އަމަލުތައް ބެހެއްޓުމަކީވެސް ޤުރުއާނުގެ އާޔަތުގައި ބަޔާންކޮށްފައިވާ ފަދައިން ހެޔޮ ޢަމަލުތަކެކެވެ.
وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ وَالصَّاحِبِ بِالْجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ ۗ إِنَّ اللَّهَ لَا يُحِبُّ مَن كَانَ مُخْتَالًا فَخُورًا
ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް شريك ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، يتيم ންނަށާއި، مسكين ންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ. (ޤުރުއާން 4:36)
މިސްކިތްތަކުގައި އަޅުގަނޑުމެންގެ ނަމާދުތަކުން الله ސުބުހާނަހޫ ވަތައާލާއަށް އަޅުކަންކުރާ ފަދައިން، މުސްލިމުން މަސައްކަތުގެ ތަންތަނުގައި އެތަނުގެ މީހުންނަށް އެހީތެރިވެދީގެން އެކަލާނގެއަށް އަޅުކަން ކުރަން ޖެހެއެވެ. މިސާލަކަށް އިންޖިނިއަރެއްގެ ސަދަގާތަކީ ފަންނީ މައްސަލަތައް ރަނގަޅަށް ހައްލުކުރުމަށް ތަޖުރިބާ ހުށަހެޅުމެވެ. ޑޮކްޓަރެއްގެ ޞަދަޤާތަކީ ބަލިމީހުންނަށް އެކަށީގެންވާ ފަރުވާދީ ރަނގަޅު ބަލިދެނެގަނެ އެބައްޔަށް ފަރުވާ ފޯރުކޮށްދިނުމެވެ. މުދައްރިސެއްގެ ޞަދަޤާތަކީ ޢިލްމު ފޯރުކޮށްދީ ދަރިވަރުންނަށް އުނގެނުމަށް ފުރުޞަތު ދިނުމެވެ.
މި މައުޟޫޢުގައި މުޙައްމަދު ﷺ އަޅުގަނޑުމެންނަށް ސަހާބީންނަށް ދަސްކޮށްދެއްވަނީ، އާދަމްގެފާނުގެ ކޮންމެ ދަރިފަސްކޮޅަކަށް އިރު އަރާ ކޮންމެ ދުވަހަކު ޞަދަޤާތް ކަނޑައެޅިފައިވާކަމުގައެވެ. އަދި އެއީ ތިބޭކަލުންނަށް އެތައް ގޮތަކުން މީހުންނަށް އެހީތެރިވެދެވޭނެ ކަމަށެވެ. އެއަށްފަހު މީސްތަކުން އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. "ތިމަންމެން ކޮންމެ ދުވަހަކު ޞަދަޤާތް ދެނީ ކޮން ކަމަކުން ހެއްޔެވެ؟" ރަސޫލާ ﷺ ޖަވާބު ދެއްވީ މިފަދައިންނެވެ.
"ހެޔޮކަމުގެ ދޮރުތައް ގިނައެވެ. ހެޔޮކަމަށް އަމުރުކުރުމާއި، ނުބައިކަން ޙަރާމްކުރުމާއި، މަގުން ހިނގާމީހުންނަށް ފަސޭހަކޮށްދިނުމާއި، ބީރު މީހުންގެ ވާހަކަ އަޑުއެހުމާއި، ލޯފަން މީހުންނަށް އެހީތެރިވުމާއި، ބޭނުންޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައިދިނުމާއި، ނުކުޅެދޭމީހުންނަށް އެހީވުމާއި، ހިތާމައިގާ ވާމީހާއަށް އެހީވުމާއި، ބަލިމީހުންނަށް އެހީތެރިވުމެވެ. މިހުރިހާ ކަމެއްވެސް ތިބޭކަލުންނަށް ކަނޑައެޅިފައިވާ ޞަދަޤާތެއް ކަމުގައިވިއެވެ." އަދި “ތިބާގެ އަޚާއަށްޓަކައި ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ." ބުޚާރީ.
(ނުނިމޭ)
ޒިން އެދީން ދަޑާޗް ގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް
